about 2 hours 0
އަމަން ހަލީމް
about 2 hours 0
"2023 ވަނަ އަހަރު އެންމެ ރިސޯޓެއް ވެސް، އަދި އެންމެ ޓޫރިސްޓް ހޮޓަލެއް ވެސް ރާއްޖޭގައި ހުޅުވިފައެއް ނުވޭ."
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ 2023 ވަނަ އަހަރުގައި ރާއްޖޭގައި އެންމެ ރިސޯޓެއް ވެސް އަދި އެންމެ ޓޫރިސްޓު ހޮޓަލެއް ވެސް ނުހުޅުވާ ކަމަށް ވިދާޅުވެފަ އެވެ. މުއިއްޒު މިހެން ވިދާޅުވި ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތައި ނޫސްތަކާއި އޮންލައިން އެހެން މަސްދަރުތަކުގައި ހުރި މައުލޫމާތުން ވަނީ، މިއީ ތެދު މައުލޫމާތެއް ނޫން ކަން ހާމަވެފަ އެވެ.
2023 ގައި ހުޅުވި ރިސޯޓުތަކުގެ މައުލޫމާތު ބަޔާންކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ "ޓޫރިޒަމް އިޔާބުކްގައި 2024" ގަ އެވެ. މިއީ ނިމުނު އަހަރުގެ ތަފާސްހިސާބުތަކާއި އުސްއަލިތައް ހިމަނައިގެން ތައްޔާރުކުރާ ރިޕޯޓެއް ކަމުން، 2023 ގައި ހުޅުވި ރިސޯޓުތަކުގައި މައުލޫމާތު ހުރި މި ފޮތުގަ އެވެ.
ޓޫރިޒަމް އިޔާބުކްގައިވާ ގޮތުގައި 2023 ގައި އަށް ރިސޯޓު ހުޅުވި އެވެ. އޭގެ ތެރޭގައި ކާފު އަތޮޅުގައި ހުޅުވި ދެ ރިސޯޓާއި ޅަވިޔަނި އަތޮޅުގައި ހުޅުވި ދެ ރިސޯޓުގެ އިތުރުން ބާ އަތޮޅާއި ރާ އަތޮޅާއި ވާވު އަތޮޅުގައި ހުޅުވި ރިސޯޓުތައް ހިމެނެ އެވެ.
އަށް ރިސޯޓު ހުޅުވި ކަމަށް އިޔާބުކްގައި ލިޔެފައި އޮތަސް، އަލަށް ހުޅުވި ކަމަށް މިނިސްޓްރީން ލިޔެފައި އޮތީ ހަތް ރިސޯޓެއްގެ ނަމެވެ. އެހެން މަސްދަރުތަކުގައި ހުރި މައުލޫމާތުތަކުން ބޮޑަށް ބުރަ ވެވެނީ އަށް ވަނަ ރިސޯޓަކީ މަޑިފުށި ޕްރައިވެޓް އައިލެންޑް ކަމަށެވެ. އެއީ އެ އަހަރު ފެށުނުތަނާހެން ހުޅުވި ރިސޯޓެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެހެން ތަފާސްހިސާބުތަކުން ވެސް ރިސޯޓުތަކެއް ހުޅުވިކަން ސާފުކޮށް އެނގެ އެވެ. މި ކަމަށް ބާރުދޭ އެއް ތަފާސްހިސާބަކީ އެ މިނިސްޓްރީން އާންމުކުރާ ޑެއިލީ ރިޕޯޓުތަކާއި މަންތުލީ ރިޕޯޓުތަކުގައި ވެސް ފެންނަން އޮންނަ ރަޖިސްޓާޑް ކެޕޭސިޓީ އާއި އޮޕަރޭޝަނަލް ކެޕޭސިޓީގެ ނަމްބަރުތަކެވެ.
ރަޖިސްޓާޑް ކެޕޭސިޓީއަކީ ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓުހައުސް އާއި ސަފާރީ އުޅަނދުތަކުގެ ނަމްބަރެވެ. އޮޕަރޭޝަނަލް ކެޕޭސިޓީއަކީ ރަޖިސްޓްރީކޮށްފައި ހުރި ތަންތަނުގެ ތެރެއިން އޮޕަރޭޓުކުރަމުން ނުވަތަ ޓޫރިސްޓުންނަށް ހިދުމަތް ދެމުން އަންނަ ތަންތަނުގެ ނަމްބަރެވެ.
ރިސޯޓެއް ނުހުޅުވާ ކަމަށް މުއިއްޒު ވިދާޅުވި 2023 އާއީ އޭގެ ކުރީ އަހަރުގައި އަދަދުތައް އަޅައިބަލައިއިރު، ރަޖިސްޓްރީކޮށްފައި ހުރި ރިސޯޓުތަކުގެ އަދަދާއި އޮޕަރޭޝަނަލް ރިސޯޓުތަކުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ރަޖިސްޓްރީކޮށްފައި ހުރި ތަންތަނުގެ އަދަދު 172 އިން 180 އަށް އިތުރުވެފައިވާއިރު، އޮޕަރޭޓުކުރަމުން އަންނަ ތަންތަނުގެ އަދަދު ވަނީ 168 އިން 172 އަށް އިތުރުވެފަ އެވެ.
2023 ގައި ރިސޯޓުތަކެއް ހުޅުވިކަން އަންގައިދޭ ޓޫރިޒަމް މިނިސްޓްރީގެ އިޔާބުކްގައި ހުރި މައުލޫމާތު: ރަތް ކުލައިގެ ދިގުއަކަ ގޮޅިތަކުގެ ތެރޭގައި އެހެރީ ރިސޯޓުތަކާ ގުޅޭ ނަމްބަރުތަކާއި މައުލޫމާތު --- މަސްދަރު: ޓޫރިޒަމް މިނިސްޓްރީ އިޔާބުކް 2024
މި އަދަދުތަކުން އަންގައިދެނީ ރަޖިސްޓްރީކޮށްފައި ހުރި ރިސޯޓުތަކުގެ އަދަދާއި އޮޕަރޭޓުކުރަމުން އަންނަ ރިސޯޓުތަކުގެ އަދަދު އަށަކުން އިތުރުވެފައިވާ ކަމެވެ. އަދި، މި އަދަދާ ޓޫރިޒަމުން ހުޅުވި ކަމަށް ބުނި ރިސޯޓުތަކުގެ އަދަދާ ވެސް ދިމާވެ އެވެ.
ރިސޯޓުތަކެއް ހުޅުވި ނަމަވެސް، 2023 ގައި އެއްވެސް ޓޫރިސްޓު ހޮޓަލެއް އަލަށް ނުހުޅުވަ އެވެ. ނަމަވެސް ވަގުތީ ގޮތުން ބަންދުކޮށްފައި ހުރި އިފުރު ޓްރާންސިޓް ހޮޓަލުން ޓޫރިސްޓުންނަށް ހިދުމަތް ދޭން ފެށުމުން، އެ އަހަރުގެ ތެރޭގައި ޓޫރިސްޓު ހޮޓާތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ 300 އެނދު އިތުރު ވެފަ އެވެ.
Comment