ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ދަންޖެހިގެން މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކުތަކެއް އުފެދެމުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި، 29، އެވެ. ކޯޓު އަމުރެއްގެ ދަށުން ލަމްހާ، 24، ހައްޔަރު ކުރީ މި މަހުގެ 16 ވަނަ ދުވަހެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "އަދަދު" އަށް ވިދާޅުވީ މޭރީގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ މެދު އަންނަ އަންގާރަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް މަރާލާފައި ވަނީ ފިރިމީހާ މާވިން އާއި ލަމްހާ އެކަން ދުރާ ރާވައިގެންކަން ފުލުހުން ތުހުމަތު ކުރާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
މާވިން އާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގެ ނަރުހުންނެވެ. އަދި އެ ދެ މީހުން އުޅުނީ ހިތާވެގެން ކަމަށް ލަމްހާ ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފަހުން ބުނެފައިވެ އެވެ.

ގްރޭސް މަރާލާފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށާއި މަރާލާފައި ވަނީ އަނިޔާވެރި ކަމާއެކު ރަހުމު ކުޑަ ގޮތަކަށް ކަން ފުލުހުން ތުހުމަތު ކުރާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
ގްރޭސް މަރުވެފައި ވަނީ ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށް، ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ހެދި ޕޯސްޓް މޯޓަމްގެ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މަރުވެފައި އޮއްވައި ފެނިގެން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަން ޖެހިފައި ހުއްޓާ ކަމަށް ބުނެ އޭނާގެ ފިރިމީހާ އެވެ. އެފަދަ ކަމެއްގެ ނިޝާނެއް ނެތް ކަމަށް ވެސް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ގްރޭސް އާއި މާވިން ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.













