ވަކި ގައުމުތަކަކުން ސިއްހީ ހިދުމަތްތެރިން ރެކްރޫޓުކުރަން ހުޅުވާލާފައިވާތީ, އެމްޕްލޯއިމަންޓް އޭޖެންސީތަކުގެ ޔޫނިއަނުން ފާޅުކުރި ކަންބޮޑުވުންތަކަށް ހެލްތު މިނިސްޓްރީން މިއަދު ރައްދު ދީފި އެވެ.
ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެފައިވާއިރު ހޮސްޕިޓަލުތައް ފުރި ސިއްހީ ހިދުމަތްތެރިންނަށް ވަނީ ނުތަކާ ވަރަށް ބާރުބޮޑުވެފަ އެވެ.
އެއާއެކު، މިދިޔަ އަންގާރަ ދުވަހު ހެލްތު މިނިސްޓްރީން ވަނީ އިންޑޮނީޝިއާ އަދި ފިލިޕީންސުން 100 ނަރުހުން އޭޖެންސީތައް މެދުވެރިކޮށް ހޯދަން ހުޅުވާލައިފަ އެވެ.
އެކަމާ ގުޅިގެން އެމްޕްލޯއިމަންޓް އޭޖެންސީތަކުގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ ނަރުހުން ހޯދަން އިއުލާނުކޮށްފައިވާ ދެ ގައުމަކީ ވެސް މައިގްރަންޓް ވާކާސްގެ ކަންކަމުގައި އޭޖެންސީތަކުން ބައިވަރު ފީތަކެއް ނަގާ ދެ ގައުމު ކަމަށެވެ.
މީގެ ކުރިން ދުވަހަކުވެސް ވަކި ގައުމަކުން މީހުން ގެނައުމަށް މިނިސްޓްރީން އަންގާފައިނުވާކަން ފާހަގަކުރަމުން، މިފަދަ ދަތި ދަނޑިވަޅެއްގައި ހާލަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ވަކި ދެގައުމަކުން މީހުން ގެންނަން މިނިސްޓްރީން ކަނޑައަޅާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އެޗްއާރު ޑިޕާޓްމަންޓު ހިންގުމާ ހަވާލުވެ ހުންނެވި ހުސެއިން މާނިއު "އަދަދު"އަށް ވިދާޅުވީ، އިންޑޮނީޝިއާގެ އިތުރުން ފިލިޕީންސްއިން ނަރުހުން ގެންނަން ނިންމީ އާއްމުކޮށް އެފަދަ މީހުން ރާއްޖެއަށް ގެންނަ ދެކުނު އޭޝިއާ ސަރަހައްދުގައި މިވަގުތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކޮވިޑުގެ ހާލަތަށް ވެސް ރިއާއަތްކޮށް ކަމަށެވެ.
އަދި ރާއްޖޭގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން ނިސްބަތްވާ ގައުމުތައް ނޫނީ ޑައިވާސިޓީ އިތުރުކުރުމަކީ ވެސް އެކަމުގެ މައިގަނޑު ވިސްނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަގުތު ދެކުނު އޭޝިއާ ސަރަހައްދަކީ ކޮވިޑުގެ ވަރަށް ބޮޑު ރިސްކެއް. އެކަމަކު މީގެ މައިގަނޑު ވިސްނުމަކީ ހެލްތު ކެއާ ވާކް ފޯސްގެ ޑައިވިސިޓީ އިތުރުކުރުން،" މާނިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދެ ގައުމުގެ ނަރުހުންގެ ހިދުމަތް ރަނގަޅުވުމަކީ ވެސް އެ ނިންމުން ނިންމި އިތުރު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މި ވަގުތަކީ އެ ދެ ގައުމުގެ ސިއްހީ ހިދުމަތްތެރިންނަށް ގައުމުން ބޭރަށް ނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ ވަގުތެއް ކަމަށް އެމްޕްލޮއިމަންޓް އޭޖެންސީތަކުގެ ޔޫނިއަނުން ބުނެފައިވީ ނަމަވެސް، އެފަދަ މައުލޫމާތެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގެ އޭޖެންސީތަކަށް ނުދީ އިންޑިއާގެ އޭޖެންސީއެއް މެދުވެރިކޮށް 500 އަށް ވުރެ ސިއްހީ ހިދުމަތްތެރިން ހޯދަން ހުޅުވާލި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި އެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން މާނިއު ވިދާޅުވީ އެފަހަރު ސީދާ ހެލްތު މިނިސްޓްރީން ސިއްހީ ހޯދުމަށް މަސައްކަތް ކުރުމުން ވެސް ޔޫނިއަނުން ހިތްހަމަނުޖެހުނު ކަމަށެވެ.
"ދެން އަޅުގަނޑުމެންނަކަށް ނޭނގޭ މިކަން ކުރާނެ ގޮތެއް. ކުރިން ފަހަރު އަމިއްލައަށް ކުރަން އުޅުނީމާ ވެސް ކަމަކުނުދިޔަ. ދެން މިފަހަރު އަނެއްކާ ވެސް މި މައްސަލަ ޖެހުނީ. އަޅުގަނޑުމެން އެބަ ބޭނުންވޭ ސިއްހީ ހިދުމަތްތެރިން ވީ އެންމެ އަވަހަކަށް،" މާނިއު ވިދާޅުވި އެވެ.













