ކޮވިޑުގެ ތޫފާނަކުން އަވަށްޓެރި އިންޑިއާ އަވަދިވަނީ އެވެ. ބަލިމީހުންނައިގެން ހޮސްޕިޓަލްތައް ފުރި ބަންޑުންވެ އެޑްމިޓްކުރުން ވެސް ހުއްޓާލަން ވަނީ ޖެހިފަ އެވެ. އޮކްސިޖަންގެ ދަތިކަން އޮތީ އިންތިހާގަ އެވެ. ފަރުވާއެއް ނުދެވި އެތައް ބަޔަކު މަރުވަނީ އެވެ. ސިއްހީ ހިދުމަތްތެރިން ވަރުބަލިވެ، އެހީވާން ސިފައިން ނުކުމެއްޖެ އެވެ ނޭޕާލް ވެސް ގާތްގަނޑަކަށް އޮތީ މި ހާލަތުގަ އެވެ. ވައިރަސް ފެތުރުމުގައި ކޮންޓްރޯލެއް ނެތެވެ. ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެ ޑޮކްޓަރުން ތިބީ މާޔޫސް ކަމުގަ އެވެ. ފަރުވާދޭނެ ވަސީލަތްތަކެއް ނެތެވެ.
މި ދެ ގައުމުން ފެންނަ ބިރުވެރިކަމާއި ނާމާންކަން ރާއްޖެ ވެސް ވަށާލައިފި އެވެ؛ ކޮންމެ ރެއަކު އާއްމުކުރާ އަދަދުތަކުން ތިން ވަނަ ރާޅު އުސްވާ ތަން ބަލަން ތިއްބައި ބަލި ޖެހޭ އަަދަދު ތިން ގުނަ އިތުރުވެއްޖެ އެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ ހާލަތު ވެސް ގޯހެވެ. ކޮވިޑުގެ ދެ ވަނަ ރާޅުގައި، އެންމެ ހާލަތު ގޯސްވާނެ ކަމަށް ލަފާކުރުންތަކުން ދެއްކި ދުވަސްތަކުގައި ވެސް ކޭސްތައް 300 އަށް ނާރަ އެވެ. އެކަމަކު ދުވާލެއްގެ މައްޗަށް މިހާރު ޕޮޒިޓިވްވާ އަދަދު 600 އާ ގާތްވެއްޖެ އެވެ.

އައިޖީއެމްއެޗުގެ ލެބޯޓްރީގައި ކޮވިޑް ސާމްޕަލްތައް ޓެސްޓުކުރުމުގައި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހަރަކާތްތެރިވަނީ: ދުވާލަކު ޓެސްޓްކުރާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވިޓީ ރޭޓު ވަނީ މަތިވެފައި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
އެޗްޕީއޭގެ ވޭތުވެދިޔަ ދެ ދުވަހުގެ ހިސާބުތަކުން ފެންނަ ގޮތުގައި، މާލެ ސަރަހައްދު ވެސް އޮތީ އޮބި ނޯންނަ ހާލަތުގަ އެވެ. އާދީއްތަ ދުވަހު ޕޮޒިޓިވްވި 508 މީހުންގެ ތެރޭގައި މާލެ ސަރަހައްދުގެ 276 މީހުން ހިމެނެ އެވެ. އެކަމަކު އިއްޔެ ވަނީ އެ އަދަދު 397 އަށް މަތިވެފަ އެވެ. މުޅި ރާއްޖެ އިން އިއްޔެ އެކަނިވެސް 585 މީހުން ޕޮޒިޓިވްވި އެވެ.
މިއީ، ހާލަތު ގޯސްވެއްޖެ ކަމުގެ ނުރައްކާތެރި އިންޒާރެކެވެ؛ ބަލި ކޮންޓްރޯލްކުރަން ރެއިން ފެށިގެން އެޅި ފިޔަވަޅުތައް އިއުލާންކޮށްދެއްވަމުން ޑޮކްޓަރުން ވިސްނައިދޭން ބޭނުންވީ އިތުރަށް ފަރުވާކުޑަކޮށްފި ނަމަ އިންޑިއާ އާއި ނޭޕާލްގެ ހާލަތު މި ގައުމަށް ކުރިމަތިވުން އޮތީ ދުރުގައި ނޫން ކަމެވެ.
