ޕެސްޓިސައިޑް ނުވަތަ ސޫފި މަރާ ބޭހުން ތަޣައްޔަރުވެފައިވާ ސްޕްރިން އަނިއަން ރާއްޖެ އެތެރެވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭން ބުނީ އެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (RASFF) އިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ.
ސްޓާސް ބްރޭންޑުގެ ސްޕްރިން އަނިއަންއަކީ މިސްރުގެ އުފެއްދުމެކެވެ. އަދި އެ އުފެއްދުން ހޯލްސޭލްކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމުގައިވާ ގްލޯބަލް ގްރީން ޓީމްއިންނެވެ.
ސޫފި ބޭހުން ތަޣައްޔަރުވެފައިވާ ކަމުގެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެފްޑީއޭން ދަނީ ކުރަމުންނެވެ.
"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްރުގެ ސްޓާސް ބްރޭންޑުގެ ސްޕްރިން އަނިއަން މިއޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގަމެވެ." އެމްއެފްޑީއޭން ބުންޏެވެ.

ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތި ހުންނަންޖެހޭނީ ސަރުކާރުން ހުއްދަކޮށްފައިވާ މިންގަނޑެއްގެ ތެރޭގަ އެވެ.













