ސިޓީ ލީގު ތަށި އުފުލާލިއިރު އަގުއޭރޯ އަށް ރެކޯޑެއް

May 23, 2021, 6:20 PM
ސިޓީ ކުޅުންތެރިން ލީގުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މެންޗެސްޓާ ސިޓީ

ސިޓީ ކުޅުންތެރިން ލީގުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މެންޗެސްޓާ ސިޓީ

މެންޗެސްޓާ (މެއި 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 5-0 އިން އެވަޓަން ބަލިކުރި މެޗަށް ފަހު މެންޗެސްޓާ ސިޓީން ލީގު ތަށި އުފުލާލިއިރު، އެ ޓީމުގެ ތަރި ސާޖިއޯ އަގުއޭރޯ ލީގުގައި އެ ޓީމަށް ކުޅުނު ފަހު މެޗުގައި ލީގުގައި ލަނޑު ޖެހުމުގެ ހާއްސަ ރެކޯޑެއް ހަދައިފި އެވެ.

ސިޓީން ލީގު ކަށަވަރުކުރީ ބާކީ ތިން މެޗު އޮއްވަ އެވެ. މިއީ ހަތަރު އަަހަރު ތެރޭ ސިޓީން ލީގު ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. އަދި ފާއިތުވި 10 އަހަރު ތެރޭ ލީގުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. ސިޓީން ވަނީ އިންގްލެންޑްގެ ޗެމްޕިއަންކަން ޖުމްލަ ހަތް ފަހަރު ހޯދައިފަ އެވެ. ސިޓީ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޑިސެމްބަރު މަހު އަށް ވަނައިގައި އޮތުމަށް ފަހު ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމެވެ.

މިރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ރިޔާދު މާރޭޒް ދިން ބޯޅައަކުން ސިޓީ އަށް ލީޑުނަގައިދިނީ ކެވިން ޑިބްރޭނާ އެެވެ. އޭގެ ތިން މިނިޓް ފަހުން ޑިބްރޭނާ ދިން ބޯޅައަކުން ގަބްރިއެލް ޖީސޫސް ސިޓީގެ ދެ ވަނަ ގޯލު ޖެހި އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ރަހީމް ސްޓާލިން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ފިލް ފޯޑެން ވަނީ ސިޓީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލަން ނިންމާފައިވާ އަގުއޭރޯ ކުޅެން އެރީ 65 ވަނަ މިނިޓްގައި މާރޭޒްގެ ބަދަލުގަ އެވެ. އަގުއޭރޯ ދެ ގޯލު ޖެހިއިރު، އެ ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ފެނާންޑީނިއޯ އެވެ.

އަގުއޭރޯ އޭނާގެ ކެރިއަރުގައި ސިޓީ އަށް ކުޅުނު ފުރަތަމަ މެޗުގައި 2011 ވަނަ އަހަރު ސްވަންސީ ސިޓީ ކޮޅަށް ދެ ގޯލު ޖެހީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަ އެވެ. އޭނާ ލީގުގައި ސިޓީ އަށް ކުޅެދިން ފަހު މެޗުގައި މިރޭ މި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ދެ ގޯލު ޖަހައިފަ އެވެ.

އަގުއޭރޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މެންޗެސްޓާ ސިޓީ

އެވަޓަން ކޮޅަށް އަގުއޭރޯ ޖެހި ދެ ގޯލާ އެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. އަގުއޭރޯ ލިސްޓުގެ ކުރިއަށް ޖެހިލީ 184 ގޯލު ހަމަަކޮށްގެންނެވެ. ކުރިން މި ރެކޯޑް އޮތީ މެންޗެސްޓާ ޔުނައިޓެޑަށް 183 ގޯލު ޖަހައިދިން ވޭން ރޫނީ އަތުގަ އެވެ.

ސިޓީގެ ކުޅުންތެރިން ވަނީ މި މެޗުގެ ކުރިން އަގުއޭރޯ އަށް ގާޑް އޮފް އޮނާ އެއް ދީފަ އެވެ.

"އަހަރެން މި ކްލަބަށް އައިއިރު އެންމެ ފުރަތަމަ އަމާޒަކަަށްވީ ތަށްޓެއް ހޯދަން. އެކަން ހާސިލްވީ އަހަރެން ޖެހި ގޯލަކުން. މިހާރު ސިޓީ އަކީ ތަށި ހޯދަން އާދަވެފައި އޮތް ޓީމެއް. އެއް ކްލަބެއްގައި މި ގޮތަށް 10 އަހަރެއްގައި ހުރުމަކީ ވެސް ޝަރަފެއް. ފަހު މެޗުގައި ދެ ގޯލު ޖަހައި ރެކޯޑެއް ހެދުމަކީ ވަރަށް ބޮޑު އުފަލެއް،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އަގުއޭރޯ ބުންޏެވެ.

މިއީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ ސިޓީން މި ސީޒަނުގައި ކާމިޔާބުކުރި ދެ ވަނަ ޓްރޮފީ އެވެ.

"މިއީ ހުރިހާ ގޮތަކުން ވެސް ހާއްސަ ޓްރޮފީއެއް. އަހަރެމެން ލީގު މި ހޯދީ ވަރަށް އުނދަގޫ ތަޖުރިބާތަކެއް ކޮށްފައި،" ގާޑިއޯލާ ބުންޏެވެ.

ސިޓީން ވަނީ ޓޮޓެންހަމް ބަލިކޮށް މި ފަހަރު ލީގު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޗެލްސީ އަތުން ކަޓައި ހަތަރު ތަށި ހޯދުމުގެ އުއްމީދަށް ނިމުން އައީ އެވެ. ސިޓީން މި ސީޒަނުގައި ތިން ތަށި ހޯދައިގެން ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. އެއީ މި މަހުގެ 29 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީ ބަލިކޮށްގެންނެވެ.

އަގުއޭރޯ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ސިޓީ މޮޅުވެއްޖެނަމަ އޭނާ ކްލަބް ދޫކޮށްލާނީ ވަރަށް އުފަލުން ހުރެ ކަމަށް ބުނެފަ އެވެ. ސިޓީއާ އެކު މި ސީޒަނުގެ ނިޔަަލަށް ކޮންޓްރެކްޓްގައި ހުރި އަގުއޭރޯ ދެން ގުޅޭނީ ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox