ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް ފެތުރި ސިއްހީ ދާއިރާއަށް ބާރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ފްރަންޓްލައިން މަސައްކަތްތެރިންނަށް ބޭނުންވާ މެޑިކަލް ސާމާނު އެމެރިކާ ސަރުކާރުން ފޯރުކޮށްދީފި އެވެ.
އެމެރިކާ ސަރުކާރުން ހިންގާ ޔޫއެސްއެއިޑް ޕްރޮގްރާމުގެ ތެރެއިން ރާއްޖެއަށް ހަދިޔާކުރި އެމަޖެންސީ ސަޕްލައި ހިފައިގެން ރާއްޖެ އައި ފްލައިޓް ޖެއްސީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ޔޫއެސްއެއިޑުން ރާއްޖެއަށް ފޮނުވި ސަޕްލައިތަކުގެ ތެރޭގައި ގޮގްލްސް، އަންގި އަދި ކޭއެން95 މާސްކުގެ އިތުރުން 600 ޕަލްސް އޮކްސިމީޓަރު ހިމެނެ އެވެ.
މި ފްލައިޓް ރާއްޖެ އައުން ފާހަގަކުރުމަށް ބޭއްވި އޮންލައިން ބައްދަލުވުމުގައި އެމެރިކާ އެމްބަސީ ހިންގުމާ ހަވާލުވެ ހުންނެވި މާޓިން ކެލީ އާއި، ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ރީޑް އެޝްލިމަން އަދި ރާއްޖޭގެ ފޮރިން ސެކެޓްރީ އަބްދުލް ޣަފޫރު މުހައްމަދުގެ އިތުރުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި އެހީއާ ގުޅިގެން މާޓިން ކެލީ ވިދާޅުވި ގޮތުގައި ރާއްޖެއަށް މި ވަގުތަށް އެންމެ ބޭނުންވާ ސަޕްލައިތައް ފޯރުކޮށްދޭން ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންނެވެ. އަދި މި އެހީގެ ސަބަބުން ސިއްހީ މަސައްކަތްތެރިންނަށް ބަލި މީހުންނަށް ފަރުވާދޭން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ ރައްޔިތުންގެ ފަރާތުން ފޯރުކޮށްދޭ މި ދީލަތި އެހީއަކީ ކޮވިޑް ބަލިމަޑުކަން ފެށުނީންސުރެ މި ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބައެއް. އަދި މި އެހީގެ ސަބަބުން އިސްސަފުގައި ހަރަކާތްތެރިވާ ހިދުމަތްތެރިންނާއި މި ބަލީގައި ހާލުދެރަވެފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެހީތެރިވާނެ -- މާޓިން ކެލީ
މީގެ ކުރިން ވެސް ޔޫއެސްއެއިޑް މެދުވެރިކޮށް ރާއްޖެއިން ކޮވިޑް ކޮންޓްރޯލްކުރަން ކުރާ މަސައްކަތްތަށާއި ސިއްހީ ދާއިރާގެ ވަސީލަތްތައް އިތުރުކުރަން އެހީތެރިވެދީފަ އެވެ.
އެގޮތުން 2.75 މިލިއަން ޑޮލަރުގެ އެހީ އަދި 60 ވެންޓިލޭޓަރު ފޯރުކޮށްދީފީ އެވެ. އަދި ސިއްހީ މަސައްކަތްތެރިންނަށް ކޮވިޑާ ގުޅިގެން ދޭންޖެހޭ ޓްރެއިނިން އަދި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގުމަށް ވެސް އެހީތެރިވަމުންނެވެ.
އެމެރިކާ ސަރުކާރުން ވަނީ އެ ގައުމުން އެންމެ ފުރަތަމަ ވެކްސިން ފޯރުކޯށްދޭ ގައުމުތަކުގެ ލިސްޓުގައި ވެސް ރާއްޖެ ހިމަނާފަ އެވެ.
އެ ގައުމުގެ ސަރުކާރުން ދެކުނު އޭޝިއާގެ ގައުމުތަކަށް ހަތް މިލިއަން ވެކްސިން ޑޯޒް ހަދިޔާ ކުރާނެ އެވެ. މީގެ ތެރެއިން 75 ޕަސެންޓު ހަދިޔާ ކުރަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިންނެވެ.













