ވެކްސިން ރައްކާކުރަން ރާއްޖޭގެ ތިން ސަރަހައްދެއްގައި ސެންޓަރުތަކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެ ސެންޓަރުތައް އަޅަން ނިންމާފައި ވަނީ މާލޭ ސަރަަހައްދުގައި ހުޅުމާލޭ އަދި އުތުރުން ށ. ކޮމަންޑޫ އަދި ދެކުނުން ގދ. ގައްދޫގަ އެވެ.
ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާ މައްސަލާގައި މިނިސްޓަރާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރުމުން ސިއްހީ ދާއިރާގެ ޕްރޮޖެކްޓްތަކާ ގުޅޭ އަޕްޑޭޓެއް ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވޯލްޑް ބޭންކްގެ ލޯންގެ އެހީގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ވެކްސިން ރައްކާކުރާނެ ސެންޓަރުތައް ގާއިމުކުރާން ނިންމާފައިވާ ކަމަށެވެ.
"މާލެ ސަރަހައްދުގައި ހުޅުމާލޭގައި ގާއިމް ކުރުމަށް ނިންމާފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖްގެ ޕްރޮޖެކްޓެއް، ރާއްޖޭގެ އުތުރުގައި ށ. ކޮމަންޑޫގައި އަދި ދެކުނުގައި ގދ. ގައްދޫގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ވެކްސިން ރައްކާ ކުރަނީ މާލޭގައި ހުންނަ ކޯލްޑް ރޫމްގަ އެވެ. ރަށްރަށަށް ފޮނުވާނަމަ އެ ރަށްރަށުގައި ވެކްސިން ބަހައްޓަނީ ފްރިޖްތަކުގައި ވަކި ފިނިހޫނު މިނެއްގަ އެވެ.

ވެކްސިން ރައްކާކުރާ ސެންޓަރުތައް ގާއިމުކުރަން ނިންމާފައިވާއިރު މިހާރު ދެމުންގެންދާ ކޮވިޑް ވެކްސިންގެ އިތުރުން ރާއްޖޭގައި އާންމުކޮށް ދޭ ވެކްސިންތަކަކީ ވެސް ވަކި ފިނި ހޫނުމިނެއްގައި ރައްކާކުރަން ޖެހޭ ވެކްސިންތަކެކެވެ.
އެގޮތުން އެސްޓްރާޒެނީކާއާ ވާދަ ކުރާ ވެކްސިން ބްރޭންޑްތަކަކީ އިންތިހާ ފިނި މިނުގައި އުފުލާ، ރައްކާކުރަން ޖެހޭ ވެކްސިންތަކެކެވެ. އަސްޓްރާޒެނީކާގެ ވެކްސިނަކީ ދެ ޑިގްރީ ސެލްސިއަސްއާއި އަށް ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފުރިޖެއްގައި ހަ މަހެއްހާ ދުވަހަށް ރައްކާ ކުރެވޭ ވެކްސިނެކެވެ.
މޮޑާނާގެ ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 30 ދުވަހެވެ. ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރި ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 75 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު، ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ ފަސް ދުވަހެވެ.













