about 1 hour 0
އަމަން ހަލީމް
about 1 hour 0
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ހުޅުގަނޑުގެ ދުންގަނޑު ދުނިޔޭގެ ހަތަރު ބިތަށް "ފެތުރި"، އެންމެން ހާސްކޮށްލައިފި އެވެ.
އިގުތިސާދުތަކަށް ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގައުމުތަކުން ދަނީ ކަމަރު ބަނދެ، މުށް ބާރުކޮށް، ބޯމަތީގައިވާ މާލީ ތޫފާނުން ސަލާމަތުގެ އައްސޭރިއެއް ހޯދަމުންނެވެ. ޔޫރަޕާއި އޭޝިއާގެ ތަނަވަސް ގައުމުތަކުން ވެސް ދަނީ، އެ ގައުމުތަކުގެ ބަޖެޓުތައް ކޮށައި މަށައި ކަނޑަމުންނެވެ. ހަރަދު ކުޑަކުރެވޭނެ ގޮތެއް އޮތިއްޔާ އެ ގޮތެއް ހޯދަމުންނެވެ.
އެކަމަކު ރާއްޖެއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ދިވެހި ސަރުކާރު ފެންނަނީ ހަމަޖެހިލައިގެން، ކުރިމަތީގައި އޮތް ބިރުވެރި ހަގީގަތާ ކުރިމަތިލާން ބޭނުންނުވެ، ގަސްތުގައި "ލޯ މަރާލައިގެން" އޮތް ތަނެވެ. އެހެން ގައުމުތަކުން "ރިޔާ ކުޑަކުރަމުން" ސަލާމަތުގެ އައްސޭރިއަށް ހޯދަމުންދާދާއިރު، ރާއްޖެއިން ފެންނަނީ ތޫފާނުގެ ރާޅުތައް ބޯމަތިވަމުން އަންނައިރު ވެސް، "ރިޔާ ނަގައިގެން" ކުރިއަށްދާ މަންޒަރެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައަށް ތިން ހަފުތާ ވާން ގާތްވެފައިވާއިރު، ޓޫރިޒަމް ސިނާއަތުން މި އަހަރުގެ ކުރީކޮޅު ފެނުނު ކުރިއެރުން ވަނީ އެއްކޮށް ފުހެލާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗް މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ފުރަތަމަ 15 ދުވަހު 95,755 ޓޫރިސްޓުން ޒިޔާރަތްކުރި ނަމަވެސް، މި އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 76,369 އަށް ދަށްވެފަ އެވެ.
2021 އިން 2026 އަށް މާޗުގެ ފުރަތަމަ 15 ދުވަހު ޒިޔާރަތްކުރި ޓޫރިސްޓުން: ނަންބަރުތަކުން ފެންނަނީ ކޮވިޑު ރިކަވަރީ ދުވަސްވަރުގެ ހާލަތު --- ޗާޓު: އަދަދު
މިއީ ރެކޯޑު ދުވެލީގައި ކުރިއަރަމުން އައި ޓޫރިޒަމް ސިނާއަތުގައި ދުވެލި މަޑުޖެހިފައިވާ ކަމުގެ ސާފު ނިޝާނެކެވެ. މި މަޑުޖެހުމާއެކީ ޓޫރިޒަމް ނަންބަރުތައް ވަނީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު އިގުތިސާދު އިޔާދަވަމުން އައި ދުވަސްވަރު ހުރި މިންވަރަށް ވެއްޓިފަ އެވެ. މިއަށް ވުރެ ވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަވީ މި ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް މަތީ ފަންތީގެ ރިސޯޓުތަކަށް ކުރަމުންދާތީ އެވެ.
ޓޫރިޒަމް ވިޔަފާރިތަކުން މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ބުކިން ކެންސަލޭޝަން މައުލޫމާތުތަކުން ދައްކާ ގޮތުގައި، 94 ރިސޯޓަކުން ވަނީ 3،098 ކެންސަލޭޝަނާއެކީ 26،687 ބެޑްނައިޓް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. ގެސްޓުހައުސްތަކުން ރިޕޯޓުކޮށްފައި ވަނީ އެންމެ 235 ކެންސަލޭޝަނެވެ. ހޮޓާތަކާއި ސަފާރީތަކުން ރިޕޯޓުކުރީ 24 ކެންސަލޭޝަނެވެ.
