ލަންޑަން، އިނގިރޭސިވިލާތް (މާޗް 4) - އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" ލަވައިގެ ބައެއް ބައިތައް އެހެން ޓްރެކަކުން ވަގަށް ނަގާފައިވާ ކަމަށް ބުނާ ކޮޕީރައިޓް މައްސަލައެއްގެ އަޑުއެހުންތައް ފަށައިފި އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ނެރުނު "ޝޭޕް އޮފް ޔޫ" އަކީ އުމުރުން 31 އަހަރުގެ ޝީރަންގެ އެންމެ ކާމިޔާބު އެއް ލަވަ އެވެ. އެއީ ސްޕޮޓިފައިގައި މިހާތަނަށް އެންމެ ގިނައިން ސްޓްރީމްކޮށްފައިވާ ލަވަ އެވެ. އެ ލަވަ ތިން ބިލިއަން ފަހަރު ސްޓްރީމްކޮށްފައިވެ އެވެ.
އެ ލަވަޔަށް ލިބުނު މަގްބޫލުކަމާ އެކު އެޑް ޝީރަންއަށް އެންމެ މޮޅު ޕޮޕް ސޯލޯ ޕަފޯމެންސްގެ ގޮތުގައި ގްރެމީ އެވޯޑެއް ވެސް ލިބުނެވެ. އެ ލަވައިގެ ޓްރެކް ލިޔުމުގައި އެޑް ޝީރަން އާއި އިތުރު ބަޔަކު ބައިވެރިވި އެވެ.
ނަމަވެސް މިޔުޒިކް އިންޑަސްޓްރީގައި އުޅޭ އެހެން ދެ އާޓިސްޓުން ބުނީ އެ މީހުން ލިޔުނު "އޯ ވައި" ލަވަ އާއި އެޑް ޝީރަންގެ ލަވައާ އެއް ގޮތް ކަމަށެވެ. އެގޮތަށް ތުހުމަތު ކުރީ ސާމީ ޗޮކްރީ އަދި ރޮސް އޯޑޮނޮހިޔު އެވެ.
ހުކުރު ދުވަހު މައްސަލައިގެ އަޑުއެހުމަށް ލަންޑަންގެ ހައި ކޯޓަށް ގޮސް، އެޑް ޝީރަން ބުނީ އެއީ ދޮގު ތުހުމަތެއް ކަމަށެވެ. މައްސަލައިގެ އަޑުއެހުންތައް ތިން ހަފްތާ ވަންދެން ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ. އަދި ފަނޑިޔާރު އެންޓޮނީ ޒަކަރޮލީ ވަނީ ހުކުރު ދުވަހު ކޯޓުގައި ދެ ލަވަ ވެސް އަޑު އައްސަވާފަ އެވެ.











