މިޝްކާގެ މަރުގައި އިހުމާލުވި މީހުންނަށް ފިޔަވަޅުއަޅައިދޭން އެދިއްޖެ

މިޝްކާ: އާއިލާއިން ވަނީ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުން ކިބައިން އެދިފައި

މިޝްކާ: އާއިލާއިން ވަނީ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުން ކިބައިން އެދިފައި

ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެންދިޔުމުގައި އިހުމާލުވެފައިވާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅައިދިނުމަށް އާންމު ފަރާތަކުން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިއުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެޓު ހޭދަވިކަން ހެލްތު މިނިސްޓްރީން ހެދި ދިރާސާ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ހެލްތު މިނިސްޓްރީން އާންމު ކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާއިރު ވެސް އޭނާގެ ހާލު ބަލާފައެއް ނުވެ އެވެ. އަދި އެޗްއީއޯސީގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ކެއާ ކްލަސްޓާ އިން ވެސް އަޅައެއް ނުލި އެވެ. އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެގެން ތަކުރާރުކޮށް ކޯލް ސެންޓަރަށް ގުޅުމުން ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައެއް ނުވެ އެވެ. އެކަމަކު، އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ބެލެނިވެރިންނަށް ދިނީ ދޮގު މައުލޫމާތެވެ.

Advertisement

އެންމެފަހުން މިޝްކާ ބަލައި، އެމްބިއުލާންސް ފޮނުވީ ބެލެނިވެރިންގެ ފަރާތުން މީހަކު ދަރުބާރުގެއަށް ގޮސް އެކަމަށް އެދުމުންނެވެ. އެމްބިއުލާންސްއަށް މިޝްކާ އެރުވިއިރު އޮތީ ހަބަރު ހުސްވެފަ އެވެ. އޭނާ މަރުވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދަނިކޮށް އޭގެ 24 ގަޑިއިރު ފަހުންނެވެ.

މިޝްކާގެ މަރުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީގެ ރިވިއު ރިޕޯޓުގައި އެއްބަސްވެފައިވެ އެވެ. އެކަމަކު އެކަމުގައި އިހުމާލުވީ މީހަކަށް ފިޔަވަޅު އެޅި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެ ހިތްހަމަނުޖެހުމާ އެކު މައްސަލައިގައި އިހުމާލުވީ މީހުންނަށް ފިޔަވަޅު އަޅައިދޭން އާންމު ފަރާތަކުން އިއްޔެ ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ. އެއީ، ސީދާ މިޝްކާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ފޮނުވި ސިޓީއެއް ނޫނެވެ.

ފުލުސް އޮފީހަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އިހުމާލުވި އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅައިދިނުމަށެވެ.

އެ ސިޓީގެ ކޮޕީއެއް "އަދަދު"އަށް ލިބިފައިވާއިރު، އޭގައި ބުނެފައިވަނީ "އިންސިޑެންޓް ކޮމާންޑަރު"ގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުގެ ޒިންމާ ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި މަސްލަހަތަށްޓަކައި އުނިކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އޭނާއަކީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލްގެ މަގާމުގައި ހުރި އިބްރާހިމް ނިޝާން އަހްމަދެވެ.

އޭނާގެ ޒިންމާތައް ވަރަށް ފުޅާކޮށް އަދި ހާއްސަކޮށް ހައިރިސްކު ބަލިމީހުންނާއި ކުޑަކުދިންގެ ހާލަތު ބެލުމުގައި އޮތްއިރު އެކަމުގައި އިހުމާލުވެފައިވާ ކަމަށް ގަބޫލުކުރެ އެވެ. އެގޮތުން، އެޗްއީއޯސީގެ ހުރިހާ ސެކްޝަންތަކަކުން ބޭނުން ކުރަމުން އަންނަ ސޮފްޓްވެއާ "އައުޓް ބްރޭކް ސިސްޓަމް"އަށް ކޮންޓެކްޓް ޓްރޭސިން ސެކްޝަނުން ފީޑްކޮށްފައިނުވާކަން ހެލްތު މިނިސްޓްރީގެ ރިޕޯޓް އެނގޭ ކަމަށް ސިޓީގައި ބުނެ އެވެ.

"އިންސިޑެންޓް ކޮމާންޑަރު، ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ދައުލަތުން ހަވާލުކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު ގަސްދުގައި އަދާކޮށްފައި ނުވޭ،" ސިޓީގައިވެ އެވެ.

ސިޓީ ބުނި ގޮތުގައި ޕޮޒިޓިވްވެފައިވާ ހައިރިސްކު ކެޓަގަރީގެ މީހުންގެ ބަލީގެ މައުލޫމާތު ކޮންޓެކްޓް ޓްރޭސިން ސެކްޝަނުގެ ޓީމު ލީޑަރު، ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރުގެ އިހުމާލުން ގަވައިދުން ސިސްޓަމަށް އަޅަމުން ގޮސްފައި ވެސް ނުވާ ކަމަށެވެ.

އޭގެއިތުރުން ފާހަގަކޮށްފައިވާ ގޮތުގައި ބަލިމީހާއަށް ޖެހިޖެހިގެން ދެ ފަހަރު ނުވަތަ ތިން ފަހަރަކު ގުޅާފައި ފޯނު ނުނެގުމުން އެޓެންޑެޑް ޖެހުމަށް ފަހު ކޭސް ކްލޯސް ކުރަމުން އަންނަ ކަމަށް އެތަނުގައި މަސައްކަތް ކުރާ ވޮލެންޓިއަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ސިޓީގައިވެ އެވެ.

މިކަން މިޝްކާގެ މައްސަލާގައި ވެސް ފާހަގަކޮށްފައި އޮތެވެ. އެގޮތުން ޖެނަރަލް ކޮންސަލްޓޭޝަން ޑޮކްޓަރު، މިޝްކާގެ ބެލެނިވެރިޔާއަށް ގުޅުމުން ކޯލް މިސްވުމުން "ކޭސްއަށް އެންޓެންޑެޑް"ވި ކަމަށް ސިސްޓަމަށް އެޅި އެވެ. އަނެއްކާވެސް މިޝްކާގެ ބެލެނިވެރިން ކޯލް ސެންޓަރަށް ގުޅައި އޭނާގެ ހާލު ވަރަށް ގޯސް ކަމަށް އެންގި އެވެ.

"މިޝްކާ ނިޔާވުމަށް މެދުވެރިވި މައްސަލާގައި މީހެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވީ އިހުމާލުން ކަމުގައިވާތީ އާއި އެކަމަކީ ގާނޫނުލްއުގޫބާތުގައި ސީރިއަސް ޖިނާއީ މައްސަލައެއް ކަމުގައި ބަޔާންކޮށްފައިވާތީ މަސްއޫލިއްޔަތާއި ވަޒީފާ ބަޔާނަށް ރިއާޔަތްކޮށް އިންސިޑެންޓް ކޮމާންޑަރުގެ މައްޗަށް ތަހުގީގު ހިންގައި ޖިނާއީ ދައުވާކޮށް ދެއްވައި މައްސަލަ ބަލަމުން އަންނަކަން ސިވިސް ސާވިސް ކޮމިޝަނަށް އަންގައި ދިނުމަށް އެދެން،" ސިޓީގައި އެދިފައިވެ އެވެ.

މިޝްކާއަށް އިހުމާލުވި ގޮތުގެ ހުލާސާ:

ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ހިމަނާފައިވާ މިޝްކާގެ އާއިލާގެ ފަރާތުން އެޗްޕީއޭގެ ކޯލް ސެންޓަރަށް ގުޅާފައިވާ ކޯލް ލޮގުތަކަށް ބަލާއިރު، އެ ކުއްޖާ ހުންގަދަކަމާއި އެއްޗެއް ނުކެވޭކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއަށް އަންގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު 2:20 ގަ އެވެ.

އެ އޮންނަ އުސޫލުތަކުގެ ތެރެއިން ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިޔާއަށް ގުޅާފައިވަނީ އޭގެ ދޮޅު ގަޑިއިރެއްހާ އިރު ފަހުން 3:53 ގައި ކަމަށް ދައްކަ އެވެ. އޭރު ގުޅައި ޑޮކްޓަރު ލަފާ ދީފައިވަނީ އޭރު ދެމުންދިޔަ ބޭސް ދެމުންގެންދިޔުމަށާއި، ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ އަލުން ގުޅުމަށެވެ.

އޭގެ ފަހުން މިޝްކާއަށް ނޭވާލާން އުނދަގޫވެ އަތް ތަޅުވަމުންދާ ކަމަށް ބުނެ ބެލެނިވެރިޔާ އެޗްޕީއޭއަށް ގުޅާފައިވަނީ އެރޭގެ 9:06 ގަ އެވެ. އަދި ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނުމުން އެ ވާހަކަ ސިސްޓަމަށް އެޅި ކަމަށް ރިޕޯޓުގައި ބުންޏެވެ. އަދި އެ ކޯލާ ގުޅިގެން 9:53 ގައި ޑޮކްޓަރު ގުޅި ނަމަވެސް، މިޝްކާގެ ބެލެނިވެރިޔާއާ ގުޅިފައިނުވި ނަމަވެސް، ޑޮކްޓަރު ސިސްޓަމަށް އެޅީ އެ ކޭހަށް އެޓެންޑުވެވުނު ކަމަށެވެ.

ކޯލު ލޯގު ދައްކާ ގޮތުން، ޑޮކްޓަރުގެ މިސް ކޯލް ފެނިގެން، ބެލެނިވެރިޔާ އަލުން ހޮޓްލައިނަށް ގުޅާފައިވަނީ 10:06 ގަ އެވެ. އެފަހަރުވެސް ކުއްޖާ ނޭވާލާން އުނދަގުވާ ކަމަށް ބުނެފައިވެ އެވެ.

ދެން 10:33 ގައި ޑޮކްޓަރު އަލުން ގުޅުމުން، މިޝްކާއަކީ ކޮވިޑު ޕޮޒިޓިވް ކޭހެއް ކަމާއި، ނޭވާލާން އުނދަގޫވެ، ހުން އަންނަތާ ހަ ދުވަސް ވެފައިވުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާތީ ވާ އުނދަގޫތައް އަމިއްލައަށް ކިޔައިދޭން ނޭނގޭކަމަށް ބެލެނިވެރިޔާ ހިއްސާކުރިކަމަށް ކޯލް ލޮގުން ދައްކަ އެވެ.

އެއާއެކު، އޭގެ ހަ މިނެޓު ފަހުން އެމްބިޔުލަންސް ފޮނުވަން ކަނޑައަޅާފައިވާ ދެ ކްލަސްޓާއަށް އެ މައުލޫމާތު ޑޮކްޓަރު ހިއްސާ ކުރި ނަމަވެސް، އެމްބިޔުލަންސް ދިޔުމަށް އަންގާފައިނުވާކަން ސިސްޓަމުން ފެންނަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްބިޔުލަންސް އައުން ލަސްވެގެން، 11:16 އާއި 11:33އާ ދެމެދު މިޝްކާގެ ބެލެނިވެރިން ފަސް ފަހަރެއްގެ މަތިން ގުޅާފައިވާއިރު، އެތަނުން އެއް ކޯލުގައި މިޝްކާގެ ހާލު ދައްވަމުންދާ ކަމާއި ހޭނެތި، ނޭފަތުން ލޭ އަންނަ ކަމަށް ބުނެފައިވެ އެވެ. އެމްބިޔުލަންސް ފޮނުވިފައިވާކަމަށް ބެލެނިވެރިން ގާތު ކޯލް ސެންޓަރުން ބުނި ނަމަވެސް، އޭރު ވެސް އެމްބިޔުލެންސް ފޮނުވާފައިނުވާކަމަށް ތަހުގީގަށް ވަނީ ހާމަވެފަ އެވެ.

އޭގެ ފަހުން ވެސް އެމްބިޔުލަންސް ނައިސްގެން 11:27 ގައި ބެލެނިވެރިޔާގެ ފަރާތުން އެޗްއީއޯސީ ހިންގާ މައި މަރުކަޒު ދަރުބާރުގެއަށް މީހަކު އައިސް އެކަން އަންގާފައިވާކަމަށް ލޮގުތަކުން ދައްކަ އެވެ.

އެންމެ ފަހުން 11:38 ގައި އެމްބިޔުލަންސަށް ދެވުނުއިރު، ކުއްޖާގެ ހަރަކާތެއް ނެތް ކަމާއި ވަގުތުން ސީޕީއާރު ދެވުނު ކަމަށް ބުނެފައިވެ އެވެ. އެ ހާދިސާގައި އެންމެ ފަހުން ލޮގު ކޮށްފައިވަނީ އޭގެ ހަތަރު މިނެއްޓު ފަހުން، މިޝްކާ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދެވުނު ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox