އީޕީއެސް ސްކޫލުގެ ތައުލީމާއި ތަމްރީނު އަދި ތަރުބިއްޔަތުގެ ރަނގަޅުކަން ފާހަގަ ކުރައްވައި، ރާއްޖެ ވަނީ އަލުން އީޕީއެސް އަކަށް ބޭނުންވެފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އީޕީއެސް ސްކޫލު އުފެދުނުތާ 52 ދެ އަހަރު ފުރުން ފާހަގަކޮށް، ސްކޫލުގެ ހިދުމަތްތެރިންގެ އަގު ވަޒަންކުރުމަށްޓަކައި ބޭއްވި ޖަލްސާގައި، ރައީސް ސޯލިހު ވިދާޅުވީ އީޕީއެސް ސްކޫލުން 27،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ތައުލީމާއި ތަރުބިއްޔަތު ލިބި އެކި ފަންތިތަކާއި ގިންތިތަކުގައި ގައުމަށް ހިދުމަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ، މިއަދު މި ރާއްޖެ މިއޮތީ އަނެއްކާ ވެސް އީޕީއެސް އަކަށް ބޭނުންވެފައޭ. އާދެ، އީޕީއެސް އިން އުފެއްދި ދަރިވަރުންގެ ތެރޭގައި، ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ނަރުހުންނާއި، ކުޅިވަރު ކުޅޭ މީހުންނާއި، ޓީޗަރުންނާއި، ޅެންވެރިންނާއި، ތަމްސީލު ކުޅޭ މީހުންނާއި، ލަވަކިޔާ ފަރާތްތަކާއި، މިހެންގޮސް ހުރިހާ ދާއިރާއެއްގައި އަދި ނުވާތަނަކަށް ސިޔާސީ ދާއިރާގައިވެސް އެންމެ އުހުގައި އެބަތިބި މިއަދު އީޕީއެސް އިން ތައުލީމު ހާސިލުކޮށްގެން ނުކުންނެވި ދަރިވަރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމަކީ އީޕީއެސް ސްކޫލުގެ އިސް ދަރިވަރުންނެވެ. ރައީސް ސޯލިހު އުފަންވެވަޑައިގެންނެވި ޅ. ހިންނަވަރު ދޫކުރައްވައި، 1970 ގައި މާލެ ވަޑައިގެން ފުރަތަމަ ކިޔަވައި ވިދާޅުވީ އީޕީއެސް ސްކޫލުގަ އެވެ. އެއަށް ފަހު ބަދަލުވެވަޑައިގަތީ މަޖީދިއްޔާ ސްކޫލަށެވެ.
އީޕީއެސް އުފެދިގެން އައީ ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި ކަމަށާއި އެއީ އެ ސްކޫލު އުފެއްދީ، ދުރުވިސްނޭ، ހެޔޮއެދޭ، ރާއްޖޭގެ ތައުލީމަށް ލޯބިކުރައްވާ އޭރުގެ ދިވެހި ޒުވާނުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަށްޓަކައި އަދިވެސް އެއްފަހަރު، އީޕީއެސް ސްކޫލްގެ ފައުންޑަރުން އެ ކޮށްދެއްވި ހިދުމަތަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު އަދާކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ގައުމެއް ތަރައްގީވެ ކުރިއަށްދަނީ، އެ ގައުމެއްގެ ދަރިންނަށް ދޭ ހަމައެކަނި ތައުލީމެއްގެ ސަބަބަކުންނެއް ނޫން ކަމަށާއި ތައުލީމާއެކު ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އީޕީއެސް އިން ކޮށްދިން ކަމަކީ އެއީ. ދެވުނު ތައުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތު ކުރި. ތަމްރީނުތައް ދިން. މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ހަގީގަތް އެއޮތީ ސާފުކޮށް ފެންނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަގުސަދު ހާލުކުރުމަށްޓަކައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ހިންގިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އީޕީއެސްގެ ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީ އާއި، މިނީ ޔޫއެންއޯ އާއި އަދި އަތޮޅުތައް ތަމްސީލުވާ ގޮތަށް ބޭއްވުނު ބައްދަލުވުންތަކާއި، ކެޑެޓާއި، ގާރލްގައިޑާއި، ސްކައުޓާ ފަދަ ހަރަކާތްތަކަކީ ވަށައިޖެހޭ ގޮތަށް ދެވުނު ތައުލީމު ކަމަށެވެ.
"ވަށައިޖެހޭ ތައުލީމު އޭރު އެއޮތީ ފެށިފައި އީޕީއެސް އިން،" އެ މަނިކުފާނު ވިދާޅުވި އެވެ.











