ބަނގްލަދޭޝްއަށް ނިސްބަތްވާ ރީމާ، 35 (އަސްލު ނަމެއް ނޫން) ރާއްޖެ އައިސް އުފާވެރި ޒަވާޖީ ހަޔާތެއްގެ ހުވަފެން ދެކުނު ނަމަވެސް, އޭނާގެ ހަޔާތް ވަށާލީ އެކަނިވެރިކަމާއި މޮޅިވެރިކަމެވެ. އުއްމީދުތަކާއެކު ރާއްޖެ އައި ނަމަވެސް އެނބުރި ދިޔައީ ތުއްތު ދަރިއަކު ކޮނޑަށްލައިގެން ކަރު އެލުވާލައިގެންނެވެ.
އޭނާގެ އަތުގައި ހިފާނެ މީހަކު ނުވެ މަގުމަތިވުމާއެކު އެންމެ ފަހު ވަގުތު އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނީ ދިވެހި ދައުލަތުންނެވެ.
ރީމާ އެންމެ ފުރަތަމަ މާލެ އައީ 2013ވަނަ އަހަރު އެވެ. އެއީ ގެ އެއެއްގެ މެއިޑަކަށެވެ. ދެ އަހަރު ފަހުން 2015ގައި އެނބުރި ގައުމަށް ބަދަލުވެ، ރާއްޖޭގައި ހައްދާފައި އޮތް ވޯކްވިސާ ކެންސަލް ކުރި އެވެ.
ނަމަވެސް ހަމަ އެ އަހަރު މާލެ ފިރިހެނަކާ ލޯބީގެ ގޮތުން ގުޅި އެނބުރި ގައުމަށް ގޮސް އެމީހާއާ ރީމާ ކައިވެނިކުރި އެވެ. އެއަށްފަހު ޓޫރިސްޓް ވިސާގައި އެނބުރި ރާއްޖެ އައެވެ. އެއީ 2015 ވަނަ އަހަރުގެ އޭޕްރިލް އެކެއްގަ އެވެ.
ރާއްޖޭގައިވާ އުސޫލުގެ ގޮތުން ބޭރުގައި ކުރާ ކައިވެނި ރާއްޖެ އައިސް ރަޖިސްޓާ ކުރަން ޖެހެ އެވެ. ސަބަބަކީ ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރެޖިސްޓްރީކުރުން ލަސްވާނަމަ އޭގެ ސަބަބުން ދަރިންގެ އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމަށާއި އައިޑެންޓިޓީ ކާޑު ހެއްދުމަށާއި ޕާސްޕޯޓް ހެއްދުމަށް އަސަރުކުރާނެތީ އެވެ.
ނަމަވެސް, ރީމާ އާއި އޭނާގެ ފިރިމީހާ ކުރި ކައިވެނި ރަޖިސްޓްރީނުކޮށް ރާއްޖެ އައިސް ދިރިއުޅެމުން ދިޔަ އެވެ. 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން ދިޔައީ ގަވައިދާ ހިލާފަށެވެ. ކަމާބެހޭ އިދާރާތަކަށް ފިލައިގެންނެވެ.
ފަސް އަހަރުވީ އެ ކައިވެނީގައި އަލަތު ދަރިފުޅަށް ބަލިވެއިނީ 2020 ވަނަ އަހަރު އެވެ. އެ ދުވަހާ ޖެހެންދެން ވެސް ރާއްޖޭގައި ކައިވެނި ރަޖިސްޓާ ނުކުރެ އެވެ.
ކެންސަރުބަލީގައި ފިރިމީހާ ނިޔާވުން
އަލަތު ދަރިފުޅަށް ބަލިވެއިން ރީމާއަށް ކުރިމަތިލާން ޖެހުނީ ފިރިމިހާ ދިރިހުއްޓާ މަރާ ހަނގުރާމަ ކުރަމުން ދިޔައިރު ކައިރީ ހުންނަން ޖެހުމެވެ. މާބަނޑު ދުވަސްވަރު ކެންސަރު ބަލީގައި 2021 ވަނަ އަހަރު ފެބްރުއަރީ މަހު ފިރިމީހާ ނިޔާވުމުން ވިހެއުމާ ހަމައަށް ވެސް ރީމާ އުޅެމުން ދިޔައީ ފިރިމިހާގެ ގޭގަ އެވެ.
ފިރިމީހާގެ އާއިލާއާއެކު އެވެ. ފިރިމީހާގެ ދޮން ދެ ދަރިންނާ އެކު އެވެ. ކައިވެންޏެއް ކުރި ނަމަވެސް އާއިލާގެ ފަރާތުން މާބޮޑު އަޅާލުމެއް ރީމާއަކަށް ނުލިބެ އެވެ. ބަލި ފިރިމީހާ ބަލަމުން މާބަނޑު ދުވަސްވަރު އުޅެން މަޖުބޫރުވީ އެކަންޏެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު ފިރިމީހާ ނިޔާވުމުން ރީމާއަށް ދެން ކުރިމަތިލާން ޖެހުނީ މާ ހިތާމައާ އެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތް ދުރު ގައުމެއްގައި އެކަނި އުޅެން މަޖުބޫރުވީ އެވެ. އިތުބާރުކޮށްފައި އަތުގައި ހިފައިގެން ގެނައި ފިރިމީހާ އަބަދަށް ވަކިވެ އެކަނިވީ އެވެ. ފިރިމީހާގެ އާއިލާއިން ރީމާއަށް ގަބޫލު ނުވި ނަމަވެސް ވިހެއުމާ ހަމައަށް އުޅެމުން ދިޔައީ ފިރިމިހާގެ ގޭގަ އެވެ. އިތުރު ގޮތެއް ނެތީމަ އެވެ. ނަމަވެސް އެ މީހުންގެ ފަރާތުން އިވެމުން ދިޔައީ ރީމާއަށް ކެތްކުރެވޭ ފަދަ ބަސްތަކަކަށް ނުވި އެވެ.
ގެއިން ނުކުތުމަށް ތަކުރާރުކޮށް ފިިރިމީހާގެ އާއިލާއިން ބުނަމުން ދިޔަ އެވެ. ފިރިމީހާގެ މައިންބަފައިންނެވެ. ކުރީގެ ކައިވެންޏަށް ލިބިފައިވާ ކުދިންގެ ފަރާތުންނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ބީރައްޓެހި ގައުމެއްގައި ދާނީވެސް ވަކި ކާކު ކައިރިއަށް ހެއްޔެވެ.
ރީމާ ބޭނުންވީ ދަރިފުޅު ހޮސްޕިޓަލާ ހަވާލުކުރަން
މިދިޔަ އަހަރުގެ އޭޕްރިލް ހަތް ވަނަ ދުވަހު އައިޖީއެމްއެޗްގައި ރީމާގެ ސިޒޭރިއަން ހެދި އެވެ. ނަމަވެސް ރީމާގެ ހާލަތު ހުރި ގޮތުން މިވަގުރު ކުއްޖާ ބެލެން ނެތް ކަމަށް ހޮސްޕިޓަލު މުވައްޒަފުން ގާތު ތަކުރާރުކޮށް ބުނަމުން ގެންްދިޔަ އެވެ.
ދަރިފުޅު ގޮވައިގެން އުޅޭނެ ތަނެއް ނެތުމުންނެވެ. އަޅާލާނެ އިތުރު މީހަކު ނެތީމަ އެވެ. ޕާސްޕޯޓްގެ އަސްލު ރީމާގެ އަތުގައި ނެތުމުން އަނބުރާ ގައުމަށް ދެވޭކަށް ނެތެވެ. ދަރިފުޅަށް ހަރަދުކޮށް ބެލޭނެ ގޮތެއް ވެސް ނެތުމުން ގޮތް ހުސްވެ ނިންމީ ދަރިފުޅު ހޮސްޕިޓަލާ ހަވާލުކުރުމަށެވެ. ނަމަވެސް އެއީ ރާއްޖޭގައި ވާނޭ ކަމެއް ނޫންކަން ޔަގީނެވެ.
ހޮސްޕިޓަލުން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނަ އެވެ.
ވިހެއުމަށްފަހު ނުވަ މަސް ދުވަސް ބެލީ ދައުލަތުން
ރީމާގެ އަލަތު ދަރިފުޅު ބެލެން ނެތް ކަމަށް ތަކުރާރުކޮށް ބުނަމުން ދިއުމުން ޖެންޑާއިން އެ މައްސަލަ ނެގި އެވެ.