ހޮސްޕިޓަލައިޒޭޝަން އިތުރުވެ މި ބަލީގައި ނިޔާވެގެންދާ ދިއުމަކީ ރެޑް އެލާޓެއް. -- ޑރ. މުފްލިހާ
"އެނދުތައް ފުރި، ފަރުވާ ނުދެވި ދޫކޮށްލަން ޖެހިދާނެ"
ޑޮކްޓަރުން ވިދާޅުވަމުން ގެންދަވަނީ ވިސްނާ ނުލައި ދޫކޮށްލަން ޖެހޭ ވަރަށް ވުރެ ސީރިއަސް ވާހަކަ އެކެވެ. ހޮސްޕިޓަލްތައް ފުރި، ފަރުވާދޭނީ ކާކަށްތޯ ކަނޑައަޅަން ޖެހުން ގާތް ވެދާނެ ކަމެވެ. މިހާ ހާލަތު ގޯސްނުވާއިރު ވެސް ކޮވިޑުގެ އައިސީޔޫ، ޑީއެޗް11 ގައި ޖާގަ ފުލްވާން ކައިރިވެ، ޑޮކްޓަރުންނަށް ހުއްޓުން އަރާ ހިސާބަށް ގޮސްފައިވެ އެވެ. ބާކީ ހުންނަ ދެތިން އެނދުގައި ފަރުވާދޭނީ ކާކަށްތޯ ނިންމަން އުނދަގޫ ކަމަށް އަސަރާ އެކު ޑޮކްޓަރުން ވަނީ ވިދާޅުވެދެއްވައިފަ އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ޕަސެންޓް އިތުރުވަމުން ދިއުމެވެ. ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެ އަދަދު ތިން ގުނަ ވީ އެވެ. ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ބަބްލް އިންތިހާ އަށް ބޮޑެވެ. މިހާވަރަށް ކޭސްތައް ރޭސްވެގެންދާ ނަމަ، ރާއްޖޭގެ ސިއްހީ ނިޒާމަށް ބުރަބޮޑުވެ ހިތްދަތި އެތައް ކަމެއް ތަހައްމަލްކުރަން ޖެހުމުގެ ބިރު އެބައޮތެވެ.
"އިންޑިއާ އިން ފެންނަން އޮތީ އެ ހާލަތު. ރާއްޖޭގައި އެއްވެސް ބޭފުޅަކު އެ ހާލަތަށް ދާކަށް ނޭދޭނެ،" އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު ފާތުމަތު މުފްލިހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ކޮވިޑް ފެސިލިޓީ އާއި ކޮވިޑް އައިސީޔޫ، ޑީއެޗް11ގެ ޖާގަތައް ފުލްވަމުންދާ އިރު ބަލީގައި ބޮޑުވަރުވާ މީހުން ވެސް ދަނީ އިތުރުވަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރޭގައި އޮކްސިޖަން ބޭނުންވާ މީހުން ވެސް ގިނަވެއްޖެ އެވެ.
"މި ހުރިހާ ކަމަކުން ވެސް އެނގިގެން މިދަނީ ހާލަތު ގޯހުން ގޯހަށްދާކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލިޖެހޭ މީހުން ގިނަވުމަކީ ރާއްޖޭގައި އާ ވޭރިއަންޓް އުފެދިދާނެ ކަމެކެވެ. މީގެ ތެރެއިން ބައެއް ވޭރިއަންޓް ޕީސީއާރަށް ވެސް ނުދައްކަ އެވެ. މީގައި އޮތް ނުރައްކަލީ ބަލިމީހާ އަށް ބޮޑުވަރުވާ ފަހުން އޭނާގެ ގައިގައި ބަލި ހުރި ކަން އެނގުމެވެ.
ރާއްޖޭގައި އާ ވޭރިއަންޓެއް އުޅެދާނެ ކަމަށް ޑޮކްޓަރުން ލަފާކުރެއްވިއަސް އަދި ކަށަވަރު ޖަވާބެއް ނުލިބެ އެވެ.
ވެކްސިނަކީ ޖާދުލެއް ނޫން!
ކޮވިޑުގެ ވެކްސިން ޖެހުމުން ބައެއް މީހުން ބަލީގެ މަތިން ހަނދާން ނައްތާލަ އެވެ. ވެކްސިން ޖެހުމުން ދެން ޕޮޒިޓިވް ނުވާނެ ކަމަށް ނުވަތަ އެހެން މީހުންނަށް ނުރައްކަލެއް ނެތް ކަމަށް ދެކިގެން މާސްކް ވެސް އެއްލާލަނީ އެވެ. އަތްދޮވުމާއި ގައިދުރުކުރަން ހަނދާނެއް ނުބަހައްޓަ އެވެ.

ކޮވިޑުން ރައްކާތެރިވާން ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަވުމާ އެކު ބަލިން އަރައިގަނެވުނީއެއް ނޫންކަން ޑޮކްޓަރުން ގެންދަވަނީ ހަނދާންކޮށް ދެއްވަމުން.
ދެން އުފައްދާ ސުވާލަކީ ގިނަ ބަޔަކު ވެކްސިން ޖަހާފައި ވަނިކޮށް ކުރިއަށް ވުރެން ގިނަ ބަޔަކަށް ބަލި ޖެހި ހާލަތު ގޯސްވާ ސަބަބާ މެދުގަ އެވެ.
ދެ ވަނަ ޑޯޒު ފުރިހަމަކުރުމާ އެކު ބަލިން ރައްކާތެރިވެވުނީއެއް ނޫނެވެ. މިކަމުން އަރައިގަނެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ދެ ޑޯޒު ދެވުމުންނެވެ. ރާއްޖެއިން އަމާޒު ހިފާފައި ވަނީ 80 ޕަސެންޓަށް ވެކްސިން ފުރިހަމަކުރާށެވެ. އެ ހިސާބަށް ދާން އަދި ގާތެއް ނުވެ އެވެ.
