ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ޑޭވް ހަބާޑް އާއި ޖޮއާނާ ޝެންކާ މި އަހަރު ވެސް ވާދަކުރާނެ

Jul 12, 2023, 6:46 AM
ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ޑޭވް ހަބާޑް އާއި ޖޮއާނާ ޝެންކާ މި އަހަރު ވެސް ވާދަކުރާނެ

ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ގައި މިދިޔަ އަހަރުގެ ޗެމްޕިއަން ހަވާއީގެ ޑޭވިޑް ހަބާޑް އާއި އަންހެން ކުރީގެ ދުނިޔޭގެ ޗެމްޕިއަން ޕޯޗުގަލްގެ ޖޮއާނާ ޝެންކާ ވާދަކުރާނެކަން ހާމަކޮށްފި އެވެ.

އޮގަސްޓް މަހުގެ 3-12 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އޮންނަ ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ދެ ވަނަ އަށް އެންމެ އަގުބޮޑު މުބާރާތެވެ. މި މުބާރާތުގައި 18 ގައުމަކުން 100 އެއްހާ ބޮޑީބޯޑަރުން ވާދަކުރާނެކަމަށް ބެލެވެ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާ އެކު އެންމެ ފުރަތަމަ ރަޖިސްޓާ ކުރި ބޮޑީބޯޑަރުންގެ ތެރޭގައި މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން އަދި ޑްރޮޕް-ނީ ބައިގެ ޗެމްޕިއަންކަން ހޯދީ ޑޭވިޑް ހަބާޑް ހިމެނެ އެވެ.

ޑޭވިޑް ހަބާޑް އަކީ ދުނިޔޭގެ އެންމެ ކުރީ ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން ޖާގަ ހިފަހައްޓަމުން އަންނަ ބޮޑީބޯޑަރެކެވެ. އޭނާ ވަނީ ޑްރޮޕް-ނީ ބައިގެ ދުނިޔޭގެ ޗެމްޕިއަންކަން މިހާތަނަށް ނުވަ ފަހަރަށް ހޯދައިފަ އެވެ.

ޑޭވިޑް ހަބާޑް މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގައި ވާދަކޮށް އެއް ވަނަ ހޯދުމުގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ ގައުމީ ޖޫނިއާ ޓީމަށް ކޯޗިން ކްލިނިކެއް ވެސް ހިންގައިފަ އެވެ. މި އަހަރު ވެސް އޭނާގެ ހާއްސަ ކްލިނިކެއް އޮންނާނެ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ޑޭވިޑް ހަބާޑްގެ އިތުރުން މި އަހަރު ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ އަނެއް ބޮޑީބޯޑަރަކީ ޕޯޗުގަލްގެ ޖޮއާނާ ޝެންކާ އެވެ. ޖޮއާނާ ޝެންކާ އަކީ 2017 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން އެވެ. އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން ޔޫރަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ޖޮއާނާ ވަނީ މިދިޔަ އަހަރުގެ ވެސް މޯލްޑިވްސް އޯޕަންގައި ވާދަކޮށްފަ އެވެ. މިދިޔަ އަހަރު އޭނާ ކެޓީ ކުއާޓާ ފައިނަލުންނެވެ. ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ގައި މިދިޔަ އަހަރެކޭ އެއްގޮތަށް ދުނިޔޭގެ ޗެމްޕިއަނުންނާއި މި ވަގުތު ބޮޑީބޯޑިންގެ އެންމެ ކުރީގައި އުޅޭ ގިނަ ބޮޑީބޯޑަރުންތަކެއް ވާދަކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox