އަހަރެންގެ ހުރި މައުލޫމާތުގެ މުއްސަނދިކަމާއި، ދުނިޔެއަށް ލޯ ހުޅުވިފައި ހުރި މިންވަރަކީ އެކުވެރިންނާއި ނުދަންނަ މީހުންގެ މެދުގައިވެސް އަހަރެންނަކީ މަގުބޫލު މީހަކަށް ވާ އެންމެ ބޮޑު ސަބަބެވެ. ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި އެ ގައުމުތަކުގެ ސިޔާސީ ނިޒާމާއި ސިޔާސަތުތަކަށް އަހަރެން ފަރިތަ އެވެ. ސައިންސާއި ޓެކްނޮލޮޖީގެ އައު ހޯދުންތަކާ ގުޅޭ މައުލޫމާތުތަކަށް އަބަދުވެސް އަދާހަމަ އެވެ. ރާއްޖޭގެ ސިޔާސީ ތާރީހު އަހަރެންނަށް ފެން ފަދަ އެވެ.
އަހަރެން އަދާކުރަމުން ގެންދާ ރަސްމީ ވަޒީފާގެ ވަގުތުގެ އިތުރުން ގިނަ ވަގުތު ހޭދަކުރަނީ އާންމު މައުލޫމާތު ހޯދައި އެއްކުރުމުގަ އެވެ. އެތައް ދާއިރާއަކުން ހޭލުންތެރި މީހަކަށް ވުމުގެ ނަތީޖާއަކީ އަހަރެންނަކީ އެތައް ވިޔަފާރިއަކާއި، އެތައް ސިޔާސީ މީހުންނަށް ބުއްދި ލައިދޭ ލަފާދާރަކަށް ވުމެވެ. އަހަރެންގެ މަސައްކަތް ބުރަ އެވެ. މީހަކާ އަނގައިން ބުނެލާނޭ ހުސް ވަގުތެއް މަށަކަށް ނޯވެ އެވެ. މައުލޫމާތެއް ހޯދާލަން ގުޅާލައިފިނަމަ އެކުވެރިންނަށް އަހަރެން ވަގުތު ދެމެވެ. ހައްލު ނުހޯދޭނޭ މައްސަލައަކަށް ވާހަކަ ދައްކައި، ވައި ޖައްސާލަން ކޮފީތަކަށް ދިއުމަކީ އަހަރެންގެ ދުވަހު ތާވަލުން ޖާގަ ދެވޭ ކަމެއް ނޫނެވެ.
އާމްދަނީ ފުދޭ ވަރަށްވުރެ ރަނގަޅެވެ. އަހަރެންގެ ބޭންކް އެކައުންޓަށް ޖަމާވަމުން ދިޔަ ފައިސާ ހޭދަ ކުރާނޭ ވަގުތެއް ވެސް އަހަރެންނަކަށް ނެތެވެ. ހޭދަކުރާކަށް ނުވެސް އެނގޭނެ އެވެ. އެކަނިމާ އެކަނި ދިރިއުޅޭތީއާއެކު އަހަރެންގެ ކީސާ ހުޅުވާލަން ޖެހެނީ ހަމައެކަނި އަހަރެންގެ ބޭނުންތަކަށެވެ. ބޭނުންޖެހޭ ކަންކަމަށެވެ. ބޭނުންވާހައި ކަންކަމަކަށްވެސް ނޫނެވެ. އަހަރެން ދިރިއުޅެމުން ގެންދިޔައީ އެއް ކޮޓަރީގެ އެޕާޓްމަންޓެއްގަ އެވެ. 5 ބުރީގެ އިމާރާތެއްގެ 5 ވަނަ ބުރީގައި ހުރި ހެޔޮވަރުގެ ތަނަވަސް އެޕާޓްމަންޓެކެވެ. ލިފްޓެއް ނެތް އިމާރާތެކެވެ. ދުވެލާފައި ސިޑިން އެޕާޓްމަންޓަށް އަރައި ފައިބާ ވަގުތަކީ އަހަރެންގެ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ފުރިހަމަކޮށްދޭ ވަގުތެވެ.
އަހަރެންގެ ދިރިއުޅުން ހުރިހައި ގޮތަކުންވެސް ފުރިހަމަ އެވެ. މިގޮތަށް އަދި ހައެއްކަ އަހަރު މަސައްކަތްކޮށްލީމާ ދެން އުޅޭން ލިބޭނީ 'އީޒީ ލައިފް' އެކެވެ. ރީތި އަތްނބަކާއި ލޯބި ދެ ކުދިންނާއެކު އަހަރެންގެ ދިރިއުޅޭނީ ތަނަވަސް ގެއެއްގަ އެވެ. ފެށިފައި ހުންނާނޭ ވިޔަފާރިތަކުން އަހަރެންގެ އާމްދަނީ ދާނީ ގުނަގުނަ ވަމުންނެވެ. އޭރުން އަހަރެންގެ ވަގުތު ހޭދަވާނީ އާއިލާއާއި އަހަރެންގެ އުފާތަކަށެވެ. މިއީ އަހަރެންގެ ދިރިއުޅުން ތަރުތީބުކޮށް ރާވާފައި އޮތް ގޮތެވެ.
ނިދާމަރުވެފައި އޮތް އަހަރެންނަށް ހޭލެވުނީ އިމާރާތުގެ އެތެރޭގައި ހަލަބޮލިކަމެއް އުޅޭ ކަމުގެ އިހުސާސަށެވެ. ބަރުވެފައި ހުރި ދެ ލޯ ހުޅުވާލައި ގަޑި ބަލާލިއިރު ފަތިސް ދަމަށް އެޅީ އެވެ. މި ނިދުނީ 4 ގަޑިއެއްހައިއިރު އެވެ. ފޫހިކަމާއެކު އެނދުން ތެދުވެ، ދޮރުހުޅުވައި ބަލާލިއިރު ހަތަރު ވަނަ ފަންގިފިލާގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަނީ އެވެ. އަހަރެންގެ އެޕާޓްމަންޓް ދޮރުހުޅުވައި ބޯދިއްކޮށްލިތަން އޭގެއިން ބޭކަލަކަށް ފެނިއްޖެ އެވެ. ދެން އެތެރެއަށް ވަދެއްޖެނަމަ އޭނާ ހިތަށް އަރާފާނޭ އެއްޗަކީ އަހަރެންނާ ލައިގަންނާނޭ މުސީބާތަކަށް މެނުވީ ނުވާނެއޭ ހިތަށް އެރުމުން ބޭރަށް ނުކުތީމެވެ.

ފުލުސް މީހާ ކުރީ ސާދާ ސުވާލެކެވެ. މި އެޕާޓްމަންޓްގައި އުޅޭ ހައްވާމަނިކެ ދަންނަމުތޯ އެވެ. އަހަރެންގެ ޖަވާބުވެސް ސާދާ އެވެ. ނުދަންނަމެވެ. ނުދަންނާނެ ނޫން ހެއްޔެވެ. އިމާރާތުގެ އެ ފުޅާ ސިޑިން އަހަރެން ދުވެފައި އަރައިފައިބާއިރު އަރިއަރި މަތިން އަރައިފައިބާ މީހުންގެ ތެރޭގައި އަހަރެންގެ ސަމާލުކަން އަތުލެވޭނޭ އުރައްޕެއް ހުރި މީހަކު ހުރެދާނޭކަމަކަށް އަހަރެން ނުދެކެމެވެ. އެއިން މީހެއްގެ ސޫރަވެސް އަހަރެންގެ ސިކުނޑީގައި ކުރެހިފައެއް ނެތެވެ. އެ އިމާރާތުގައި އަހަރެން ދިރިއުޅޭތާ ފުރިހަމަ އަށް އަހަރު ވިޔަސް އެއިން މީހަކު ދިރިއުޅޭ އެޕާޓްމަންޓަކަށް އަހަރެންނެއް ނުދަމެވެ. އެއިން މީހަކުވެސް މަށަކަށް ތުރާލެއް ނުކުރެ އެވެ.
ސުވާލުކުރި ފުލުސް މީހާ ބުންޏެވެ. މި ފަންގިފިލާގައި ދިރިއުޅެނީ ހައްވައްތަ ކިޔާ މީހެކެވެ. އިއްޔޭއްސުރެ އޭނާ ނުފެންނާތީއާ ފޯނު ކުރީމާ ޖަވާބު ނުދޭތީ އޭނާގެ އެކުވެރިޔަކު ކުރި ޝަކުވާއަކާ ގުޅިގެން ބެލިއިރު ފެނުނީ މަރުވެފައި އޮއްވަ އެވެ. އެ ދިގު ތަފްސީލަކީ އަހަރެން 'އެހެން ދޯ' އޭ ބުނެލާ ނިންމާލާނޭ ކަހަލަ ބޭކާރު ތަފްސީލެކެވެ. މީހުން އުފަންވުމާއި މަރު ވުމަކީ ދުނިޔޭގެ އާދަ އެވެ. އެއީ އޭނާ އެހައި ޝައުގުވެރިކަމާއެކު ދައްކަންޖެހޭނޭ ވާހަކައެއް ކަމަކަށް އަހަރެންނަކަށް ނުފެނުނެވެ. އެކަމަކުވެސް އަހަރެންގެ ހިތަށް އެވަގުތު ވެރިވަމުންދިޔަ ފޫހި ކަމުގެ ޝުއޫރުތައް މޫނު މަތިން ފައުޅުވިޔަ ނުދީ ސިއްރު ކުރަމުން 'ހާދަހާ ދެރައޭ' ބުނެލީމެވެ. އަހަރެންގެ ބަހަށް އިތުރަށް ބާރު ދިނުމުގެ ގޮތުން 'އިންނާ ލިއްލާހި ވައިންނާ އިހައިލި ރާޖިއޫނަ' އޭ ވެސް ބުނެލީމެވެ.
ފުލުހުންވެސް އެ މީހުންގެ މަސައްކަތަށް ރުޖޫއަވި އެވެ. ބޭރުގައި ސައިރަން އަޅައަޅައި އޮތް އެމްބިއުލޭންސަށް ހައްވައްތަގެ ފުރާނަނެތް މަސްގަނޑު އަރުވައި އެ ގެންދިޔަ ތަނަކަށް ގެންގޮސްފި އެވެ. ނިދި ގެއްލުމުގެ އިތުރަށް ގެއްލިގެން މި ދިޔަހައި ވަގުތަކާމެދު ޝަކުވާކުރަމުން އަހަރެން މިސްރާބުޖެހީ އެޕާޓްމަންޓަށެވެ. ނިދިބޮޅެއް އަޅާކަށް ދެން ވަގުތެއް ނެތެވެ. ފެންވަރަން ވަދެ ފެންމާގަނޑު ދޫކޮށްލުމާއެކު ލޯ މަރާލީމެވެ. ވާރޭ ވެހޭ މިސާލުން ބޮލަށް އޮހެމުން ދިޔަ ހޫނު ފެނުން ހަށިގަނޑަށް ލުއިވެ އަރާމުވެގެން ދިޔަ އެވެ. މާރާލައިގެން ހުރި ލޮލަށް ވާންކޮށްލުމާއެކު ކުރިމަތިން ސިފަވެގެން ދިޔައީ ތަފާތު މަންޒަރެކެވެ.
