Advertisement

ސުކޫކުގެ ސިއްރު ޕޭބެކް ޕްލޭނަށް އިތުބާރުކޮށްގެން ތިބެންވީތަ؟


ސުކޫކުގެ ސިއްރު ޕޭބެކް ޕްލޭނަށް އިތުބާރުކޮށްގެން ތިބެންވީތަ؟

ދަރަނި އަނބުރާ ދައްކާނެ ގޮތަކީ ކޮބައިކަން އާންމުކޮށް ހާމަކުރުމަކީ ކުރިއަރަމުން އަންނަ އިގުތިސޯދުތަކުގެ މާލީ ކަންކަން މެނޭޖުކުރުމުގައި އާންމު ސިޔާސަތެކެވެ. އޭގެ ބޭނުމަކީ ކޮންމެ ގައުމެއްގެ ވެސް އާންމު ރައްޔިތުންގެ އިތުބާރާއި، ދުނިޔޭގެ މާލީ އިދާރާތަކުގެ އިތުބާރު ވެސް ހޯދުމެވެ. މިއީ ތަހުޒީބު ގައުމުތަކުން އެއްބަސްވާ އާންމު ސިޔާސަތެކެވެ.

އެހެންނަމަވެސް، އަންނަ މަހުގެ އަށެއްގައި ދިވެހި ސަރުކާރުން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ސުންގަޑި ކައިރިވަމުން އަންނައިރު، ސަރުކާރުން ވަނީ ސުކޫކަށް ފައިސާ ދައްކާ ގޮތުގެ "ޕޭބެކް" ޕްލޭން ސިއްރުކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވާ ގޮތުގައި، ސުކޫކު އަނބުރާ ދައްކާނެ ގޮތުގެ ސިއްރު ޕްލޭނަކީ ސަރުކާރުން ވަރަށް ރޭވުންތެރިކަމާއެކީ ފަރުމާކޮށްފައިވާ މާލީ ވަރުގަދަ އައްޑަނައެކެވެ. މީގެ ބޭނުމަކީ، އިގުތިސޯދީ ހަމަޖެހުން ހިމާޔަތްކުރުމާއި އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހާމަކުރުމުގެ ބަދަލުގައި ސިއްރުކުރުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ހޯދެނީ ކިހިނެއް ކަމެއް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅެއް ނުވެ އެވެ.

"އެ ހުރިހާ އެއްޗެއް އަޅުގަނޑުމެން ފަހުން ޕަބްލިޝް ކުރާނަން، އެކަމަކު އޭގެ ކުރިން އަޅުގަނޑުމެން ވާގޮތަކީ މާކެޓްސް ހަމަ ރިއެކްޓް ކުރާނެ. މިއީ އިންވެސްޓާސް ލައްވާ މި ކުރަނީ. އެހެންވީމަ ބައެއް ޑޭޓާ، ބައެއް އިންފޮމޭޝަން އެހެން އަޅުގަނޑުމެންނަށް ސީދާ މިއޮތީއޭ ޕްލޭނެއް ކިޔާފައި ނުއެއް ބުނެވޭނެ," ޒަމީރު ދާދި ފަހުން ވިދާޅުވެފައި ވެ އެވެ.

ސުވާލަކީ، މިއީ ރަނގަޅު ޕްލޭނެއް ކަމުގައި ވަނީ ނަމަ އެ ޕްލޭނުގައި ހުރި ތަފުސީލުތައް ސިއްރުކުރަނީ ކީއްވެ ހެއްޔެވެ؟ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ކްރެޑިޓް ރޭޓިން ދަށަށް ގޮސްފައިވާ ގައުމަކަށް، ރަނގަޅު ޕްލޭނެއް އޮތްކަން ހާމަކުރުން މާ ފައިދާ ބޮޑު ނުވާނެ ހެއްޔެވެ؟

ފާޑުކިޔާ މީހުން ބުނާ ގޮތުގައި، މިއީ މުޅި ދުނިޔޭގެ އިގުތިސޯދު ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިފައި އޮތް ދަނޑިވަޅެއްގައި ސަރުކާރުން ކުޅޭ ރިސްކު ބޮޑު ކުޅިއެކެވެ.

މި މައުލޫގައި އަދަދު ނޫހާ، ވާހަކަ ދެއްކި މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، މި މައުލޫމާތު ހާމަނުކުރުމަކުން އިންވެސްޓަރުންގެ އިތުބާރު އިތުރުވާނެ ގޮތެއް އޭނާއަކަށް ނުވިސްނޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި، މާލީ ހިސާބުތަކަކީ ދައުލަތުގެ ސިއްރެއްގެ ގޮތުގައި ބަލަހައްޓާހާ ހިނދަކު، ބައިނަލްއަގުވާމީ މާކެޓުން ރާއްޖެއަށް ކުރާ އިތުބާރު ކުޑަވެ، ދަރަނި އަދާކުރުމުގެ ހަރަދު ދާނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.

"ފިސްކަލް ޓްރާންސްޕޭރެންސީއަކީ އިންވެސްޓަރުންގެ އިތުބާރު ހޯދާ ގޮތަކީ. ސިއްރުކުރުމުން ދޭހަ ވަނީ ސަރުކާރު ވެސް އެހާ ކޮންފިޑެންޓް ނޫންހެން ސުކޫކު ޕޭބެކް ކުރާ ޕްލޭނަށް." އޭނާ ބުންޏެވެ.

މުޅި ޕްލޭން ހާމަނުކުރި ނަމަވެސް ސަރުކާރުން ގެންގުޅޭ "ހައިބްރިޑް" ސްޓްރެޓަޖީ ވަނީ ހާމަކޮށްފަ އެވެ. އެއީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އިން ދަރަނީގެ އެއްބައި ދެއްކުމާއި، އަނެއްބައި ރީފައިނޭންސް ކުރުމެވެ. ޒަމީރު ވިދާޅުވާ ގޮތުގައި މިއީ އާ ބޮންޑެއް ނޫނީ ސުކޫކެއް ވިއްކުމަށް ވުރެ މާ ރަނގަޅު، ފައިދާ ބޮޑު ގޮތެކެވެ.

މި ގޮތުން ލިބޭ ފައިދާތަކުގެ ތެރޭގައި ޖުމްލަ ދަރަނި ދަށް ވުމާއި، ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ހޯދާނެ ފިސްކަލް ޖާގަ ލިބިގެން ދިޔުމާއި ވޯލްޑް ބޭންކާއި އިިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ކްރެޑިޓު ރޭޓިން އެޖެންސީތަކުގެ ރާއްޖޭގެ މާލީ ހާލަތާ މެދު ދެކޭ ގޮތް ބަދަލުވުމުގެ ފުރުސަތު ފަހިވުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރު މިހާރު މިހެން ވިދާޅުވި ނަމަވެސް މި ސުކޫކަކީ، ހަގީގަތުގައި މިދިޔަ އަހަރު ނޫނީ އޭގެ ކުރީ އަހަރު ރީފައިނޭންސް ކުރެވޭނެ ފުރުސަތު އޮތް އެއްޗެކެވެ. އަދި، އެކަން ކުރަން ސަރުކާރުން ބަޖެޓުތަކުގައި ހިމެނި ވެސް ކަމެކެވެ. މިހާރު ލިބޭނެ ކަމަށް މިނިސްޓަރު އެ ވިދާޅުވާ ހުރިހާ ކަމަކީ، ވެނިމި، އޭގެ ފައިދާތައް މިހާރު ވެސް ލިބެމުންދާން ޖެހޭ ކަންކަމެވެ. މިއަދު އެ ވާހަކަ ދައްކަވަން ޒަމީރަށް ޖެހިވަޑައިގެންނެވީ ސަރުކާރަށް އޭރު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުންނެވެ.

