އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް ޕިނޭޑާ މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ އެ ހޮސްޕިޓަލުން ވަގަށް ނަގާފައިވާ އިންޖެކްޝަންގެ ކެމިކަލް މޭރީގެ ގައިން ފެނުނު ކަމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ބުނީ އިއްޔެ އެވެ.
އެ މައްސަލައިގައި ލަމްހާ މާލޭގައި ދިރިއުޅެމުންދިޔަ ގެ ބަލައި ފާސް ކުރިއިރު ހޮސްޕިޓަލުން ވަގަށް ނަގާފައިވާ ބޭހާއި އިންޖެކްޝަން ފުލުހުންނަށް ފެނުނެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާ ދިރިއުޅުނު ކޮޓަރިން ފެނުނު ތިން އިންޖެކްޝަން ބޭނުންކުރަނީ ހޭނެއްތުމަށާއި، ވާގިނެއްތުމަށް ކަމަށެވެ. އަދި އެއިން އެއް އިންޖެކްޝަން ބޭނުންކޮށްފައި ހުރި ކަމަށް ޑޮކްޓަރެއް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށާއި، މޭރީގެ ގައިން އިންޖެކްޝަން ޖަހާފައިވާ މާކްތަކެއްވެސް ފެނިފައިވާ ކަމަށެވެ.
އެހެންވެ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ކަނޑައަލާ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އިއްޔެ އެދުނީ ލައިސެންސް އޮތް ނަރުހެއް، ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ، މީހަކު މަރާލެވޭނެ ފަދަ ބާރުގަދަ އިންޖެކްޝަނެއް އޭނާގެ ގެއަށް ގެންގޮސްފައި ވާތީ އެވެ. އަދި، އެ އިންޖެކްޝަންތައް ބޭނުންކޮށްގެން މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމަށް ގުޅުވާލެވޭ ގިނަ ހެކިތަކެއް ހުރި ކަމަށް ވެސް އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ބުންޏެވެ.
މާވިންއާ މޭރީ ދިރިއުޅެމުން އައި ގެއަށް އެދެމަފިރިންނަށް ލިބިފައިވާ ދަރިފުޅު ގޮވައިގެން ލަމްހާ ދިޔަ ކަމަށާއި، އެގޭގައި 20 މިނެޓް ހޭދަވި ކަމުގެ އިތުރުން، އެގެއިން ނިކުތްތާ މިނެޓެއް ފަހުން މޭރީ ދަންޖެހުނުކަން ރިޕޯޓްކުރި ކަމަށް ބާރުދޭ ސީސީޓީވީ ފޫޓޭޖެއް އޮތް ކަމަށް ދައުލަތުން ބުނި ނަމަވެސް, އެ ވީޑިއޯ ލިބިފައި ނުވާ ކަމަށް ދިފާއުން އިއްޔެ ބުންޏެވެ.

އަދި އެ ގަތުލަކީ މޭރީގެ ފިރިމީހާއާ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލަމްހާ ރާވައިގެން ހިންގި ކަމެއްކަން ސާބިތު ކުރުމަށް މޯބައިލް ފޮރިންސިކް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް މިހާތަނަށް އެއިން އެއްވެސް އެއްޗެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ދިފާއުން އިއްޔެގެ އަޑުއެހުމުގައި ފާހަގަކުރި އެވެ.
އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝީދު އިއްޔެ ނިންމެވީ ލަމްހާއަށް ކުރާ ތުހުމަތުތަކަށް ބާރުދޭ ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅާފައި ވާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު އެ މައްސަލައިގެ ދައުވާތައް އިއްވާ، ހެކިތައް ހުށަހެޅުމުގެ މަރުހަލާ ފަށާނެ ކަމަށް ބުނެ އިއްޔެގެ އަޑުއެހުން ނިންމާލި އެވެ.
މައްސަލައިގެ ބެކްގްރައުންޑް
އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް މަރާލީ އޮކްޓޯބަރު 19، 2021 ގަ އެވެ. އޭނާ މަރާލީ ހޮސްޕިޓަލުގެ ޑިއުޓީގައި އުޅެފައި ބްރޭކެއް ނަގައިގެން ގެއަށް ދިޔަ ވަގުތު ކަމަށް ފުލުހުން ބުނެ އެވެ. ގްރޭސް މަސައްކަތް ކުރީ އައިޖީއެމްއެޗުގެ ހީމޯ ޑަޔަލިސިސް ނަރުހެއްގެ ގޮތުގަ އެވެ.
