ރާއްޖޭގެ ކޮވިޑުގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައި އޮތްއިރު ވޭތުވެދިޔަ ގާތްގަނޑަކަށް އަށް ގަޑިއިރުގެ ތެރޭގައި މި ބަލީގައި ފަސް މީހުން މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ރޭ ދަންވަރު ދެއަކުން މިއަދު ހެނދުނު އަށަކާ ހަމައަށް އަށް މީހަކު މަރުވީ މާލެއިންނާއި ލ. އަތޮޅުންނެވެ. އެ އަތޮޅުގެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދިން 87 އަހަރުގެ ފިރިހެނަކާއި 69 އަހަރުގެ އަންހެނެކެވެ.
މި ބަލީގައި ދެން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ބަޔަކާއި އައިޖީއެމްއެޗަށް ގެންދިޔަ ފިރިހެނެކެވެ.
ކޮވިޑުގައި 100 ވަނަ މީހާ މަރުވީ މިދިޔަ ހޯމަ ދުވަހެވެ. އިއްޔެ އާއި ރޭގެ މަރުތަކާ އެކު ރާއްޖެ އިން ކޮވިޑުގައި މަރުވި ޖުމްލަ އަދަދު މިވަނީ 110 އަށް އަރައިފަ އެވެ. މިއާއެކު މި މަހުގެ ތެރޭގައި މަރުވި އަދަދު 37 އަށް ވަނީ އަރައިފަ އެވެ. މި މަހުގެ ތިން ވަނަ ހަފުތާ ހިނގަމުންދާއިރު މިއީ ސީރިއަސް އަދަދެކެވެ.
ޕޮޒިޓިވިޓީ ރޭޓު މަތިވެ، ކޮވިޑަށް ފަރުވާދޭން ހުރި އެނދުތައް ފުރިގެން މިހާރު ވަނީ އެނދުތައް އިތުރު ވެސް ކޮށްފަ އެވެ. މި ބައްޔަށް ފަރުވާދެމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހެން ހިދުމަތްތެރިންނަށް ވަނީ ބުރަ ބޮޑުވެފަ އެވެ. އެ މީހުންނަށް ނުތަކާ ވަރަށް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައި އޮތުމުން ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލޭގައި މިހާރު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ފިޔަވަޅުތަކަކީ ގިނަގިނައިން އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން މާސްކް އަޅައިގެން އުޅުމެވެ. އެއީ ތިމާއަށާއި އެހެން މީހުންގެ ރައްކަލަށް ވެސް އޮތް އެންމެ ރަނގަޅު ފަރުވާއަށް ވާތީ، ފިޔަވަޅުތަކަށް ތަބާވާން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.












