ރިޕޯޓުސުކޫކު ވިއްކަން ދައުލަތުގެ ހަރު މުދާ "ރަހުނު" ކުރަނީތަ؟

ސުކޫކު ވިއްކަން ދައުލަތުގެ ހަރު މުދާ "ރަހުނު" ކުރަނީތަ؟

ސުކޫކާއި އެސްޕީވީ އާއި ބެނިފިޝަލް އޯނާޝިޕް ފަދަ ލަފްޒުތައް އާންމު މީހަކަށް ފަހުމްވާން ދަތިވާނެ. އާންމު ރައްޔިތު މީހާގެ ކަންބޮޑުވުމަކަށް ވާނީ ދަރަނީގެ ގޮތުގައި ފައިސާ ނަގަން ދަރުމަވަންތަ ބޭނުންކުރާއިރު، އެ ދަރަނި އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ ތަނަށްވާނެ ގޮތަކާމެދު.

ދަރުމަވަންތަ ހޮސްޕިޓަލު: 25 ބުރީގެ މި އިމާރާތް ވަނީ ސުކޫކެއްގައި ބޭނުންކޮށްފައި. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ދަރުމަވަންތަ ހޮސްޕިޓަލު: 25 ބުރީގެ މި އިމާރާތް ވަނީ ސުކޫކެއްގައި ބޭނުންކޮށްފައި. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓުގައި ލިސްޓުކޮށްގެން 200 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކި އެވެ. އެ ހަބަރު ތިލަވެގެން އައިއިރު، ދަރަނީގެ އެ މުއާމަލާތަށްޓަކައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު "ރަހުނު" ކުރި ކަމުގެ ތުހުމަތުތައް ފެންމަތިވެ، ދައުލަތުގެ ހަރު މުދާތައް ވިއްކައިގެން އިތުރަށް ދަރަނި ނަގާކަމުގެ ބަދުނާމު ސަރުކާރުގެ ބޮލުގައި އެޅުވި އެވެ.

އެއީ އައިސީޑީ މެދުވެރިކޮށް ވިއްކި ޖުމްލަ 300 މިލިއަން ޑޮލަރުގެ ސުކޫކަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ހަދައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭތީ، އެކަމަށް ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލު ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމުންނެވެ.

އެގޮތަށް ހެދި ނަމަވެސް، އެއީ އެއްވެސް ހާލެއްގައި ދަރުމަވަންތަ ރަހުނު ކުރުން ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިސްވެ ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، އެއް ބަޔަކަށް އެ ވާހަކަ ގަބޫލުކުރަން ދަތިވި އެވެ.

Advertisement

ދަރުމަވަންތަ "ވިއްކާލި" ކަމުގެ ތުހުމަތު ރަނގަޅަށް އޮބިގެން ނުދަނީސް، ސަރުކާރުން އަނެއްކާ ވެސް އިސްލާމިކް ޓްރެޝަރީއެއް ވިއްކައިފި ކަމުގެ ހަބަރު ފެންމަތިވި އެވެ.

އަދި މިފަހަރު އެ ސުކޫކު ވިއްކީ ވެލާނާގޭގެ އިތުރުން އޮލިމްޕަސް "ރަހުނު"ކޮށްފައި ކަމުގެ އަޑުތައް ފެތުރުނެވެ.

އެއާއެކު އަނެއްކާވެސް މިނިސްޓަރު ވަނީ ދައުލަތުގެ އެއްވެސް މުދަލެއް "ރަހުނު" ނުކުރާ ކަމަށް ވިދާޅުވެ އެކަން ދިފާއު ކުރައްވައިފަ އެވެ.

މިފަހުން ވިއްކި ސުކޫކާ ގުޅޭގޮތުން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން އަމީރު ވިދާޅުވީ، މިދިޔަ ޖޫން މަހު ސަރުކާރުން ފުރަތަމަ ފަހަރަށް ޑޮމެސްޓިކް މާކެޓުގައި އިސްލާމިކް ޓްރެޝަރީއެއް އިސްލާމިކް ބޭންކަށް ވިއްކާފައިވާ ކަމަށެވެ.

ސަތޭކަ ޕަސަންޓް ސަރުކާރު ހިއްސާވާ އެސްޕީވީއެއްގެ ދަށުން އިސްލާމިކް ޓްރެޝަރީ މާކެޓެއް ތަރައްގީ ކުރުމަށްޓަކައި އެކަމަށް ބޭނުންވާ އެސެޓް ޕޫލެއް އުފައްދަވަމުން ގެންދަވާކަމަށް އަމީރު ވިދާޅުވި އެވެ.

