FOLLOW ADHADHU

ދިވެހި ފުޓްބޯޅައާ މެދު އުއްމީދު އުފައްދައިދިން ޓީމު

1991 ވަނަ އަހަރު ރިހި މެޑަލް ހޯދި މެޗަށް ނުކުތް ފުރަތަމަ އެގާރަ (ކ-ވ) މުހައްމަދު ކަލީމް، އިބްރާހިމް ހަލީމް (ގުރާ އިއްބެ)، އަބްދުލް ވާހިދު ހުސެއިން (އޭދަފުށީ ވާހިދު)، އިބްރާހިމް ނަސީމް، މޫސާމަނިކު (ކުޑަމޫސަ)، އަހުމަދު ނިޔާޒް، އަހުމަދު ޝާހިދު (ސާބެ)، އިބްރާހިމް ހަމީދު (ލެއްބެ)، އިސްމާއިލް އާސިފް (ކުޑަހީނާ)، ދޮންބިލެތް އަހުމަދު ހަލީމް، މައުރޫފް އަހުމަދު (މާއްޓޭ).


ދިވެހި ފުޓްބޯޅައާ މެދު އުއްމީދު އުފައްދައިދިން ޓީމު

ކުޅިވަރަކުން އެ ގައުމެއް ހޯދާ ކާމިޔާބެއްގެ ވާހަކަ އެ ގައުމެއްގެ ސްކޫލް ޓެކްސްޓް ފޮތަކަށް އަރާނީ އެއީ ވަރަށް މާނަހުރި ކާމިޔާބަކަށްވުމުންކަން ކަށަވަރެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން 1991 ވަނަ އަހަރުގެ ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސް (ސާފް ގޭމްސް) އިން ރިހި މެޑަލް ހޯދި ވާހަކަ، ދިވެހި މާއްދާގެ ދަރިވަރުންގެ ފޮތަށް އެރީ އެ ސަބަބާ ހެދި އެވެ. ފައިނަލުން ޕާކިސްތާން އަތުން 2-0 އިން ބަލިވި ނަމަވެސް ރިހި މެޑަލް ލިބުމުން އެ ކާމިޔާބީ ހާއްސަވަނީ އެއީ ރާއްޖެ ފުޓްބޯޅައިގައި ފައިނަލަކަށް ދަތުރުކުރި ފުރަތަމަ ފަހަރަށް ވުމުން އެކަންޏެއް ނޫނެވެ. އަދި ރިހީގެ ވިދުވަރުގެ ސަބަބަކުން ވެސް ނޫނެވެ.

އެ ކާމިޔާބީ ހޯދި ދުވަހަކީ 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އުފަންވި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު، ފިރުކެމުން ފިރެކުމުން ގޮސް އަމިއްލަ ފައިމައްޗަށް ތެދުވި ދުވަހެވެ. އެއީ ދިވެހި ފުޓްބޯޅައާ މެދު ދެކުނު އޭޝިއާގެ ގައުމުތަކުން ސީރިއަސްވި ހިސާބެވެ.

"ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އުއްމީދު އުފަންވި ވަގުތުކޮޅު،"

1991 ވަނަ އަހަރުގެ ފައިނަލަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރައިގައި ފޮޓޯ ފޭސްބުކުގައި ހިއްސާކުރަމުން މާއްޓޭ ކެޕްޝަނުގައި ލިޔުނެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފެށިތާ ކައިރީގައި، 1950ގެ އަހަރުތަކުގެ ކުރީކޮޅު ހުރިހާ ކްލަބަކުން ހޮވާލެވޭ ކުޅުންތެރިން ހިމެނޭ ޓީމެއް "އެއް ވަނަ އެގާރަ" ނަމުގައި އޮތެވެ. އެކަމަކު ރަސްމީ ހައިސިއްޔަތެއް ލިބިގެން ގައުމީ ޓީމެއް އެންމެ ފުރަތަމަ އެކުލަވާލީ 1979 ވަނަ އަހަރު ރިޔޫނިއަން އައިލެންޑްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށެވެ. އިބްރާހިމް އިސްމާއިލްގެ ކެޕްޓަންކަމުގައި އެކުލަވާލި އެ ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުން ސީޝެލްސް އާއި ރިޔޫނިއަން އަތުން 9-0 އިން ބަލިވީ އެވެ. ތިން ވަނަ މެޗުން ކޮމޮރޯސް އަތުން 2-1 އިން ބަލިވީ އެވެ. ގައުމީ ޓީމުގެ ފުރަތަމަ ގޯލް ވިކްޓްރީގެ ދިފާއީ ކުޅުންތެރިޔާ ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) ޖެހީ އެ މެޗުގަ އެވެ. ތިން މެޗުން ބަލިވިޔަސް އެ މުބާރާތުގައި ފުރަތަމަ ގޯލް ޖެހުން އެކަންވީ ކާމިޔާބަކަށެވެ.

1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ޓީމުގެ ކެޕްޓަން އިބްރާހިމް އިސްމާއިލް (ވ) އާއި 1984 ވަނަ އަހަރުގެ ސާފް ގޭމްސް އިން ލޯ މެޑަލް ހޯދި ޓީމުގެ ކެޕްޓަން އިބްރާހިމް ނޫރައްދީން (ކ) އަދި 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދި ޓީމުގެ މާއްޓޭ (ކ-2) އާއި ކުޑަމޫސަ (ވ-2)


އޭގެ ފަހުން ރާއްޖެ ކުރިމަތިލީ ސަރަހައްދީ ފުރަތަމަ މުބާރާތާ އެވެ. ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި އޮތް 1984 ވަނަ އަހަރު ބޭއްވި އެއް ވަނަ ސާފް ގޭމްސް އެވެ. އިބްރާހިމް ނޫރައްދީނުގެ ކެޕްޓަންކަމުގައި ކުޅެ ފުރަތަމަ މެޗުން ނޭޕާލް އަތުން 4-0 އިން ބަލިވީ އެވެ. އަދި ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން 5-0 އިން ބަލިވީ އެވެ. އެކަމަކު ފަހު މެޗުގައި އިބްރާހިމް ފާއިގުގެ ގޯލުން ބޫޓާން 1-0 އިން ބަލިކޮށް ރާއްޖޭން ލޯ މެޑަލް ހޯދި އެވެ. އެއީ ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ މެޑެއްޔެވެ. އެކަމަކު އެ މުބާރާތުން ވަޒަންކުރެވުނު ރާއްޖޭން ފުޓްބޯޅައިގެ ފެންވަރުން އެނގުނީ ރާއްޖެ އޮތީ ސަރަހައްދުގެ ވަރަށް ދަށުގައި ކަމެވެ.

އޭގެ އެއް ފަހަރު ފަހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި 1985 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި ވެސް ރާއްޖެ ފެނުނީ މާބޮޑު ކުރިއެރުމެއް ނުލިބި އޮތް ގައުމެއްގެ ގޮތުގަ އެވެ. ޕާކިސްތާން އަތުން 3-1 އިން އަދި ބަންގްލަދޭޝް އަތުން 8-0 އިން ބަލިވެ ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަންޖެހުނީ އެވެ.

ޖެހިގެން އައި ދެ ސާފް ގޭމްސްގައި ވެސް ތަކުރާރުވީ އެ މަންޒަރެވެ. ހަގީގަތުގައި އޭރު އެފްއޭއެމް އިން ވެސް އަދި ސަރުކާރަކުން ވެސް ގައުމީ ޓީމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އޭގެ ހެއްކަކީ 1987 ވަނަ އަހަރު އިންޑިއާގެ ކަލްކަތާގައި އޮތް ސާފް ގޭމްސް އަށް ކްލަބެއް ފޮނުވުމެވެ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ މެދުގައި މުބާރާތެއް ކުޅެ އެއް ވަނަ ހޯދި ނިއު ރޭޑިއަންޓަށް، ގައުމީ ޓީމު ތަމްސީލްކުރަން ފުރުސަތު ދިނީ، އެފްއޭއެމް އަށް ގައުމީ ޓީމެއް އެކުލަވާލުމުގެ މަސައްކަތާ ނޫޅެވުމުންނެވެ.

ސްރީ ލަންކާގެ ސުމިތު ވަލަޕޮލާގެ ކޯޗުކަމުގައި ގައުމީ ޓީމުގެ ނަމުގައި ނިއު އިން 1987 ވަނަ އަހަރުގެ ސާފް ގޭމްސްގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކެޓީ ޕާކިސްތާން އަތުން 1-0 އަދި އިންޑިއާ އަތުން 5-0 އިން ބަލިވެގެންނެވެ. ޕާކިސްތާނުގެ އިސްލާމް އާބާދުގައި އޭގެ ދެ އަހަރު ފަހުން 1989 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި ރާއްޖޭން ނިސްބަތުން ކުރިއެރުމެއް ހޯދި އެވެ. ނޭޕާލާ ލަނޑެއް ނުޖެހި އެއްވަރުކުރީ އެވެ. އެކަމަކު ޕާކިސްތާން އަތުން 2-0 އިން ބަލިވެ އެ ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ރާއްޖޭގެ ގޯލް ބެލެހެއްޓި މާއްޓޭ.


އެކަމަކު އެހާތަނުން މަޑުމަޑުން މަންޒަރު ބަދަލުވާން ފަށައިފި އެވެ. އެގޮތުން ލަންކާގެ ވެރިރަށް ކޮޅުނބުގައި 1991 ވަނަ އަހަރު އޮތް ސާފް ގޭމްސްއާ މެދު އެފްއޭއެމް އިން ވެސް އަދި ސަރުކާރުން ވެސް ކޮންމެވެސް ވަރަކަށް ސީރިއަސްވި އެވެ. އަދި ކުރީ އަހަރުގެ މުބާރާތްތަކުގައި ކުޅުނު ޒުވާން ބައެއް ދިވެހި ކުޅުންތެރިންނަށް އޭރު ތިބީ ތަޖުރިބާ ލިބިފަ އެވެ. ހުނަރު ވެސް ތަރައްގީވެފަ އެވެ.

ރާއްޖޭން އެ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލް 1-0 އިން ބަލިކުރި އެވެ. ހަމައެކަނި ގޯލް ޖެހީ ހުނަރުވެރި ދުވެލި ބާރު ޒުވާން ފޯވާޑް އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ. އެއީ ފުރަތަމަ ސާފް ގޭމްސްގައި ރާއްޖެ އަތުން 4-0 އިން މޮޅުވި ފަރުބަދަމަތީ ނޭޕާލް އަތުން ރާއްޖެ އަށް ލިބުނު ފުރަތަމަ ކާމިޔާބެވެ.

ދެން ރާއްޖެ ކުރިމަތިލީ ލަންކާއާ އެވެ. އޭރު ލަންކާގެ މަތީ ފެންވަރުގެ ކުޅުންތެރިން ކުޅެމުން އައީ ރާއްޖޭގަ އެވެ. އެ ކުޅުންތެރިން އައީ ރާއްޖޭގެ މުބާރާތްތަކުގައި ރަސްކަންކުރަމުންނެވެ. އެހެންވެ އެ ކުޅުންތެރިން ހިމެނުނު ލަންކާ ޓީމު އެ ގައުމުގައި ބަލިކުރެވިއްޖެ ނަމަ އެއީ މާބޮޑު ކާމިޔާބަކަށް ވާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ރާއްޖޭން އެކަން ހާސިލްކުރި އެވެ. ލަންކާ 1-0 އިން ބަލިކޮށް ފުރަތަމަ ފަހަރަށް ފައިނަލަކަށް ދިޔައީ އެވެ. މޫސާ މަނިކު (ކުޑަމޫސަ) އަރިމަތިން ލަންކާ ޑިފެންޑަރެއް ކައިރިން ނައްޓާފައި ދިން ބޯޅައިން ކެޕްޓަން މުހައްމަދު ކަލީމް ވައްދާލި ހިތްގައިމު ގޯލުން މޮޅުވެ ރާއްޖޭން ދަށްވެގެން ރިހި މެޑަލް ހޯދާނެކަން ކަށަވަރުވުމުން މުޅި ގައުމަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ. އަދި އެއީ ރާއްޖެ އަށް ފުޓްބޯޅައިން އައިސްފައިވާ ކުރިއެރުން ދިވެހިންނަށް ވަޒަންކުރެވުނު ކަމެކެވެ.

