about 2 hours 0
ލީވާން އަލީ ނާސިރު
މާލޭ މޭޔަރަކަށް މުއިއްޒު ހުންނެވިއިރު މާލޭގެ ޕާކުތަކުގެ ހާލަތު އަދި ގަލޮޅު ޕާކް ތަރައްގީކުރަން ތައްޔާރުކުރި ކުރެހުމުގެ ފޮޓޯއެއް
about 2 hours 0
މާލޭގެ ޕާކުތައް ވީރާނާވަމުންދާ މައްސަލައިގައި ރައީސް މުއިއްޒު ކުރައްވާ ތުހުމަތުތަކާއި، އޭގެ ހަގީގީ މަންޒަރަށް ބަލާއިރު ފެންނަނީ ސިޔާސީ ބަދުނާމު އެޅުވުމުގެ ސިލްސިލާއެކެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވި ގޮތުގައި މާލޭގެ ޕާކުތައް ވީރާނާވީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކައުންސިލުން ޒިންމާ އަދާނުކުރުމުގެ ސަބަބުންނެވެ. އެ މަނިކުފާނު ދެ އަހަރު އެ ވިދާޅުވީ، މިހާރުގެ މޭޔަރު އާދަމް އާޒިމަށް ޒިންމާ އަދާނުކުރެވޭކަން ސާބިތުކޮށްދިނުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގެ އެކި ތަންތަނުގައި ޕާކު ހެދިއެވެ. އޭރު ޕާކުތައް ހެދުމުގެ ޒިންމާ އޮތީ މުއިއްޒު ހިންގަވަމުން ގެންދެވި ހައުސިން މިނިސްޓްރީގަ އެވެ.
މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް މުއިއްޒު ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި މާލޭގެ ޕާކުތަކުގެ ސާވޭއެއް ހެދުން ހިމެނެއެވެ. އެ ސާވޭއަށް ފަހު ޖޫން 12، 2021 ގައި ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެ ސިޓީގެ މޭޔަރާއި ޓީމުން ސިޓީގެ ޕާކުތަކުގެ ހާލަތު ބައްލަވާލާފައިވާ ކަމަށާއި، ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ޕާކުތައް މަރާމާތުކުރުމަށް "ހާއްސަ އިސްކަމެއް ދެވޭނެ" ކަމަށެވެ.
މި މުހިއްމު މަސައްކަތް އިއުލާނުކުރީ މުއިއްޒު މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއްހާ ދުވަސްތެރޭގައެވެ. ނަމަވެސް އޮކްޓޯބަރު 7، 2022 ގައި ޕާކުތަކުގެ ހާލަތު "އަދަދު" ނޫހުން ރިޕޯޓުކުރުމާ ހަމައަށް އެއްވެސް ބަދަލެއް ނާދެއެވެ. ހަލާކުވެފައި ހުރި ތަންތަން ދިޔައީ އިތުރަށް ހަލާކުވަމުންނެވެ.
"އަދަދު" ނޫހުގެ ރިޕޯޓާ ގުޅިގެން އޭރު ސިޓީ ކައުންސިލުންނާއި މުއިއްޒުވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެކަމުގެ ދިފާއެއްގެ ގޮތުގައި މުއިއްޒު އޭރު ދެއްކެވީ ބަޖެޓު ނެތުމެވެ.
މޭޔަރުކަމުގައި ހުންނަވާތާ ދޮޅު އަހަރު ފަހުންވެސް ވިދާޅުވީ ޕާކުތައް ހަލާކުވީ ކުރީގެ ކައުންސިލުގެ އިހުމާލުން ކަމަށެވެ. އަދި އެ މަނިކުފާނަށް ޕާކުތަކުގެ މައްސަލަ ހައްލުނުކުރެވި އޮތީ ބަޖެޓު ނެތުމުން ކަމަށް އޭރު ވިދާޅުވި އެވެ.
"އެވަރުގެ ބަޖެޓެއް އަޅުގަނޑުމެންގެ އަތުގައި ނެތިގެން ޕާކުތައް މަރާމާތު ނުކުރެވި ލަސްވެގެން ގޮސްފައި މިވަނީ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
މުއިއްޒު މޭޔަރުކަމުގެ މަގާމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމާ ހަމައަށްވެސް، ސިޓީ ކައުންސިލުން ޕާކުތައް އެކަށީގެންވާ މިންވަރަކަށް ތަރައްގީއެއް ނުކުރެ އެވެ. ނަމަވެސް ބައެއް ޕާކުތައް އަމިއްލަ ފަރާތްތަކަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް މުއިއްޒު ދޫކޮށްލެއްވި އެވެ.
އެކަން މުއިއްޒުގެ ހަނދުމަފުޅުގައި ނެތި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް ވިދާޅުވެފައިވަނީ، ރަސްފަންނާއި ސަލްޓަން ޕާކު ވީރާނާވަމުންދާތީ އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، ކުރިއަށްވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
"ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެ ތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން،" މުއިއްޒު ވިދާޅުވިއެވެ.
މިއީ އޭރުވެސް އަދި މިހާރުވެސް އެ މަނިކުފާނު ގެންގުޅުއްވާ ބަދުނާމުކުރުމުގެ ލާމަސީލު މިސާލެކެވެ. މުއިއްޒުގެ މި ޕޯސްޓާ ގުޅިގެން މޭޔަރު އާދަމް އާޒިމް އޭރު ވިދާޅުވީ، އެ ދެ ޕާކްވެސް މަރާމާތުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައި އޮތް ކަމަށެވެ.
ޕާކުތައް ވީރާނާވާ ކަމަށް ވިދާޅުވެ މުއިއްޒު ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައި އާޒިމް އޭރު ވިދާޅުވީ، ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ހާއްސަ ދިރާސާއެއް ކުރުމަށްފަހު، އެ ތަނުގެ އާބާތުރަ ފިލުވައިދޭނެ ބައެއް ހޯދަން އިއުލާނުކުރި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ޕާކްތަކުގެ ހާލަތު އެހާ ހިސާބަށް ދިޔައީ އެތަން ހުޅުވީއްސުރެ މިއަދާ ހަމައަށް އެއްވެސް މަރާމާތެއް ކޮށްފައި ނެތުމުން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
"2016 ވަނަ އަހަރު ހުޅުވުނު މި ޕާކަކީ އޭގެފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެ ތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުންނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަންކަން އެ ތަން ބޭނުންކުރާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެއެވެ،" އާޒިމް ކުރިން ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ޕާކުތައް ބެލެހެއްޓުމަކީ ކައުންސިލުގެ ޒިންމާއަކަށް ވެފައި، އެ ތަންތަން ބެލެހެއްޓުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތް އާޒިމްގެ މޭޔަރުކަމުގެ ދަށުން ފަށަން ކައިރިވެފައި ވަނިކޮށް، ސަބަބެއް ދައްކައި ރަސްފަންނާއި ސަލްޓަން ޕާކުގެ މަސައްކަތް ސަރުކާރުން ފެށިއެވެ. ސަލްޓަން ޕާކު ބަންދުކޮށްފައި އޮންނަތާ އެތައް މަހެއް ވެގެން ދިޔައިރުވެސް މަރާމާތުގެ މަސައްކަތެއް އަދިވެސް ނުނިމެ އެވެ.
މުއިއްޒުގެ ވަޒީރުކަމުގައި ހައުސިން މިނިސްޓްރީން މާލޭގައި ޕާކުތަކެއް ހެދި ނަމަވެސް، މޭޔަރުކަމުގައި މުއިއްޒަށް މާލޭގައި ޕާކެއް ނުހެދުނެވެ. ނުވެސް ބެލެހެއްޓުނެވެ. މުއިއްޒު ހަދަން މަސައްކަތްކުރި ގަލޮޅު ޕާކުވެސް، ދައުރު ނިމުނުއިރު ވެސް ހުރީ ޓިނު ޖަހާފަ އެވެ.
އާޒިމްގެ މޭޔަރު ކަމުގައި މުއިއްޒަށް ނުވި ގަލޮޅު ޕާކް ތަރައްގީކޮށް ހުޅުވާފައިވެ އެވެ. އަދި މާފަންނު ސަހަރާ އެ ދަނީ ޕާކަކަށް ބަދަލު ކުރަމުންނެވެ. ފައިސާ ނެތިގެން ކަމަށް ކަމަށް ބުނެ މުއިއްޒުއަށް ޕާކްތަކުގެ އާބާތުރަ ނުފިލުވުނުއިރު، އަގުބޮޑެތި ހަފުލާތަކާއި ގިނަ މުވައްޒަފުން ނެގުމާއި ބޮޑެތި ޕްރޮޖެކްޓުތައް ހިންގުން ކުރިއަށް ގެންދެވުނެވެ.
މާލޭގެ ޕާކުތައް ބެލެހެއްޓުމުގައި މުއިއްޒުގެ މޭޔަރުކަމުގައި ވަނީ ނާކާމިޔާބުވެފައެވެ. އޭރު ބަޖެޓު ނެތްކަމަށް ވިދާޅުވެ ދެއްކެވި އުޒުރުތަކާއި، މިއަދު އާޒިމްގެ އިހުމާލު އޮތްކަމަށް ކުރައްވާ ތުހުމަތުތަކުން އެނގެނީ، މިއީ ހަގީގަތަށްވުރެ ބޮޑަށް ސިޔާސީ ގޮތުން ފަތުރާ ވާހަކަތަކެއް ކަމެވެ. ޒިންމާ އަދާކުރުމުގެ ބަދަލުގައި، ކޮންމެ ފަހަރަކުވެސް ފެންނަނީ ކުރީގެ ފަރާތްތަކުގެ ބޮލުގައި އިހުމާލު އަޅުވައި ބަދުނާމުކުރާ މަންޒަރެވެ.
Comment