Advertisement

މޯދީ މާލީގައި ފެންފައިވާން އެޅުވި މީހުން މިހާރު މި ކިޔަނީ ކީކޭ!؟

17 ޖުލައި 2025 - 10:44 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު


މޯދީ މާލީގައި ފެންފައިވާން އެޅުވި މީހުން މިހާރު މި ކިޔަނީ ކީކޭ!؟

17 ޖުލައި 2025 - 10:44 3

ކޯޓުން ނެރުނު ސިޔާސީ ހައްޔަރުގެ އަމުރަކަށް ފިއްލެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ހައި ކޮމިޝަނަށް ވަދެވަޑައިތުމުން، ފެބްރުއަރީ 13، 2013، ގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އުފެއްދެވި ސުވާލަކީ، ދިވެހި ދައުލަތާ ދެކޮޅު ހަރަކާތްތަކަށް އިންޑިއާއިން ވާގިވެރިވަނީތޯ އެވެ.

ޑިސެމްބަރު 4، 2018، ގައި ހަލީލު ސޯޝަލް މީޑިއާގައި ރިޕޯސްޓް ކުރި، ދަ މޯލްޑިވްސް ރިޕޯޓު ނަމަކަށް ކިޔާ ފޭކު ނިއުސް ވެބްސައިޓަކުން ލިޔުނު ރިޕޯޓެއްގައި ކިޔައިދީފައި އޮތީ، މިލިޓަރީ ބޭހެއް ގާއިމްނުކޮށް އިންޑިއާއިން ރާއްޖެއަށް ވެރިވެގަންނާނެ ގޮތެވެ.

ޖެނުއަރީ 6، 2022، ގައި ހަލީލު އެކްސްގައި ލިޔުއްވީ "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ދޮގުވެރި ކެމްޕެއިން ހުއްޓުވަން ބޭނުން ނަމަ ޖެހޭނީ ގައުމުގެ ހުރިހާ ރައްޔިތުން ޖަލަށްލާން ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ބަޔަކު ހައްޔަރު ކުރުމުން ވެސް އެކަން ހަލީލު ކުށްވެރި ކުރެއްވި އެވެ.

އެކަމަކު، ދާދި ފަހުން، ޖުލައި 13، 2025، ގައި ހަލީލު ދެއްކެވި ވާހަކައިން، "ކުރިން ބުނި އެތި ކެންސަލްވެއްޖެ" އެވެ. މުޅިން ރާގު ބަދަލު ކުރައްވައި، މިހާރު ހަލީލު ވިދާޅުވަނީ ގައުމުގެ ސިޔާދަތަށް ބުރޫ އަރާ ވާހަކަ "ގައުމަށްޓަކައި" ދައްކަންނުޖެހޭ ކަމަށެވެ. ހަލީލު މިހާރު ދެކެވަޑައިގަންނަވަނީ، ރަހުމަތްތެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާ ޒާތުގެ ވާހަކަ ދެއްކުމަކީ "ގައުމަށް ދެވޭ ހަމަލާއެއް" ކަމަށެެވެ.

"މި ރާއްޖެ ހިންގުމުގެ ތެރެއިން މި ކުރި ދަތުރުގެ ތެރޭގައި އަންނަ ބައެއް ވާހަކަތަކަކީ، އަޅުގަނޑުމެންގެ ގާތް ބައެއް ގައުމުތަކާ އަދި އޭގެ އިތުރުން އަޅުގަނޑުމެން ކޮންމެހެން ވެސް ގުޅުން ބާއްވަންޖެހޭ ބައެއް ގައުމުތަކާ ދޭތެރޭގައި އޮންނަ ގުޅުމަށް ބައެއް ފަހަރަށް ބުރޫއަރާ ޒާތުގެ ވާހަކަތައް ބައެއް ފަހަރަށް މީޑިއާތަކުން އާދޭ،" ޓީވީ މޯލްޑިވްސްގެ ހަފުލާއެއްގައި ދެއްކެވި ވާހަކައެއްގައި ހަލީލު ވިދާޅުވި އެވެ.

"އެ ވާހަކަތައް ގެންނަ ނަމަ އަޅުގަނޑުމެންނަށް މި ކުރެވޭ ކަމަކީ އަޅުގަނޑުމެންގެ އަމިއްލަ އަތުން އަޅުގަނޑުމެން ގައުމަށް ހަމަލާ ދެވެނީ، އެކަން ކޮށްގެން ނުވާނެ."