ރިހިން ދިވެހިންނަށް ފުދި އިތުރުވި ނަމަވެސް އެއީ ރަން މެޑަލް ލިބެން އޮތް މެޗެކެވެ. މެޗުގެ ބޮޑުބައި ދެ ޓީމު 0-0 ގައި އޮތްއިރު ރާއްޖެ އަށް ލަނޑު ޖަހާނެ ރަނުގެ ދެ ފުރުސަތު ލިބުނެވެ. އެގޮތުން މެޗުގެ ކުރީކޮޅު ރާއްޖޭގެ ކުޑަހީނާ ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. އިބްރާހިމް ހަމީދު (ލެއްބެ) ދިން ބޯޅައަކަށް ކުޑަހީނާ އަރާ އޭރިއާ ތެރެއިން ޖަހަޖަހާ އޮއްވާ ޕާކިސްތާން ޑިފެންޑަރެއް އެ ބޯޅަ ސާފުކޮށްލީ އެވެ.

1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ރާއްޖޭގެ މެދަށް ކުުޅުނު އޭރުގެ ޒުވާން ކުޅުންތެރިޔާ ސާބެ.


ދެ ވަނަ ހާފުގެ ކުރީކޮޅު ރާއްޖެ އަށް އަނެއްކާ ވެސް ހުސް ފުރުސަތެއް ލިބުނެވެ. ޕާކިސްތާން ޑިފެންޑަރެއްގެ އަތުން ބޯޅަ ހޯދައިގެން ކުޑަހީނާ ދުއްވައިގަތް ވަގުތު، ކަވަރިން އަށް އައި ޕާކިސްތާން ޑިފެންޑަރާ، ކުޑަހީނާ އެ ބޯޅަ އަތުލި ޑިފެންޑަރު މުޑިއަރައި ވެއްޓުނީ އެވެ. އެ ވަގުތު ކުޑަހީނާ އަށް އެ ބޯޅަ ހިފައިގެން އެކަނިމާއެކަނި އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލެވެން އޮތެވެ. އަދި އޭރު ލެއްބެ ހުރީ ސީދާ ގޯލްކުރިމަތީ މުޅިން ހުހަށެވެ. އެކަމަކު ކުޑަހީނާ ޖެހުން ނުވަތަ ޕާސްކުރުން ލަސްކުރުމުގެ ސަބަބުން ފަހަތުން އައި ޕާކިސްތާން ޑިފެންޑަރު އެ ބޯޅަ އަތުލީ އެވެ.

އޭގެ ފަހުން ކުޑަހީނާ އޭރިއާ ރޮނގުމަތިން ގޯލަށް ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ. އެކަމަކު ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ދެން ފެނިގެން ދިޔައީ 83 ވަނަ މިނެޓުގައި ޕާކިސްތާނުން ގޯލް ޖެހިތަނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ޕާކިސްތާނުގެ ގާޒީ މުހައްމަދު އަޝްފާގް ވައްދާލީ ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އަށް އެއްވެސް ފުރުސަތެއް ނުދީ ހަނި އޭންގަލުންނެވެ.

