މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ ފްލައިން ސްކޫލުން އޭޝިއަން އެކެޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ހިންގި ފްލައިން ސްކޫލްގައި ކިޔަވަން ފަށައި ކިޔެވުން ނުނިމެ ތިބި ކުދިންނަށް އިސްކަންދޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.
އެމްއެންޔޫ އަދި އައިލެންޑް އޭވިއޭޝަނުން ވަނީ އައްޑޫގެ ގަމުގައި ފްލައިން ސްކޫލް ހިންގުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން އެމްއޯޔޫއެއްގައި ބުރާސްފަތި ދުވަހު ސޮއިކޮށްފަ އެވެ. މި ކުންފުނީގެ ދަށުން ސްކޫލް ހިންގުމަށް ހަވާލުކުރަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ އެވެ.
އައިލެންޑް އޭވިއޭޝަން އާއި ގައުމީ ޔުނިވާސިޓީ އިން މަސައްކަތްކުރަމުން ދަނީ މި އަހަރު ނިމުމުގެ ކުރިން ފްލައިން ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާށެވެ. ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ކިޔަވައިދެވޭނެކަމަށް މިހާދު ވަނީ ވިދާޅުވެފަ އެވެ.
އޭއޭއޭގެ ފްލައިން ސްކޫލްގައި ކިޔެވި ދަރިވަރުންގެ ތެރެއިން 100 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން އަދިވެސް ނުނިމެ އެވެ.

ބޮޑު ހަރަދެއް ކޮށްގެންވެސް ކިޔެވުން ފުރިހަމަ ނުވެ ތިބި ދަރިވަރުންނަށް އިސްކަންދޭނެކަން ފާހަގަކުރައްވައި މިހާދު ވިދާޅުވީ އެކުދިންގެ ކިޔެވުން ގޮސްފައިވާ ހިސާބު ބަލައި ފުރިހަމަކުރަންޖެހޭ ތަމްރީނުތައް މި އަހަރު ފަށައި އަންނަ އަހަރު އެކުދިންގެ ކިޔެވުން ނިންމާލުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"އެކި ކުދިންގެ ކިޔެވުން ހުއްޓިފައި ވަނީ އެކި ހިސާބުން، ހަމައެކަނި ފްލައި ކުރަންޖެހޭ ކުދިންވެސް އެބަ ތިބި، މިކުދިންނަށް އިސްކަންދޭނަން،" މިހާދު ވިދާޅުވި އެވެ.
މިހާދު ވަނީ އެ ކުދިން ސްކޫލަށް ދައްކަންޖެހޭ ފީ ދެއްކުމުގައި ލުއިފަސޭހަ ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓްރީތަކުން ވެސް އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށާއި އެ ކުންފުނިން ވެސް އެދަރިވަރުންގެ އަތުން ފީ ނެގުމުގައި ލުއިފަސޭހަކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަން އާއި އެމްއެންޔޫ ގުޅިގެން ހިންގަން އެއްބަސްވެފައިވާ ސްކޫލުން އަހަރެއްގެ ތެރޭގައި 80 ދަރިވަރުންނަށް ކިޔަވައިދޭނެ އެވެ. ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީ އަކީ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ސްކޫލެކެވެ. މި ސްކޫލްގައި މިހާރުވެސް ދިވެހި ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.