މިއީ ރިޕޯޓުކޮށްފައިވާ އަދަދެވެ. ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް މީހުންގެ އަންދާޒާތައް އުޅެނީ މިއަށް ވުރެ މާ މަތީގަ އެވެ. ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން ކުރާ އިނާ މޯލްޑިވްސްގެ ވެރިޔާ ފިރާގު އަންދާޒާ ކުރަނީ 300 ފްލައިޓު ކެންސަލްކޮށް، 60،000 އަށް ވުރެ ގިނަ ޓޫރިސްޓުންނަށް އަސަރުކޮށް، 326،000 ބެޑްނައިޓް ގެއްލިފައިވާ ކަމަށެވެ.
"މިއީ ހަމައެކަނި އެންމެ ކުޑަ އަދަދުތަކެއް. ހަގީގީ އަސަރު ޝައްކެއް ވެސް ނެތް ގޮތުގައި އެއަށް ވުރެ ބޮޑު ވާނެ. މި ހާލަތާ ހެދި ޓޫރިޒަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިގުތިސާދަށް އިންތިހާއަށް ޕްރެޝަރު ކުރަމުން އެބަދޭ،" ފިރާގު ބުންޏެވެ.
މި ކެންސަލޭޝަންތަކުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ ގަލްފުގެ ވައިގެ ސަރަހައްދު ބަންދުވުމާއި، ޔޫރަޕުން ރާއްޖެއަށް ޓޫރިސްޓުން އުފުލާ މައިގަނޑު އެއާލައިންތައް ކަމަށްވާ އެމިރޭޓްސް، ގަތަރު އެއާވޭސް އަދި އިއްތިހާދު ފަދަ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލުމެވެ.
ހަ އަހަރުގެ ތެރޭގައި މާޗުގެ ފުރަތަމަ 15 ދުވަހު ޒިޔާރަތްކުރި ޓޫރިސްޓުން: ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 5،000 އަށް ތިރިވެފައި --- ޗާޓު: އަދަދު
އޮކްސްފޯޑް އިކޮނޮމިކްސް އިން ލަފާކުރާ ގޮތުގައި، މި ހަނގުރާމަ ދިގުލައިގެން ހިނގައްޖެ ނަމަ، މެދުއިރުމައްޗަށް ދަތުރުކުރާ މީހުންގެ އަދަދު 27 ޕަސެންޓު ވެއްޓޭނެ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 35 ޕަސެންޓު އަންނަނީ މެދުއިރުމަތިން ލާފައި ކަމުން، މިއީ ރާއްޖޭގެ މާލީ ހާލަތު ނާޒުކުވެފައިވާ ދަނޑިވަޅެއްގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.
ގިނަ ޓޫރިޒަމް ވިޔަފާރިތަކުން ތިބީ ހަނގުރާމަ އަވަހަށް ނިމިއްޖެނަމަ ފަތުރުވެރިކަން އަލުން އިއާދަވާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު ފެންނަނީ ނުރައްކާތެރި މަންޒަރެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 100 ޑޮލަރާއި 120 ޑޮލަރާ ދެމެދުގަ އެވެ.
މީގެ ސަބަބުން އިންޑިއާ އާއި މެލޭޝިއާ ފަދަ ގައުމުތަކުން ވަނީ "ވޯ ޓައިމް" ބަޖެޓުތަކަށް އަމަލުކުރަން ފަށާފަ އެވެ. ބިޔަ އިގުތިސާދަކާއި ގުދުރަތީ ވަސީލަތްތައް ހުރި މި ގައުމުތަކުން ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖައްސާލައި، ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލާފަ އެވެ. ސަބްސިޑީތައް ކަނޑާލާފަ އެވެ. ދައުލަތުގެ ރިޒާވް ހިމާޔަތްކުރުމަށްޓަކައި ހިތި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
އެ ސަރުކާރުތަކުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖު ވަރަށް ސާފެވެ. މުސްތަގުބަލު ކަށަވަރު ކުރަން މި ވަގުތަށް ބުރަ އުފުލަން ޖެހޭ ކަމެވެ.
