ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވަމުން ދާތީ، އައިޖީއެމްއެޗުން މިދިޔަ މަހު ހުއްޓާލި އާންމު ސާޖަރީތައް އަލުން ފަށަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
މީގެކުރިން ވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އައިޖީއެމްއެޗުން ވަނީ ބައެއް ހިދުމަތްތައް މެދުކަނޑާލައި، އަދި ބައެއް ހިދުމަތްތައް އޮންލައިންކޮށް ވެސް ދީފަ އެވެ.
ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އެ ހޮސްޕިޓަލަގް ބައެއް ހިދުމަތްތައް ވަނީ ޑައުންގްރޭޑް ކޮށްފަ އެވެ. އޭގެ ތެރޭގައި ދުރާލާ ކުރާ ސާޖަރީތަކާއި، ލެބޯޓްރީގެ ހިދުމަތްތައް ހިމެނެ އެވެ.
އައިޖީއެމްއެޗްއިން ބުނީ، ހޮނިހިރު ދުވަހުން ފެށިގެން ދުރާލާ ކުރެވޭ ސާޖަރީތަކުގެ ތެރެއިން ބައެއް ސާޖަރީތައް ކުރިއެކޭވެސް އެއްގޮތަށް ކުރުމަށް އެ ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު ކޮންމެ ދުވަހެއްގެ އަދަދުތައް މިހާރު އުޅެނީ 2000 އިން މަތީގަ އެވެ. އެގޮތުން އިއްޔެ އެކަނި 2180 މީހަކު ވަނީ ޕޮޒިޓިވްވެފައިވެ އެވެ.

އެއާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 141،060 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 17،743 މީހުން ތިބިއިރު މިހާތަނަށް 123،027 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ޕޮޒިޓިވްވާ މީހުންނާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިހާރު 63 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.