އެ ޕޫލްގެ ތެރޭގައި ވެލާނާގެ އާއި ދަރުމަވަންތަ ވެސް ހިމެނޭނެކަމަށް އަމީރު އެއްބަސްވެވަޑައިގެންނެވި އެވެ.

އަމީރު
އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސުކޫކާއި އެސްޕީވީ އާއި ބެނިފިޝަލް އޯނާޝިޕް ފަދަ ލަފްޒުތައް އާންމު މީހަކަށް ފަހުމްވާން ދަތިވާނެ އެވެ. އާންމު ރައްޔިތު މީހާގެ ކަންބޮޑުވުމަކަށް ވާނީ ދަރަނީގެ ގޮތުގައި ފައިސާ ނަގަން ދަރުމަވަންތަ ފަދަ ހަރު މުދަލެއް ބޭނުންކުރާއިރު، އެ ދަރަނި އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ މުދަލަށް ވާނެ ގޮތަކާމެދު އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ތަޖުރިބާކާރު ޑރ. އައިޝަތު މުނީޒާ ވިދާޅުވި ގޮތުގައި އެކަން އެ ގޮތަށް މެދުވެރިވަނީ ރާއްޖޭގައި އިސްލާމިކް ފައިނޭންސިންނަށް ދިވެހި އެހާ ފަރިތަނުވާތީ ކަމަށެވެ.

އާންމުކޮށް ކޮންވެންޝަނަލް ފައިނޭންސްގެ ދަށުން ރާއްޖޭގައި ލޭންދޭނުގެ މުއާމަލާތްތައް ކުރެވޭތީ އެ އޮޅުން އަރަނީ ކަމަށް މިހާރު މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޮ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސްގައި އެސޯސިއޭޓް ޕްރޮފެސާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުނީޒާ ވިދާޅުވި އެވެ.

އެސްޕީވީ އަދި ބެނިފިޝަލް އޯނާޝިޕް

މުނީޒާ ވެސް ފާހަގަކުރެއްވި ފަދައިން، ކޮންވެންޝަނަލް ޓްރެޝަރީއާ ހިލާފަށް އިސްލާމިކް ފައިނޭންސިންގައި ހަމައެކަނި ފައިސާގެ މުއާމަލާތެއް ނުކުރެވެ އެވެ.

އޭގެ މާނައަކީ މިސާލަކަށް 200 މިލިއަންގެ ކޮންވެންޝަނަލް ޓީބީލެއް ވިއްކާފައި، އެ ވިއްކާ މުއްދަތެއްގެ ފަހުން 220 މިލިއަން އަނބުރާ ދައްކާ ގޮތަށް ފައިސާ ނުދެވޭނެ ވާހަކަ އެވެ.

އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން އެފަދަ މުއާމަލާތެއް ކުރެވޭނީ މުދަލެއް ހިމަނައިގެން ވިޔަފާރީގެ ނޫނީ ކުލީގެ މުއާމަލާތެއްގެ ގޮތުގަ އެވެ.

އިސްލާމިކް ފައިނޭންސްގައި ވެސް އެކި ޕްރޮޑަކްޓުތައް ހުންނައިރު، ދަރުމަވަންތަ ހިމެނޭ ސުކޫކަކީ އިޖާރާ އުސޫލުގެ ދަށުން ކޮމޯޑިޓީ މުރާބަހާ ކޮމްޕޯނެންޓެއް ވެސް ހިމެނޭ މުއާމަލާތެކެވެ.

އާންމު ބަހުރުވައިންނަމަ، އިޖާރާއަކީ ކުލީގެ އެއްބަސްވުމެކެވެ. ސުކޫކު ދޫކުރާ ފަރާތް ނޫނީ ސަރުކާރުގެ ހަރު މުދަލެއް އަގުކޮށްފައި އޭގެން ބައެއް ނޫނީ އަގަށްވާ ވަރަށް ފައިސާ ހޯދުމަށްޓަކައި އެވެ. އެކަމަށްޓަކައި ބޭނުންވާ އަދަދަށްވާ ވަރަށް ސުކޫކު ސެޓްފިކެޓުތަކެއް ދޫކުރާނީ އެވެ. ކުންފުނިތަކުގެ ހިއްސާއެކޭ އެއް ގޮތަށް އޭގެން ކޮންމެ ސެޓްފިކެޓެއްގެ މޫނުމަތީ އަގެއް އޮންނާނެ އެވެ. މިސާލަކަށް 200 މިލިއަން ޑޮލަރުގެ ސުކޫކެއްގައި ދެ މިލިއަން ޑޮލަރުގެ އަގަށްވާ 100 ސުކޫކު ސެޓްފިކެޓް އިޝޫކޮށްފާނެ އެވެ.