އެކަމަކު ޓޫރިޒަމުގެ ވަށައިގެން އެނބުރޭ އިގުތިސާދެއް އޮތް މި ރާއްޖޭގެ ސަރުކާރުގެ ފުށުން އެ ހާސްކަމެއް ނުފެނެ އެވެ. ހަރަދު ކުޑަކުރަން ކުރާ ކަމެއް ނެތެވެ. މަޝްރޫއުތައް ބާރަށް ކުރިއަށެވެ. ވަޒީފާ ބެހުމުގެ ސިލްސިލާ ކުރިއަށެވެ. ސަބްސިޑީ އޮތީ އަދިވެސް ފޯމިއުލާ ހޯދުމުގެ މަރުހަލާގަ އެވެ. ރިޒާވު ހިމާޔަތްކުރުމުގެ ނަމުގައި ދިވެހިންގެ ބޮލުގައި އަޅަނީ އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެވެ.
ދިވެހި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ހާލަތެއް މެދުވެރިވިޔަސް މި ގައުމުގެ ރައްޔިތަކު އުފުލަން ޖެހޭނެ ބުރައެއް ނޯންނާނެ ކަމެވެ. މީގެ އެންމެ ރަނގަޅު މިސާލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަޖެޓަށް ބާރު ބޮޑުވަމުންދާއިރު، އަގުތައް ހިފަހައްޓަން ސަރުކާރުން ނިންމުމެވެ.
މި މަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ތެލުގެ އަގު ހިފަހައްޓާނީ އެސްޓީއޯގެ ފައިދާ ބޭނުންކޮށްގެންނެވެ. މިއީ އާންމުންގެ މެދުގައި މަގުބޫލު ކަމަކަށް ވިޔަސް، މީގެ ސަބަބުން ހަކަތައިގެ ހަގީގީ އަގު އޮޅި، ހުސްވާނީ އެސްޓީއޯގެ ރައުސުލްމާލެވެ.
ތެލުގެ އަގަށް އައިސްފައިވާ ބަދަލާއެކީ ލަފާކުރެވޭ ގޮތުގައި ތެލުގެ ސަބްސިޑީއަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް އެއް ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ފާޑުކިޔާ މީހުން ބުނަނީ އެސްޓީއޯ ބޭނުންކޮށްގެން މިއީ ބަނގުރޫޓުވަމުންދާ ދައުލަތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.
"ހިސާބު ދިމައެއް ނުވޭ. އާމްދަނީ ލިބޭ މައިގަނޑު މަސްދަރު ކަމަށްވާ ފަތުރުވެރިކަން ދަށަށް ގޮސް، މާސިންގާ ދަރަނިތައް ދައްކަން އޮއްވާ، ތެލުގެ އަގު ހިފެހެއްޓުމަކީ ހަމަޖެހޭ ސިޔާސަތެއް ނޫން،" މަރުކަޒީ ބޭންކުގައި ކުރިން މަސައްކަތްކޮށްފައިވާ އިސް އޮފިޝަލަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.
މި ގޮތަށް އަގު އުފުލިފައި ހުންނަ ކޮންމެ ދުވަހަކީ މިހާރު ވެސް 8.8 ބިލިއަން ރުފިޔާގެ ބޮޑު ޑެފިސިޓެއްގައި އޮތް ބަޖެޓުގެ ޑެފިސިޓު ބޮޑުވެ، ފައިނޭންސިން އިތުރުވާނެ ކަމެކެވެ. ފައިނޭންސިން އިތުރުވުމުގެ މާނައަކީ ދަރަނި އިތުރުވުމެވެ.
ފިނޭންސް މިނިސްޓްރީން ޖަހާފައިވާ ހިސާބުތަކުން ދައްކަނީ، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެންދާ ކޮންމެ މަހަކު، ދިވެހި ސަރުކާރުގެ އާމްދަނީން 85 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.
މިއީ މި އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 33.5 ބިލިއަން ރުފިޔާ އާމްދަނީން ކޮންމެ މަހެއްގައި ގެއްލިގެންދާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެވެ. މުޅި އަހަރަށް މި ހިސާބު ހަދައިފިނަމަ ލަފާކުރާ އާމްދަނީގެ ދެބައިކުޅަ އެއްބައި ގެއްލެ އެވެ. އިންތިހާއަށް ބޮޑު އަދަދެކެވެ.