އެކަމަކު ރާއްޖެ އަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އަހުމަދު ޝާހިދު (ސާބެ) މެދުތެރެއިން ޖައްސާލި ބޯޅައަށް ކުޑަހީނާ އަރައި ބޭރު ރޮނގުމަތިން ނެގި ހުރަސް އޭރިއާ ތެރެއިން ލިބުނީ އެކަނިމާއެކަނި ހުރި ކެޕްޓަން ކަލީމަށެވެ. އޭނާ އެއް ފަހަރުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

އޭގެ އިރުކޮޅެއް ފަހުން ޕާކިސްތާނުން ދެ ވަނަ ގޯލް ޖެހީ އެވެ. އަރިމަތިން ހުރަސްވި ބޯޅައަށް މާއްޓޭ ކުރިއަށް ޖެހި ޑައިވް ކުރި ނަމަވެސް އަތުނުވީ އެވެ. އެ ބޯޅަ ދެން ލިބުނު ޕާކިސްތާން ޑިފެންޑަރު ގޯލަށް ވައްދާލި އެވެ. އެއާ އެކު ދިވެހި ކުޅުންތެރިން ވަރަށް ބޮޑަށް މާޔޫސްވި އެވެ. ވަރަށް ގިނަ ކުޅުންތެރިންނަށް ލިބުނު މާޔޫސްކަމާ އެކު ބިމަށް ތިރިވި އެވެ. ފުރުސަތު ލިބި ފަހު ވަގުތު ބަލިވުމުންނެވެ. އެކަމަކު އެއީ މެޗަށް ފަހު ކެޕްޓަން ކަލީމް ބުނިހެން މުޅި މުބާރާތަށް ބަލާއިރު ދެރަވާން ޖެހޭ ނަތީޖާއެއް ނޫނެވެ.

1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ރާއްޖޭގެ ފޯވާޑް ލައިނުގައި މޮޅު ކުޅުމެއް ދެއްކި ކުޑަހީނާ (ވ) ފަހުން ވެލެންސިއާގެ ޖާޒީގައި ހުއްރިއްޔާއާ ދެކޮޅަށް ކުޅެނީ.


މެޗަށް ފަހު ޓީވީއެމްގެ ކޮމެންޓޭޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އަށް ދިން އިންޓަވިއުއެއްގައި ކަލީމް ބުނީ މި ރާއްޖޭގައި ފުޓްބޯޅަ ކުޅޭ މީހުންގެ އިތުރުން މުޅި ދިވެހިރާއްޖެ ވެސް ގައުމީ ޓީމާ މެދު ހިތްހަމަޖެހޭނެ ކަމަށް ދެކޭ ކަމަށެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރަން ފެށިތާ 12 އަހަރު ފަހުން ރާއްޖޭން ރިހި މެޑެއްޔެއް ގެނައުމަކީ އޭރުގެ ފެންވަރަށް ބަލާއިރު ހަގީގަތުގައި ވެސް ޓީމާ މެދު ދިވެހިން ހިތްހަމަޖެހޭނެ ބޮޑު ކާމިޔާބެކެވެ.

އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަރައްގީއެއް މިފަހަކަށް ވަނީ ލިބިފައި. އެކަމަކު އަޅުގަނޑަށް ހީވަނީ އަދިވެސް ޓީމު ކުރިއަށް ދެވެން އެބައޮތްހެން. މިހާހިސާބުން ސިލްވާ މެޑަލް އަޅުގަނޑުމެންށް މި ލިބުނީ ކުރީ އަހަރުތަކަށް ވުރެ ތަންކޮޅެއް ރަނގަޅަށް، ތަންކޮޅެއް ނޫން މާބޮޑުތަން ވެސް ރަނގަޅަށް ކުޅެގެންކަން ހަމަ ގައިމު،" ކަލީމް ބުންޏެވެ.

