ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފިނޭންސް މިނިސްޓްރީން ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދެ ސްކޫލް އިމާރާތްކުރަން ހުޅުވާލާފަ އެވެ.
އެ ހުޅުވާލުމަށް މާބޮޑު ތަރުހީބެއް ނުލިބުމުން މިނިސްޓްރީން މިވަނީ އަނެއްކާވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދެ ސްކޫލް އިމާރާތްކުރުމަށް ހުޅުވާލާފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. ސްކޫލް އިމާރާތްކުރުމަށް ހަވާލުކުރަނީ ސްކޫލް ޑިޒައިންވެސް ހަވާލުވާ ކުންފުނިން ކުރާ ގޮތަށެވެ.
މި ދެ ސްކޫލް އިމާރާތްކުރަން ހަވާލު ކުރަނީ އީޕީސީ ޓާންކީ އުސޫލުގެ ދަށުންނެވެ.

ކޮންމެ ސްކޫލެއްވެސް އިމާރާތް ކުރުމަށް 850،000 ރުފިޔާ ނުވަތަ އެއަދަދަށްވާ އެމެރިކާ ޑޮލަރު ފޯރުކޮށްދޭނެ އެވެ. ސްކޫލްތައް އިމާރާތްކޮށް ހަވާލުކުރެވޭ އިރު، ސްކޫލަތައް ބޭނުންކުރެވެން ޖެހޭނެ އެވެ.
ސްކޫލް އިމާރާތްކުރުމަށް ބިޑް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ކަނޑައަޅާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުންނެވެ.
ދިވެހި ކުންފުނިތަކުގެ ތެރެއިން ސްކޫލް އިމާރާތްކުރުމަށް ބިޑް ހުށަހެޅޭނީ ޕްލޭނިން މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށެވެ.
ބޭރުގެ ކުންފުންޏަކުން ސްކޫލް އިމާރާތްކުރުމަށް ބިޑް ހުށަހަޅާ ނަމަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ހިމެނޭ ކަންކަން ފުރިހަމަކުރަން ޖެހެ އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދެ ސްކޫލް އިމާރާތްކުރުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވާ އިރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ އެސަރަހައްދުގައި ޕްރައިވެޓް ސްކޫލެއް އިމާރާތްކުރަން ވިލާ ކޮލެޖު ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއެކު ސޮއިކޮށްފަ އެވެ.











