about 1 hour 0
އިޒްރޭލުގެ ސިފައިންގެ މީހުންތަކެއް: ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 26 އަހަރުގެ މީހެއް -- ފޮޓޯ: އައިޑީއެފް
about 1 hour 0
އިޒްރޭލުގެ އަޔަން ޑޯމްގެ މައުލޫމާތު އިރާނަށް އެންމެ 1000 ޑޮލަރަށް ވިއްކާލި ސިފައިންގެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ރާޒް ކޯހެން، 26، ގެ މައްޗަށް އިޒްރޭލުން ކުރާ ތުހުމަތަކީ އަޔަން ޑޯމް ނުވަތަ އެއާ ޑިފެންސް ސިސްޓަމްގެ މައުލޫމާތު އިރާނަށް ފޯރުކޮށްދިނުމެވެ. އޭނާއަކީ އިޒްރޭލުގެ ރިޒާވް ފޯސްގައި ހިމެނޭ ސިފައިންގެ މީހެކެވެ.
އަމިއްލަ ގައުމަށް ހިޔާނާތްތެރިވުމުގެ ބަދަލެއްގެ ގޮތުން އޭނާއަށް ކްރިޕްޓޯކަރެންސީ އިން 1000 ޑޮލަރު ލިބިފައިވާ ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ. ޖާސޫސެއްގެ ގޮތުގައި އޭނާ އެތަކެއް މަސްދުވަސް މަސައްކަތް ކުރި ކަމަށް އިޒްރޭލުން ތުހުމަތު ކުރެ އެވެ.
ގުދުސްގައި ދިރިއުޅޭ ރާޒް ކޯހެން ކުރިން މަސައްކަތް ކުރީ އަޔަން ޑޯމް އޮޕަރޭޓު ކުރުމުގަ އެވެ. އެހެންކަމުން އޭނާއަށް އޭގެ މައުލޫމާތު އެނގޭނެ ކަމަށް ބެލެވެ އެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ހަމަލާދޭން ފެށި ފެބްރުއަރީ 28، ގަ އެވެ. އެ ދުވަހު އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭނާގެ ބަދަލުގައި ސުޕްރީމް ލީޑަރުގެ މަގާމަށް މުޖްތަބާ ހާމަނާއީ ވަނީ އައްޔަންކޮށްފަ އެވެ.
އެމެރިކާއިން ލަފާކޮށްގެން ތިބީ އިރާނުގެ ވައިގެ ބާރު ބަލިކަށިކޮށްލުމާއެކު ގައުމުގެ ލީޑަރުން މަރާލުމުން އިރާނުން އަމާންދޭނެ ކަމަށެވެ. އެކަމަކު، އެފަދަ ކޮންމެ ހާލަތަކަށް އިރާނުން ތިބީ ދުރާލައި ތައްޔާރުވެގެންނެވެ.
އެމެރިކާ އާއި އިޒްރޭލުން ހަމަލާ ދޭން ފެށުމުން އިރާނުން ބަދަލުގައި ހަމަލާދޭން ފެށީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމްކޮށްފައިވާ ގަލްފުގެ އަރަބި ގައުމުތަކަށެވެ. އެ ގައުމުތަކުގެ ތެލާއި ގޭސް ރިޒާވްތަކާއި ރިފައިނަރީސްތަކާއި ބައެއް މުހިންމު އެހެން ތަންތަނަށް އިރާނުން ވަނީ ހަމަލާދީފަ އެވެ.
އިރާނުން ހަމަލާދިން ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ކުވެއިތު، ގަތަރު، އޮމާން، ޔޫއޭއީ، އުރުދުން، ބަހްރެއިން އަދި ތުރުކީ ހިމެނެ އެވެ. އޭގެ އިތުރުން އިރާނުން ވަނީ ހޮރުމޫޒު ކަނޑުއޮޅި ވެސް އެއްކޮށް ބަންދުކޮށްފަ އެވެ.
Comment