ރާއްޖޭގައި ވެކްސިން ހުސްވުމުގެ ބިރެއް ނެތް ކަމަށާއި ސަރުކާރުން ފައިސާ ދައްކާފައިވާ 700،000 ޑޯޒު ވެސް ޖޫން މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑުން އަރައިގަތުމަށް މިދިޔަ ފެބުރުއަރީ މަހު ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށައި މާލެ އާއި އަތޮޅުތަކުގައި ވެސް މިހާރު ވަނީ ދެ ވަނަ ޑޯޒު ޖަހަން ފަށައިފަ އެވެ. އިންޑިއާ އާއި ޗައިނާ އަދި އެހެން ގައުމުތަކުން ހަދިޔާކުރި ވެކްސިން ރާއްޖޭގައި ދެމުން އަންނައިރު، ވެކްސިންގެ ދަތިކަން ކުރިމަތިވެ މެދުނުކެނޑި ވެކްސިން ޕްރޮގްރާމް ކުރިއަށް ނުގެންދެވޭނެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.
އެކަމަކު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވެކްސިނޭޝަން ޕްރޮގްރާމްގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދެ ވަނަ ޑޯޒުގައި މެދުކެނޑުމެއް ނެތި ދެވޭވަރަށް ރާއްޖޭގައި ވެކްސިން އެބަހުރި ކަމަށެވެ. އެއާއެކު، ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަ ވެކްސިން ވެސް އަންނަ މަހު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ޖޫން މަހު ކޮން އިރެއްގައި ކަމެއް އަދި ނޭނގެ. އެކަމަކު ލިބުނީމާ ތަންކޮޅެއް ހިތްހަމަޖެހިގެން މިކަމާ އުޅެވޭނެ،" ނަސީމް ވިދާޅުވި އެވެ.
ރާއްޖެ އިން ވަނީ މި ފަހުން ކޮވިޝީލްޑުގެ 300،000 ޑޯޒު އިންޑިއާއިން ގަތުމަށް ފައިސާ ދައްކައިފަ އެވެ. އޭގެތެރެއިން މިހާތަނަށް ލިބުނީ 100،000 ޑޯޒެވެ. ރާއްޖެ އިން ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރި ވެކްސިނުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިތުރަށް ފައިޒާ ވެކްސިން ގަތުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެއީ، 16-18 އަހަރާ ދެމެދު މީހުންނަށް ހާއްސަކޮށްގެން ކަމަށާއި އެ އުމުރުފުރައިގެ 12،000 މީހުން އެބައުޅޭ ކަމަށް ވިދާޅުވި އެވެ.
ބޫސްޓަ ޑޯޒެއް ޖަހަން ޖެހިދާނެ
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމެވެ. އޭގެ ފަހުން، ބޫސްޓަ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށާއި އެކަމުގައި ސިއްހީ ބޭފުޅުންގެ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ވެކްސިން ލިބެން ޖެހޭނީ ކޮން އިރަކަށްތޯ ބަލައި މިހާރު އުޅެނީ އެ މަސައްކަތް ފެށުމުގެ މަގުމަތީގަ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިކަމުގެ ތެރޭގައި އަޅުގަނޑުމެން އަދި ލައްކަ ދުވަހު އުޅެން ޖެހިދާނެ. މިއާ އެކީ އުޅުމުގެ މާނައަކީ މިއީ ބައްޔެއް ކަމަށް ދެނެނުގަނެ އުޅުމެއް ނޫން،" ނަސީމް ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރި ވުމުގެ ފިޔަވަޅުތަކަށް އިސްކަންދީގެން ދިރިއުޅުން ކުރިއަށް ގެންދަން އޭނާ ގޮވާލެއްވި އެވެ.
ރާއްޖެ އިން މިހާތަނަށް 30،237 މީހުންނަށް ކޮވިޑު ޖެހިފައިވެ އެވެ. އޭގެތެރެއިން 73 މީހަކު ވަނީ މަރުވެފަ އެވެ.













