ޕެޓް ޖަނަވާރުންނަށް ފަރުވާ ދޭން ވިލިމާލޭގައި ހުޅުވާފައިވާ ވެޓެރިނަރީ ކްލިނިކް ބަންދުކޮށްފި އެވެ.
ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި، އެތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި، އެތަކެތީގެ ދުޅަހެޔޮކަމާ ގުޅުންހުރި މަސައްކަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތްކަމުގައިވާ އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ވެޓެރިނަރީ ކްލިނިކްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ، އެ އިމާރާތުގައި ކަތުރު ފަނި އަޅާފައިވާތީ އެވެ.
ވަގުތީ ގޮތުން ކްލިނިކް ބަންދުކުރުމަށް ފަހު، 1 ޖެނުއަރީ 2022 އިން ފެށިގެން ކްލިނިކް ރަސްމީކޮށް ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ އަމިއްލަ ފަރާތްތަކުން މިހާރު ވެޓެރިނަރީ ކްލިނިކް ހިންގާތީ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ ކްލިނިކުން އާ އެޕޮއިންޓްމެންޓް ދޫކުރުން ހުއްޓާލި ނަމަވެސް، ސާޖަރީ ހެދުމަށް ދޫކޮށްފައިވާ ޕޮއިންޓްމެންޓްތަކަށް ހިދުމަތް ދޭނެ އެވެ.
ވިލިމާލޭގައި ވެޓެރިނަރީ ކްލިނިކް ހުޅުވީ 2019 ގަ އެވެ. ދިވެހިން އާއްމުކޮށް ގެންގުޅޭ ހުރިހާ ބާވަތެއްގެ ޖަނަވާރުންނަށް ފަރުވާ އާއި ވެކްސިން އެ ކްލިނިކުންދެ އެވެ. އަދި ސާޖަރީތައް ވެސް ކުރެ އެވެ.














