އިންތިގާލީ އިންސާފުގެ އޮފީހުން ބަލައިގަނެ، ތަހުގީގު ފަށާފައިވާ ގިނަ މައްސަލަތައް 2022ގެ ޖުލައިގެ ނިޔަލަށް ނިންމާނެ ކަމަށް ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި އަބްދުއްސަލާމް ވިދާޅުވީ މައްސަލަތައް ހުށަހެޅުމުގެ މުއްދަތުގައި ހުށަހަޅާފައިވާ 488 މައްސަލައިގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައި ވަނީ 452 މައްސަލަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އަންނަ އަހަރުގެ ކުރީކޮޅުގައި ވެސް ނިމޭނެ ކަމަށް ވިދާޅުވި އެވެ.
"އަމާޒަކީ، އިނީޝަލް އެއްބަސްވުމަކަށް އާދެވިފައިވާ ބައެއް މައްސަލަތައް ފެބްރުވަރީގެ ނިޔަލަށް ނިންމުން، އަދި ގިނަ މައްސަލަތަކެއް ޖުލައިގެ ނިޔަލަށް ނިންމުން،" ސަލާމް ވިދާޅުވި އެވެ.
އެ އޮފީހަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކަކީ ހައްލެއް ބޭނުންވާ މުހިންމު މައްސަލަތަކެއް ކަން ފާހަގަ ކުރައްވަމުން ސަލާމް ވިދާޅުވީ އެފަދަ ބައެއް މައްސަލަތަކާ ގުޅުން ހުރީ ވަރަށް ދުވަސްވީ ލިޔެކިޔުންތަކާ ކަމަށާއި ހެކި ހޯދުމަށް ދަތިވާ ކަހަލަ ކަންކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ހުށަހަޅާފައިވާ ގިނަ މައްސަލަތަކަކީ ގެދޮރާއި ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކެވެ. އެފަދަ ޖުމްލަ 173 މައްސަލަ ހުށަހަޅާފައި ވާއިރު މަސައްކަތްކުރުމުގެ ހައްގާއި ގުޅޭ 156 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ސަލާމް ވިދާޅުވި ގޮތުގައި ގިނަ މައްސަލަތަކެއްގެ ތަހުގީގުތައް ފަށައި، ބަޔާންތައް ވަނީ ނަގަން ފަށައިފަ އެވެ.
އިންތިގާލީ އިންސާފަށް އެދި އެންމެ ގިނައިން ހުށަހެޅުނު މައްސަލަތައް:
- ބޯހިޔާވަހިކަން: 175 މައްސަލަ
- މަސައްކަތްކުރުމުގެ ހައްގު: 156 މައްސަލަ
- ގާނޫނާއި ހިލާފް ހައްޔަރާއި ބަންދުކުރުން: 44 މައްސަލަ
- އަދުލުވެރި ޝަރީއަތްކުރުން: 26 މައްސަލަ
- ލާއިންސާނީ އަދަބު: 24 މައްސަލަ
- މުދާ ހޯދުމާއި ގެންގުޅުން: 12 މައްސަލަ
އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ 452 މައްސަލަ ނިންމަން އޮތީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އިންތިގާލީ އިންސާފުގެ ގާނޫނަކީ ސުލްހަވެރި ހައްލުތަކެއް ހޯދުމަށް ހެދި ގާނޫނެއް ކަމަށާއި، ގާނޫނީ މުއްދަތަށް ވިސްނައިގެން ސުލުހަވެރި ހައްލަކުން މައްސަލަ ނިންމަން މަސައްކަތް ކުރާ ކަމަށް ސަލާމް ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާ ތާރީހަށް މަސައްކަތްތައް ނިންމަން މުވައްޒަފުން ނެގުމަށް އިންތިގާލީ އިންސާފުގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓަށް 2.2 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފަ އެވެ.