ގްރޭސްގެ މަރު ރިޕޯޓް ކުރީ އޭނާގެ ފިރިމީހާ މާވިން، 29، އެވެ. ގްރޭސްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާ އެވެ. މާވިން ބުނީ އޭނާއަށް ގްރޭސް ފެނުނީ ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ކަމަށެވެ. މާވިންއަކީ ހަމަ އެ ހޮސްޕިޓަލުގެ އެމަޖެންސީގައި މަސައްކަތް ކުރި ނަރުހެކެވެ. އޭނާގެ ލޯބިވެރިޔާ ހަލީމަތު، 24، ވެސް މަސައްކަތް ކުރީ އެމަޖެންސީ ޑިޕާޓްމަންޓުގެ ނަރުހެއްގެ ގޮތުގަ އެވެ.
ނަމަވެސް އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ފުލުހުން އެ މައްސަލައިގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި ފިރިމީހާ ހައްޔަރު ކުރި އެވެ. ހަލީމަތު ހައްޔަރު ކުރީ ޑިސެމްބަރު 16، 2021 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- ރާއްޖޭގައި އިތުރު ސަބްމެރީން ކޭބަލެއް އެޅުމަށް، އިންޑިޔާގެ ކުރިއަރާފައިވާ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯ ލިމިޓެޑާއި އޯޝަން ކަނެކްޓް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެ އެވެ.
- ހައިކޯޓުގެ އަމުރެއް ސަސްޕެންޑް ކުރުމަށްފަހު، ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ އިއްޔެ އެވެ.
- އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން އަމާޒުކޮށް، ހުށަހަޅަން އުޅުނު ބިލާ މެދު އެމްޑީޕީން އަލުން ގޮތެއް ނިންމުމަށްޓަކައި ބިލު ހުށަނާޅައި ބާއްވާފައިވާކަން ހާމަކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން އަމާޒުކޮށް، ހުށަހަޅަން އުޅުނު ބިލާ މެދު އެމްޑީޕީން އަލުން ގޮތެއް ނިންމުމަށްޓަކައި ބިލު ހުށަނާޅައި ބާއްވާފައިވާކަން ހާމަކުރަމުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ:
"އަޅުގަނޑު ދެކޭ ގޮތުގައި އަލަށް އެކުލަވައިލެވުނު އަަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުން މި ބިލާ މެދު ގޮތެއް ނިންމައި ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު ހުށަހަޅާނެ،"
ދުވަހުގެ ފޮޓޯ

ނޫސްވެރިންނާއެކު އިއްޔެ ފުލުހުން ކުރިޔަށްގެންދިޔަ ހާއްސަ މީޑިއާ އިވެންޓްގައި މާލޭގައި ކެފޭގެ އުސޫލުން ޑްރަގް ވިއްކާ ތަންތަން ފާހަގަކޮށްފައިވާ ޗާޓެއް ދައްކާލަނީ. ކެފޭ އުސޫލުން ޑްރަގް ވިއްކާ ތަންތަނުން 1000 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ދިރާސާތަކުން ކިޔާލުމަށް
މިއީ 2017 ވަނަ އަހަރު ގައުމީ ޔުނިވާސިޓީގެ ދިވެހި ބަހުގެ ޑިގްރީ ކޯހަށް އަބްދުއްރަހްމާން އުމަރު ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. އިނގިރޭސީންގެ ހިމާޔަތުގައި 78 އަހަރު ރާއްޖެ ވޭތުކޮށްފައިވާއިރު، އެދުވަސްތަކުގައި އިނގިރޭސީންގެ ނުފޫޒާއި ބާރު ސިޔާސީ ގޮތުންނާ އެހެނިހެންވެސް ގޮތްގޮތުން ދިވެހިންގެ މައްޗަށް ފޯރުވާފައިވާ ގޮތްތަކަކީ ކޮބާތޯ މި ދިރާސާގައި ބަލާފައިވެ އެވެ. މި ދިރާސާ ކޮށްފައިވަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގެ ކުރިންނާއި އޭގެފަހުން އެކަމާ ގުޅިގެން އެކިއެކި ލިޔުންތެރިންނާއި އޮންލައިން ނޫސްތަކާއި މަޖައްލާތަކާއި އެކިއެކި ވެބްސައިޓް ތަކުގައި ލިޔެފައިވާ ލިޔުންތަކަށް ބަލައިގެންނެވެ.