އަޅުގަނޑުމެންގެ ފުލް ވެކްސިނޭޝަން ކަވަރޭޖެއް އަދި ނުނިމޭ. އެހެންވީމަ ވެކްސިން ޖެހުމުގެ ސަބަބުން އެ ލިބޭ ފުރިހަމަ ރައްކާތެރިކަން ލިބޭނީ ގައުމުގެ އާބާދީގެ ބޮޑުބަޔަކަށް ދެ ޑޯޒު ފުރިހަމަވެ، އަދި އިތުރު ދެ ހަފުތާ ފާއިތުވެގެން ދިޔައީމަ. -- ޑރ. އަހްމަދު އަފްޒަލް
ހަލުވިކަމާ އެކު ބަލި ފެތުރެން ދިމާވި އެއް ސަބަބަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ހަރުކަށި ފިޔަވަޅުތަކަކުން ވަރަށް ބޮޑަށް ލުއި ދިނުމާ އެކު ބަލަންވާވަރަށް ނުބެލުމެވެ. ވެކްސިން ޖަހަން ފެށުމާ އެކު އާއްމުން ވަރަށް ބޮޑަށް ފިޔަވަޅުތައް ދޫކޮށްލައި މިކަމުން މިންޖުވީ ކަމަށް ދެކިގެން ހެލިފެލިވުން އިތުރުކުރުމަކީ ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިފެންނަނީ އެ އެކްސްޕޯސްވީ ގްރޫޕްގެ ޕޮޒިޓިވިޓީ ރޭޓް މަތިވެގެންދާތަން،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ހަނދާންކޮށްދެއްވީ ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމުން ބަލިން މުޅިން ރަނގަޅުވީ ކަމުގެ ވިސްނުން ދޫކޮށްލައި ކޮވިޑާ އެކު އުޅެން ދަސްކުރާށެވެ. ނިއު ނޯމަލްގެ އާދަތައް ކުރިއަށް ނެރެ އޭގެމަތީގައި ދެމިތިބުމަށެވެ.
ރައްކާތެރި ފިޔަވަޅުތަކަށް ތަބާވުން ނޫން މޮޅު ފަރުވާއެއް ނެތް
ކޮވިޑުގެ ހާލަތު ގޯސްވުމުން އަނެއްކާވެސް މިވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް، ވަކި ގަޑިތަކެއްގައި ކާފިއު އިއުލާންކޮށްފި އެވެ. އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ފިޔަވައި ދަތުރުކުރުން މަނަލެވެ. މާލެ އިން ރަށްރަށަށް ދާ ނަމަ، 10 ދުވަހުުގެ މުއްދަތަށް ކަރަންޓީންވާން ޖެހެ އެވެ.
މި ފިޔަވަޅުތަކާ އެކު "ގޭ ބަންދާ"އި "ރަށު ބަންދު" ފަސޭހައެއް ނޫނެވެ. ކޮވިޑުގައި ރާއްޖެ ހޭދަމިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތައް ބައެއްގެ ދިރިއުޅުމަށް އެކި ގޮތްގޮތުން އަސަރުކޮށްފި އެވެ. އެކަމަކު ދެން ވެސް އޮތީ ކުރީގެ ހިތި ތަޖުރިބާގެ ހަނދާންތަކުގެ މަތީގައި ދެމިތިބެ ބަލި ކޮންޓްރޯލްކުރަން ކޮންމެ މީހަކު ވެސް މަސައްކަތް ކުރުމެވެ.

މި ބަލީގައި މާބޮޑު ފަރުވާއެއް ނޯވެ އެވެ. ޕޮޒިޓިވިޓީ ރޭޓް ދަށްވާން އޮތީ އެޗްޕީއޭ އިން އިއުލާންކޮށްފައިވާ ފިޔަވަޅުތަކަށް ތަބާވެގެންނެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ހާލަތު ގޯސްކޮށް އޮތް ނަމަވެސް ކުރިއެކޭ އެއްގޮތަށް މިކަން ކޮންޓްރޯލްކުރެވޭނެ އެވެ.
"މިކަމުގެ ލަގަން އޮންނާނީ އާއްމުންގެ އަތްމަތީގައި ބޮޑަށް. މިއީ ވަކި ކަހަލަ ބޭހެއް، ފަރުވާ ދެވޭނެ ކަމެއް ވެސް ނޫން. މީގައި ކުރެވޭނެ ކަމަކަށް މި އޮންނަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން،" އަފްޒަލް ވިދާޅުވި އެވެ.
ކައިރި ގައުމުތަކުގައި ފެންނަ ބަލީގެ މަންޒަރު ރާއްޖެ އިން ފެންނާކަށް ބޭނުމެއް ނުވާނެ އެވެ؛ އެހެން ކަމުން ދެން އޮތީ އެންމެ މޮޅު ފަރުވާ ކަމަށްވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އާދަތަކަށް އެންމެން އަވަހަށް ރުޖޫއަވުމެވެ.