އޭގެ ސިއްރަކީ ކޮބާ ހެއްޔެވެ؟

އެ ފަހަރު ޓީވީއެމްގެ ރިޕޯޓަރެއްގެ ދައުރު ވެސް އަދާކުރި ޓެޑްރީ ބުނީ އެ ކާމިޔާބަކީ އެންމެންގެ ކަލެކްޓިވް އެފަޓެއް ކަމަށާއި އެއީ "އެންމެން މޮޅުވުމުގެ އަޒުމުގައި ތިބި ފަހަރެއް" ކަމަށެވެ. އޭގެ ކުރިން ނަމަ ޓީމުގެ އޮފިޝަލުންގެ ގޮތުގައި ވެސް ފޮނުވާނީ އެފްއޭއެމް އަށް ފެންނަ އެތަނާ ގުޅުން އޮންނަ ކޮންމެވެސް މީހެކެވެ. ނަމަވެސް އެ ފަހަރު އޮފިޝަލުން ކަނޑައެޅީ ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކްލަބެއްގެ ވެސް ހިއްސާ އޮންނަ ގޮތަށެވެ. މެނޭޖަރަކަށް ދިޔައީ ވިކްޓްރީގެ މައިނާ އިބްރާހިމް ރަޝީދެވެ. ޓެޑްރީ ބުނި ގޮތުގައި އެ ފަހަރު އަނެއް ތަފާތަކީ، ކުޅުންތެރިން ނަފްސާނީ ގޮތުން ތައްޔާރުކުރަން ހަންގޭރީގެ ކޯޗު މިކޮލަސް ޓެމިސްވާރީ ކުރި މަސައްކަތެވެ.

"އޭގެ ކުރިން އެފަދަ ގޮތަކަށް ޓީމު މެންޓަލީ ތައްޔާރުކުރި ތަނެއް ނުދެކެން،" ޓެޑްރީ ބުންޏެވެ.

ރިހި މެޑަލް ހޯދި ޓީމުގެ ކެޕްޓަން މުހައްމަދު ކަލީމް (ކ) އާއި ކުޑަމޫސަ.


ގޯލްކީޕަރު މާއްޓޭ ބުނި ވެސް ބުނި ގޮތުގައި ކާމިޔާބީގެ ސިއްރަކީ ސަރުކާރާއި ރައްޔިތުންނާއި އެފްއޭއެމް އާއި ކްލަބްތަކާއި ކުޅުންތެރިން އެކަތިގަނޑަކަށްވެގެން ކުރި މަސައްކަތެކެވެ. އަނެއް ކަމެއްގެ ގޮތުގައި މާއްޓޭ ފާހަގަކުރީ ކުޅުންތެރިންވީ ގުރުބާނީ އެވެ. މެލޭޝިއާ އާއި އިންޑިއާ އިން ޓްރެއިނިން ދަތުރެއް ހަމަޖެހުނު ނަމަވެސް އެ ދަތުރުގައި އުޅެން ޖެހުނީ ވަރަށް ހާލުގަ އެވެ. މެލޭޝިއާގައި ތިމީ މިލިޓަރީ ކޭމްޕެއްގަ އެވެ. ބަންކުބެޑުގައި ނިދައި ފާހަނާކުރީ ތިރި ތަށްޓަށެވެ. އިންޑިއާގެ ޓްރިވެންޑްރަމުގައި ޕްރެކްޓިހަށް ދަނީ ރިކްޝާގަ އެވެ. ތަމްރީން މެޗުތައް ކުޅޭ ނަމަ ޖެހެނީ ކޮޗިން އަށް ބަހުގައި ދާށެވެ.

"ދެ މަހެއްހާ ދުވަހު ކުޅުންތެރިން ވަރަށް ބޮޑެތި ގުރުބާނީތަކެއްވެގެން އެ ކާމިޔާބީ ހޯދުން،" މާއްޓޭ ބުންޏެވެ.

1991 ވަނަ އަހަރު ރިހި މެޑަލް ހޯދި މެޗަށް ނުކުތް ފުރަތަމަ އެގާރަ


މުހައްމަދު ކަލީމް، އިބްރާހިމް ހަލީމް (ގުރާ އިއްބެ)، އަބްދުލް ވާހިދު ހުސެއިން (އޭދަފުށީ ވާހިދު)، އިބްރާހިމް ނަސީމް، މޫސާމަނިކު (ކުޑަމޫސަ)، އަހުމަދު ނިޔާޒް، އަހުމަދު ޝާހިދު (ސާބެ)، އިބްރާހިމް ހަމީދު (ލެއްބެ)، އިސްމާއިލް އާސިފް (ކުޑަހީނާ)، ދޮންބިލެތް އަހުމަދު ހަލީމް، މައުރޫފް އަހުމަދު (މާއްޓޭ).

އެ ކާމިޔާބީއާ އެކު އެންމެ ބޮޑު އުފަލެއް ލިބުނީ ނިއުގެ ކޯޗުގެ ގޮތުގައި 1987 ވަނަ އަހަރުގެ ގޭމްސް އަށް ދިޔަ ލަންކާގެ ވަލަޕޮލާ އެވެ. ރިހި މެޑަލް ހޯދިއިރު ކުޅުނު ގިނަ ކުޅުންތެރިންނަކީ އޭނާގެ ތަމްރީން ލިބިފައި ތިބި ކުޅުންތެރިންނެވެ. އެހެންވެ 1991 ގެ ގޭމްސް އަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޒާހިރު ނަސީރުގެ ހާއްސަ ދައުވަތެއްގައި އޭނާ ކޮޅުނބަށް ގެންދިޔަ އެވެ. އަދި ލަންކާ އަތުން ރާއްޖެ މޮޅުވުމުން ދިވެހި ކުޅުންތެރިން އޭނާ އުފުލާލައިގެން އުފާފާޅުކުރި އެވެ. އެއާ އެކު ލަންކާ ކުޅުންތެރިން ރުޅިގަދަވި އެވެ.

ވަލަޕޮލާ ބުނީ އެ ކާމިޔާބީއާ އެކު ސަރަހައްދުގެ ގައުމުތަކުން ރާއްޖެއާ މެދު ސީރިއަސްވި ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް ޒަމާނީ ބަދަލު އަންނަ ފެށި ކަމަށް އޭނާ ބުންޏެވެ. އޭގެ އަހަރެއް ފަހުން ކްލަބް ވެލެންސިއާ އިން ރާއްޖެ އަށް މުސާރަދީގެން ކުޅުވާ އުސޫލު ތައާރަފްވުމާ އެކު ޕްރޮފެޝަނަލް ކުޅުންތެރިން އުފެދުނެވެ. އެންމެ ފުރަތަމަ ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ކުޑަމޫސަ އާއި ދޮންބިލެތް އަހުމަދު ހަލީމް ހިމެނެ އެވެ.

އޭގެ ފަހުން ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖެ ފަސް އެނބުރި ބަލާފައެއް ނުވެ އެވެ. އެންމެ ފަހަރަކު ފިޔަވައި ރާއްޖޭން ހުރިހާ މުބާރާތެއްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ އެވެ. ފަސް ފަހަރު ފައިނަލުގައި ކުޅެ ދެ ފަހަރު ތަށި ހޯދި އެވެ. ރާއްޖޭން 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ހޯދުމުން ނޫސްތަކުގެ ސުރުހީގައި އޮތީ 17 އަހަރުގެ އުއްމީދު ހާސިލްވީ ކަމަށެވެ. ތެދެކެވެ. 1991 ގެ ކާމިޔާބަކީ ދިވެހިންނަށް ފުޓްބޯޅައިން އިތުބާރު ހޯދައިދިން ކާމިޔާބެވެ. އެ ޓީމަކީ ރާއްޖޭގެ ފުޓްބޯޅައާ މެދު އުއްމީދު އުފައްދައިދިން ޓީމެވެ.