ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އަލަށް ހެދި އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓު ސެންޓަރު ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.
ހަތަރު ބުރީގެ އިމާރާތް މެޑިކަލް ފެސިލިޓީއަކަށް ބަދަލުކޮށް ހެދި މި ފެސިލިޓީ އަކީ 272 އެނދުގެ ތަނެކެވެ. މީގެތެރޭގައި އައިސީޔޫ 44 އެނދުވެސް ހިމެނެ އެވެ.
މީގެ އިތުރަށް މި ސެންޓަރުން އެމަޖެންސީކޮށް ބަލިމީހުނަށް ފަރުވާދިނުމާއި އެތަނުގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށް ވެސް ފަރުވާ ދެމުން ގެންދާނެ ކަމަށާއި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންނަށް ހާއްސަކޮށްފައިވާ 35 އެނދު ހިމެނޭ ކަމަށް އެޗްޕީއޭން ބުނެ އެވެ.
ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގައި ދާއިމީ އިތުރު ކޮވިޑް ފެސިލިޓީއެއް ހެދުމަށް ނިންމާ، އާ ފެސިލިޓީގެ މަސައްކަތް ސަރުކާރުން އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.

އެ އިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ. ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކޮށްފައިވާ މިފެސިލިޓީއަކީ ރާއްޖޭގައި ކޯވިޑްގެ އިތުރު ރާޅެއް އައި ނަމަވެސް ފަރުވާދެވޭނެ ކެޕޭސިޓީއާއެކު ހަދާފައިވާ ފެސިލިޓީއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އެތަން ހިންގުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ބެލުމުގެ ދަށުންނެވެ.
ރާއްޖޭގެ މިހާރު ކޮވިޑް ހާލަތަށް ބަލާއިރު، މިހާރު ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑުތަން މަދުވެފަ އެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 400ގަ އެވެ. ހޮސްޕިޓަލުގައި އެޑިމިޓްކޮށް އަށް މީހަކަށް ދަނީ ފަރުވާދެމުންނެވެ.












