މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދިވެހިރާއްޖެއިން ޓެސްޓު ކުރި 2199 މީހެއްގެ ހަށިގަނޑު ކޮރޯނާ ވައިރަސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެހެންކަމުން މިއީ އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ރާއްޖޭގައި ޕޮޒިޓިވްވި ދުވަހެވެ. ކޮވިޑް-19 އަށް 2199 މީހުން ޕޮޒިޓިވްވީ އެ ބައްޔަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރި 6598 މީހުންގެ ތެރެއިންނެވެ. އެހެންކަމުން ބައްޔަށް ޓެސްޓު ކުރި 33.3 ޕަސެންޓު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިވަގުތު އެކަނި ވެސް ކޮވިޑް-19 ޖެހިފައިވާ 10،537 މީހުން އެބަ އުޅެ އެވެ. އެއީ ގާތްގަނޑަކަށް 540،542 މީހުންގެ އާބާދީއެއް އޮންނަ ދިވެހިރާއްޖޭގެ 1.9 ޕަސެންޓު މީހުންނެވެ.
ދިވެހިރާއްޖޭގެ އަދަދުތައް އުޅެނީ ނިސްބަތުން އެމެރިކާއަށްވުރެ ވެސް މަތީގަ އެވެ. ހިސާބުތަކަށް ބަލާއިރު އެމެރިކާއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވީ ގާތްގަނޑަކަށް 852،000 މީހުންނެވެ. އެކަމަކު އެއީ އެ ގައުމުގެ 329 މިލިއަން މީހުންގެ އާބާދީގެ 0.25 ޕަސެންޓެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދިވެހިރާއްޖެއިން ރިކޯޑް އަދަދަކަށް ކޮވިޑް-19 ފެނުނުއިރު މިއަދު އެކަނި އެ ބަލީގައި ހަތަރު މީހުން މަރުވި އެވެ. އެއީ 63 އަހަރުގެ މީހަކާއި 76 އަހަރުގެ މީހަކާއި 79 އަހަރުގެ މީހަކާއި 84 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން 63 އަހަރުގެ މީހާ ފިޔަވައި ދެން މަރުވީ ފިރިހެން މީހުންނެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު އެހާ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހުނުއިރު ބަލިން ދިފާއުވުމަށް ވެކްސިން ޖެހީ ނިސްބަތުން ވަރަށް މަދު މީހުންނެވެ. ވެކްސިންގެ ތިން ވަނަ ޑޯޒު ނުވަތަ ބޫސްޓާ ޑޯޒު ޖެހީ އެންމެ 2742 މީހުންނެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ފެނުނު މީހުންނަށްވުރެ އެ އަދަދު ގިނައީ އެންމެ 500 އެއްހާ މީހުންގެ ތަފާތުންނެވެ.
ކޮވިޑު ބަލީގައި މިއަދު ރާއްޖެއިން މަރުވި ހަތަރު މީހުންނާއެކު އެ ބަލީގައި ޖުމްލަ މަރުވި މީހުންގެ އަދަދު 269 އަށް ޖެހިލީ އެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ޕޮޒިޓިވް ކޭސްތަކާއެކު ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 110،931 އަށް ޖެހުނީ އެވެ.
މިދުވަސްވަރު އާދަޔާހިލާފު ބާރުމިނެއްގައި ފެތުރެނީ ކޮވިޑް-19 ގެ ވޭރިއަންޓެއް ކަމަށް އޮމިކްރޯން އެވެ. ރާއްޖޭގައި ވެސް މިދުވަސްވަރު ފެތުރެނީ އޮމިކްރޯން ކަމަށް ބެލެވެ އެވެ. ސައިންޓިސްޓުން ބުނަނީ އޮމިކްރޯންޖެހިގެން އިންސާނާ ބަލިވާ މިންވަރު އެހެން ވޭރިއަންޓުތަކާ އަޅާބަލާއިރު ކުޑަ ނަމަވެސް އެ ވޭރިއަންޓު ގައިންގަޔަށް އަރާމިންވަރު މާ ބޮޑު ކަމަށެވެ.
މި ފެށުނު އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ޝޯތަކާއި ވިދިވިދިގެން އެތައް ހަފްތާއަކު ވެރިރަށް މާލޭގައި ތޮއްޖެހިގެން ބޭއްވި މަގުމަތީ ބާޒާރުތަކަށްފަހު ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި ގިނައިން ފެންނަން ފެށުމުން އެޗްޕީއޭއިން ވަނީ ބައްޔާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
އެގޮތުން މާލެއިން ބޭރަށް ފުރުމުގެ ކުރިން މިހާރު ޕީސީއާރު ޓެސްޓެއް ހެދުން މަޖުބޫރެވެ. އަދި ގިނަ މީހުން އެއްވެގެން ހަފްލާތައް ބޭއްވުން އޮތީ މަނާކޮށްފަ އެވެ.













