Advertisement

ކާރިސާތައް ދާނީ އިތުރުވަމުން! ރައްކާވެ ތިބިއްޔާ ދަތުރެއް!


ކާރިސާތައް ދާނީ އިތުރުވަމުން! ރައްކާވެ ތިބިއްޔާ ދަތުރެއް!

މޫސުމީ ބަދަލާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވިލުންތެރިނުވެ ތިބުމަކީ ދިވެހިރާއްޖެއަށް އޮތް ޗޮއިސްއެއް ނޫނެވެ. މޫސުމީ ބަދަލަށް ރައްކާވެ ތިބުން ނޫން ގޮތެއް ރާއްޖެއަކަށް ނެތެވެ.

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑާއި ދެކުނު އިންޑިއާ ކަނޑުގައި އުފެދޭ ތޫފާންތައް ގިނަވެ، ތޫފާނުން އުފެދޭ ވިލާގަނޑުތަކުން ޖެހޭ ބާރު ވަޔާއި ވެހޭ ވިއްސާރައިން ރާއްޖެ ސަލާމަތް ވާނީ ކިހިނެއްތޯ އެވެ؟

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުތަކުގައި އުފެދޭ ސައިކްލޯންތަކުގެ އަދަދު މަދުވި ނަމަވެސް އުފެދޭ ތޫފާންތައް މާ ބޮޑަށް ވެސް ވަރުގަދަވާނެ އެވެ.

ކަނޑުގެ ލޮނުގަނޑު އުސްވެ، އުދަ އެރުމުގެ ހާދިސާތައް ގިނަވެ، އެފަދަ ހާދިސާތަކުން ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމާތްވާނެ ވިސްނުމެއް އަހަރުމެން އެބަ ގެންގުޅެންތޯ އެވެ؟

ބޭރުގެ ސައިންޓިސްޓުންތަކެއް ގދ. ފިޔޯރީއަށް ގޮސް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށްދާއިރު، އުދަ އެރުމުގެ ހާދިސާތައް ގިނަވެ، އުދައިގެ ސަބަބުން ކުރާ އަސަރު ބޮޑުވާނެ އެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި އުދަ އެރުމުގެ ހާދިސާތައް ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ.

އެކަމަކު، ފެންނަ ފެނުމަށް އަހަރުމެންގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ވަނީ މޫސުމީ ބަދަލާއި ތިމާވެއްޓަށް ބަލައިގެނެއް ނޫނެވެ. ލޮނުގަނޑު އުފުލުމާއި ރަށްގިރުމާއި އުދަ އެރުމަށް ލިބިފައި އޮތް ގުދުރަތީ ހައްލަކީ ބިޔަ ގަސްތަކާއި ކުޅިތަކާއި ފަރުތަކެވެ. މިއަދު އެއީ، އެއާޕޯޓާއި ބިން ބޮޑު ކުރުމާއި ފްލެޓު އަޅަން އަހަރުމެން ގުރުބާންކޮށްލާ ތަކެއްޗެވެ.

މޫސުމީ ބަދަލާއި ތިމާވެއްޓަށް ނުބަލައި ރާއްޖޭގެ ސިޔާސަތުތައް ބައްޓަން ކުރަމުންދަނީ ނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ އެވެ؟ އޭގެ އަސަރުތައް މިހާރު ވެސް ދަނީ ފެންނަމުންނެވެ. ކާރިސާތަކަށް ކުރަންޖެހޭ ހަރަދު ކޮންމެ އަހަރަކު އިތުރުވެ، ސިއްހަތާއި ތައުލީމު ފަދަ އަސާސީ ކަންކަމަށް ކުރެވޭ ހޭދަ ދަނީ އެތައް ގުނައަކުން މަދުވަމުންނެވެ.

ކާރިސާތައް ހިނގާ މިންވަރާއި ކުރަންޖެހޭ ހަރަދު އެތައް ގުނައެއް މައްޗަށް

ރާއްޖޭގައި ހިނގާ ގުދުރަތީ ކާރިސާތަކުގެ ރިކޯޑު އެންމެ ރަނގަޅަށް މީގެ ކުރިން ބެލެހެއްޓިފައެއް ނުވެ އެވެ. އެކަމަކު 2018 ވަނަ އަހަރުން ފެށިގެން ހިސާބު ބެލެހެއްޓުމާއި ހާދިސާތައް ރިޕޯޓު ކުރެވޭނެ އިންތިޒާމު ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ.

އޭގެ ފަހުން އެއްކޮށް، އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ގުދުރަތީ ކާރިސާތައް ހިނގާ މިންވަރު އަންނަނީ ވަރަށް ބޮޑުތައް އިތުރުވަމުންނެވެ. އެފަދަ ހާދިސާތައް ހިނގުމުން ލިބޭ ގެއްލުންތަކަށް ސަރުކާރުން ކުރަންޖެހޭ ހަރަދު ވެސް ދަނީ އިތުރުވަމުންނެވެ.

ކާރިސާތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާ އަދަދު އިތުރުވުމެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ 93 ހާދިސާ ހިނގާފައިވެ އެވެ. އަދި ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 1400 އަށް ވުރެ ގިނަ ގޭބީސީއަށް ގެއްލުންވި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ނިމިދިޔަ 2024 ވަނަ އަހަރާއި އޭގެ ކުރިން ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ކާރިސާތައް ހިނގާ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ. މިދިޔަ އަހަރު 251 ހާދިސާއެއް ރިޕޯޓު ކުރި އެވެ. އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 37 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 73 ޕަސެންޓުގެ އިތުރުވުމެކެވެ.

ކާރިސާތަކަށް ސަރުކާރުން ހޭދަ ކުރަން ޖެހޭ މިންވަރު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު ކާރިސާތަކަށް ސަރުކާރުން ހޭދަ ކުރީ އެންމެ 3.5 މިލިއަން ރުފިޔާ އެވެ. ޖެހިގެން އައި 2023 ވަނަ އަހަރު 3.7 މިލިއަން ރުފިޔާ ހޭދަ ކުރަންޖެހުނެވެ. އަދި އެންމެ ފަހުން 2024 ވަނަ އަހަރު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކުރަންޖެހުނެވެ.

ކާރިސާތަކުގެ ބައެއް ތަފާސްހިސާބުތައް

2022

  • އުދަ އަރައި ފެންބޮޑުވުން - 37
  • ބޯކޮށް ވާރޭ ވެހި ފެންބޮޑުވުން - 21
  • ގަދަ ވައި - 11
  • ގެއްލުންވި ގޭބީސީ - 171
  • ކާރިސާތަކަށް ހޭދަ ކުރަންޖެހުނު ފައިސާގެ އަދަދު - 3.5 މިލިއަން ރުފިޔާ

2023

  • އުދަ އަރައި ފެންބޮޑުވުން - 6
  • ބޯކޮށް ވާރޭ ވެހި ފެންބޮޑުވުން - 54
  • ގަދަ ވައި - 14
  • ގެއްލުންވި ގޭބީސީ - 296
  • ކާރިސާތަކަށް ހޭދަ ކުރަންޖެހުނު ފައިސާގެ އަދަދު - 3.7 މިލިއަން ރުފިޔާ

2024

  • އުދަ އަރައި ފެންބޮޑުވުން - 3
  • ބޯކޮށް ވާރޭ ވެހި ފެންބޮޑުވުން - 93
  • ގަދަ ވައި - 57
  • ގެއްލުންވި ގޭބީސީ - 1624
  • ކާރިސާތަކަށް ހޭދަ ކުރަންޖެހުނު ފައިސާގެ އަދަދު - 10 މިލިއަން ރުފިޔާ

ދިރާސާރަކުން ދައްކަނީ ކާރިސާތައް ދާނީ އިތުރުވަމުން ކަމަށް

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ނެރުނު މިދިޔަ އަހަރުގެ ތަފާސްހިސާބުގެ ރިޕޯޓާއެކު، ކުރިއަށް އޮތް ތަނުގައި ހިނގާ ކާރިސާތަކުގެ އަދަދު އިތުރުވަމުންދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް އެ އޮތޯރިޓީ އިން ބުނަނީ މޫސުމަށް އަންނަ ބަދަލެވެ.