މި ބޮޑު އުނިވުމުގެ ސަބަބުން، މިހާރުގެ ބަޖެޓުން ފޫނުބެއްދޭނެ ފަދަ ބޮޑު "ފައިނޭންސިން ގެޕް" އެއް ނުވަތަ މާލީ ހުސްކަމެއް އުފެދިގެންދާނެ އެވެ. މި ހުސްކަމުގެ ބިރު އިތުރަށް ބޮޑު ވަނީ ދުނިޔޭގެ ހާލަތުގެ ނާޒުކުކަމާ ހެދި އެވެ.
މާހިރުން އަންދާޒާކުރަނީ ދުނިޔޭގެ މާލީ ބާޒާރުގައި އިންޓްރެސްޓް ރޭޓްތައް މަތިވެ، ލޯނު ހޯދުމަށް ދަތިވާ "ކްރެޑިޓް ޓައިޓަނިން" އެއް ކުރިމަތިވާނެ ކަމަށެވެ. މިއާ އެކީ އާމްދަނީން އުނިވާ ބައި ފޫބެއްދުމަށް ލޯނު ހޯދުމުގެ ފުރުސަތު ހަނިވެ އެވެ.
އާމްދަނީން ގެއްލޭ ބައިގެ ހުސްކަމުގެ ތެރެއަށް އަންނަ މަހު ދައްކަން ޖެހޭ 525 މިލިއަން ޑޮލަރުގެ ސުކޫކް އިތުރުވުމުން، ސަބްސިޑީތައް ދިނުމާއި، މުވައްޒަފުންގެ މުސާރަ ދިނުމާއި، އަދި ދަރަނި އަދާކުރުން އެއްފަހަރާ ކުރިއަށް ގެންދެވޭނެ ފަދަ މާލީ ގާބިލްކަމެއް މި ދައުލަތުގެ ކިބައިގައި ނުހުންނާނެ އެވެ.
މި ނާޒުކު ހާލަތުން އަރައިގަންނަން ރާއްޖެއަށް އޮތް ހަމައެކަނި ގޮތަކީ ހަރަދުތައް ކުޑަކުުރުމެވެ. ސިޔާސީ ސަބަބުތަކަށް ޓަކައި ޑަސްބިނަށް އަޅާފައިވާ ފިސްކަލް ރިފޯމް އެޖެންޑާ ނަގައިގެންނެވެ. މި ޕްލޭނަށް އަލުން ބަލައި، ވަގުތުން ވަގުތަށް އަމަލުކުރަން ފެށުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިކަން ނުކޮށް ލަސްކުރާ ކޮންމެ ދުވަހަކީ، ގައުމު އިގުތިސާދީ އަނދަވަޅަކަށް ވެއްޓުމަށް ދެވޭ ފުރުސަތެކެވެ.
ސަރުކާރުން "ބިޒްނަސް އެޒް ޔޫޝުއަލް" އެއް ނޫން ކަމަށާއި، ޑިސްކްރެޝަނަރީ ހަރަދުތައް ނުކޮށް ވޭތޯ ބަލަން ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ. އަދި، އާމްދަނީއަށް އަންނަ ހީނަރުކަމާއެކީ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މިހެން ނަމެއްގައި ކުރާ ކަންކަމުގެ ބަދަލުގައި، ހަގީގީ މާލީ އިސްލާހީ ބަދަލުތަކެއް ގެންނަން ސަރުކާރުން ސީރިއަސް ވާން ޖެހެ އެވެ. އިގުތިސާދީ ގޮތުން ކުރިމަތިވެފައިވާ މި ނުރައްކާތެރި ތޫފާނުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ދައުލަތުގެ ހަރަދުބަރަދު ބެލެހެއްޓުމުގައި މިހާރަށް ވުރެ އިސްރާފު ކުޑަކޮށް، ދުރުވިސްނޭ ސިޔާސަތުތަކެއް އިހުތިޔާރު ކުރުމެވެ.
ދަރަނީގެ މަޅި ބާރުވަމުންދާއިރުވެސް، ދިވެހި ސަރުކާރުގެ ހުރިހާ ފޯކަސްއެއް ހުރީ އިގުތިސާދަށް ވުރެ ބޮޑަށް ވޯޓު ފޮށްޓަށެވެ. އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމަކީ ސަރުކާރުން ވަރުގަދަ އިސްލާހީ ފިޔަވަޅުތައް މަޑުޖައްސާލައިގެން އޮތް އެންމެ ބޮޑު ސަބަބެވެ.
