އިރުއޮއްސުނުފަހުން މުއިއްޒު ކެމްޕޭން ކުރެއްވި މައްސަލަ ބަލާނެ ކަމަށް ޒާހިދު ވިދާޅުވެއްޖެ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު

މިއަދުގެ އިރުއޮއްސުނުފަހުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކެމްޕޭން ކުރެއްވި މައްސަލަ ބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް، މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ކުރުން މަނާ ވަގުތުގައި މުއިއްޒު ކެމްޕޭން ކުރެއްވީ މިއަދު ހަވީރު 6:08 ގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އަދަދު ނޫހުން އެކަމާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިދު ވިދާޅުވީ ގާނޫނުން އެ ކޮމިޝަނާ މަތިކޮށްފައިވާ ގޮތަށް އެ މައްސަލަ ބައްލަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލާނެ ނޫންތޯ؟ އަޅުގަނޑުމެންނަށް އޭތި ނޯޓިސްއަށް އަތުވެއްޖެއްޔާ އަޅުގަނޑުމެން ބަލާނެ ނޫންތޯ؟ މީހަކު ޝަކުވާއެއް ކޮށްފިއްޔާ ބަލާނެ ނޫންތޯ؟" ޒާހިދު ވިދާޅުވި އެވެ.

މިރޭ ހައެއްގެ ފަހުން މުއިއްޒު ކެމްޕޭން ޕޯސްޓެއް ކުރެއްވުމާ ގުޅޭގޮތުން ސުވާލު ކުރުމުން، އެ މައްސަލަ ސަމާލުކަމަށް އައީ ނޫންތޯ ސުވާލު ކުރުމުން ޒާހިދު ދެއްވީ ގާނޫނީ ގޮތުން ކުރަން ލާޒިމު ކޮށްފައި އޮތް ކަމެއް ނުކޮށް ދޫކޮށްނުލާނެކަމުގެ ޔަގީންކަމެވެ.

"އަޅުގަނޑުމެން އެކަން ކުރާނެ ނޫންތޯ؟ ނުކޮށް ނުހުންނާނެ ނޫންތޯ؟ އެއީކީ ޗޮއިސްއެއް ނޫނެއްނޫންތޯ؟ އަޅުގަނޑުމެން ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކުރާނެ ނޫންތޯ؟" ޒާހިދު ވިދާޅުވި އެވެ.

ވޯޓުލާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ވޯޓުލާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެމްޕޭން ކުރުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި މަނާ ކަމެކެވެ.

އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 1. ގައި ބަޔާން ކޮށްފައި އޮންނަނީ އިންތިހާބެއްގެ ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިންތިހާބުގެ ވޯޓު ނަގާ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެއްވެސް މީހަކަށް އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ނުކުރެވޭނެ ކަމަށެވެ. 28 ވަނަ މާއްދާގެ (ށ) އަކީ އިންތިހާބަކަށް ކުރިމަތިލާފައިވާ މީހުންނަށް ތާއީދު ހޯދުމަށް ކުރެވޭނެ ކަންކަން ބަޔާން ކޮށްފައި އޮންނަ މާއްދާ އެވެ.

އެ މާއްދާގައި ބަޔާން ކޮށްފައި އޮންނަ ކަންކަމުގެ ތެރޭގައި، ވޯޓުލާ ދުވަހުގެ ހަވީރު 6:00 ގެ ފަހުން، ޕާޓީ ނުވަތަ ކެންޑިޑޭޓުންގެ ނިޝާން ޖަހާފައިވާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ އިތުރުން ކެންޑިޑޭޓުން އިޝްތިހާރު ކުރުން ހިމެނެ އެވެ.

މިއަދު ހަވީރު އިރުއޮއްސުނުފަހުން މުއިއްޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވަނީ މާދަމާ ވޯޓުލުމަށް ހިތްވަރު ދެއްވައި، އެމަނިކުފާނުގެ ޕާޓީ، ޕީއެންސީގެ ފޮޓޯތަކެއް ހިއްސާ ކުރައްވައިފަ އެވެ. އަދި، އެ ޕޯސްޓުގައި ޕީއެންސީގެ ކެމްޕޭނުގައި ބޭނުންކުރަމުންދާ ގޮތަށް، ދޫނި އިމޯޖީއަކާއި ހެޔޮ ފާހަގައެއް ޖައްސަވައިފައިވެ އެވެ. "ވޯޓު ދޫންޏަށް" އެއީ ޕީއެންސީން ކެމްޕޭން ސްލޯގަންއެއް ގޮތުގައި ބޭނުންކުރަމުންދިޔަ އިބާރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox