ކަލޭތީ ކޮންމެވެސް މީހެއްގެ މަންމަ އެކެވެ. ދައްތަ އަށް ވެސް ވެދާނެ އެވެ. ދެކެފަރިތަ މީހެއްގެ ކޮއްކޮ ތޯއްޗެކެވެ. ހާދަހާވާ ދެރަ އެވެ.
އެކަމަކު ކަލޭތީ އަހަރަމެން ދަންނަ މީހެއް ނޫނެވެ. ކަލޭގެ ނަމެއްވެސް ނޭނގެ އެވެ. ލޮލުން ވެސް ނުދެކެމެވެ. ވާހަކަ ދެއްކި އަޑެއްވެސް ނާހަމެވެ. ދުވަހަކު ބައްދަލެއްވެސް ނުވެ އެވެ.
އެކަމަކު އަހަރެމެން އެންމެންނަކީ ކަލޭގެ ކުށްވެރިންނެވެ.
މައާފު ކުރާށެވެ!
އެ ނުބައި، ނުލަފާ ނިޔަތް އެނގިތިބެ އަޅާނުލެވުނީމަ އެވެ. ކުރިން ފެނުނު މަންޒަރުތައް ނުފެންނަކަމަށް ހެދީމަ އެވެ. ހިތުގައި އުފެދުނު ޝައްކުތައް އޮއްބާލީމަ އެވެ. ފަނޑު ހިނިތުންވުމެއްގެ ނިވަލުގައި ފަރުދާކޮށްފައި ހުރި ކެކުޅުން އިހުސާސް ނުކުރެވުނީމަ އެވެ. ހާމައަށް ފެންނާން ހުރި ޒަހަމްތަކަށް ކަނުވީމަ އެވެ. އެތަކެއް ރެއެއްގެ ރުއިމާއި އާދޭހުގެ އަޑު އިވުނުކަމަށް ނުހެދީމަ އެވެ.
މައާފު ކުރާށެވެ!
ތަކުރާރުކޮށް ތިޔަ މައުސޫމް ޖިސްމަށް އަނިޔާ ލިބުނީ އަހަރެމެންގެ އިހުމާލުންނެވެ. އެ ހަޑިމުޑުދާރު އަމަލުތަކުން ތިޔަ ނަފުސު ރައްކާތެރިކޮށް ނުދެވުނީ އެވެ. އެ ވަހުށީ ވަކިތަކުން ސަލާމަތްކޮށްނުދެވުނީ އެވެ. އެ ނަފުރަތުން ފުރިފައިވާ އެތިފަހަރުތައް ނުހުއްޓުވުނީ އެވެ.
މައާފު ކުރާށެވެ!
ދެން ކަލޭ އަހަރެމެންގެ ބަހަނާ އަޑުއަހާށެވެ. އެ ފުރުސަތު ލިބުނީ މުއައްސަސާތަކުގެ ދޯހަޅިކަމުންކަން ގަބޫލުކުރާށެވެ. ވެރިން ތިބީ އޭސީ ކޮޓަރީގަ އެވެ. ފުލުހުންނާ ސިފައިން ތިބީ އެވެރިން ހިމާޔަތުގަ އެވެ. ކޯޓުތަކުން އަވަސްކުރީ ހަމަ އެ މީހުންގެ މައްސަލަތެކެވެ. މުޅި ނިޒާމް އޮތީ ގަޑުބަޑުވެ، ފެއިލްވެފަ އެވެ.
މީގަ އަހަރެމެންގެ އެއްވެސް ކުށެއް އެބަ އޮތް ހެއްޔެވެ؟
އެކަމަކު ކަލޭއަށް ހަގީގަތް އޮޅުވާނުލެވޭނެ ދޯ އެވެ. އެ ހުރިހާ މުއައްސަސާތަކެއްގައި ތިބީވެސް ހަމަ އަހަރެމެންނެވެ. ކަލޭ ރައްކާތެރިކޮށްދޭންޖެހޭ ފުލުހުންނަކީވެސް ހަމަ އަހަރެމެންނެވެ. ކަލޭއަށް ހައްގުވާ އިންސާފުގެ މުގުރުގައި ހިފައިގެން ވެސް ތިބީ އަހަރެމެންނެވެ. އެ ހުރިހާކަމަކަށް ޒަމާނުއްސުރެ އިހުމާލުވި ސަރުކާރުތައް ގެނައީ އަހަރެމެންނެވެ. ދެއްކިހާ ސިޔާސީ ދަޅަޔަކަށް ހެއްލިގެން ތަކުރާރުކޮށް ވޯޓުދިނީ ހަމަ އަހަރެމެންނެވެ.
ދެންވެސް ދޭނަމެވެ.
މައާފު ކުރާށެވެ!
ތީގެ އެތައް މީހަކު މީގެ ކުރިން ވެސް ފެނިއްޖެ އެވެ. އެކަމަކު ބަދަލަކަށް ބާރު ނޭޅީ އަހަރެމެންނެވެ. އޭރުވެސް ލޮލުން ދެ ގަނޑު ކަރުނަ ބާލާފައި ފުހެލީ އެވެ. ރުޅި އައިސްގެން ދަތް ބާރުކޮށްފައި ހަނދާން ނެތުނީ އެވެ. ސޯޝަލް މީޑިޔާގައި އެކަން ކުށްވެރިކޮށްފައި ނިދީ އެވެ. ވެރިންގެ އިސްތިއުފާއަށް ގޮވާފައި ގެއަށް ދިޔައީ އެވެ.
ދެން ވެސް ހަދާނީ ހަމަ އެހެންނެވެ.
މައާފު ކުރާށެވެ!
ކަލޭގެ މުޅި މުސްތަގުބަލަށް އަނިޔާގެ ހިޔަނި އެޅުވީ އަހަރެމެންނެވެ. އެ އަނިޔާތަކުގެ އަޑު ގުގުމާނެ ދޮރު ހުޅުވައިދިނީ އެވެ. ނުފިލާނެ ލަކުނުތަކެއްގެ މެދުވެރިއަކީ އަހަރެމެންނެވެ. އެކަމަކު ވައިއަޑުން ކަލޭގެ ފަސް ފަހަތުގައި އެވާހަކަ ދައްކާނީ ވެސް ހަމަ އަހަރެމެންނެވެ. އެ ހިތްދަތި މާޒީ ހަނދާނުން ފުހެލަން ޖާގައެއް ނުދޭނަމެވެ. މުޅި އުމުރު އެ އަނިޔާތަކުގެ ވާހަކަ އަޑު އިއްވާނަމެވެ.
އެއީ ކަލޭ ކުރުވިކަމަކަށް ހަދާނަމެވެ. ކަލޭ ބޮލުގައި ޒިންމާ އަޅުވާނެ ބަހަނާއެއް ހޯދާނަމެވެ. ހިނިތުންވެލި ގޮތުންނެވެ. ވާހަކަ ދެއްކި ރާގުންނެވެ. އެކަނި ކޮފީއަށް ދިޔައީމަ އެވެ. އެރޭ ލީ ހެދުން ކުރު ވީމަ އެވެ. ނޫނެކޭ ނުބުނީމަ އެވެ. ބާރަށް ހަޅޭއްނުލެވީމަ އެވެ. އެކަން ސިއްރު ކުރީ ކަލޭ އެކަން ބޭނުންވީމަ ނޫން ހެއްޔެވެ. ފެނުނު ކޮންމެ ތާކުން ބަދުނާމު ކުރާނަމެވެ.
މައާފު ކުރާށެވެ!
މިވަރު ވީމާ އަހަރެމެންނަށް މައާފު ހައްގެއް ވެސް ނޫނެވެ. އެހެންވިއްޔާ އަހަރެމެންގެ ނަސޭހަތެއް އަޑުއަހާނަން ހެއްޔެވެ؟ ކަލޭގެ އެއްވެސް ކުށެއް ނެތް ކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އެކަމަކު ކަލޭއަށް ހައްގު ފާގަތި ގަދަރުވެރި ދިރިއުޅުން ހޯދޭނީ އަމިއްލަ އަށެވެ. ނަމަ ނަމަ އެކަން އިންސާފަށް ބަރޯސާ ނުކުރާށެވެ. އެ ނުލިބޭނެތީ އެވެ. ކަމެއް ބަދަލު ވެސް ނުވާނެތީ އެވެ. އެކަން ދެން ވެސް ތަކުރާރުވާނެތީ އެވެ. ދުވަހަކު ވެސް ނުހުއްޓުވޭނެތީ އެވެ.
އެހެންވީމާ އަހަރެމެންނާ މެދު އެއްވެސް އުއްމީދެއް ނުބާއްވާށެވެ. އަނިޔާ ދެނީ ވެސް އަހަރެމެންނެވެ. އެކަން ނުހުއްޓުވަނީ ވެސް ހަމަ އަހަރެމެންނެވެ. ހަގީގީ ކުށްވެރިންނަކީ އަހަރެމެން އެންމެން ވީމަ އެވެ.








