ކޮވިޑުގައި މަރުވި ފާތިމަތު މިޝްކާ އަށް ފަރުވާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެކަށީގެންނުވާ މިންވަރަށް ލަސްވުންތަކެއް އުޅޭ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިޝްކާގެ މަރާ ގުޅޭ ގޮތުން މިނިސްޓްރީން މިއަދު ނެރުނު ކޭސް ރިޕޯޓުގައި، އެ ހާދިސާ ހިނގުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަން ތަފްސީލާ އެކު ހާމަކޮށްފައިވެ އެވެ. އޭގެތެރޭގައި، ކޯލް ސެންޓަރުގެ ފަރުވާ ކުޑަކަމާއި މިޝްކާއަށް ފަރުވާ ފޯރުކޮށްދިނުމުގެ ޒިންމާ ޑީއެމްއާރުޓީގެ ޑޮކްޓަރު އަދާކޮށްފައި ނުވާ ކަމަށް ވެސް ވެ އެވެ.
ރިޕޯޓުގައި ވަނީ، ތަކުރާރުކޮށް އާއިލާ އިން ގުޅަމުން ދިޔަ ކޯލްތަކަށް އެޗްއީއޯސީން އަޅާނުލިކަން ފާހަގަކޮށްފަ އެވެ.
"މި ހާދިސާގައި އެޓެންޑްވާން ޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާ އެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑް ވެފައިވާ ނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ،" ރިޕޯޓުގައިވެ އެެވެ.

ޑީއެމްއާރުޓީން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުން ވެސް ހާލަތު އެންމެ ރަނގަޅަށް ބަލާފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މިޝްކާ ބަލައި ފޮނުވާނެ ކަމަށް ކޯލް ސެންޓަރުން ދިން ޔަގީންކަމަށް ބެލެނިވެރިން އިތުބާރު ކުރި ކަމަށާއި ނަމަވެސް ދެ ގަޑިއިރާއި 26 މިނެޓް ވި އިރު ވެސް އެމްބިއުލަންސް ޓްރިގާކޮށްފައި ނުވާ ކަން ރިޕޯޓުގައި އެބައޮތެވެ.
"ހަމަ މިއާ އެކު އެޗްއީއޯސީގެ ކޯލް ސެންޓަރުންް ކޯލްތަކަށް ޖަވާބުދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އަދި ބަދަލު ދެނެގަނެވިފައި ނެތް ކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވެ އެވެ،" ރިޕޯޓުގައިވެ އެވެ.
މިނިސްޓްރީން ބުނީ މި ރިވިއުއަށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަަމަށެވެ. ނަމަވެސް އިހުމާލުވެފައިވަނީ ސީދާ ކޮން ބައެއް ކަމުގެ ތަފްސީލު ރިޕޯޓުގައި ދީފައެއް ނުވެ އެވެ.
މި ރިޕޯޓް ނެރުނީ 28 މީހަކާ އިންޓަވިއުކުރުމުގެ އިތުރަށް ގިނަ ލިއުންތަކެއް ބަލައި ދިރާސާކުރުމަަށް ފަހު އެވެ. އިންޓަވިއު ކުރި މީހުންގެ ތެރޭގައި ކްލަސްޓާތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކާއި ބެލެނިވެރިޔާ ވެސް ހިމެނެ އެވެ.
އެޓެންޑެޑް ޖެހި ޑޮކްޓަރުގެ މައްސަލަ
ހެލްތު މިނިސްޓްރީން މީގެ ކުރިން ނެރުނު ރިޕޯޓުގައި، ޑީއެމްއާރުޓީގެ ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިންނަށް ގުޅި ގަޑީގައި، ފޯނަށް ޖަވާބު ނުދެވުން ވާހަކަ އޮތެވެ. އެ ރިޕޯޓުގައި އޮތް ގޮތުގައި، ޑޮކްޓަރު "އެޓެންޑެޑް" ޖަހައި ނިންމާލީ އެވެ.
މިއަދުގެ ރިޕޯޓުގައި މިއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް މިނިސްޓްރީން އޮތީ ފާހަގަކޮށްފަ އެވެ.
"21:06 ގައި، ކުއްޖާގެ ބެލެނިވެރިޔާ ފޯނުން ގުޅުމަށް ފަހު ކުއްޖާ ތަންކޮޅެއް ގޯސްވާހެން ހީވާކަމަށް ބުނެ ކޮންސަލްޓޭޝަނަކަށް ރިކުއެސްޓްކުރުމުން 21:53 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރު ވަނީ ކުއްޖާގެ ބެލެނިވެރިޔާ އަށް ގުޅާފައި ކަން. އެހެން ނަމަވެސް އެ ފަހަރު ކޯލް މިސްވުމުން ސިމްޕްޓޮމެޓިކް ޓިކެޓްސް (އެމްއެމްއާރުސީ) ޝީޓުގައި ނޮޓް ރެސްޕޯންޑިން އަދި އެޓެންޑަޑް ކޮލަމްގައި އެކަން ފާހަގަކޮށްފައިވާ ކަން،" ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނީ މިޝްކާގެ ކޭސްއަކީ އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ބަލައިގެންފައި ނުވާ ކަމަށެވެ. އެމްބިއުލަންސް ނުފޮނުވި ލަސްވި ސަބަބެއް ނުވަތަ އެކަމުގެ ޒިންމާ ކޯލް ސެންޓަރުން ނަގައިފައެއް ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މިޝްކާގެ މަރާ ގުޅޭ ގޮތުން މިއަދު ނެރުނު ކޭސް ރިޕޯޓުުގައި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިނގަމުންދާ ގޮތުގެ ބޮޑެތި މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ. މިކަންކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ވެސް ރިޕޯޓުގައި ދީފައިވެ އެވެ.












