އޮޅުމަކުން ދައުލަތުގެ ފައިސާތަކެއް ގެއްލުވާލާފައި؛ ހައިކޯޓުގެ ވަރުގަދަ އެންގުމެއް

ގއ. ވިލިނގިލި: އެ ރަށު ކޯޓުން އަމަލުކުރި ގޮތް ގާނޫނުއަސާސީއާ ހިލާފުވެ ހައިކޯޓުން ވަނީ އިހުމާލުވާ މީހުންނަށް ފިޔަވަޅި އަޅަން އަންގާފައި --

ގއ. ވިލިނގިލި: އެ ރަށު ކޯޓުން އަމަލުކުރި ގޮތް ގާނޫނުއަސާސީއާ ހިލާފުވެ ހައިކޯޓުން ވަނީ އިހުމާލުވާ މީހުންނަށް ފިޔަވަޅި އަޅަން އަންގާފައި --

ދައުލަތުގެ ހަޒާނާއިން ނަހަމަ ގޮތުގައި ފައިސާތަކެއް ގެއްލުވާލާފައިވާ މައްސަލައެއްގައި ހައިކޯޓުގެ ނުރުހުން އަމާޒުކޮށް އެކަމުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް އަންގައިފި އެވެ.

ހައިކޯޓުން އިއްޔެ ނެރުނު ހުކުމްގައި ފާހަގަކުރީ ދައުލަތުގެ ފައިސާ ނެގުމުގައި އިހުމާލުވެފައި އޮތް އޮތުމެވެ; ދައުލަތުގެ ހަޒާނާއިން ގިނަ އަދަދެއްގެ ފައިސާ ހަރަދުވެ ނިމިގެން ދިޔަ ގޮތެވެ. ދައުލަތުގެ ހަޒާނާގައި ހިމެނޭ ރައްޔިތުންގެ ފައިސާއިން ގެއްލުނު އެ ފައިސާ ހޯދުމަށް ދައުލަތުން ކުރާ މަސައްކަތާމެދު އެ ކޯޓުން ސުވާލު ވެސް އުފެއްދި އެވެ.

މި މައްސަލަ އުފެދުނީ ސުނާމީގައި ލިބުނު ގެއްލުމާ ގުޅިގެން ގއ. ވިލިނގިލީގައި އިމާރާތެއް އެޅުމަށް ހަވާލުވި ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ)އަށް ވިމަސް މޯލްޑިވްސް ކުންފުނިން ސަޕްލައިކޮށްދިން ދޮންވެލީގެ އަގު ކަމަށްވާ 72,500ރ. އަދި 2010 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ފާއިތުވި ކޮންމެ ދުވަހަކަށްވާ ދެ ޕަސަންޓް އިންޓްރަސްޓްގެ ގޮތުގައި ދޭން ޖެހޭ ފައިސާ ނުދިނުމުންނެވެ.

އެ ފައިސާ ހޯދުމަށް ވިމަސް ކުންފުނިން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ހުކުމްކުރީ އެ ފައިސާއަކީ ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ. އެކަން ކުރުމަށް ޕީބީޑީސީ ކުންފުނީގެ މައްޗަށް އެ ކޯޓުން އަމުރުކުރި އެވެ.

އެ ފައިސާ ނުދައްކާ އޮތްވައި, ސުނާމީ ގެތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ޕީބީޑީސީން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާއަށް ދައުލަތުން ޒިންމާވުމަށް ނިންމާފަ އެވެ. އެހެންވެ, ވިލިނގިލީ ކޯޓުން އިތުރު އަމުރެއް ދައުލަތުގެ މައްޗަށް ނެރުނެވެ.

އެ އަމުރުގައި ދައުލަތަށް އެންގީ ޕީބީޑީސީއަށް ސާބިތުވެފައިވާ ދަރަނި ދައުލަތުގެ ފަރާތުން ވިމަސް ކުންފުންޏަށް ދެއްކުމަށް, އެ ފައިސާ ވިލިނގިލީ ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށެވެ. މި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ހައިކޯޓުން ނިންމީ ވިލިނގިލީ ކޯޓުގެ އެ އަމުރު ބާތިލްކުރަން ޖެހޭ ކަމަށެވެ. އެއީ ދައުލަތުގެ މައްޗަށް އަމުރު ނެރުނުއިރު، ދައުލަތަކީ އެ މައްސަލާގައި ހިމެނޭ ފަރާތަކަށް ނުވާތީ އެވެ.

