ސްޕެއިންގެ އުފެއްދުމެއް ކަމަށްވާ މޮޑާނާ އާއި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފި އެވެ.
މިއާއެކު ރާއްޖޭގައި ބޭނުން ކުރަން ހުއްދަދިން ކޮވިޑް ވެކްސިންގެ އަދަދު މިވަނީ ހަޔަކަށް އަރައިފަ އެވެ.
އެމްއެފްޑީއޭން ބުނީ އާ ދެ ވެކްސިނަށް ވެސް ހުއްދަ ދީފައިވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ. އެ ދެ ވެކްސިން ބޭނުން ކުރަން ހުއްދަ ދިނީ މިހާރު އޮތް ހާލަތަށް ބަލައި "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓްއޭޝަން" ނުވަތަ ކުއްލި ހާލަތުގައި ބޭނުންކުރާށެވެ.

ޖެންސެން ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރަން ޑަބްލިޔުއެޗްއޯއިން ހުއްދަ ކުރުމާ އެކު 42 ގައުމެއްގައި ބޭނުން ކުރަން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ބެލްޖިއަމާއި ނެދަލޭންޑްސް އާއި ކެނެޑާ އަދި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތައް ވެސް ހިމެނެ އެވެ.
އެމަޖެންސީގައި ބޭނުން ކުރުމަށް މޮޑާނާ ވެކްސިނަށް ވެސް ޑަބްލިޔުއެޗްއޯއިން ހުއްދަ ދީފައިވާއިރު މިހާތަނަށް 49 ގައުމެއްގައި ދަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ކެނަޑާ އާއި ސްވިޒަލޭންޑް ހިމެނެ އެވެ.
ދެ ވެކްސިން ވެސް ބަހައްޓަން ޖެހެނީ 15-25 ޑިގްރީ ސެލްސިއަސްގަ އެވެ. އެހެންކަމުން އެ ވެކްސިން ރާއްޖެ ގެނައުމާއި ގެންގުޅުމުގައި "ކޯލްޑް ޗެއިން" ގައި ބެހެއްޓުމަށް ވަނީ ޝަރުތުކޮށްފަ އެވެ.
މި ދެ ވެކްސިނަށް ހުއްދަ ދިން އިރު، އިންޑިއާގެ ކޮވިޝީލްޑް، ޗައިނާގެ ސިނޯފާމް އަދި އެމެރިކާގެ ފައިޒާ އާއި ރަޝިއާގެ ސްޕަޓްނިކްއަށް ރާއްޖޭގައި ވަނީ ހުއްދަ ދީފަ އެވެ.
ރާއްޖޭގައި އެންމެ އާއްމުކޮށް ދެމުން އައި ކޮވިޝީލްޑް ވެކްސިން މަދުވުމުން ސަރުކާރުން އަންނަނީ އިތުރު ވެކްސިން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އޯޑަރުކޮށްފައި ވަނީ ސްޕަޓްނިކްގެ 200،000 ޑޯޒަށެވެ.
ކޮވިޑް ވެކްސިން ރާއްޖޭގައި ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.
މި ވެކްސިން މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.











