ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހަން ފަށާނެ ތާރީހެއް މިހާތަނަށް ކަނޑައަޅާފައި ނުވަނީ ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖުގެ ޝޯޓޭޖެއް އުޅޭތީ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ފައިޒާ ވެކްސިންގެ އާ ޝިޕްމަންޓެއްއިއްޔެ ވަނީ ރާއްޖެ ގެނެސްފަ އެވެ. ބޫސްޓާ ޑޯޒް ޖެހުމަށް އެ ވެކްސިން ބޭނުންކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހަދިޔާކުރީ ފައިޒާ ވެކްސިންގެ 100،600 ޑޯޒްގެ ޝިޕްމަންޓެކެވެ.
އެޗްޕީއޭން ބުނީ ވެކްސިން ޖަހަން ފަށާނެ ތާރީހަކާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް, ވެކްސިން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
"ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖުގެ ގްލޯބަލް ޝޯޓޭޖެއް އުޅޭތީ، ވެކްސިންއާ އެކީ ލިބެން ޖެހޭ ސިރިންޖު ޝިޕްމެންޓު ލިބުމުގައި ލަސްތަކެއް އުޅޭ." އެޗްޕީއޭއިން ބުންޏެވެ.

އަދި ސިރިންޖު ލިބި އެހެން ތައްޔާރީތައްވެ ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކުން 180 ދުވަސް ހަމަވުމުން ބައްޔަށް ލިބިފައިވާ ދިފާއު ވަރުގަދަ ކުރުމަށްޓަކައި ބޫސްޓާ ޑޯޒެއް ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިލްތިމާސް ކުރެ އެވެ.
ރާއްޖޭގައި ބޫސްޓާ ޑޯޒު މިހާރު ޖަހަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އިތުރު ބަލިތަކުގެ ސަބަބުން ނާޒުކު ހާލަތެއްގައި ތިބި މީހުންނަށް އެކަންޏެވެ. ނަމަވެސް ޑިސެމްބަރު 15، އިން ފެށިގެން ތިން ވަނަ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިހާތަނަށް 22،093 މީހުން ވަނީ ރާއްޖެއިން ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 366،165 އަށް ވުރެ މަތިވެފަ އެވެ.
ކޮވިޑްގެ އެންމެ ނުރައްކާތެރި ވޭރިއެންޓްގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރާ އޮމިކްރޯން ވޭރިއެންޓުގެ ފަސް ކޭސް ރާއްޖެއިން ފެނިފައިވާއިރު މިކަމާ ގުޅިގެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތަކާބެހޭ މަޝްވަރާތައް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އޮމިކްރޯން ވޭރިއެންޓަކީ ހަލުވިކަމާއެކު ފެތުރެ ވޭރިއެންޓެއް ކަމަށާއި ވެކްސިންގެ ދެ ޑޯޒްއަށްވެސް އިމިއުން ވޭރިއެންޓެއް ކަމަށް އެޗްޕީއޭއިން ހާމަކުރި އެވެ. ނަމަވެސް ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް ޖެހުމުން މި ވޭރިއެންޓުގެ ނުރައްކާތެރިކަން ކުޑަވާކަންވެސް އެޗްޕީއޭއިން ބުނެ އެވެ.