ސިފަވީ އަހަރެން ދިރިއުޅޭ އިމާރާތުގެ ސިޑި މަތީގައި، އުމުރުން ދުވަސްވީ އަންހެނަކު އަހަރެންނަށް ހިނިތުންވެލައިގެން ހުރި މަންޒަރެވެ. އެންމެ ފަހަރަކުއެއް ނޫނެވެ. އެންމެ ކުލައެއްގައި އެއް ވެސް ނޫނެވެ. އެކި ދުވަސް މަތީން އެކި ހާލަތުގަ އެވެ. އަހަރެންގެ ސިކުނޑީގެ ބައެއްގައި ބޭ އިހްތިޔާރުގައި ރައްކާކުރެވިފައި ހުރި ފޮޓޯތައް ކުލަކޮށް، ހަމަލޮލަށް ފެންނާން ފެށި އެވެ. ހަރަކާތާއެކު އެވެ. ހިނިތުންވެގެން އަހަރެންނާ ދިމާލަށް ހުއްޓައިގެން ހުރި އުމުރުން ދުވަސްވީ ނަމަވެސް ތޫނު ދެލޮލުގައި ހުރީ ފަހުރުވެރި އަދި ހިތްހެޔޮ ބަލާލުމެކެވެ. ސަމާލުކަމެއް ނުދީ އަހަރެން ފަސްދީފައި ދިއުމުން ލޮލުގެ ކަނުން އަހަރެންނަށް ފެނުނު މާޔޫސްކަމުގެ ފޮޓޯވެސް ކުލަކޮށް، ކުރިމަތިން ފެނުނެވެ. ދެވަނަ ދުވަހުވެސް އެހެނެވެ. ދެންވެސް ހަމަ އެ މަންޒަރެވެ. ފަސްދީފައި ދަންދެން ހިނިތުންވުމެވެ. ފަސްދީފައި ދިއުމުން މޮޅިވެރިކަމެވެ. އެއީ މަރުވެފައި އޮއްވާ ފެނުނުކަމަށް ފުލުހުން އެ ބުނި ހައްވައްތަގެ ފޮޓޯ އެވެ.
ބާރަށް ފިއްތައިގެން ހުރި ލޯ އަހަރެން ހުޅުވާލީ އިތުރަށް އެ މަންޒަރު ނުބަލަން ވެގެންނެވެ. ހުއްޓުން އަރާފައި ހުރެވުނީ ކިހައި އިރަކު ކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ހޭވެރިކަންވީ ސިހުމަކާއެކު އެވެ. އަވަހަށް ތައްޔާރުވެގެން އޮފީހަށް ދިޔައިމެވެ. އޮފީހުގައި އަހަރެންނަކީ ގަބުވެފައި އިންނަ މީހެއް ނޫނެވެ. ހިޔާލުތަކަށް ގެއްލިފައި އިންނަ މީހެއްވެސް ނޫނެވެ. މައްލަވަ ކުރުމެއް ފޮށުމެއް ޖެއްސުންކުރުމެއް އަހަރެންނަކަށް ނޯވެ އެވެ. މިއަދު ތަފާތެވެ. ލޯ ކުރިމަތިން ފެންނަނީ ހައްވައްތަ އެވެ. އެކި ގޮތްގޮތުން ހައްވައްތަގެ މައުލޫމާތު ލިބޭތޯ ބެލީމެވެ.
ސާފުވި އެވެ. އެކަނި ދިރިއުޅޭ މީހެކެވެ. ކައިވެނި ރޫޅިފަ އެވެ. ހުރި ހަމައެކަނި ދަރިފުޅު ބޭރު ކަރައެއްގައި ވަޒީފާގަ އެވެ. ފައިސާ ފޮނުވާތީ ދިރިއުޅުމުގައި އެ މަގުން ދައްޗެއް ނެތެވެ. ފައިސާގެ ގޮތުންނަމަ ފުދުންތެރި ދިރިއުޅުމެކެވެ. އުމުރުގެ ގޮތުން ހުރެދާނޭ ތަކުލީފެއް މެނުވީ ނުހުންނާނޭ ޖިސްމާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެކެވެ. ހިތުގެ ކަނެއްގައި އޮތް ގިލަންވެރި ޝަކުވާއަކީ އޭނާގެ އެކަނިވެރި ކަމެވެ. އަހަރެންނާ ދާދި އެއް އުމުރުގެ ފިރިހެން ކުއްޖަކު އެ އުޅެނީ ކަރައެއްގަ އެވެ. ފައިސާއަކީ މައެއްގެ ހިތް ފުރައިދޭނޭ އެއްޗެއް ނޫނެވެ. ދުރުގައި ހުރެގެން ދޭ އެކަނިވެރިކަމުގެ އަނިޔާއަށް ދެވޭނޭ ބަދަލެއްވެސް ނޫނެވެ. ހައްވައްތަ އަހަރެންނާ ދިމާއަށް އެ ބަލާ ފަހުރުވެރި ބެލުމުގެ މާނަ އަހަރެންނަށް ވިސްނުނެވެ. އަހަރެންގެ މޫނުން އެ ހޯދަނީ ހައްވައްތަގެ ދަރި އެވެ. އެ ހިނިތުންވުމަކީ އެ ތަހައްމަލުކުރާ އެކަނިވެރިކަމަށް ދަރިއެއްގެ ހައިސިއްޔަތުން ލުުޔެއް ދޭތޯ އަހަރެންނަށް ދިން ދައުވަތެކެވެ. އެ މަންޒަރު އަހަރެންގެ ހަމަ ލޮލަށް ފެނި، އޭގެ މާނަ ފުރިހަމަ ވިސްނުމުން ވިސްނުނު ނަމަ ނަތީޖާ ތަފާތުވީސް ބާ އެވެ. ހައްވައްތަ އެފަދަ ގޮތަކަށް މަރުވެގެން ނުދިޔައީސް ބާއެވެ. ހައްވައްތަގެ ނުވަގުތުގެ މަރުގައި އަހަރެން ކުށްވެރިވާ ކަމުގެ އިހުސާސެއް ހިތުގައި ހިނގަމުން މި ދަނީ ސަބަބެއް ނެތިއެއް ނޫނެވެ.
ކުށްވެރިކަމުގެ ނުތަނަވަސް އިހުސާސާއެކު ލޯ މަރައި ބާރަށް ފިއްތާލީމެވެ. އަހަރެންގެ މުޅި ދިރިއުޅުން ލޯ މަތީން ސިފަވެގެން ދިޔައީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. ފިލުމެއް ހެނެވެ. ވަރަށް ކުޑައިރުގެ ހަނދާންތަކާއި ފުރާވަރުގައި ކަނޑައެޅި އަޒުމުތަކާއި ޒުވާން ދައުރުގެ ބުރަކަމެވެ. މައުލޫމާތުގެ ހަޒާނާ މުއްސަނދިކޮށް، އުނގެނުމަށް ހިތްވަރާއެކު ކުރި ބުރަ މަސައްކަތެވެ. އާއެކެވެ. އަހަރެންނަކީ ހުރިހައި ކަމެއް، ނޫނީ ހުރިހައި ކަމެއްގެ ތެރެއިން ގިނަކަންކަން އެނގޭމީހާ އެވެ. އަހަރެންގެ އެކުވެރިން ގަބޫލުކުރަނީ އެހެނެވެ. އޮފީސް މާހައުލާއި މަސައްކަތު މާހައުލުގައި އަހަރެންގެ އޮތީ އެ ލަގަބެވެ.
އަހަރެންގެ މައުލޫމާތުގެ ފަގީރުކަމާ އެވެ. އަށެއްކަ އަހަރު ދިރިއުޅުނު ހިޔާވަހީގެ މައުލޫމާތެއް އަހަރެންނަކަށް ނޭނގެ އެވެ. އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ހަތަރު ވަނަ ފަންގިފިލާއާ ހަމައަށް ދިރިއުޅޭ މީހުންނަކީ ކޮންބައެއް ކަމެއް އަހަރެންނަކަށް ނޭނގެ އެވެ. އެއީ އަހަރެންގެ އެންމެ ގާތުގައި ތިބި މީހުންނެވެ. އަހަރެންނަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެންމެ ފުރަތަމަ އެހީވެވޭނޭ މީހުންނެވެ. އެންމެ ގާތުގައި ތިބި މީހުންނެވެ. އަވައްޓެރިންނެވެ. މިއީ ކުރިން އަހަރެން ހިތަށްވެސް އެރި ލަފުޒެއް ނޫނެވެ.
ހައްވައްތަގެ މަރު އަހަރެންގެ ލޯ ހުޅުވާލަ ދީފި އެވެ. ރާއްޖެއާއި ދުނިޔޭގެ ސިޔާސީ މަސްރަހާއި މަޝްހޫރު މީހުންނާއި ކަންކަމުގެ ހަބަރުދަބަރު އޮޅުން ފިލާފައި ހުރުމަކީ އާޖުފާޖު އެނގުމެއް ނޫނެވެ. ޓީވީން ދައްކާ ޑްރާމާތަކުގެ ޝަހުސިއްޔަތުތަކުގެ ޒާތީ ދިރިއުޅުމުގެ މައުލޫމާތުތަކަށްވެސް އަހަރުމެން ފަރިތަ އެވެ. ނޭނގެނީ ޖެހިގެން ހުރި އެޕާޓްމަންޓުގައި ދިރިއުޅެނީ ކާކު ކަމެވެ. އަމިއްލަ ބޭނުމެއް ނެތި، ރައްޓެއްސަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލި ހަނދާނެއް ނެތެވެ. ވައި ޖައްސާލަން އެކަނިމާއެކަނި އަތިރިމައްޗަށް ދެވުނު ދުވަހެއް ހަނދާނަކަށް ނާދެ އެވެ. ވާރެއާ ތެމިލުން އެއީ 'ނުވިސްނޭ އިރު' ގެ ކަމެކެވެ. ހޭ ޖެހުނީމާ އެ އުފާވެސް ލިބުނު ދުވަހެއް ހަނދާނުގައި ނެތެވެ. ވަށައިގެން ކަނޑު އޮތްއިރު، މޫދުގައި ފަތާލި ދުވަހެއް ހަނދާނުގައި ހަރުލާފައެއް ނެތެވެ.
ވިސްނާލީމާ މި މާހައުލުގައި އުޅެނީ މުޅިންވެސް އަހަރެންނެވެ. އަހަރެން ކަހަލަ މީހުންނެވެ. ދުނިޔެއަކީ ތިމާއާއި ތިމާކުރާ މަސައްކަތް ކަމަށް ދެކޭ މީހުންނެވެ. ދެން ތިބީންނަކީ އަހަރެން ލީޑުރޯލް އަދާކުރާ ފިލްމުގެ ސަޕޯޓިންގ އެކްޓަރުންނެވެ. ވާހަކަ އެނބުރޭނީ އަހަރެންގެ ވަށައިގެންނެވެ.
ދިރިއުޅުމުގެ މި ކަންކަމާ އަހަރެންނަށް ވިސްނާލަން ވަގުތުވީ އަހަރެންގެ ހިތްހެޔޮ ހިނިތުންވުމަކަށް އިންތިޒާރުކޮށްގެންހުރި ހައްވައްތަގެ މަރާއެކު އެވެ. އަހަރެންގެ ލޯ ހުޅުވުނީ ދެން ނުލެއްޕޭނޭ ވަރަށެވެ. ކޮންމެ މީހަކަށް ވިސްނެންވާނީ ކުށްވެރިއެއް ކަމުގެ އިހުސާސާއެކު އެއް ނޫނެވެ. އަހަރެން ބުނީތީ އަޑުއަހާށެވެ. އެންމެ ހިނިތުންވުމަކުން މި އިހުސާސު ކުރަން ނުޖެހޭނޭ މީހަކަށް ތިބާއަށް ވެވިދާނެ އެވެ. މިއީ ފަސޭހަ އިހުސާސެއް ނޫނެވެ. ހާސް ހެޔޮކަމުން ވެސް ހައްވައްތަގެ ވޭނީ ބަލާލުން އަހަރެންގެ ލޯމަތިން ގެއްލި ނުދާނެ އެވެ. އެ ދުވަހު ހިނިތުންވެލައި، ހިތްހެޔޮކަމާއެކު ބަސްބުނެލެވެން އަހަރެންނަށް އޮތްކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެ އެވެ. ނަފުސުގެ ކުށްވެރިކަން އަބަދުމެ ލޯމަތީން ފެންނާނެ އެވެ.








