ލަންޑަން (ނޮވެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގަައި މިރޭ ލިވަޕޫލުން 3-1 އިން ކްރިސްޓަލް ޕެލަސް އަތުން މޮޅުވިއިރު، ޗެލްސީ ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެ، ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެ އެވެ.
ސަންޑަލެންޑް ދަނޑުގައި، އެންޒޯ ލެ ފޭ ޖެހި ޕެނަލްޓީން އެ ޓީމުން ވަނީ 1-0 އިން ޗެލްސީ ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ފުރަތަމަ 10 މެޗު ނިމުނުއިރު، މި ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، މޮޅެއް ނުލިބި އަށް މެޗު ލީގުގައި މި ވަނީ ނިންމާލައިފަ އެވެ. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑަށް 10 މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ހަތަރު މިނިޓް ތެރޭ ވިލާ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ލަނޑުތައް ޖެހީ އެލިސަން އާއި ނިކޮލަސް ޖެކްސަން އެވެ. ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑުތައް ޖެހީ ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އާއި މި ސީޒަނުގައި ވިލާ ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ޔޫރީ ޓީލަމަންސް އެވެ.
ވިލާ އިން ވަނީ ދެ ވަނަ ހާފުގައި ނުކުމެ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ވިލާ އަށް ތިން ވަނަ ލަނޑު ޖަހައިދީ އަލުން ލީޑުނަގައިދިނީ ޖޯން މެކްގިންގެ އިތުރުން، ލެއޯން ގޮރެޓްޒްކާ އެވެ.
މެޗުގެ އިތުުރު ވަގުތުގައި، ޖޯޝުއާ ޒާކްޒީ ވަނީ ޔުނައިޓެޑަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. އަދި އޭގެ ފަހުން، ލަނޑެއް ޖަހައި ޔުނައިޓެޑުން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައަކުން ޕެޓްރިކް ޑޯގޫ އެވެ.

ލިވަޕޫލުން ޕެލަސް ދަނޑުގައި ލީޑުނެގީ ފުރަތަމަ ހާފުގައި އަލެކްސިސް މެކް އަލިސްޓާ ޖެހި ގޯލުންނެވެ. އަދި، ދެ ވަނަ ހާފުގައި، ލިވަޕޫލުން އިތުރު ދެ ލަނޑު ޖެހި އެވެ. މި ލަނޑުތައް ޖެހީ ފްލޯރިއަން ވާޓްޒް އާއި އަލެކްސަންޑަ އިސާކް އެވެ. އިސާކް ލަނޑު ޖެހީ ވާޓްޒް ދިން ބޯޅައަކުންނެވެ.
ޕެލަސް އިން މި މެޗުގައި ޖެހި ލަނޑަކީ، ޕެނަލްޓީ އަކުން އެޑީ އެންކެޓިއޭ ޖެހި ގޯލެކެވެ.
ބްރެންޓްފޯޑް އަތުން 2-0 އިން މޮޅުވެ، ބްރައިޓަން ހޯލްވް އެންޑް އަލްބިއަން ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ގޯމޭޒް އާއި ޕަސްކާލް ގްރޮސްގެ ލަނޑުތަކުން މޮޅުވި ބްރައިޓަން އަށް ވަނީ 10 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް 10 މެޗުން 27 ޕޮއިންޓް އެބައޮތެވެ. ތިން ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 10 މެޗުން 21 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ލިވަޕޫލަށް 10 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ 10 މެޗުން 16 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ހަ ވަނައިގައި އޮތް އެވަޓަން އަށް ވެސް 10 މެޗުން 16 ޕޮއިންޓް ލިބިފައިވެ އެވެ.







