އެމެރިކާ ސަރުކާރުގެ އެހީދޭ އިދާރާ ޔުނައިޓެޑް ސްޓޭޓްސް އެެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)އިން ކޮވިޑާ ގުޅޭ ކަންކަމަށް ހަރަދުކުރަން ރާއްޖެއަށް އަވަސް އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދޭން މިއަދު ނިންމައިފި އެވެ.
ޔޫއެސްއެއިޑުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އެހީ ބޭނުންކުރާނީ ހެލްތް މިނިސްޓްރީން ގަތުމަށް ރާވާފައިވާ ޒަރޫރީ ތަކެތި ގަތުމަށާއި، ލެބޯޓަރީތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ކޮވިޑް-19 ފެތުރޭ މިންވަރާ، ބަލި ޖެހޭ މީހުންގެ އަދަދާއި، މި ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުކުރުމަށް އެހީތެރިވެދިިނުމަށެވެ.
އޭގެ އިތުރުން މި އެހީގެ ބޭނުންކޮށްގެން ކޮވިޑް-19 ވެކްސިންގެ ތަފާސްހިސާބުތައް ދިރާސާކުރުމާއި، ކުދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އާބާތުރަ ފިލުވާ ބަލި މީހުންނަށް ފަރުވާދިނުމާއި، ދިވެހިންގެ ތެރޭގައި ވެކްސިން ޖެހުމަށް ފަސްޖެހޭ ކަންކަން ދެނެގަނެ ހައްލުހޯދަން މަސައްކަތްކުރާނެ އެވެ.
އަދި ހެލްތް މިނިސްޓްރީޏް އޮކްސިޖަން އިކޯސިސްޓަމް ރަނގަޅުކުރުމާށާއި، ލެބޯރަޓަރީތަކުގެ ފެންވަރު ރަގަޅުކުރުމަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށާއި، ޓެލެމެޑިސިން ބޭނުންކޮށްގެން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކޮވިޑް މެނޭޖްކުރަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެމެރިކާ ސަރުކާރުގެ މި އެހީއާ ގުޅިގެން ޔޫއެސްއެއިޑުން ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަން ޑިރެކްޓަރު ޑެބްރާ މޯސެލާ ވިދާޅުވީ މި އެހީގެ ސަބަބުން ކޮވިޑުގެ ގެއްލުން ކުޑަކުރުމަށާއި ބަލި މީހުންނަށް ފަރުވާ ދިނުމުގެ ފެންވަރު ރަނގަޅު ކުރަން އެހީވާނެ ކަމަށެވެ.
"މި އިތުރު 2 މިލިއަން ޑޮލަރުގެ އެހީ ރާއްޖޭގެ އެކި ރަށްތަކާ އަތޮޅުތަކަށް ފޯރާ، ކޮވިޑް-19 ގެ ގެއްލުން ކުޑަކުރުމަށް އެހީވެ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ބަލި މީހުންނަށް ފަރުވާ ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީވާނެ." ޑެބްރާ މޯސެލާ ވިދާޅުވި އެވެ.
މި އެހީއާ އެކު މިހާރު އެމެރިކާ ސަރުކާރުން ވަނީ ރާއްޖެއަށް 7 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އާއި މުދަލުގެ އެހީގެ އިތުރުން 60 ވެންޓިލޭޓަރާއި، ކޮވެކްސް ފެސިލިޓީގެ ތެރެއިން ވެކްސިން ހަދިޔާކޮށްފަ އެވެ.













