ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ވަނަވަރު ހާމަނުކުރަނީ އެ ދަފްތަރު ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާތީ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގައި ބުނާ ކުށްތަކަށް އަރައިގަންނަ މީހުންގެ ވަނަވަރު ޖެންޑާ މިނިސްޓްރީން އާންމު ކުރަންޖެހެ އެވެ. މައުލޫމާތު ހާމަކުރަންޖެހެނީ އެކަމަށް ހަދާ ހާއްސަ ވެބްސައިޓަކާއި އެސްއެމްއެސް މެދުވެރިކޮށެވެ.
ނަމަވެސް އެކަމަށް ހެދި އޮފެންޑާސް އެމްވީ ވެބްސައިޓު މިދިޔަ އަހަރު އެއްވެސް މިންވަރަކަށް އަދާހަމަކޮށްފައެއް ނުވެ އެވެ. އަދި 2020 ވަނަ އަހަރު ކުޑަކުދިންނާ ބެހިގެން ހުކުމް ކުރި އެންމެންގެ މައުލޫމާތު ވެސް އެ ވެބްސައިޓުގައި ފެންނާކަށް ނެތެވެ.
އޭގެ އިތުރުން، އެސްއެމްއެސްއަކުން އޮފެންޑާސް ލިސްޓު ބެލޭނެ އިންތިޒާމު މިހާތަނަށް ވެސް ހަމަޖައްސާފައެއްނުވެ އެވެ. އަދި އެ ވެބްސައިޓުގައި ހިމަނާފައި ހުރި މީހުންގެ މައުލޫމާތުތައް ވެސް އެންމެ އަޕްޑޭޓު ނޫންކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މިހާރު މިނިވަންވެ، މުޖްތަމައަށް ދޫވެފައިވާ މީހުންގެ ސްޓެޓަސް ވެސް އެނގޭކަށް ނުހުރެ އެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއާއި ސުވާލުކުރުމުން ބުނީ ކުޑަކުދިންނާ ބެހޭ މީހުންގެ ދަފްތަރު އަދާހަމަނޫނީ އެ ދަފްތަރު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

"ކުޑަކުދިނަށް ޖިންސީ ގޯކުރާ މީހުންގެ ދަފްތަރު ހަރުދަނާކުރުމުގެ މަސައްކަތް މިސާވިސްއިން ދަނީ ކުރަމުން. މި މަސައްކަތް ކުރަމުންދާއިރު މިދަފްތަރުގެ ބައެއް މައުލޫމާތު އާންމުކޮށް ނުފެންނަކަން މި ސާވިސްއަށް ވެސް ވަނީ ފާހަގަ ކުރެވިފަ. އެހެންކަމުން, ދަފްތަރު ހަރުދަނާ ކުރުމުގެ މަސައްކަތާ އެކު މި މަސައްކަތް ވެސް ދަނީ ކުރެވެމުން،" އެ މިނިސްޓްރީން މި ނޫހާ ލިޔުމަކުން ހިއްސާ ކުރި ޖަވާބެއްގައި ބުނެފައިވެ އެވެ.
titledesc
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 2161 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ވެއެވެ.