"މިއީ މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ހާދިސާތައް ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވެދާނެކަމުގެ ނިޝާނެއް. އަދި ކާރިސާތައް ރިޕޯޓު ކުރުމުގެ ނިޒާމު ހަރުދަނާވުމުން ވެސް އެފަދަ ހާދިސާތައް ރިޕޯޓު ކުރެވޭ މިންވަރު އިތުރުވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތަކެވެ. އަދި ގަދަ ވައިގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓުކޮށްފައިވާ މިންވަރު ވެސް ކުރިއާ އަޅާބަލާއިރު ގިނަ އެވެ. މި ޓްރެންޑު ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ބެލެވެ އެވެ.

"ނަންބަރުތަކަށް ބެލުމުން މުޅި އަހަރު ތެރޭ ރިޕޯޓު ކުރާ ކާރިސާތަކުގެ ބާވަތްތައް ގިނަކަން ފާހަގަވޭ. އަދި ކުރީ އަހަރާ އަޅާބަލާއިރު، ފެނާއި ގަދަ ވައިގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅޭ ކާރިސާތައް ގިނަވަމުން އަންނަކަން ފާހަގަވޭ،" އެންޑީއެމްއޭ އިން ބުންޏެވެ.

މީގެ 21 އަހަރު ކުރިން 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީއަށްފަހު އުދަ އެރުމުގެ އެންމެ ބޮޑެތި ހާދިސާތައް ހިނގާފައި ވަނީ މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރެވެ. އެކަމަކު، އުދަ އެރުމުގެ އެފަދަ ހާދިސާތައް ކުރިއަށް އޮތް ތަނުގައި އާންމުވާނެ ކަމަށް ބެލެވެ އެވެ. ޔުނިވާސިޓީ އޮފް ޕްލިމަތުގެ ސައިންޓިސްޓުން ގދ. ފިޔޯރީއަށް ގޮސް ހެދި ދިރާސާތަކުން އެކަމަށް ހެކި ލިބެ އެވެ.

ޖުލައި 1، 2022، ގައި ރާއްޖޭގެ 20 ރަށަކަށް އުދަ އެރި އެވެ. އެ ދުވަހު އުދަ އެރީ، އާދަޔާ ހިލާފަށް ދިޔަވަރު ބޮޑުވެފައި އޮއްވައި، އިންޑިއާ ކަނޑުން އުފެދުނު ރާޅުތަކެއްގެ ސަބަބުންނެވެ. އެވަރަށް އުދަ އަރަނީ އާންމުކޮށް ކޮންމެ 25 އަހަރަކުން އެއް ފަހަރެވެ. އެކަމަކު، ދިރާސާ އާއި އެކްޕެރިމެންޓުތަކުން ހާމަވީ 2050 ގެ ފަހުން، ކޮންމެ ތިން އަހަރަކުން ރާއްޖެއަށް އެވަރަށް އުދަ އަރާނެ އެވެ.

"ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑީ ތިރި ޖަޒީރާ އަތޮޅުތަކަށް. މިފަދަ އަތޮޅުތަކަށް އުދަ އަރާއިރު އެ ހާދިސާ ވާނީ ގެއްލުން ބޮޑު އަދި ނިކަން ނުރައްކާތެރި ކަމަކަށް،" އެ ދިރާސާގައި ބައިވެރިވި ޕްރޮފެސަރު ގާޑް މެސެލިންކް ވިދާޅުވި އެވެ.

~~

އަދު ދުނިޔޭގައި ހުރި އެކަކު ވެސް މީގެ 100 އެއްހާ އަހަރު ފަހުން ނުތިބޭނެ އެވެ. އެކަމަކު، މާދަމާއަށް ގައުމު ތައްޔާރުކޮށް، ފަހުން އަންނާން އޮތް ޖީލަށް އުއްމީދީ މުސްތަގުބަލެއް ދައްކައިދިނުމަކީ ދިރިތިބީންގެ ވާޖިބެކެވެ.

ވިލުންތެރިވުމަކީ ރާއްޖެއަށް ޗޮއިސްއެއް ނޫނެވެ. އެއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ރާއްޖޭގެ ވެށި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ވާރުތަވުމަކީ މުސްތަގުބަލަށް ލިބިގެންވާ ހައްގެކެވެ. އެއީ މިއަދު ކަށަވަރުކޮށްގެން މެނުވީ ނުލިބޭނެ ހައްގެކެވެ.