about 23 hours 6
ހަސަން މުހައްމަދު
ފުލުހުންގެ ބަޔަކު ވެހިކަލެއްގައި: ކުށުގެ ވެށީގައި އުޅޭ ފުލުހުންގެ އަދަދު ދަނީ އިތުރުވަމުން -- ފޮޓޯ: އަދަދު ފައިލް
about 23 hours 6
އޭނާ ހުވާކޮށްގެން އެ ހުރީ އަހަރުމެން ރައްކާތެރި ކުރުމަށެވެ. އޭނާގެ ޒިންމާއަކީ އަމާން މުޖުތަމައުއެއް ގާއިމުކޮށް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމެވެ.
އެކަމަކު، އޭނާ ލައިގެން ހުރި ނޫ ކުލައިގެ އެ ޔުނީފޯމުގައި މިހާރު އަގެއް ނެތެވެ. ފުލުހަކަށް ވީތީ ކުރަންޖެހޭ އެއްވެސް އިހުތިރާމެއް ނެތެވެ. އިހުތިރާމް ކުރަންޖެހޭ ޒާތުގެ ސިފައެއް ފުލުހެއްގެ ކިބައިން (މަދުން މެނުވީ) ނުވެސް ފެންނަނީ އެވެ.
އޭގެ ބަދަލުގައި ފުލުހުންގެ ކިބައިން ފެންނަނީ ހުސް ނޭދެވޭ އަމަލެވެ. ޖިނާއީ ކުށްތަކަށް އަރައިގަންނަ ފުލުހުން އިތުރުވެއްޖެ އެވެ. ގެވެށި އަނިޔާގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ވަގުފާރި ކުރުމުގެ މައްސަލަތަކާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގައި ވެސް ތުހުމަތުކުރެވި މިފަހުން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ފުލުހުން މަދެއް ނޫނެވެ.
ފުލުހުންގެ މުއައްސަސާގެ ހާލަތު އެންމެ ރަނގަޅަށް ބަޔާންކޮށްދިނީ، އެ މުއައްސަސާގެ ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އަލީ އިހުސާން އެވެ. ފުލުހުންގެ އިސްވެރިންނާއެކު ނޮވެމްބަރު 27، ގައި ބޭއްވި ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ "މުޅި ސިސްޓަމް އޮތީ ފެއިލްވެފައި" ކަމަށެވެ.
އިހުސާނުގެ ބަހުން ނަމަ "ދިވެހި ރައްޔިތުންނަށް ހައްގު މިންވަރަށް" ފުލުހުންނަކަށް ހިދުމަތެއް ނުދެވެ އެވެ. ފުލުހުންގެ "އެންމެ އިސްވެރިން ތިބީ ފެއިލްވެފައި" ކަމަށް ވެސް އިހުސާން ގަބޫލު ކުރައްވަ އެވެ. އަދި ވިދާޅުވީ ގެންނަންޖެހޭ ބަދަލަކީ މުޅި ނިޒާމް "ރިސެޓް" ކުރުން ކަމަށެވެ.
ފުލުހުން ކުރާ ހުވަޔަކީ، މާތް އަދި މަތިވެރި މަގުސަދެއް ހާސިލު ކުރަން ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފުލުހުންގެ ހުވާގައި މައިގަނޑު ހަ ކަމެއް އެކުލެވެ އެވެ. އެއީ:
"އަހުރެން،.....(މީހާގެ ނަން).......... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އެ ގާނޫނުއަސާސީން ބާރު ލިބިދޭ ގާނޫނުތައް ނެގެހެއްޓުމަށާއި ދާހިލީ ހަމަޖެހުން ދެމެހެއްޓުމަށާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި އަމަންއަމާންކަން ގާއިމުކުރުމަށާއި ދިވެހި ދައުލަތާއި ރައްޔިތުންނާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."
އެކަމަކު، ފުލުހުންގެ ހުވާގައި ހިމެނޭ ހުރިހާ ބައިތަކަކާ ހިލާފުވާ ފަދަ އަމަލުތައް ފުލުހުންގެ ފަރާތުން ދަނީ ފެންނަމުންނެވެ. މަސްތުވުމާއި މީހުންނަށް ގެއްލުން ދިނުމާއި ފުލުހުންނަށް ހަމަލާ ދިނުމާއި މަސްތުވާތަކެއްޗާއެކު ޕާޓީ ކުރުމާއި ބްލެކްމެއިލް ކުރުން ފަދަ ބޮޑެތި ކުށްތަކުގައި މިފަހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެންމެ ފަހުން ފުލުހަކު ހައްޔަރުކޮށްގެން ނޫސްތަކުގެ ސުރުހީއަށް އެރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ޓެޑީ ބެއާއަކަށް އަޅައިގެން ރަށަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެކެވެ. އޭނާ މިވަގުތު ހުރީ ބަންދުކޮށްފަ އެވެ.