ސަރުކާރުން މިހާރު ރީފައިނޭންސް ކުރަމުންދާ ގޮތްތަކާމެދު ވެސް ސުވާލު އުފެދެ އެވެ. މި އިޝާރާތްކުރަނީ ސުކޫކު ރީފައިނޭންސް ކުރަން ނަގާ ލޯނަށެވެ. މާލީ މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ ބޮޑު އަގުގައި ނަގާނެ ލޯނަކަށް ވާނެ އެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ ބޮޑު އަގުގައި ލޯނެއް ނުނަގާނެ ކަމަށެވެ.

މާލީ މާހިރުން ބުނާ ގޮތުގައި ސަރުކާރުން މި ޔަގީންކަން ދިން ނަމަވެސް މި ހާލަތުގައި ސަރުކާރަށް ނެގެން އޮތީ ކުރު ކުރު މުއްދަތެއްގެ، ބޮޑު އިންޓްރެސްޓެއް ހިމެނޭ ލޯނެކެވެ. މިފަދަ ލޯނުތަކަށް ބަރޯސާވާން ޖެހުމަކީ، ސަރުކާރުން އައިއެމްއެފް އާއި ވޯލްޑް ބޭންކާއި ރޭޓިން އެޖެންސީތަކަށް ދައްކަން ބޭނުންވާ "ޓެކްނިކަލް" ހަމަޖެހުމާ ފުށުއަރާ، ގައުމުގެ ނާޒުކު ހާލަތު ބޭޒާރުވާ ކަމެކެވެ.

ޒަމީރުގެ ވާހަކަތަކުން ދޭހަވީ އޭނާ ގަބޫލުކުރައްވަނީ، މިހާރު ހިމޭނުން ހުރެފައި، ނަތީޖާއިން ޖަވާބު ދިނުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އެހެންކަމުން ސަރުކާރުގ މި "ސިއްރު ޕޭބެކް" ސްޓްރެޓެޖީ ކާމިޔާބުތޯ ވަޒަންކުރަން ވެސް ލިބެނީ އެ ފައިސާ ދައްކާ ނިމުމުންނެވެ.

ނަމަވެސް، މި މައުލޫމާތުތައް ފެންނަންވާއިރު މާ ލަސްވެދާނެ އެވެ. ހަމަ އެހެންމެ، އޭރުން ވެސް ހުރި ސުވާލުތަކަށް ޖަވާބު ލިބިދާނެތޯ ސުވާލު އުފެދެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުތަނަސްވަކަމުގެ ތެރޭގައި ގައުމުގެ މުސްތަގުބަލަށް ވެދާނެ ގޮތަކާ މެދުގަ އެވެ.

ސުކޫކަށް ފައިސާ ދައްކާފައި މިހާރު އޮތް ބޮޑު ހުސްކަމުގެ ތެރެއަށް، އެއްވެސް ރައްކާތެރިކަމުގެ ދާގަނޑެއް ނެތި ކުރިއަށެވެ. އެސްޑީއެފްއިން ފައިސާ ނަގައިގެން ސުކޫކުގެ އެއްބައި ދެއްކުމަކީ ހަމައެކަނި މި ފަހަރު ކުރެވޭނެ ކަމެކެވެ. އެ ހިސާބުން އެ ދިޔައީ ނުތަނަވަސްކަމުގެ ހާލަތުން ރައްކާތެރިވާން ޖެހި އެންމެ ބޮޑު އެއް ބަަފަރެވެ.

ކަން މިހެން ހުރި އިރު، އަހަރަމެންނަށް އިތުބާރު ކުރާށޭ ކިޔާފައި މި މައުލޫމާތުތައް ސިއްރުކޮށްގެން ތިބުމަކީ، މި ގައުމުގައި ތިބި އެންމެ ބޮޑު އިންވެސްޓަރުން ކަމުގައިވާ ދިވެހި ރައްޔިތުންގެ މަސްލަހަތުގައި ނިންމި ނިންމުމެއްތޯ ސަރުކާރުން އަލުން ވިސްނާލަން ޖެހެ އެވެ.