ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިޔަށް ގެންދިޔަ ހަ ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި، ބައިވެރިންނަށް ސަނަދު ހަވާލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި ސަނަދު ހާސިލުކުރި 75 ބައިވެރިންނަށް ވަނީ ލިޔުން ދީފަ އެވެ.
މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްކިއުއޭ) ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެންއޭޕީ) ގެ ގައިޑްލައިނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ދީފައިވަނީ އެމްކިއުއޭ ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެކެވެ.
"ހަ މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 10 ދާއިރައަކުން ބައިވެރިން ތަމްރީނު ކުރެވުނު. އެއީ ހެވީވެހިކަލް، ގާޑަނިންގް، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ހައުސްކީޕިންގް، ފްރަންޓް އޮފީސް ސާވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގް އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ،" އެޗްޑީސީން ބުނެ އެވެ.
އެ ޕްރޮގްރާމު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ގައުމު ތަރައްގީ ކުރުމުގައި ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރާނެ ކަމަށެވެ.

އެއާއެކު ގިނަ ދާއިރަތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެޗްޑީސީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

އެޗްޑީސީން ބޭއްވި އެޕްރެންޓިސްޝިޕް ނިމި ސަނަދު ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ
އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް ތަމްރީނު ވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
އެ ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ދީފައިވާއިރު، މި އެލަވަންސް ބައިވެރިންނަށް ދިނުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ފަރާތުން ފައިސާގެ އެހީތެރިކަންވަނީ ލިބިފައި ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ގައުމީ ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމަށެވެ.
މީގެއިތުރުން ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ކުރެވެން ހުރި ކަންތައްތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި ޒުވާނުންނަކީ އެއްވެސް ވަރަކަށް ފަސްނުޖެހޭ އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުން ކަމަށް އެޗްޑިސީން ބުނެ އެވެ.
އެ ޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެޗްޑީސީން ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ހަމަޖައްސައި ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.