މާހިރުން ބުނާ ގޮތުގައި، މި ދަނޑިވަޅުގައި ސަބްސިޑީ ކަނޑާލައި ނުވަތަ ތެލުގެ އަގު ބޮޑުކޮށްފި ނަމަ، އިންތިހާބުގައި ސަރުކާރަށް ލިބޭނެ ގެއްލުން ބޮޑެވެ. އެހެންކަމުން، ގައުމުގެ މާލީ ހާލަތު ކޮންމެ ފަދަ ދަރަޖައަކަށް ދިޔަޔަސް، އިންތިހާބު ނިމެންދެން "ހުރިހާ ކަމެއް ރަނގަޅު" ކަމަށް ދެއްކުމަކީ ސަރުކާރުން ގަސްތުގައި ކުރާ ކަމެއް ކަމަށް ބެލެވެ އެވެ.
"މި ދަނޑިވަޅުގައި ރައްޔިތުންގެ ޖީބަށް ތަދުވާ ފަދަ ފިޔަވަޅުތަކެއް އެޅުމަކީ އިދިކޮޅު ފަރާތްތަކަށް ލިބޭނެ ހަތިޔާރަކަށް ވާނެތީ، ސަރުކާރުން ބޭނުންވަނީ އިންތިހާބު ނިމެންދެން އިގުތިސާދު އޮމާންކޮށް އޮތްކަން ދައްކަން،" ރާއްޖޭގެ އިގުތިސާދު ދިރާސާކުރާ އިކޮނޮމިސްޓަކު ބުންޏެވެ.
މި ސަރުކާރުގެ ސީނިއާ ބައެއް އޮފިޝަލުން އަދަދު ނޫހަށް ބުނި ގޮތުގައި އިގުތިސާދު އަދި މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ވަރެއްގަ އެވެ. ނަމަވެސް ސަރުކާރުން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް ނާޅަނީ، އަދި ހަގީގީ ހާލަތު ވެސް ކިޔައިދޭން ބޭނުން ނުވަނީ އިންތިހާބު ގެއްލިދާނެތީ އެވެ.
"އަހަރެން މިނިސްޓަރުން ގާތު ވެސް ބުނިން ހަގީގީ ހާލަތު ކިޔައިދިނުމޭ މުހިއްމީ. އެކަމަކު ރައީސް އެގޮތް ބޭނުން ނުވަނީ ކަމަށް ގަބޫލު ކުރެވެނީ،" ވާހަކަ ދެއްކި އެކަކު ބުންޏެވެ.
ހެއްވާ ކަމަކީ މި ރެފަރެންޑަމަކީ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ވިއްކަމުން އަންނަ ސިޔާސަތެއް ނަމަވެސް، ސިޔާސީ ކަންކަމުގައި މަޝްއޫލުވެ، ހަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅާ އޮތް ތަނެވެ.
އިންތިހާބު ނުމުމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅާނެ ހަރުކަށިކޮށް، އެ ނޫން ގޮތެއް ނެތް،" މައުލޫމާތު ދިން އޮފިޝަލަކު ބުންޏެވެ.
ސަރުކާރަށް މާ މުހިންމު ވެގެން އުޅޭ ވޯޓު ކައިރިވަމުންދާއިރު، އިގުތިސާދު ސަލާމަތްކުރަން އޮތް ފުރުސަތު ދަނީ ހަނިވަމުންނެވެ. ފަހުން އުފުލަން ޖެހޭ ބުރަ ބޮޑުވަމުންނެވެ. ފަހުން ހައްލުކުރަން ޖެހޭ މައްސަލަތައް ދަނީ ގިނަވަމުންނެވެ.
އެއްވެސް ފިޔަވަޅެއް ނާޅާ ކަންކަން ރަނގަޅު ވާނެ ކަމަށް އުއްމީދުކޮށްގެން އުޅުނަސް ހަގީގަތުގައި ސަރުކާރަށް އޮތީ ދެ އިހުތިޔާރެކެވެ. އެއީ މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅު އެޅުން، ނުވަތަ ވޯޓުގެ ދަހިވެތި މުޅި އިގުތިސާދު އިނދަޖެހުމަށް ދޫކޮށްލުމެވެ.
Comment