Advertisement

ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ހަގީގަތް، އެމެރިކާ އަދި ނޭޓޯގެ ދައުރު

7 އޮކްޓޯބަރު 2025 - 06:36 2

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ހަގީގަތް، އެމެރިކާ އަދި ނޭޓޯގެ ދައުރު

7 އޮކްޓޯބަރު 2025 - 06:36 2

ޔޫކްރައިންގައި ހިނގަމުން އެދާ ހަނގުރާމައަކީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ މުސީބާތެކެވެ. މިހާރު މަންޒަރު ފެންނަ ގޮތުން ކުރިއަށް އޮތްތަނުގައި މި މުސީބާތް ދާނީ އަދިވެސް ބޮޑުވަމުން ފުޅާވަމުން އޭގެ ގެއްލުންތައް ވެސް އިތުރުވަމުންނެވެ. އެއްވެސް ހަނގުރާމައެއް މާ ދިގުދެމިގެން ގޮސްފިނަމަ އެ ހަނގުރާމައެއް ފަށަން މެދުވެރިވި ސަބަބުތައް ވަކި ހިސާބަކުން ހަނދާން ނެތެ އެވެ. ހަނގުރާމައިގައި ބައިވެރިވާ ހުރިހައި ފަރާތަކުން ވެސް މަސައްކަތް ކުރަމުން ގެންދާނީ ހަނގުރާމަ ކާމިޔާބު ކުރެވޭތޯ އެވެ. ޔޫކްރައިން ހަނގުރާމައިގެ މި ހިސާބުން އެތައް ބަޔަކު ކުރަމުން ދާ ސުވާލަކީ މިއެވެ. މިހިސާބަށް މި ހާލަތު އައީ ނުވަތަ ގެނުވީ ކޮން ބައެއްގެ އަމަލުތަކެއްގެ ސަބަބުން ނުވަތަ ކޮން ކަހަލަ ސަބަބުތަކެއް މެދުވެރިވެގެން ހެއްޔެވެ؟

ޝިކާގޯ ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރު ޖޯން.ޖޭ.މިއަޝައިމަރ މިކަމާ ގުޅޭގޮތުން ދަ ނޭޝަނަލް އިންޓަރަސްޓްގައި ލިޔުނު ބްލޮގުގައި މި ސަބަބުތަކުގެ މައްޗަށް ކުރި ދިރާސާތަކަށް ފަހު ދިނީ މައިގަނޑު ދެ ޒުވާބެކެވެ.

އޭނާގެ ފުރަތަމަ ދައުވާއަކީ؛ ޔޫކްރެއިން ކާރިސާ ކުރިމަތިވުމުގެ އަސްލު ސަބަބަކީ އެމެރިކާ އެވެ. ހަނގުރާމަ ފެށީ ޕޫޓިން ކަމާއި، މިހާރު ޔޫކްރެއިން އޮތް ހާލަތާއި، ހަނގުރާމައަށް ދިއުމަށް ރަޝިޔާއިން ނިންމި ނިންމުމަށް ވެސް ޒިންމާވާން ޖެހޭނީ ޕޫޓިންކަމާމެދު ދެބަސްވުމެއް ނެތެވެ. އެހެން ނަމަވެސް ރަޝިޔާއިން އެ ނިންމުން ނިންމުމަށް 'މަޖުބޫރު ކުރުވީ' އެމެރިކާއިން ޔޫކްރައިންއާމެދު ގެންގުޅެމުން ގެންދިޔަ ސިޔާސަތުތަކުގެ ސަބަބުން ކަމަށް މިއަޝައިމަރ ދައުވާ ކުރެ އެވެ.

ޔޫކްރައިން އަކީ ނޭޓޯގެ ބައިވެރިއަކަށް ހަދައި، ރަޝިޔާގެ ކިބައިން ހުޅަނގަށް ހިމާޔަތް ދޭނޭ އައްޑަނައަކީ ޔޫކްރައިން ކަމަށް ހެދުމަށް ބައިޑަން ގެންގުޅުނު ސިޔާސަތަކީ އަސްލު ސަބަބުގެ ފެށުމެވެ. ރަޝިޔާއިން މިކަމާމެދު ދެކެނީ ކިހިނެއްކަން، އަދި ރަޝިއާއިން މީގެ ރައްދުގައި އަމަލުކޮށްފާނީ ކިހިނެއްކަން އެމެރިކާއަށް އޮޅިފައި ނުއޮންނާނެ އެވެ. އެހެންނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން އޮތް މި ދެބަސްވުމަށް ދަރުއެޅީ 2021 ވަނަ އަހަރު ނޭޓޯގައި ޔޫކްރައިން ހިމެނުމަށް އެމެރިކާއިން އަނެއްކާވެސް ބާރު އެޅުމުންނެވެ.

ހަނގުރާމައިގެ އަސްލު ސަބަބުތަކާމެދު މިއަޝައިމަރގެ ދެވަނަ ދައުވާއަކީ؛ ރަޝިއާއިން ހަނގުރާމަ ފެށުމާއެކު އެމެރިކާއިން އަމަލުކުރި ގޮތުގެ ސަބަބުން މަސްރަހު އިތުރަށް ހޫނުވެގެން ދިއުމެވެ. ހަނގުރާމަ ފެށުމުން އެމެރިކާއިން ޒާތަކަށް އެ ހަނގުރާމައިގައި ރަޝިއާއާ ދެކޮޅަށް ބައިވެރިވީ އެވެ. ޔޫކްރައިންއަށް ފައިސާއާއި ވަސީލަތުގެ ގޮތުން މަދަދު ދީ، ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، މިއީ ހުރިހައި ގޮތަކުން ރަޝިއާ ބަލިކުރުމުގެ ހަނގުރާމައެއް ކަމަށް ދެއްކުވީ އެވެ. އޭގެ ރައްދަކަށްވީ ރަޝިއާއިން ވެސް މި ހަނގުރާމައަކީ އެގައުމުގެ ދެމިއޮތުމަށްޓަކައި ކުރެވޭ ހަނގުރާމައެއް ކަމަށް ދެކި، ހުރިހައި ފަރާތަކުން ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމެވެ.

ހަނގުރާމަ ކުރިއަށް މިދާ ގޮތުން ހަނގުރާމައިގެ ތެރޭގައި ނޭޓޯގެ ފައުޖުތައް ބައިވެރިވުމާއި، ކޮންމެވެސް ހިސާބަކުން ނިއުކްރިއަރ ހަތިޔާރު ބޭނުންކުރާ މަންޒަރު ފެނިގެން ދިއުމަކީ ވެސް ދުރުކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް މި އުޅެވެނީ ދުނިޔެއަށް ކުރިމަތިވެފައި މިއޮތީ މުސީބާތެއްކަން އިހުސާސު ނުވެވި އެވެ.

ރަޝިޔާ އަދި ޔޫކްރައިން ހަނގުރާމަ ފެށުނު މައިގަނޑު ސަބަބުތައް ކަމަށް ޕްރޮފެސަރު ޖޯން.ޖޭ.މިއަޝައިމަރ ބަޔާންކުރި ދެ ދައުވާގެ ތަފްސީލުތަކަށް ހުލާސާ ގޮތެއްގައި ބަލާލާނަމެވެ.

ހަނގުރާމައިގެ ސަބަބުތަކާމެދު އޮތް އަސާސީ ގަބޫލުކުރުންތަކާއި އޭގެ ހަގީގަތް

ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ޔޫކްރައިން ކާރިސާ ކުރިމަތިކުރުވުމުގެ ޒިންމާ އުފުލަންޖެހޭ ހަމައެކަނި މީހަކީ ޕޫޓިން އެވެ. އޭނާ އެ އަމަލުކުރަމުން ގެންދަނީ ދުނިޔެ ފަތަހަކުރުމުގެ މަޝްރޫއުއެއްގެ ފިޔަވަހިތަކަށެވެ. އޭނާގެ ހަމައެކަނި އަމާޒަކީ ސޯވިއަޓް ޔޫނިއަންގެ ސިފަތައް ލިބިގެންވާ 'ގްރޭޓާ ރަޝިއާ' އެއް އަނެއްކާ ވެސް އުފެއްދުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޔޫކްރައިން އަކީ ޕޫޓިން ދުނިޔެއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ފެށުމެވެ. ނިމުމެއް ނޫނެވެ.

މި ގަބޫލުކުރުން ތަކުރާރުކޮށް ފަތުރަމުން ގޮސް، މިއީ ހަގީގަތް ކަމަށް ދުނިޔޭގެ ގިނަ ބަޔަކަށް ގަބޫލުކުރެވޭ ދަރަޖައަށް އާންމުވެއްޖެ އެވެ. އެހެންނަމަވެސް، ހަނގުރާމަ ފެށީ ޕޫޓިންގެ އަމުރަށް ކަމަށް ވުމުގެ އިތުރުން މި ގަބޫލުކުރުމުގެ މައްޗަށް އިތުރު އެއްވެސް ހެއްކެއް ނެތެވެ. އަމުދުން ޕޫޓިންގެ ނިޔަތް ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހެޅިފައި ނެތެވެ. އޭގެ ބަދަލުގައި ފަތުރަމުން ގެންދަނީ މުޅީން މާނަ ސާފުނުވާ ގޮތަށް ދައްކާފައި ހުރި ވާހަކަތަކުން އެ ބަޔަކު ބޭނުންވާ ގޮތަކަށް ނެރޭ މާނަކުރުންތަކެވެ. މިސާލަކަށް 'ޔޫކްރެއިން އަކީ ހަގީގީ ސްޓޭޓެއް ނޫން' ކަމަށާއި، 'ޔޫކްރައިން އަދި ރަޝިއާގެ ރައްޔިތުންނަކީ އެއްބައެއް' ކަމަށް ޕޫޓިން ބުނެފައިވާ ބުނުމަކީ ޕޫޓިންގެ ނުބައި ނިޔަތް ސާބިތުކޮށްދޭން އެންމެ ގިނައިން ހަވާލާ ދެވޭ ބުނުންތަކެވެ. މީގެ އިތުރުން 'ސޯވިއަޓް ޔޫނިއަން ނެތް ކަމުގެ މައްޗަށް ހިތާމަ ނުކުރާ މީހަކީ ހިތެއް ނެތް މީހެއް' ކަމަށް ޕޫޓިންގެ ތަގުރީރެއްގައި ބުނެފައިވާތީ އެއީ ވެސް 'ގްރޭޓަރ ރަޝިއާ' އެއް އުފެއްދުމަށް އޭނާގެ ނިޔަތް އޮތް ކަން ދައްކުވާ ކަމެއް ކަމަށް ޕޫޓިންއާ ދެކޮޅު މީހުން ވަކާލާތުކުރެ އެވެ. އެހެންނަމަވެސް، ހަމަ އެ ތަގުރީރުގައި 'ސޯވިއަޓް ޔޫނިއަން އަނބުރާ ހޯދަން އުޅޭނީ ސިކުނޑި ނެތް މީހެއް' ކަމަށް ވެސް ޕޫޓިން ބުނެފައި އޮވެ އެވެ. އެހެންވީމާ، ސޯވިއަޓް ޔޫނިއަން ނެތްކަމުގެ މައްޗަށް ހިތާމަކުރާކަމަށް ބުނި ބުނުމަކީ ގްރޭޓަރ ރަޝިއާއެއް އުފެއްދުމަށް މަސައްކަތްކުރާ ކަމުގެ މައްޗަށް ދަލީލު ލިބޭ ކަމެއް ނޫނެވެ.

ޕްރޮފެސަރު މިއަޝައިމަރ ދެކޭ ގޮތުގައި ޕޫޓިންގެ ނިޔަތަކީ ޔޫކްރައިން ރަޝިއާގެ ބާރުގެ ދަށަށް ގެނެސް، ރަޝިއާގެ ބައެއް ކަމަށް ހެދުންކަން ސާބިތުކުރުމަށްޓަކައި ތިން ކަމެއް ސާބިތުވާން ޖެހެ އެވެ. ފުރަތަމަ ކަމަކީ، އެއީ ރަޝިއާއިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއެއްކަން ސާބިތުކުރުމެވެ. ދެވަނަ ކަމަކަށް އެއީ ހާސިލުކުރެވިދާނޭ ލަނޑުދަނޑިއެއްތޯ ވިސްނިކަން ސާބިތުކުރުމެވެ. ތިންވަނަ ކަމަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރިކަން ސާބިތުކުރުމެވެ. ފެބުރުއަރީ 2022 ގައި ރަޝިއާއިން ޔޫކްރައިންއަށް އެރިއިރު ޔޫކްރައިންގެ މިނިވަން ދައުލަތް ނިމުމަކަށް ގެނައުމަށް ރަޝިއާއިން ވިސްނާފައި އޮތްކަން ސާބިތުކުރާނޭ އެއްވެސް ހެއްކެއް ނެތެވެ. އޭގެ ބަދަލުގައި ހެކި ހުރީ ޔޫކްރައިންގެ މިނިވަން ދައުލަތް ދެމިއޮތުމަށް ޕޫޓިން ބާރު އަޅަމުން ގެންދިޔަ ކަމުގެ މައްޗަށެވެ.

ޖުލައި 12، 2021 ގައި ރަޝިއާއާއި ޔޫކްރައިންގެ ގުޅުމާ ބެހޭގޮތުން ޕޫޓިން ލިޔުނު އާޓިކަލްއެއްގައި އޮތީ ޔޫކްރައިންގެ މިނިވަން ދައުލަތް ދެމިއޮތުމަށް ތާއީދުކޮށްފަ އެވެ. ރަޝިއާގެ ރައްޔިތުން ޔޫކްރެއިންގެ ރައްޔިތުންނަށް އިހުތިރާމުކުރުމަށް އެތައް ތަގުރީރެއްގައި ގޮވާލާފައި ވެއެވެ. ޔޫއެސްއެސްއާރު އުވާލެވުމާއެކު އުފެދުނު ޖިއޯ ޕޮލިޓިކަލް ހަގީގަތްތަކަށް އިހުތިރާމު ކުރުމުގައި ރަޝިއާ ދެމިއޮންނާނޭ ކަމަށް ފެބުރުއަރީ 21، 2022 ގެ ތަގުރީރުގައި ޕޫޓިން ބުނެފައި ވެއެވެ. އަދި ޔޫކްރައިންގެ މުސްތަގުބަލު ކަނޑައެޅުމުގެ ހަމައެކަނި ބާރު އޮތީ އަދި އޮންނާންވާނީ ވެސް ޔޫކްރައިން ރައްޔިތުންގެ ކިބައިގައި ކަމަށް ޕޫޓިން ލިޔެފައި ވެއެވެ. މާ ކުރިއްސުރެ އެކި ލިޔުންތަކާއި ތަގުރީރުތަކުގައި ހާމަކުރަމުން ދިޔަ މި ވިސްނުންތަކަކީ، ޔޫކްރެއިން އަކީ ރަޝިއާގެ ބަޔަކަށް ހެދުމުގެ ވިސްނުން ޕޫޓިން ނުގެންގުޅޭ ކަމުގެ މައްޗަށް ދަލީލު ލިބޭ ކަމެކެވެ.

ޕޫޓިންގެ މި ވާހަކަތަކަކީ އޭނާގެ އަސްލު ނިޔަތް ފޮރުވައި، ދުނިޔެއަށް ހަގީގަތް އޮޅުވާލުމަށް ހެދި ދޮގަކަށް ނޫނީ ނުވާނޭކަމަށް މީހަކު ބުނެފާނެ އެވެ. 'ދަ ޓުރޫތު އެބައުޓް ލައިންގ އިން އިންޓަނޭޝަނަލް ޕޮލިޓިކްސް' ފޮތް ލިޔުނު ޕްރޮފެސަރު ޖޯން.ޖޭ.މިއަޝައިމަރ ބުނާ ގޮތުން، ޕޫޓިން އެ ހަދަނީ ދޮގު ނޫން ކަމަށް އޭނާއަށް ގަބޫލުކުރެވެ އެވެ. އެފޮތުގެ ބޭނުމަށް އޭނާ ކުރި ދިރާސާތަކުގެ އެއް ނިންމުމަކީ؛ ސިޔާސީ ލީޑަރުން ދޮގު ހަދަނީ އެބައިމީހުންގެ އަމިއްލަ ރައްޔިތުންނަށެވެ. ބައިނަލްއަގުވާމީ ގުޅުންތަކުގައި އެވެރިންގެ ބުނުންތައް ވަރަށް މަދު ފަހަރެއްގައި ނޫނީ ދިމާވެ އެވެ. މި އުސޫލުން ވިސްނައި، ޕްރޮފެސަރު ޖޯން.ޖޭ.މިއަޝައިމަރ ބުނާ ގޮތުގައި، ޕޫޓިންއާމެދު ކޮންމެ ގޮތަކަށް މީހަކު ވިސްނި ނަމަވެސް، އެހެން ގައުމެއްގެ ލީޑަރަކަށް އޭނާ ދުވަހަކު ވެސް ދޮގު ހެދިކަމުގެ އެއްވެސް ރެކޯޑެއް ނެތެވެ. އަދި އޭނާއަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި އޭނާ ދައްކާ ވާހަކަތަކަށާއި، އެހެން ގައުމުތަކަށް ވާ ވައުދު ތަކުގައި ވެސް ތެދުވެރި މީހެއް ކަމުގެ ރެކޯޑު އޮތް ލީޑަރެކެވެ. އެހެންކަމުން ޔޫކްރައިންއާމެދު އޭނާ ފެށުނީއްސުރެ ދައްކަމުން ގެންދިޔަ ވާހަކަތަކީ ދޮގު ހެދުމުގެ ނިޔަތެއްގައި ނުވަތަ އޭނާގެ ނުބައި ނިޔަތް ފޮރުވުމަށްޓަކައި ދެއްކި ވާހަކަތަކެއް ކަމަށް ތުހުމަތުކުރާނޭ ޖާގައެއް ނެތެވެ.

ޕޫޓިންގެ މަގުސަދަކީ މުޅި ޔޫކްރައިން ހިފުން ނޫންކަމުގެ މައްޗަށް ދަލީލު ލިބޭ އަނެއް ކަމަކީ ޔޫކްރައިން އަށް އެރުމުގެ އޮޕަރޭޝަން ހިންގި ގޮތެވެ. އެ ހަނގުރާމަ ފެށުމުގައި ރަޝިއާއިން އެކުލަވާލި ފައުޖުގައި ހިމެނެނީ އެންމެ އެއްލައްކަ ނުވަދިހަ ހާސް ސިފައިންނެވެ. އެއްވެސް ބާވަތެއްގެ ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްފައެއް ނުވެ އެވެ. ބްލިޓްސްކްރީގު ނުވަތަ ވިދުވަރެއް ފަދައިން އަރައިގަނެ ހަނގުރާމަ ކާމިޔާބުކުރެވޭނޭ އުކުޅުތައް ބޭނުންކޮށްފައެއް ނުވެ އެވެ.

ޔޫކްރައިންގެ އެތެރޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީންނާ ވެސް ރަޝިޔާއިން ހާއްސަ ގުޅުމެއް އުފައްދާފައެއް ނުވެ އެވެ. ވަކި ގައުމެއް ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކުރާ ހަނގުރާމަތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ބިދޭސީ ގައުމުން ބާރު ފޯރުވާ ޕަޕެޓު ސަރުކާރެކެވެ. ރަޝިއާއިން ޔޫކްރައިންއަށް އެރިއިރު ޕަޕެޓު ސަރުކާރެއް އުފެއްދުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ޔޫކްރައިންގައި އޮތް ވެރިކަން ފުރޮޅާލުމަށް ވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މި ހުރިހައި ކަމަކުން އާދެވޭ ނިންމުމަކީ، ޔޫކްރައިން ހަނގުރާމަ ފެށުމުގައި ޕޫޓިންގެ ނިޔަތަކީ ގްރޭޓަރ ރަޝިއާއެއް އުފައްދައި ދުނިޔެއަށް ވެރިކަން ހިންގުން ކަމަށް ބުނާ ބުނުމަކީ ދޮގު ބުނުމެއް ކަމެވެ. ޔޫކްރައިން އަކީ ހަމައެކަނި ފެށުންކަމާއި، ޕޫޓިންގެ ހަނގުރާމަ ނިންމާނީ މުޅި ޔޫރަޕް އޭނާގެ ބާރުގެ ދަށަށް ގެނެސް، ދެވަނަ ސޯވިއަޓް ޔޫނިއަން އުފައްދައިގެން ކަމަށް ބުނާ ބުނުމުގެ މައްޗަށް ދަލީލެއް ނެތްކަމެވެ. އެހެންވިއްޔާ، މި މައްސަލައިގެ އަސްލު ސަބަބުތަކަކީ ކޮބައިތޯ ބަލަން އެބަ ޖެހެ އެވެ.

ކުރިމަތިވެފައިވާ މައްސަލައިގެ ހަގީގީ ސަބަބުތައް

ޔޫކްރައިން ކާރިސާގެ އަސްލު ސަބަބަކީ ޔޫކްރައިންއަކީ ރަޝިއާއާއި ހުޅަނގާއި ދެމެދު ލެވޭ ހިމާޔަތުގެ ފާރަކަށް ހެދުމަށް އެމެރިކާ އިސްވެ އޮވެ ކުރަމުން ގެންދާ މަސައްކަތްތަކެވެ. މި މަސައްކަތުގައި އޮތީ ތިން ބައެކެވެ. އެއީ؛ ޔޫކްރައިން އަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމަކަށް ހެދުމާއި، އެއީ ހުޅަނގަށް ތާއީދުކުރާ ލިބަރަލް ޑިމޮކްރެސީއަކަށް ހެދުމާއި، ޔޫކްރައިން އަކީ ނޭޓޯގެ މެންބަރު ގައުމަކަށް ހެދުމެވެ. މި މަސައްކަތް ފެށުނީ 2008 ވަނަ އަހަރުގެ ނޭޓޯ އަހަރީ ސަމިޓުގަ އެވެ. އެ ސަމިޓުގައި މެންބަރު ގައުމުތަކުން އިއުލާނުކުރީ ޔޫކްރައިންއާއި ޖޯޖިއާއަކީ ނޭޓޯގެ މެންބަރުން ކަމަށް ދާދި އަވަހަށް ވެގެންދާނޭ ކަމަށެވެ. މި ސަމިޓުގައި އޮބްސަރވަރެއްގެ ގޮތުގައި ރަޝިއާއިން ވެސް ބައިވެރިވި އެވެ. ނޭޓޯގެ މެންބަރު ގައުމުތަކުގެ މި ނިންމުމާ ރަޝިއާއިން ފުރަތަމަ ދެކޮޅުހެދީ މި ސަމިޓުގަ އެވެ. ރަޝިއާއިން މި ނިންމުމަށް އިއުތިރާޒުކޮށް ވަގުތުން ހާމަކުރި ބަޔާނުގައި ބުނީ މިއީ ރަޝިއާއަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް އެގައުމުން ދެކޭ ކަމަށެވެ. އަދި މިއިން އެއްވެސް ގައުމަކުން ނޭޓޯއާ ގުޅުމުގެ ފުރުސަތު ނުދޭނޭކަމަށް ރަޝިއާއިން ފާޅުގައި އިއުލާނުކުރި އެވެ. އަދި ޔޫކްރައިން އިން ނޭޓޯއާ ގުޅޭނަމަ ކްރައިމިއާ ދޫކޮށްލަންޖެހޭނޭ ކަމަށާއި، އެ ގައުމު ބައިބައިވާތަން ފެންނާނޭކަމަށް ވެސް ރަޝިއާއިން އިންޒާރުކުރި އެވެ.

މި ސަމިޓުގައި ބައިވެރިވި އެމެރިކާގެ އެމްބެސަޑަރު ވަނީ ރަޝިއާގެ އިންޒާރު ލުއިކޮށް ނުނެގުމަށް އެމެރިކާގެ ސަރުކާރުގައި އެދިފަ އެވެ. އެ ސަމިޓުގައި ބައިވެރިވި ޖަރުމަނު ޗާންސެލަރ އެންޖެލާ މާކަލް ވެސް ވަނީ މިއީ ހަނގުރާމައެއް އިއުލާނުކުރުން ކަމަށް އެމެރިކާއަށް އަންގާފަ އެވެ. އެހެންނަމަވެސް މިއިން ކަމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، ޖޯޖިއާ އަކީ ނޭޓޯގެ މެންބަރު ގައުމަކަށް ހެދުމަށް 2008 ގައި އެމެރިކާއިން ކުރި މަސައްކަތުގެ ސަބަބުން ޖޯޖިއާ އަދި ރަޝިއާގެ ހަނގުރާމަ ފެށުނެވެ. އެހެންވީމާ، ޔޫކްރައިން އަކީ ނޭޓޯގެ މެންބަރު ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ނަތީޖާ ނިކުންނާނީ ކިހިނެއްކަން މާޒީން އެއޮތީ ފެންނާށެވެ.

ޔޫކްރައިން އަކީ ނޭޓޯގެ މެންބަރު ގައުމަކަށް ހަދާނޭކަމަށް އިއުލާނުކޮށްފައި އޮތަސް، އެކަން ރަސްމީ ގޮތުން ހާސިލުކުރުމަށް ވެސް އެމެރިކާއިން ބާރެއް ނާޅަ އެވެ. އޭގެ ބަދަލުގައި ތަންފީޒު ކުރަމުން ގެންދިޔައީ ނުރަސްމީ ޕްލޭނެކެވެ. ޔޫކްރެއިންގެ ސިފައިންނަށް ތަމްރީނު ދެމުން ގެންދިޔައީ ނޭޓޯއިންނެވެ. ދެހާސް ސާދަ ވަނަ އަހަރު އަމަލުކުރަން ފެށި އެއްބަސްވުމުގައި އޮތްގޮތުން ކޮންމެ އަހަރަކު ދިހަހާސް ޔޫކްރެއިން ސިފައިން ނޭޓޯއިން ތަމްރީނުކުރާނެ އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އެމެރިކާއިން ޔޫކްރައިން އަށް 'ދިފާއީ ހަތިޔާރު' ހަދިޔާ ކުރި އެވެ. އެއާއެކު ނޭޓޯގެ އެހެން މެންބަރު ގައުމުތަކުން ވެސް އެމެރިކާއާ ބައިވެރިވެ ޔޫކްރައިންއަށް ހަތިޔާރާއި އެހެން ހަނގުރާމަވެރި ވަސީލަތްތައް ހަދިޔާކުރަން ފެށި އެވެ. ދެހާސް އެކާވީސް ވަނަ އަހަރު އެމެރިކާއާއި ޔޫކްރައިން ބައިވެރިވެގެން 'އޮޕަރޭޝަން ސީބްރީޒް' ގެ ނަމުގައި ނޭވަލް އެކްސަސައިޒެއް ކުރިއަށް ގެންދިޔަ އެވެ. މި ހަރަކާތުގައި 31 ގައުމަކުން ބައިވެރިވި އެވެ.

މިހުރިހާ ކަމަކުން ފެންނަ މަންޒަރަކީ، ޔޫކްރައިންގެ ސިފައިންގެ ފައުޖުތަކުގެ ގާބިލުކަން އިތުރުކޮށް، ވަރުދަގަ ކުރުމަށް އެމެރިކާ އިސްވެ އޮވެގެން ނޭޓޯގެ މެންބަރު ގައުމުތަކުން މަސައްކަތް ކުރަމުން ގެންދިޔަ ކަމެވެ. މި ހަރަކާތްތައް މިގޮތަށް ކުރިއަށް ގެންދިއުމުގެ ކުރިން، ޔޫކްރައިންގެ ރައީސް ޒެލެސްކީ ޔޫކްރައިން އަކީ ނޭޓޯގެ މެންބަރު ގައުމަކަށް ހެދުމަށް މާ ބޮޑަށް ބާރެއް ނާޅަ އެވެ. އެހެންނަމަވެސް، މި ހަރަކާތްތަކާއެކު އޭނާގެ ވިސްނުން ބަދަލުކޮށް ނޭޓޯގެ މެންބަރު ގައުމަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކޮށް، ފާޅުގައި ރަޝިއާއާ ދެކޮޅު ހަރަކާތްތައް ވެސް ހިންގާން ފެށި އެވެ. އޭގެ ތެރޭގައި ރަޝިއާއަށް ތާއީދުކުރާ ޓީވީ ސްޓޭޝަންތައް ބަންދުކުރުމާއި ޕޫޓިންގެ ގާތް އެކުވެރިއެއްގެ މައްޗަށް ޔޫކްރައިންއަށް ގައްދާރުވުމުގެ ދައުވާ ކުރުން ހިމެނެ އެވެ. ބައިނަލްއަގުވާމީ ގުޅުމުގައި މިއީ ސީދާ ގޮތުން ގައުމަކާ ދެކޮޅަށް އިންޒާރުގެ މެސެޖު ދިނުމެވެ.

މި ހުރިހައި ކަމެއް މިހެން ހިނގަމުން ދިޔައިރު ޕޫޓިން ދިޔައީ އޭނާ ދެކޭ ގޮތް އާންމުކޮށް ހާމަކުރަމުންނެވެ. އޭނާގެ ނަޒަރުގައި ނޭޓޯ ޔޫކްރައިންއާ ހަމައަށް ފުޅާކުރުމަކީ ރަޝިއާގެ ދެމިއޮތުމަށް އޮތް ނުރައްކަލެކެވެ. "އެމީހުން ޔޫކްރައިންގައި އެކުރާ ކަމެއް، ނުވަތަ ކުރަން އެ ރާވާ ކަމެއް ހިނގަނީ ރަޝިއާގެ ގައުމީ ބޯޑަރާ ހާހެއްހައި ކިލޯމީޓަރު ދުރުގައެއް ނޫން. އަހަރުމެންގެ ގޭ ދޮރުމަތީގައި. އަހަރުމެން ދާނެ ވަކި އެހެން ތަނެއް ނެތްކަން އެމީހުންނަށް ވިސްނެން ޖެހޭނެ. މިކަމުގައި މި ގައުމަށް ހުރި ނުރައްކާތައް އަހަރުމެންނަށް ނުވިސްނޭކަމަށް އެމީހުން ހީކުރަނީތަ؟ ނޫނީ ރަޝިއާއަށް ކުރިމަތިވާން އުޅޭ ނުރައްކާތަކާމެދު އަހަރުމެން އަޅައިނުލައި ތިބޭނޭކަމަށް އެމީހުން ދެކެނީތަ؟" ޑިސެމްބަރު 2021 ގައި ޑިފެންސް މިނިސްޓްރީ ބޯޑާ ވާހަކަ ދައްކަމުން ޕޫޓިން ބުންޏެވެ.

ޔޫކްރައިން ނޭޓޯގެ މެންބަރު ގައުމަކަށް ވުން ރަޝިއާއަށް އޭގެ ޒާތުން މައްސަލައަކަށް ވަނީ އެއް ނޫނެވެ. އެ ގައުމުގެ ކަންބޮޑުވުމަކީ ޔޫކްރައިންއަކީ ނޭޓޯގެ މެންބަރު ގައުމަކަށް ހެދުމުގައި އެމެރިކާގެ އޮތް ކަމަށް ތުހުމަތުކުރެވޭ ނުބައި ނިޔަތެވެ. މިއީ ރަޝިއާއާ އެންމެ ގާތުން ރަޝިއާއަށް ހަމަލާ ދެވިދާނޭ ނުވަތަ ރަޝިއާގެ މައްޗަށް ކޮންޓްރޯލް ހޯދޭނޭ ގޮތެއް ހޯދުމުގެ ބޭނުމުގައި ކުރެވޭ ކަމެއް ކަމަށް އެ ގައުމުން ގަބޫލުކުރެ އެވެ. ޔޫކްރައިން އަކީ ނޭޓޯގެ މެންބަރު ގައުމަކަށް ވުމުގެ ފުރުސަތު ދެވެން ނެތްކަމަށް ރަޝިއާއިން ބުނާ ސަބަބަކީ މިއީ އެވެ.

މިހާރު އޮތް ހާލަތާއި ކުރިއަށް ދާ މިސްރާބު

ދެހާސް ސައުވީސް ވަނަ އަހަރު ނިމުނުއިރު ޔޫކްރައިންގެ 4000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮތީ ރަޝިއާގެ ބާރުގެ ދަށުގަ އެވެ. އަދިވެސް ރަޝިއާގެ ފައުޖުތަކުން އެ ގެންދަނީ ޔޫކްރައިންގެ އެތެރެއަށް ވަންނަމުންނެވެ. ހަނގުރާމައިގައި ރަޝިއާގެ ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ ސިފައިން މަރުވެފައިވާކަމަށް ސެންޓަރ ފޮ ސްޓްރެޓީޖިކް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ރިޕޯޓުކޮށްފައި ވެއެވެ. އެހެންނަމަވެސް، ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުން، މަރުވެފައިވާކަމަށް ކަށަވަރުވާ ރަޝިއާ ސިފައިންގެ އަދަދަކީ 95،000 އެވެ. ޔޫކްރައިންގެ 70،000 ސިފައިން މިހާތަނަށް މަރުވެފައި ވެ އެވެ. މި ހަނގުރާމައިގައި މިހާތަނަށް ރަޝިއާގެ 620 އާންމުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވާއިރު ޔޫކްރައިނުން މަރުވިކަން ކަށަވަރުވެފައިވާ އާންމުންގެ އަދަދަކީ 13،883 އެވެ.

ހަނގުރާމައިގެ އުކުޅުތަކާއި، ބޭނުންކުރާ ވަސީލަތްތައް ވެސް ދެގައުމުން ވެސް އިތުރަށް ވަރުގަދަކޮށް ހަމަލާ ދިނުމުގެ ޑްރޯންގެ ބޭނުންވެސް ގެންދަނީ ކުރަމުންނެވެ. ރަޝިއާއިން މިހާރު ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ އެއްވެސް ތަނެއް އަނބުރާ ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޔޫކްރައިންގެ ފައުޖުތަކުން މަސައްކަތް ކުރަމުން ގެންދަނީ މިހާރު އެ ފައުޖުތައް ތިބި ސަރަހައްދުތައް ދިފާއު ކުރުމަށެވެ. މިހާތަނަށް ކުރެވުނު ތަޖުރިބާއިން ފެންނަ ގޮތުގައި މި ހަނގުރާމަ ނިމުމަކާ އަދި ކައިރިވެސް ނުވެ އެވެ. މިއީ އަދިވެސް ހަނގުރާމައިގެ ކުރީކޮޅެވެ. ހަނގުރާމަ އަވަހަށް ނިންމާލުމުގެ ވިސްނުމެއް ރަޝިއާއަކުން ނުވެސް ގެންގުޅެ އެވެ.

ޔޫކްރައިންގެ ހާލަތަށް ޒިންމާވާންޖެހޭނީ ނޭޓޯއިންތަ؟

ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން ނުވަތަ ނޭޓޯއަކީ ޔޫރަޕްގެ 30 ގައުމަކާއި، ނޯތު އެމެރިކާގެ 2 ގައުމަކާއެކު ޖުމުލަ 32 ގައުމުގެ އަސްކަރިއްޔާއިން ގުޅިގެން އުފައްދާފައިވާ ޖަމާއަތެކެވެ. މިއީ މި ޖަމާއަތުގެ މެންބަރު ގައުމުތަކުގެ ދިފާއުގައި ހުރިހައި ގައުމަކުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމާއަތެކެވެ. ނޯތު އެޓްލާންޓިކް ޓްރީޓީގެ އާޓިކަލް 5 ބުނާ ގޮތުން، ނޭޓޯގެ މެންބަރު ގައުމަކަށް ނޭޓޯގައި ނުހިމެނޭ ގައުމަކުން ހަތިޔާރުގެ ބޭނުންކޮށް ހަމަލާ ދީފިނަމަ، އެއީ ނޭޓޯގެ ހުރިހައި ގައުމަކަށް ދެވުނު ހަމަލާއެއް ކަމުގައި ބަލަންޖެހެ އެވެ. މި މާއްދާގެ ބޭނުން ފުރަތަމަ ފަހަރަށް ހިފީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ނޭޓޯއިން މަސައްކަތް ކުރަމުން ގެންދިޔައީ ސޯވިއަޓް ޔޫނިއަންގެ ގައުމުތަކާ ދެކޮޅަށެވެ. ފިނި ހަނގުރާމަ ނިމުނު ފަހުން އަލަށް 16 ގައުމެއް ނޭޓޯގައި ހިމެނިއްޖެ އެވެ. އޭގެ ތެރޭގައި ކުރިން ސޯވިއަޓް ޔޫނިއަންގައި ހިމެނުނު ގައުމުތަކާއި، ނޭޓޯގެ ގައުމުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ފިނިހަނގުރާމައިގެ ދުވަސްވަރު އެކުލަވާލެވުނު ވޯސޯ ޕެކްޓްގެ މެންބަރު ގައުމުތައް ވެސް ހިމެނެ އެވެ.

ނޭޓޯ އުފެދުނީ ސޯވިއަޓް ޔޫނިއަންއާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތެއްގެ ގޮތުގަ އެވެ. ފިނިހަނގުރާމަ ނިމި، ސޯވިއަޓް ޔޫނިއަންވެސް ރޫޅުމުން ނޭޓޯގެ މެންބަރު ގައުމަކަށް ވުމަށް ރަޝިއާއަށް އެތައް ފަހަރަކު ދައުވަތު ދެވުނެވެ. އެމަގުން މަޝްވަރާތައް ވެސް ކުރިއަށް ގެންދެވުނެވެ. އެހެންނަމަވެސް ރަޝިއާއިން އަބަދުވެސް ދެކެމުން އައިސްފައިވަނީ ނޭޓޯއަކީ އެ ގައުމާ ދެކޮޅަށް އުފައްދާފައިވާ ޖަމާއަތެއްގެ ގޮތުގަ އެވެ. ނޭޓޯ ފުޅާކުރުމުގެ މަރުހަލާގެ ތެރޭގައި އެ ޖަމާއަތާ ގުޅޭ ގިނަ ގައުމުތަކަކީ ވެސް ރަޝިއާއާ ދެކޮޅުވެރިކަން އޮންނަ ގައުމުތަކެވެ. އަނެއް ކަމަކީ ނޭޓޯގެ މެންބަރު ގައުމުތަކަކީ ދިމުގްރާތީ ހަމަތައް ނަހައްޓާ ގައުމުތަކަކަށް ވުމުގެ އިތުރުން، އަސްކަރީ ބާރުތައް ސިވިލިއަނުން ކޮންޓްރޯލް ކުރާ ގައުމުތަކަކަށް ވުން އެ ޖަމާއަތުގެ ޓްރީޓީން ލާޒިމު ކުރެ އެވެ. ނޭޓޯއިން ދެކޭ ގޮތުގައި ރަޝިއާގެ ކިބައިގައި މި ޝަރުތުތައް ފުރިހަމައެއް ނުވެ އެވެ.

މީގެ އިތުރުން، 2008 ވަނަ އަހަރު، ޖޯޖިއާއިން ނޭޓޯގެ މެންބަރު ގައުމަކަށް ވާން ކުރާ މަސައްކަތް ހުއްޓުވުމަށް ރަޝިއާއިން އެ ގައުމަށް އަރައި ހަމަލާ ދިނުމުން ނޭޓޯގެ ހުރިހައި ރަސްމީ ބައްދަލުވުންތަކުން ރަޝިއާ ވަނީ ސަސްޕެންޑް ކުރެވިފަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކްރައިމިއާ ހިފުމުން ނޭޓޯގެ ގައުމުތަކުން ރަޝިއާއަށް އެއްވެސް ބާވަތެއްގެ އެއްބާރުލުން ދިނުން ހުއްޓާލުމަށް ނިންމުނެވެ.

ނޭޓޯ ފުޅާކުރުމަށް ރަޝިއާއިން ދެކޮޅު ހަދަނީ ކީއްވެ؟

ނޭޓޯ އުފެދިފައި އޮތީ ރަޝިއާއާ ދެކޮޅަށް މަސައްކަތް ކުރާ ބާރެއްގެ ގޮތުގަ އެވެ. އެއީ ނޭޓޯ ފުޅާކުރުމަށް ރަޝިއާއިން ހުރަސް އަޅާ އެންމެ އަސާސީ ސަބަބެވެ. ރަޝިއާއިން ދެކޭ ގޮތުގައި އެ ގައުމުގެ ވަށައިގެންވާ ގައުމުތަކުން ނޭޓޯއާ ގުޅި، އެ ގައުމުތަކުގައި ނޭޓޯގެ ބޭސްތައް ހަދަން ފުރުސަތު ދިނުމަކީ ރަޝިއާގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ނޭޓޯގެ ފައުޖުތަކާއި، މިސައިލް ސިސްޓަމުތަކާއި އަސްކަރީ ހަތިޔާރުތައް ރަޝިއާގެ ބޯޑަރުގައި އަތުރާލެވުމަކީ ކޮންމެ ހިނދެއްގައި ވެސް ރަޝިއާއަށް ނުރައްކާ ކުރިމަތި ކުރުވަފާނޭ ކަމެއް ކަމަށް ރަޝިއާއިން ދެކެ އެވެ.

ރަޝިއާއިން ބުނާ ގޮތުން ނޭޓޯ އިތުރަށް ފުޅާ ނުކުރުމަށް ހުޅަނގުގެ ލީޑަރުން ވަނީ ވައުދުވެފަ އެވެ. ފިނި ހަނގުރާމަ ނިމުނު ފަހުން އައު 16 ގައުމެއް ނޭޓޯގައި ހިމެނީ މި އެއްބަސްވުމާ ހިލާފަށް ކަމަށް ރަޝިއާއިން ތުހުމަތުކުރެ އެވެ. އެހެންނަމަވެސް ނޭޓޯއިން ބުނާ ގޮތުން، ނޭޓޯ ފުޅާ ނުކުރުމަށް ރަޝިއާއާއެކު އެއްވެސް އިރެއްގައި ރަސްމީ އެއްބަސްވުމެއް އެކުލަވާލެވިފައެއް ނުވާނެ އެވެ.

ނިންމުން

ކުރު އިބާރާތްތަކަކުން ދަންނަވާނަމަ، ޔޫކްރައިން ކާރިސާ އަކީ އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން އެ ސަރަހައްދަށް ކުރިމަތިކުރުވި މުސީބާތެކެވެ. ޕްރޮފެސަރު މިއަޝައިމަރ ދެކޭ ގޮތުގައި ރަޝިއާއާ ދެކޮޅު ހަރަކާތެއް ހިންގުމަށް އެ ހުރިހައި ގައުމުތަކުން ޔޫކްރައިން ބޭނުންކުރީ އެވެ. މި ހަރަކާތުގެ މޭސްތިރިއަކީ ބުޝްގެ ސަރުކާރެވެ. އޭގެ ފަހުން އޮބާމަ، ބައިޑަން އަދި ޓްރަމްޕް ވެސް ގެންދިޔައީ ލިބުނު ކޮންމެ ފުރުސަތެއްގައި އަނދަމުން ދިޔަ އަލިފާނަށް ދަރު އަޅަމުންނެވެ. ޔޫކްރައިން އަކީ ނޭޓޯގެ މެންބަރު ގައުމަކަށް ހެދުމަކީ 'ރަތް ރޮނގު ހުރަސްކުރުން' ކަމަށް ރަޝިއާއިން ދިން އިންޒާރުތައް ބޮލާލައި ޖެހީ އެމެރިކާގެ ފޮރުވިފައި އޮތް މަގުސަދުގެ މުހިންމު ކަމުންނެވެ؛ ޔޫކްރައިންއަކީ ހުޅަނގުގެ ހިމާޔަތަށް ރަޝިއާގެ އިމުގައި ލެވޭ ފާރަކަށް ހެދުމުގެ މަގުސަދެވެ.

މި ސަބަބުތައް މިހެން އޮތްނަމަވެސް، މިނިވަން ގައުމަކަށް އަރައިގަނެ، އެ ގައުމުގެ މިނިވަންކަން ނަގާލުމަކީ ބައިނަލްއަގުވާމީ ގާނޫނުގައި މައާފު ދެވޭނޭ ކުށެއް ނޫނެވެ. އެއީ ރަޝިއާއިން ހިންގި ޖަރީމާއެކެވެ. އެ އަމަލަަށް ހައްގު މަލާމާތާއި ފާޑު ކިޔުމާއި ރުޅިވެރިކަން ރަޝިއާއަށް އަމާޒު ނުވާނޭ ގޮތެއް ނެތެވެ. އެހެންނަމަވެސް އެކަމަށް މެދުވެރިކުރުވި ގިނަގުނަ ސަބަބުތަކުގެ މައްޗަށް ނަޒަރު ހިންގުމަކީ ނެތްކަމެއް ނޫނެވެ.

ހިތި ހަގީގަތަކީ، ތާރީހުން ފެންނާން އޮތް ހަގީގަތްތައް އެއްފަރާތްކޮށް، ޔޫކްރައިންއަކީ ނޭޓޯގެ މެންބަރު ގައުމަކަށް ހެދުމަށް ހުޅަނގުން އެވަރަށް މަސަކަތް ނުކުރިނަމަ ޔޫކްރައިން މިހާރު އެއޮތް ހާލަތަށް ނުދިޔައީސް ކަމެވެ. ޔޫކްރައިންއާއެކު މުޅި ދުނިޔެ މިހާލަތަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެމެރިކާގެ ގޮތް ދޫނުކުރުމުގެ ސިޔާސަތެވެ. ޔޫކްރައިން މިހާރު ތަހައްމަލު ކުރަމުން އެ ގެންދާ ދަތި ހާލަތުގެ އަސްލު ސަބަބަކީ އެމެރިކާއާއި، އެ ގައުމާ ގުޅިފައިވާ ގައުމުތައް ކަމަށް ތާރީހު ހެކި ދޭނެ އެވެ.