ހައިކޯޓުން އެ އަމުރު ބާތިލްކުރިތާ އަހަރުތަކެއް ފަހުން ޕީބީޑީސީއިން ވިމަސް ކުންފުންޏަށް ދޭން ޖެހޭ ކަމަށް ސާބިތުވެފައިވާ 1.8 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ވަނީ ވިލިނގިލީ ކޯޓަށް ޖަމާކޮށްފަ އެވެ. ނަމަވެސް, އެކަން ކުރެވުނީ އޮޅުމަކުން ކަމާއި އެ ފައިސާ އަނބުރާ އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ޖަމާކޮށްދިނުމަށް މިނިސްޓްރީން ވިލިނގިލީ ކޯޓުގައި ތަކުރާރުކޮށް އެދުނެވެ.

އެގޮތަށް އެދިފައިވަނިކޮށް ވިމަސް ކުންފުނިން ވިލިނގިލީ ކޯޓަށް އަނެއްކާވެސް މައްސަލަ ހުށަހެޅީ އެ ފައިސާ ހޯދުމަށެވެ. އެ މައްސަލާގައި އެ ފައިސާއަކީ އެ ކުންފުންޏަށް ލިބެން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައި, އެ ކޯޓުން ވަނީ ފައިސާ ވިމަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.

ހައިކޯޓުގައި އިއްޔެ ނިންމީ ވިލިނގިލީ ކޯޓުގެ އެ ނިންމުމުގެ އިސްތިއުނާފު މަރުހަލާ އެވެ. މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައިވާ ގޮތުން ވިލިގިނލީ ކޯޓުން އަމަލުކޮށްފައިވަނީ ގޯސްކޮށެވެ.

ވިލިނގިލީ ކޯޓުން ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި

ރައުޔުގައިވާ ގޮތުން ދައުލަތުން ފައިސާ ދެއްކުމަށް ނެރެފައި އޮތް އަމުރު ހައިކޯޓުން ބާތިލްކޮށްފައިވަނިކޮށް ހަމަ އެ ފައިސާ ވިމަސް ކުންފުންޏަށް ދޫކުރަން އެހެން އަމުރެއް ނެރެގެން ވިލިނގިލީ ކޯޓުން ނިންމާފައިވަނީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ހިލާފަށެވެ.

އެ މާއްދާގައި ބުނަނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ އެވެ.

މައްސަލާގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް އަނެއް ދެ ފަނޑިޔާރުންގެ ރައުޔަށް ތާއިދު ކުރެއްވި އެވެ. ނަމަވެސް އިތުރަށް ބައެއް ކަންކަން ފާހަގަ ކުރައްވާފައި ވެއެވެ.

އެގޮތުން, ފަނޑިޔާރު ނިޔާޒު ނެރުއްވި ރައުޔުގައިވާ ގޮތުގައި ފައިސާ ދެއްކުމުގެ އަމުރެއް ދައުލަތުގެ މައްޗަށް ނެތްއިރު އެ ފައިސާ ވިލިނގިލީ ކޯޓަށް ޖަމާވި ގޮތެއް ދައުލަތަށް ސާފުކޮށް ނުދެވުނެވެ.

"ހައިކޯޓުން ބާތިލުކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް، ދައުލަތުގެ ހަޒާނާއިން މިހާގިނަ އަދަދެއްގެ ފައިސާ ދޫކުރުމަށް މިނިސްޓްރީގެ ގާނޫނީ ޓީމުން ލަފާދިނީ ގާނޫނީ ކޮން ހަމައަކުންތޯ ބަޔާންކޮށްދިނުމަކީ ދައުލަތަށް ކުރަންޖެހޭ ކަމެއް, އިސްތިއުނާފުން މިބަލާ މައްސަލައިގެ ހުކުމް ބިނާކުރުމުގައި އެއީ މުހިންމު ކަމަކަށްވާނެ. ދައުލަތުން އެކަން ބަޔާން ކޮށްނުދިނުމުން، އަހުރެންނަށް ބުރަވެވެނީ، މިއީ ގާނޫނީ ގޮތުން ބަލަންޖެހޭ ވަރަށް ނުބަލައި ކޮށްފައިވާ ފަރުވާކުޑަ އިހުމާލުވުމުގެ އަމަލެއްގެ ގޮތުގަ." ފަނޑިޔާރު ވިދާޅުވި އެވެ.

"އެކަމާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ދައުލަތުން އަޅައި ޒިންމާކުރުވަންޖެހޭ މީހުން ޒިންމާ ކުރުވަންޖެހޭނެ ކަމެއް,"

ފައިސާއާމެދު ދައުލަތާއި ކޯޓުންވީ އިހުމާލު, ފިޔަވަޅު އަޅާ

ފަނޑިޔާރު ދެން ފާހަގަ ކުރެއްވީ އެ ފައިސާ އަނބުރާ ހޯދުމަށް ދައުލަތުން ކުރި މަސައްކަތެއް ނެތް ކަމެވެ.

ހައިކޯޓުގައި ދައުލަތުން މައްސަލަ އިސްތިއުނާފުކުރިއިރު ވެސް އެ ފައިސާ އަނބުރާ ހޯދުމުގެ އަމުރަކަށް އެދިފައި ނެތް ކަމާއި ހަމައެކަނި އެދުނީ ވިލިނގިލީ ކޯޓުގެ އަމުރު ބާތިލްކޮށް ދިނުމަށްކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

"ހުކުމް ބާތިލު ކުރަން ދައުލަތުން އެދޭއިރު، އަދި އެ ހުކުމަކީ މި ކޯޓުން ބާތިލު ކުރަންޖެހޭ ހުކުމަކަށްވާނަމަ، އެ ފައިސާ އަނބުރާ ލިބިދިނުމަށް ނޭދެންވީ ސަބަބެއް ނުވިސްނެ އެވެ،" ފަނޑިޔާރު ނިޔާޒު ލިޔުއްވި އެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވި ގޮތުގައި ވިލިނގިލީ ކޯޓުން ވަނީ ނާޖާއިޒު ގޮތެއްގައި ދައުލަތުގެ ފައިސާ ބަޔަކަށް ދިނުމަށްޓަކައި ޖާއިޒު ސޫރައެއް ދެއްކުމަށް ޝަރީއަތްކުރުމުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުން ހިފައިފަ އެވެ. ކޯޓުތަކަކީ ވެސް ދައުލަތުގެ އޮފީހަކަށްވާއިރު, ދައުލަތުގެ މާލީ ކަންކަމުގައި ކޯޓުތަކުންވެސް އަމަލު ކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށް ހުކުމްގައި ވެއެވެ.

"މި ފައިސާ ވިލިނގިލީ ކޯޓުގެ އެކައުންޓުން މިނިސްޓްރީ އޮފް ފިނޭންސަށް އަނބުރާ ޖަމާކުރުމަށް އެންގި އެކައުންޓަށް ޖަމާނުކޮށް ހަރަދު ކުރިކުރުމަކީ މާލިއްޔަތު ގާނޫނާއި އެ ގަވައިދާ އެއްގޮތަށް ކުރިކަމެއް ކަމަށް ބުނާނެ ތަނެއްނެތް, ވީމާ އެކަމަކީ އެކަން ކުރިބައެއް ބަލައި އެމީހުންގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ދެކެން," ފަނޑިޔާރު ވިދާޅުވި އެވެ.

އަދި އެ ފައިސާ ދައުލަތުގެ ދަށުން ނެއްޓިގެން ދިޔައީ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ކުރުމުގެ ވަގުތު ލިބި، މިނިސްޓްރީން އެކަން އެގޮތަށް ކުރުމަށް އިހުމާލުވުމުގެ ސަބަބުންނެވެ. އަދި ގާނޫނީ ބާރު ހިފެހެއްޓުމަށް އެއްވެސް އިދާރާއަކުން ފިޔަވަޅެއް އަޅާފައި ނެތްކަން ފާހަގަކުރި އެވެ.

އެހެންވެ, ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ވިލިނގިލީ ކޯޓުގެ ހުކުމް ބާތިލްކޮށް, ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އަމުރުކުރުމަށެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން، އިހުމާލުވި ފަރާތްތަކުގެ ކިބައިން ހޯދުމަށްޓަކައި ގާނޫނުގެ ބާރާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށް އަންގާށެވެ.

"މިފަދަ ކަންކަމާމެދު ދައުލަތުގެ ކަމާބެހޭ ފަރާތުން ކަމެކޭ ހީނުވާ ގޮތަކަށް އަމަލުކޮށްފިނަމަ, މިކަންކަން ހިންގަން ތިބޭ ވެރިންގެ ގާނޫނީ ޒިންމާއާމެދު އިހުމާލުވުން ނުވަަތަ މިފަދަ މިސްޓޭކްތައް ކަމަށް ބުނާ ކަންކަން ތަކުރާރުވުމުގެ ފުރުސަތު އޮންނާނެ," މައްސަލައިގައި ފަނޑިޔާރުންގެ ނިންމުމުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox