ރާއްޖޭއަށް އެތެރެކޮށް ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުން އަންނަ މާޗް މަހަށް ފަސްކުރަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން ކުރިން ނެރުނު ގަވާއިދުގައިވާ ގޮތުން މި މަހުން ފެށިގެން ވިއްކާ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ޖުލައި މަހުން ފެށިގެން ކޮންޓްރޯލް ކޮށް ވިއްކަން ލާޒިމް ވާނެ ކަމަށް އެ ގަވާއިދުގައި ވެ އެވެ.
އެ ގަވާއިދު ބުނާ ގޮތުން، ބޭސްތައް ވިއްކޭނީ އެންމެ ބޮޑުވެގެން ކޮސްޓް ޕްރައިސްގެ 100 ޕަސެންޓަށްވާ އަގަށެވެ.
އަލުން އިސްލާހުކޮށް މިއަދު ނެރުނު ގަވާއިދުގައި ބުނެފައިވަނީ އަސާސީ ބޭސްތައް ކޮންޓްރޯލް އަގުގައި ވިއްކަން ފަށަން ޖެހެނީ އަންނަ މާޗް މަހުން ފެށިގެން ކަމަށެވެ. އެ އިސްލާހުގައިވާ ގޮތުން ބޭސްތައް ވިއްކާ އަގުތައް ފާމަސީތަކުގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ އެވެ.

ނަމަވެސް، ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކުރިން ވެސް އެ ގަވާއިދުގައި އޮތް ގޮތަށް އަންނަ ޖުލައި މަހުން ފެށިގެން ވިއްކޭނީ ކޮންޓްރޯލް އަގަށް ކަމަށް އެ ގަވާއިދުގައި ވެ އެވެ.
ބޭހަށް އެމްއާރުޕީ ކަނޑައަޅަން ނިންމުމާ ގުޅިގެން ފިނޭންސުން ބުނީ މިއީ އާންމުންނާއި ދައުލަތުން ބޭހަށް ކުރާ ހޭދަ ކުޑަ ކުރުމަށާއި އާސަންދައިގެ ދަށުން ބޭހަށް ކުރާ ހަރަދު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމުގެ މަގުސަދުގައި ގެންނަ ބަދަލެއް ކަމަށެވެ.
މި ބަދަލު ރަނގަޅަށް ތަންފީޒުކުރެވިއްޖެ ނަމަ ބޭހަށް ކުރާ ހަރަދުން އަހަރަކު 205.9 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ.