ހަލީލު އަދި ދިވެހި ހާރިޖިއްޔާގެ ސިޔާސަތު ވެސް މުޅިން ބަދަލުވެއްޖެ އެވެ. ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ ދުރުކޮށް ޗައިނާއާ ގުޅުން ބަދަހި ކުރުމުގެ ޕޮލިސީއަކާއެކު އެވެ. އިންޑިއާއަށް ރާއްޖެ ވެފައި އޮތް ބަރޯސާ ނައްތައިލުމަށް "މަގުޗާޓެއް" ރައީސް އިއުލާނު ކުރެއްވި އެވެ. އެކަމަކު، އިގްތިސާދު މެނޭޖު ނުކުރެވުމުގެ ސަބަބުން ދިމާވި މާލީ ހާލަތާއެކު އިންޑިއާއަށް "އާދޭސް ކުރަން" ރައީސް މުއިއްޒާއި ސަރުކާރަށް މަޖުބޫރުވީ އެވެ.

ބޮޑުވަޒީރު މޯދީއަށް ރައީސް މުއިއްޒު ކުރެއްވި ތުހުމަތުތައް

ސަރުކާރުން މިހާރު އަމަލު ކުރަމުންދާ ގޮތުން ހީވެފައި އޮތީ އިންޑިއާ އައުޓްގެ ނަމުގައި ހިންގި ކެމްޕެއިނަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހިންގެވި ކެމްޕެއިނެއް ކަމަށެވެ. އެކަމަކު، އެ ނަން ބޭނުން ނުކުރި ނަމަވެސް ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގައި ވެސް އެމަނިކުފާނު އެ ކެމްޕެއިން ކުރެއްވި އެވެ.

ހަގީގަތުގައި، ވެރިކަމަށް ވަޑައިގެން އިންޑިއާއަށް ކުރެއްވި ތުހުމަތުތައް، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރެއްވި ތުހުމަތުތަކަށް ވުރެ ސީރިއަސް އެވެ. އެކި ދުވަސްތައް މަތިން ރައީސް ކުރެއްވި ތުހުމަތުތަކަކީ، އަސާސެއް ނެތި ރައީސްއަކު ކުރައްވަން ހެޔޮވާވަރުގެ ތުހުމަތުތަކެއް ނޫނެވެ.

ރައީސް ކުރެއްވި ތުހުމަތުތައް އަމާޒުވަނީ އިންޑިއާ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށެވެ. އިންޑިއާ އަދި މޯދީގެ ނަން ރައީސް ވިދާޅުނުވި ނަމަވެސް ރައީސްގެ ތުހުމަތުތައް އަމާޒު ކުރެއްވީ ކޮން ގައުމަަކަށްކަން އަދި ކޮން ބޭފުޅަކަށް ކަން ހަމަ ބުއްދި ހުރި އެންމެނަށް ވެސް އެނގޭނެ އެވެ.

ތުހުމަތު ނަންބަރު 1

އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި ސަރުކާރު ކޮންޓްރޯލް ކުރުން (ޖެނުއަރީ 13، 2024)

"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައިވެސް އިށީނދެވެނީ، ވަކި ބައެއްގެ ހުއްދަ ހޯދައިގެންކަން."

ތުހުމަތު ނަންބަރު 2

އިންޑިއާއިން ރާއްޖެ ބުލީ ކުރުން (ޖެނުއަރީ 13، 2024)

"ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ."

ތުހުމަތު ނަންބަރު 3

ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރުން (ފެބްރުއަރީ 25، 2024)

"އެނގިވަޑައިގަންނަވާނެ، ރާއްޖެއިން ބޭރުގެ އެކިކަހަލަ ބާރުތައް، އެކިކަހަލަ މަސްލަހަތުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި އެބަ ބާރުފޯރުވާ، އަޅުގަނޑުމެންގެ އިދިކޮޅު އެކިއެކި ޕާޓީތަކުގެ މައްޗަށް. އެކަންކަން މި ވަންނަނީ މަޖިލިސް ތެރެއަށް ވެސް. އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން ލޯމަރާލައިގެން ނުވާނެ."

ތުހުމަތު ނަންބަރު 4

އިދިކޮޅު މެންބަރުން ބްލެކްމެއިލްކޮށް ކޮންޓްރޯލް ކުރުން (ފެބްރުއަރީ 25، 2024)

"ދެން ހަމަ އެކަން ކުރަމުންދިޔަ ގޮތް އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ. އެ ބޭފުޅުންގެ މައްޗަށް ބާރުހިންގާ، ރާއްޖެއިން ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް. ހަމަ މަޖުބޫރުވެއޭ، ތިމަންނަމެން ޖެހެޔޭ، ކޮންމެވެސް ތިން ހަތަރު ވަޒީރުންނަށް ރުހުން ނުދޭން. އެހެން އަޅުގަނޑުމެންގެ އެމްޕީ އިން ކައިރީގައި ވެސް ބުނަމުންދިޔައީ."

"އެނގިވަޑައިގަންނަވާނެ، ރާއްޖެއިން ބޭރުގެ އެކިކަހަލަ ބާރުތައް، އެކިކަހަލަ މަސްލަހަތުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި އެބަ ބާރުފޯރުވާ، އަޅުގަނޑުމެންގެ އިދިކޮޅު އެކިއެކި ޕާޓީތަކުގެ މައްޗަށް. އެކަންކަން މި ވަންނަނީ މަޖިލިސް ތެރެއަށް ވެސް. އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން ލޯމަރާލައިގެން ނުވާނެ."

ތުހުމަތު ނަންބަރު 5

އިދިކޮޅު މެންބަރުން ބްލެކްމެއިލްކޮށް ކޮންޓްރޯލް ކުރުން (ފެބްރުއަރީ 29، 2025)

"އެ ބޭފުޅުންނަށް [އެމްޑީޕީ މެންބަރުންނަށް] ބާރު ހިންގާ، އެ ބޭފުޅުން އޮޕަރޭޓް ކުރާ އެހެން ފަރާތެއް އެބަ އޮތް. ޖޯއިސްޓިކް އޮތީ އެހެން ފަރާތެއްގައި. އެ ޖޯއިސްޓިކް އަނބުރާ ގޮތަކަށް، ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން. މިއީ ހަގީގަތް. މިއަށް ލޯ މަރައިލެވޭނެ ގޮތެއް ނޯންނާނެ."

ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވި އިންޑިއާ އައުޓް މަގުޗާޓު

ވެރިކަމަށް ވަޑައިގެންނެވިތާ 45 ވަނައަށްވީ ދުވަހު، އިންޑިއާއާ ވާދަވެރި ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު އެނބުރި ވަޑައިގެން ހުޅުލޭގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ހަގީގަތުގައި އިއުލާނު ކުރެއްވީ އިންޑިއާއާ ދުރަށްޖެހުމުގެ މަގުޗާޓެކެވެ.

އެމަނިކުފާނު އެ ދުވަހު އިއުލާނު ކުރެއްވި މަގުޗާޓު ފުރިހަމައަށް ތަންފީޒު ކުރެވުނު ނަމަ މިއަދު ރާއްޖެ އާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އޮތަސް، ކުރިން ފެނުނު ޒަމާންވީ އެކުވެރިކަމެއް ދެ ގައުމުގެ ދޭތެރެއަކު ނޯންނާނެ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުނޫ މަހާވަރުގެ ހާޒިރުގައި ރައީސް މުއިއްޒު އިއުލާނު ކުރެއްވީ ޗައިނާއާ ގުޅުން ގާއިމް ކުރަން ދެކެވުނު ވާހަކަތަކާއި ކާބޯތަކެއްޗާއި ބޭހާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ސާމާނު އިންޑިއާއިން އިމްޕޯޓް ކުރުން ހުއްޓާލުމަށް ރާއްވަވާފައި އޮތް ރޭވުމެވެ.

އިންޑިއާއަށް ބޭހަށް ދާން ނުޖެހޭ ގޮތް ހެދުން (1)

"މިސާލަކަށް، މިހާރު އަޅުގަނޑުމެން ގަސްތުކުރަނީ، އަދި ނިންމާފައިވާނީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންގެ އާސަންދައަކީ، ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީ އަށާއި، ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް."