އެ ސެޓްފިކެޓުތައް އާންމުކޮށް ގިނަ ފަރާތްތަކުން ގަންނައިރު، އެ ހުރިހާ ފަރާތްތަކާ ނޫނީ ސުކޫކް ހޯލްޑަރުންނާ މުއާމަލާތްކޮށް އެއްބަސްވުންތައް ހަދަން ދަތިވާނެތީ، އެކަމަށްޓަކައި މި އުފައްދަނީ އެސްޕީވީ އެކެވެ. އޭގެ އަނެއް ބޭނުމަކީ އެ މުއާމަލާތުގައި ހިމެނޭ މުދަލެއް ސަރުކާރުގެ ބެލެންސް ޝީޓުން ނަގައި، ޓެކްސް އިސްތިސްނާ ލިބިފައިވާ ކުންފުންޏަކަށް ބަދަލުކުރުމެވެ.

"ސުކޫކު ހޯލްޑަރުންގެ ޓްރަސްޓެއްގެ ގޮތުގައި އެސްޕީވީ މި އުފައްދަނީ. ދެން އެ ހަރު މުދަލެއްގެ ބެނިފިޝަލް އޯނާޝިޕް ނޫނީ ލީސް ރައިޓްސް މިދެނީ އެ އެސްޕީވީއަށް. ދެން އެސްޕީވީން ދަރުމަވަންތަ އަނބުރާ ސަރުކާރަށް މިދެނީ ކުއްޔަށް،" މުނީޒާ ވިދާޅުވި އެވެ.

"އެއީ ސެކިޔުރިޓައިޒް ކުރުން. އިލިކުއިޑް އެއްޗެއް ލިކުއިޑް ކުރަނީ. އެ ހަރުމުދާ ފައިސާއަށް މި ބަދަލުކުރެވޭނެ މަގެއް މި ހޯދަނީ އެތަން ސީދާ ވިއްކާ ނުލައި."

އެ އެއްބަސްވެވޭ ގޮތެއްގެ މަތިން، ކުލީގެ ގޮތުގައި ސަރުކާރުން އެސްޕީވީއަށް ދައްކަނީ "އިންޓަރެސްޓް" ނޫނީ އިސްލާމިކް ފައިނޭންސްގައި ކިޔާ ގޮތުންނަމަ "ކޫޕަން" އަށްވާ ފައިސާ އެވެ.

ދަރުމަވަންތަ ހިމެނޭ ސުކޫކުގައި ޖުމްލަ 300 މިލިއަން ޑޮލަރު ނަގާފައިވަނީ ގާތްގަނޑަކަށް 10.5 ކޫޕަން ރޭޓެއްގައި ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.

ދެން އެ ސުކޫކުގެ ޕްރިންސިޕަލް ނޫނީ ގަނޑުކޮށް ލިބުނު 300 މިލިއަން ޑޮލަރު އަނބުރާ ދައްކާނެ އުސޫލެއް ވެސް އެއްބަސްވުމުގައި ހިމެނިފައި އޮންނާނެ ކަމަށް މުނީޒާ ވިދާޅުވި އެވެ.

"އެއީ ވެދާނެ ވަކި ޕީރިއަޑްތަކަކަށް ބަހާލައިގެން ދައްކާ ގޮތަށް ވެސް. ނޫނީ އެ މުއްދަތު ހަމަވީމާ އެއް ފަހަރާ އެ އަދަދު ދައްކާ ގޮތަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ޑިފޯލްޓުވިޔަސް މުދަލެއް ނުގެއްލޭނެ

މިފަދަ މުއާމަލާތެއްގެ ދަށުން ވެސް ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިފިނަމަ ދެން އެ މުދަލަށް ވާނެ ގޮތަކާމެދު އޮތް ކަންބޮޑުވުމަށް ވެސް މުނީޒާ ވަރަށް ސާފުކޮށް ޖަވާބު ދެއްވި އެވެ.

މުނީޒާ ވިދާޅުވި ގޮތުގައި އެ މުއާމަލާތުގައި އެ މުދަލެއްގެ ލީގަލް ރައިޓްސް ނުދޭއިރު، ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ވެސް އެތަނުގެ މިލްކުވެރިކަން ނުގެއްލޭނެ އެވެ.

