ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ހަދިޔާކުރި 7.1 މިލިއަން ރުފިޔާއިން ގަތް ސިއްހީ އާލާތްތައް ގުދަނުގައި ބަހައްޓާފައިހުރެގެން އޮޑިޓު އޮފީހުން ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށް، އެތަކެތި ފޮނުވަން ކަނޑައެޅިފައިވާ ރަށްތަކަށް މިހާރު ފޮނުވައި ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީގެ އެމަޖަންސީ ރެސްޕޮންސް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މެއި 21، 2020 އިން ފެށިގެން ޖޫން 30، 2021 އަށް ތައްޔާރުކުރި އޮޑިޓު ރިޕޯޓުގައި ބަލާފައިވަނީ އެ މުއްދަތުގައި އައިއެސްޑީބީއިން ހޯދި 594،000 އެމެރިކާ ޑޮލަރު (9.1 މިލިއަން ރުފިޔާ) އިން ކުރި ހަރަދަށެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، އައިއެސްޑީބީން ހޯދި ފައިސާއިން 466،264 އެމެރިކާ ޑޮލަރު (7.1 މިލިއަން ރުފިޔާ) ގެ ސިއްހީ އާލަތްތައް މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހެލްތު މިނިސްޓްރީއަށް ވަނީ ލިބިފަ އެވެ.
އެގޮތުން، އައިއެސްޑީބީއާއި ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމެއް ހެދީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހއ.، ހދ. އަދި ށ. އަތޮޅަށް ބޭނުންވާ ސިއްހީ އާލަތްތައް ފޯރުކޮށްދިނުމަށެވެ.

އެ މަޝްރޫއުގެ ދަށުން އީސީޖީ މެޝިނާއި ދެ ވައްތަރެއްގެ ވެންޓިލޭޓަރާއި ކާޑިއެކް މިނިޓަރާއި ޑީފިބްރިލޭޓަރު ސަރުކާރުން އޮތީ ހޯދައިފަ އެވެ. ނަމަވެސް، އޮޑިޓު އޮފީހުން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް އޭގެ ތެރެއިން ގިނަ އާލަތްތައް ޑިސްޓްރިބިއުޝަން ޕްލޭނާ އެއްގޮތަށް އެ އަތޮޅުތަކަށް ފޮނުވާފައެއް ނުވެ އެވެ.
އެ ތަކެތި ނުފޮނުވައި ގުދަނުގައި ބަހައްޓާފައިހުރީ ހެލްތު މިނިސްޓްރީން ބުނާ ގޮތުން ނަމަ، ބޭރުގެ އެހެން ފަރާތްތަކުން ހަމަ އެފަދަ އާލަތްތައް ލިބެމުންދާތީ، އެއް ބާވަތުގެ އާލަތްތަކެއް މާ ގިނައިން އެއް ތަނަކަށް ފޮނުވުމުގެ ބޭނުން ނެތުމުންނެވެ.
ނަމަވެސް، އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެ މަޝްރޫއުގެ ބޭނުމަކީ ސިއްހީ ވަސީލަތްތައް ނެތް ތިން އަތޮޅަކަށް އެ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށްވާއިރު، އައިއެސްޑީބީގެ އެހީގައި ހޯދި އާލަތްތައް ނުފޮނުވައި ގުދަނުގައި ބެހެއްޓުމަކީ، އެ އަތޮޅުތަކަށް ވަސީލަތްތައް މަދުވެ، ހިދުމަތަށް ބުރު އެރުމުގެ ފުރުސަތު އޮންނާނެ އެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ގަތް ސިއްހީ އާލަތްތައް މިހާރު ފޮނުވާފައިވާ ކަމަށެވެ.
"މިހާރު ގުދަނުގައި ނުހުންނާނެ އެއްވެސް އެއްޗެއް. ހުރިހާ އެއްޗެއް މިހާރު ވަނީ ފޮނުވައި ނިމިފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ތަކެތި ކުރިން ނުފޮނުވާ މަޑުކުރީ، ކޮވިޑުގެ ހާލަތާ ގުޅިގެން އެހެން ދިމާލަކަށް އެ އާލަތްތަކުގެ ބޭނުމެއްޖެހިދާނެތީ ކަމަށެވެ.