އޭގެ ކުރިން ހަމަ ޑިސެމްބަރު މަހުގެ ތެރޭގައި، އެހެން ފުލުހަކު ވެސް ހައްޔަރު ކުރި އެވެ. އޭނާ ހައްޔަަރު ކުރީ އެހެން ފުލުހުންތަކަކާ މާރާމާރީ ހިންގި މައްސަލައެއްގަ އެވެ.
މިދިޔަ ޑިސެމްބަރު މަހުު އިވުނު އަނެއް ހަބަރަކީ، ދުވާލުގެ އެންމެ ބިޒީ ވަގުތު، ފުލުހަކު ސެލޫނަކަށް ވަދެ، އެތަނަށް ގެއްލުންދީ، މީހަކަށް ހަމަލާދިން މައްސަލައެއްގައި ހައްޔަރު ކުރި ވާހަކަ އެވެ.
އެއާ ޖެހިގެން އައި ދުވަހު ވެސް ފުލުހަކު ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރު ކުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ސިނގިރޭޓުތަކެއް ވަގަށް ނެގި މައްސަލަައެއްގަ އެވެ.
އޭގެ ކުރިން އޮކްޓޯބަރު މަހުގެ ތެރޭގައި ކ. ތުލުސްދޫގެ ގެސްޓްހައުސްއަކަށް ފުލުހުން ޖެހި ރެއިޑެއްގައި މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރު ކުރި އެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހަކު ވެސް ހައްޔަރު ކުރި އެވެ.
ކުށްކުށުގައި ހައްޔަރު ކުރި ބައެއް ފުލުހުން
މިއީ ހަމައެކަނި ފާއިތުވެދިޔަ މަދު އަހަރުތަކެއްގެ ހިސާބެވެ. 2009 ވަނަ އަހަރު، ފުލުހުންގެ ޓޯޔާޑުން ތިން މިިލިއަން ރުފިޔާ ގެއްލުނު މައްސަލައާއި، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ލަންކާގައި ދިވެހި ފުލުހަކު ހައްޔަރުކުރެވުނު މައްސަލަ ވެސް މިތަނުގައި ފާހަގަކޮށްލަން ޖެހެ އެވެ.
ހަމައެކަނި ޖިނާއީ ކުށްކުރުމެއް ނޫނެވެ. އަދަބު އަހުލާގުގައި ވެސް ފުލުހުން ރީތި ނަމޫނާ ދެއްކި ދުވަސް މާޒީވެއްޖެ އެވެ. އެމީހުން ހިދުމަތްކުރަންޖެހޭ ރައްޔިތުންނާ މުއާމަލާތުކުރާ ގޮތާއި، އެމީހުން އުޅުން ބަހައްޓާ ގޮތުން ރައްޔިތުންގެ މެދުގައި ފުލުހުންނަށް އޮންނަންޖެހޭ އިތުބާރު ހީނަރުވެ ނެތެމުންދާތާ ކިތަންމެ ދުވަހެކެވެ.
ފުލުސް އޮފީހުގެ ނަޒާހާތްތެރިކަން ނެތިއްޖެ ނަމަ، ފުލުހުންގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުކުރެވޭނެކަން ފުލުހުން ވެސް ދަނެ އެވެ. އެހެންވެ، ނަޒާހާތްތެރިކަން އިތުރުކޮށް ދެމެހެއްޓުމަށް، ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 202-2028 ގައި ވެސް ބޮޑު އިސްކަމެއް ދީފައި އެބަ އޮތެވެ.
"ދެފުށް ފެންނަ ގޮތަކަށް އަދި ޖަވާބުދާރީ ކުރެވޭނެ ގޮތަކަށް ފުލުހުން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އާންމުންގެ އިތުބާރު ހޯދައި، ނަޒާހާތްތެރިވުމުގެ ސަގާފަތެއް އޮތުމަކީ ކާމިޔާބު ގާނޫނީ ތަންފީޒީީ އިދާރާއަކަށް ބޭނުންތެރި ދެ ކަންތައް،" ފުލުހުންގެ އެކްޝަން ޕްލޭނުގައި ބުނެފައި ވެ އެވެ.
އާންމުންނަށް އިތުބާރު ކުރެވޭ ނަޒާހާތްތެރި ފުލުސް އޮފީހެއް ގާއިމު ކުރުމަށް ކުރަންޖެހޭ ކަންކަން އެކްޝަން ޕްލޭނުގައި ވަރަށް ސާފުކޮށް ލިޔެފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ:
ފުލުހުންގެ އެކްޝަން ޕްލޭނަށް ބަލައިލުމުން، ފުލުހުންގެ ލީޑާޝިޕުގެ މުހިންމުކަން އެނގެ އެވެ. ފުލުހުންގެ ލީޑާޝިޕަށް އާންމުންގެ އިތުރުން އެހެން ފުލުހުންގެ އިތުބާރު ވެސް އޮންނަން ޖެހެ އެވެ. ފުލުހުންގެ ލީޑާޝިޕުގައި ހިމެނޭ ބޭފުޅުންނަށް އެންމެ ފުރަތަމަ އިހުތިރާމު ކުރަންޖެހެނީ ވެސް ފުލުހުންނެވެ.
އެކަމަކު، ފުުލުހުންގެ އިސް ސަފުގައި ހިމެނޭ ބޭފުޅުން މި ފަހުން ބޭއްވި ބައްދަލުވުންތަކުން ފުލުހުންގެ ލީޑާޝިޕަށް ފުލުހުން ވެސް އިހުތިރާމު ނުކުރާކަން ހާމަވެ އެވެ.
ނޮވެމްބަރު 27، ގައި ބޭއްވި ބައްދަލުވުމުގެ ކުރިން ނޮބެމްބަރު 11، ގައި ވެސް ހޯމް މިނިސްޓަރު އިހުސާން ފުލުހުންގެ އިސްވެރިންނާއެކު ދިގު ބައްދަލުވުމެއް ބޭއްވި އެވެ. ގާތްގަނޑަކަށް 12 ގަޑިއިރާއި 37 މިނެޓަށް ދިގު ދެމިގެންދިޔަ އެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަން ހާމަވި އެވެ.
މި ނޫހަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނީ، އިހުސާނުގެ އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ނިކަން ޑިމޮކްރެޓިކް މާހައުލެއްގައި ކަމަށެވެ. ހިޔާލު ފާޅު ކުރުމުގެ ފުރިހަމަ މިނިވަންކަން އޮފިސަރުންނަށް އޮތެވެ. އަދި އޭގެ ބޭނުން ވެސް އޮފިސަރުން ހިފި އެވެ.
"ބައެއް މީހުން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއަކީ 'ބޮލެއް' ކަމަށް ބުނި. ފުލުހުންގެ މަސައްކަތަށް މިނިސްޓަރު މާ ބޮޑަށް އަތް ބާނާ ވާހަކަ ވެސް ބުނި. ވަރަށް މަދު އޮފިސަރެއް އެއްޗެއް ނުބުނެ ހުރީ،" މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުންޏެވެ.
އެ ބައްދަލުވުމުގައި އިހުސާނުގެ ފަރާތުން ވެސް ވަރަށް ގިނަ ޝަކުވާ ހުށަހެޅި އެވެ. ގޮނޑި، މޭޒުތަކުގައި މަސައްކަތެއް ނެތިފައި ތިބޭ ފުލުހުން ގިނަ މައްސަލަ މިނިސްޓަރު ފާހަގަ ކުރި އެވެ. ފުލުހުންގެ ލީޑާޝިޕުން ކަންކަމަށް އިސްނަގައިގެން މަސައްކަތް ނުކުރާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މީޓިންއެއް ވެސް ނުބާއްވާތާ ހަތަރު މަސްދުވަސް ވެއްޖެ. އޮފިސަރުން ޖެއްސި މައްސަލައަކީ އެއީ. ނަވީން ކަރުދާހުގައި މަގާމަށް ގާބިލު. އެކަމަކު އަމަލީ ގޮތުން އެކަމެއް ނުދެއްކޭ. ފުލުހުންގެ ތެރޭގައި ހުރި ގިނަ މައްސަލަތައް ހައްލު ނުވުމުގެ އަސްލަކީ ލީޑާޝިޕު ކަމަށް ގިނަ މީހުން ބުނި،" އެހެން މަސްދަރަކުން ބުންޏެވެ.
~~
ކުށް ކުރުން ހުއްޓުވަން ތިބޭ މީހުން ކުށުގެ މާހައުލުގައި ހަރަކާތްތެރިވުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް ފުލުހުން ކުށް ކުރުމަކީ އާދައިގެ އަދި ގަވާއިދުން ހިނގާ ޖަރީމާއެއް ނަމަ، ގައުމުގައި ވެސް ކުށް ކުރުން އިތުރުވެދާނެ އެވެ.
އޭގެ ނަތީޖާއަކަށް ވާނީ ފުލުހުންގެ މައްޗަށް އޮތް އިތުބާރާއި އިހުތިރާމު ގެއްލި، ނަފުރަތުގެ ނަޒަރަކުން އާންމުން ފުލުހުންނަށް ބެލުމެވެ. އެހެންވެއްޖެނަމަ ފުލުހުން ކުރާ ރަނގަޅު ކަމެއް ވެސް ހެޔޮ ހިތުން ބަލައިގަންނަން އުނދަގޫވާނެ އެވެ. މި ހުރިހައި ކަމަކަށް ބަލާއިރު، ފުލުހުންގެ މުއައްސަސާ 'ރިސެޓު' ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަފުޅާ އެއްބަސްވެވެ އެވެ. އެހެންނަމަވެސް އެކަން ފަށަންވާނީ އެންމެ މަތިންނެވެ.
Comment