އަދި އެފަދަ ހާލަތެއްގައި އެސްޕީވީއަށް އަމަލުކުރެވޭނެ އުސޫލުތަކެއް ނޫނީ ލިމިޓެޑް ރީކޯސްތަކެއް އެއްބަސްވުމުގައި ހިމަނާފައި ހުންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ސަރުކާރަށް ފައިސާ ނުދެއްކުނީ. ދެން އެކަމާ ދެފަރާތުން ވާހަކަ ދެއްތޯ އެންމެ ފުރަތަމަ ދައްކާނީ. އޭގެ ފަހުން ދެއްތޯ އެސެޓާ ހަމައަށް ވެސް ދާނީ،" މުނީޒާ ވިދާޅުވި އެވެ.

ވެލާނާގެ
ވެލާނާގެ

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ. - ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރުން މިފަހުން ޑޮމެސްޓިކް މާކެޓުގައި ވިއްކި އިސްލާމިކް ޓްރެޝަރީގެ މައުލޫމާތު އެނގިވަޑައިގަންނަވާ މި ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ކޮންވެންޝަނަލް ބޮންޑެކޭ އެއް ފަދައިން ސުކޫކުގައި ވެސް އިންވެސްޓުކުރާ ފަރާތްތަކުން ބަލާނީ އެކަމުގައި ހިމެނޭ މުދަލަކަށް ނޫން ކަމަށެވެ.

"ކޮންވެންޝަނަލް ބޮންޑު މި ގަންނަނީ އިންޓަރެސްޓް ލާފައި ސީދާ ނަގުދު ފައިސާ. އޭގައި އެއްވެސް ރަހުނެއް ވެސް ނޯންނާނެ. އެއީ ސަރުކާރަށް ދޭ އެއްޗެއް ނޫނީ ސަވަރިން ބޮންޑަކަށްވާތީ،" ނަން ނުޖަހަން އެދި އޭނާ ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވި ފަދައިން ސުކޫކުގައި ވެސް ގާތްގަނޑަކަށް ހަމަވަނީ އެއް ގޮތެކެވެ. ސުކޫކު ގަންނަ ފަރާތްތަކުން ވެސް އެ ސެޓްފިކެޓް ގަންނަނީ އެ މުއާމަލާތުގައި ހިމެނޭ ހަރު މުދަލަށް ބަލައިގެން ނޫނެވެ.

އެ މުދަލެއް ހަމައެކަނި ކަރުދާހުގައި ހިމަނަނީ ރިބާއަށް ނުވާ ގޮތަށް އިސްލާމިކް ޝަރީއާ ހުއްދަކުރާ އުސޫލުތަކާއި ހަމަތަކުގެ މަތިން ވިޔަފާރި ނޫނީ ކުއްޔަށް ދިނުމުގެ މުއާމަލާތެއް ހިންގުމުގެ ބޭނުމުގަ އެވެ.

"މިސާލަކަށް 300 މިލިއަން ޑޮލަރު ދީފައި ބޭރު ބަޔަކު ނުގަންނާނެ ދެއްތޯ ދަރުމަވަންތަ ހޮސްޕިޓަލެއް. އަނެއްކާ އެތަން އަގު ވެސް މި ކުރަނީ އެތަން ހަދަން ދިޔަ ހަރަދާވެސް އެކުގައި. އެއީ ހަމައެކަނި ކަރުދާހުގައި އޮންނަ ވެލުއޭޝަނެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވި ފަދައިން ސަރުކާރުން ނަގާފައިވާ ދަރަންޏެއް ނުދެއްކޭ ނޫނީ ޑިފޯލްޓްވާ ހާލަތަކީ ހަމައެކަނި އިމާރާތެއްގެ މިލްކުވެރިކަން ގެއްލުމަށް ވުރެ ސީރިއަސް ހާލަތަކަށްވާނެ އެވެ.

"ކޮންވެންޝަނަލް ބޮންޑެއް ނުދެއްކިއްޖެއްޔާ ވެސް ދާނީ ކޯޓަށް ނޫންތޯ. ދެން ކޯޓުން ވެސް އަންގާނީ ސަރުކާރުން އެ ފައިސާ ދައްކަން. އެއީ ރަށެއް ވިޔަސް އިމާރާތެއް ވިޔަސް ބިމެއް ވިޔަސް ވިއްކައިގެން ވިޔަސް އެ ފައިސާ ހޯދައިގެން އަނބުރާ ދައްކަން. ސުކޫކުގައި ވެސް ހަމަވާނީ އެއް ގޮތެއް. އެފަދަ ހާލަތެއްގައި މެޓާއެއް ނުވާނެ ދެއްތޯ ލިކުއިޑޭޓް ކުރަންޖެހެނީ ކޮން އެސެޓެއް ކަމެއް،" އޭނާ ވިދާޅުވި އެވެ.

މުހައްމަދު ވިޝާމް

--

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox