ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެނެސް، އަރައިފޭބުން މަނާކޮށްފައިވާ ރަށްތަކަށް، ވޯޓުލާ ދުވަހު ދަތުރުކުރެވޭގޮތް ހަދަން މަޝްވަރާކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރޭ ބުނެފި އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ހެދި އެކި ފަހަރުމަތިން ފަސްކުރި އިންތިހާބު އަންނަ ހޮނިހިރުދުވަހު އޮންނާނެ އެވެ. ގޮންޖެހުންތަކާ އެކު އިންތިހާބަށް އީސީން ތައްޔާރުވަމުން އަންނަނިކޮށް, އަތޮޅުތެރޭގައި ބަލީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މާލެއިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުނު ފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވީ މިދިޔަ ބުރާސްފަތިދުވަހެވެ. އެއީ 300 މީހުންނެވެ.
މި އަދަދަށް ބަލާއިރު، އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކީ އަތޮޅު ތެރޭގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމެވެ. ރެކޯޑު ދުވަހަކަށް ފަހު އިއްޔެގެ އިރުއޮއްސުމާ ހަމައަށް ޖުމްލަ ނަންބަރު 169 އަށް ވެއްޓުނު ނަމަވެސް ވެރިރަށް މާލޭން ބޭރުގައި ބަލި ކޮންޓްރޯލެއް ނުވެ އެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅުތެރޭގެ 58 ރަށަކުން އެކްޓިވް ކޭސްގެ އަދަދު ވަނީ 887 އަށް އަރައިފަ އެވެ. ބޮޑެތި ކްލަސްޓާތަކަށް އަދިވެސް މީހުން އިތުރުވަމުންދާއިރު، ޖުމްލަ 17 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވި، އަރައިފޭބުން މަނާކޮށްފަ އެވެ.

ކައުންސިލް އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ކަންބޮޑުވާންޖެހޭ ދަރަޖައަށް އަތޮޅު ތެރޭގައި ބަލި ފެތުރުމުން އަންނާތީ، އީސީއަށް ވަނީ އިތުރު އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް "އަދަދު" އަށް ވިދާޅުވީ ކުރިން ލަފާކުރި މިންވަރަށް ވުރެ ވެސް، ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، މޮނީޓަރިންގެ ހާލަތަށް ލެވިފައިވާ ރަށްތަކުގައި ވޯޓުލާ މީހުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް، ތަފާތު ކުރުން ނުގެންގުޅެވޭނެ ކަމަށެވެ.
މިގޮތުން، އިންތިހާބުގައި ވޯޓުލާން 27،000 އެއްހާ މީހުން ރީރެޖިސްޓްރީވެފައިވާއިރު، އެހެން ރަށްތަކުން އަރައިފޭބުން މަނާކޮށްފައިވާ ރަށަކަށް ދަތުރުކޮށް ވޯޓުލެވޭނެ މަގު ބަންދުވުމަކީ މިކަމުގައި އޮތް ބޮޑު ކަންބޮޑުވުމެއް ކަމުގައި ޝަރީފް ފާހަގަކުރެއްވި އެވެ.
"މިސާލަކަށް މިހާރު ލޮކްޑައުންގައި އޮތް ދުވާފަރުގައި ވޯޓުލާން ރެޖިސްޓްރީކޮށްފައި އޮވެދާނެ އެ އަތޮޅުގެ އެހެން ރަށެއްގެ މީހަކު. އެކަމަކު އެ މީހަކަށް އެ ފުރުސަތެއް ނުލިބޭ. އެކަހަލަ ޝަކުވާތައް މިހާރުވެސް އެބަ ލިބޭ،" އިތުރަށް ވިދާޅުވި އެވެ.
އެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ލޮކްޑައުންކުރާ ރަށްތަކަށް ދަތުރުނުކުރެވޭ ގޮތަށް މިހާރު އަޅާފައިވާ ފިޔަވަޅު، ވޯޓުލާ ދުވަހު އުވާލަން، އެޗްޕީއޭއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ހާއްސަކޮށް އަތޮޅު ތެރޭގެ ހާލަތު ރަނގަޅުވުމުގެ ބަދަލުވުމުގައި، އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑު ނަމަވެސް، އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުން ނޫން ގޮތެއް މިހާރު ނެތެވެ.
އިންތިހާބަށް ކަނޑައެޅި ބަޖެޓުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނައިން މިހާރުވެސް ހަރަދު ކުރެވިފައިވާއިރު، މިހާރު އޮތް ތާރީހުގައި އިންތިހާބު ނުބާއްވައިފިނަމަ، މާލީ ގޮތުން ބޮޑު ގެއްލުމެއްވާނެ ކަން ޝަރީފް ފާހަގަކުރެއްވި އެވެ.
"އޭޕްރީލް 10 ގައި އިންތިހާބު އޮންނާނެ. އެ ނޫން ވިސްނުމެއްގައި އިލެކްޝަން ކޮމިޝަނުން އެއްވެސް ކަމެއް ނުރާވަން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުން ވޯޓުލާނީ އެންމެ ފަހުން
އަންނަ ހޮނިހިރު ދުވަހު، 270،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިންތިހާބުގައި ވޯޓުލާން ނުކުންނައިރު، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރުން ކަރަންޓީނުކޮށްފައިވާ މީހުންނަށް ވެސް ވޯޓު ލުމުގެ ހައްގުން މަހުރޫމު ނުކުރެވޭއިރު، އެފަދަ މީހުން ވޯޓުލާނީ އެހެން މީހުން ވޯޓުލާ ނިމުމުންކަމަށް ޝަރީފް ވިދާޅުވި އެވެ.
އާންމުކޮށް އިންތިހާބުތަކުގައި ވޯޓުލާ ގަޑި ހަވީރު 5 ޖަހާއިރަށް ބަންދުވާއިރު، ކޮވިޑް ޖެހިފައި ތިބި މީހުން ވޯޓުލާން ގެންދާނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހަމަޖައްސަނީ މިސާލަކަށް އެހެން އެންމެން ވޯޓުލާ ނިމުމުން، ހަވީރު ފަހަކުން ފެށިގެން ޕޮޒިޓިވް މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުން ކުރިއަށް ގެންދަން،" ޝަރީފް ވިދާޅުވި އެވެ.
މިގޮތުން ރަށްރަށުގައި ކައުންސިލްތައް މެދުވެރިކޮށް ޕޮޒިޓިވް މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ގެންނަން ދުރާލައި އެންގުމުން، އޮފިޝަލުން ތައްޔާރުވެ، އެކަން ކުރިއަށް ގެންދާނެކަމަށް އިތުރަށް ވިދާޅުވި އެވެ.