އޭޕްރިލް އަށްވަނަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުން އެ ދެމައިންނަށް ވަގުތީ ހިޔާވަހިކަމާއި ޒަރޫރީ ބޭނުންތައް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދިނެވެ. ޑޮކްޓަރަށް ދައްކާ ފޮލޯއަޕްގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ.
ރީމާގެ އެ މައްސަލައާ ގުޅިގެން ބޭރުމީހުންގެ ކަންކަމާ ގުޅުންހުރި އިދަރާތަކުގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.
ތަފާތު އެކި ފަހަރުމަތީން ކަމާ ގުޅުންހުރި އިދާރާތަކަށް (އިކޮނަމިކް ޑިވަލޮޕްމަންޓް، އިމިގުރޭޝަން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، ބޭރު މީހާ ނިސްބަތްވާ އެމްބަސީ) ސީޓީ ފޮނުވި ބައްދަލުވުންތައް ބޭއްވި އެވެ.
ރީމާ އާއި އޭނާގެ ފިރިމީހާ އަހުމަދުގެ ކައިވެންނަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކައިވެންޏަކަށް ނުވާތީ ކުއްޖާ ވެސް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައެއް ނުވެ އެވެ. ކުއްޖާގެ މަންމަ އާއި ބައްޕަގެ ކައިވެނި ރާއްޖޭގައި ރެޖިސްޓާ ކޮށްފައިނުވިނަމަވެސް އެ ދެ މީހުން، އަންހެންމީހާގެ ގައުމުގައި ކައިވެނި ކޮށްފައިވާކަން އަންގައިދޭ ލިޔުންތައް ހުރުމުން ކުއްޖާގެ ނަސަބު ސާބިތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ.
ނަމަވެސް ނަސަބު ސާބިތުކުރުމަށްޓަކައި ޑީއެންއޭ ހެދުމަށްޓަކައި ކުރެވުނު މަސައްކަތުން ރީމާގެ ފިރިމީހާގެ އާއިލާގެ އެއްބާރުލުމެއް ނުލިބުނެވެ. އެކަން އެގޮތަށް ކުރަން އެފަރާތްތަކުުން ދެކޮޅު ހެދުމުން ޑީއެންއޭ ނުހެދުނެވެ. އެހެން ކަމުން ރާއްޖޭން ފުރުވާލުމާ ހަމައަށް ރީމާގެ ދަރިފުޅު ރަޖިސްޓްރީ ކުރެވިފައިނުވެ އެވެ.
ދަރިފުޅާއެކު ރީމާ އަނބުރާ ގައުމަށް
ޕާސްޕޯޓުގެ އަސްލު ނެތުމުން ރީމާ އާއި އޭނާގެ ދަރިފުޅު އެނބުރި ގައުމަށް ފޮނުވަލުމަށް ރާއްޖޭގައި ހުރި ބަންގަލަދޭޝްގެ އެމްބަސީ މެދުވެރިކޮށް ޓުރެވަލް ޑޮކިއުމެންޓް ޑިސެމްބަރުގައި މިނިސްޓްރީން އެ ދެމައިންނަށް ހައްދައިދިނެވެ.
އެއާއެކު މިދިޔަ މަހުގެ 25 ވަނަ ދުވަހު ރީމާ އާއި އޭނާގެ ދަރިފުޅު ގައުމަށް ފޮނުވާލި އެވެ. އަނބުރާ ފޮނުވާލި އިރު ވޯކްވިސާގައި ރާއްޖެ އެތެރެވެފައި ނެތުމުން ޑިޕޮސިޓް ނެތެވެ. އެހެންކަމުން އެކަމަށް ދައުލަތުން ހަރަދުކުުރަން ޖެހުނެވެ.
ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފައިވާއިރު އޯވާސްޓޭ ޑިއުވުމުގެ ސަބަބުން ޖޫރިމަނާ ވެފައިވީނަމަވެސް ހާލަތަށް ރިއާޔަތްކޮށް އެ ފައިސާ ދައުލަތުން ނަގާފައެއް ނުވެ އެވެ. ފުރިހަމަ ސައްހަ ލިޔެކިޔުންތައް ނެތުމުގެ ސަބަބުން ކައިވެނިކުރި ފަރާތުގެ އާއިލާއިން ވެސް އަދި ކަމާ ގުޅުންހުރި އިދާރާތަކުންވެސް އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ދަތިވެ، އަދި އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުލިބި، މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.