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިންޑިއާއިން ގެނައުން ހުއްޓާލުން (2)

"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް، ހަނޑޫ، ހަކުރު، ފުށް މިހާރު އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކީގައި އެއްބަސްވުމުގައި ސޮއިކޮށްފައި މިހާރު. ހަނޑޫ، ހަކުރު، ފުށާއި، އެކިއެކި ބާވަތްތައް، ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ބޭނުންވާވަރުގެ އިތުރަށް، 10 ޕަސެންޓް ލާފައި މިހާރު ވާނީ އެއްބަސްވުން ހެދިފައި."

އިންޑިއާއިން ބޭސް ގެނައުން ހުއްޓާލުން (3)

"އަޅުގަނޑުމެންގެ ބޭސް، އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެކުރާ ގޮތަށް ބަދަލުކުރާނަން. އެ ކަންތައް މިހާރުވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ދެން މާލަސްތަކެއްނުވެ އެތެރެކުރާނީ، ޔޫރަޕްގެ ބޭސް އުފައްދާ އަޞްލު އެކިތަންތަނުންނާއި، އެމެރިކާގެ ތަންތަނުން. އެހެންވީމާ، ވަކި ގައުމަކުން ގެންނަ، ބޭސް ގެނައުންވެސް އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ."

އިންޑިއާއިން ހަދިޔާކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލުން (4)

"ބަލިމީހުން އުފުލަން އެއާ އެމްބިއުލެންސް، އެކެއް މާރިޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން، ޑޭޝް-8 ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލުކުރުމުގެ މަސައްކަތް އެވަނީ ފެށިފައި. އެއިން އެތައް ފައިދާއެއް އެބަވޭ."

އިންޑިއާއިން ގާއިމްކޮށްފައިވާ ރާޑަރު ސިސްޓަމްތައް ބޭނުން ކުރުން ހުއްޓާލުން (5)

"އަޅުގަނޑު ދެންމެ މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސަރވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ގާއިމުކުރާނަން، މި ބޮޑު ސަރަޙައްދު ބެލެހެއްޓޭ ގޮތަށް."

މާލީ މަޖުބޫރުކަމާއެކު ސިޔާސަތު ބަދަލު ކުރުން

އިންޑިއާ ދުރުކޮށް ޗައިނާއާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތުގެ ތެރެއިން ރައީސް މުއިއްޒުގެ ސަރުކާރުން ކުރި އެންމެ ފުރަތަމަ ކަމަކީ 50 މިލިއަން ޑޮލަރުގެ ލޯނެއް ޖެނުއަރީ، 2024، ގައި އިންޑިއާއަށް އަނބުރާ ދެއްކުމެވެ.

އެ ލޯނު ދެއްކި ކަމަށް ވަނީ އިންޓްރެސްޓާ ވެސް އެކުގަ އެވެ. އެކަމަކު ރާއްޖެއިން ލޯނު ނެގިއިރު، އެ ލޯނުގެ އިންޓްރެސްޓް މައާފު ކުރުމަށާއި އެ ލޯނު ރޯލްއޯވާ ކުރަން އިންޑިއާއިން އޮތީ "ޖެންޓްލްމަންޓްސް އެގްރީމެންޓް" އެއް ވެފަ އެވެ.

ލޯނު ދެއްކި ފަހުން ރާއްޖެއަށް ލިބުނު ލަނޑަކީ ފަތުރުވެރިކަން އަޑިއަޅައިލުމެވެ. ލަކްޝަދީޕުގެ ގޮނޑުދޮށެއްގައި ފޮޓޯއެއް ނެންގެވުމަށްފަހު ބޮޑުވަޒީރު މޯދީ އެ ފޮޓޯ ސޯޝަލް މީޑިއާއަށް ޖެނުއަރީ 6، ގައި ޕޯސްޓް ކުރެއްވުމުން، އެއީ ބަލައިގަނެވޭ ވަރުގެ ކަމަކަށް ސަރުކާރުގެ ލީޑަރުންނަކަށް ނުވި އެވެ.

މޯދީ އަދި އިންޑިއާއާ ދެކޮޅަށް ސަރުކާރުގެ ވެރިން ފެށި މަލާމާތް ކުރުމުގެ ކެމްޕެއިނާއެކު 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން ވެސް ރާއްޖެއާ ދެކޮޅަށް ކެމްޕެއިނެއް ފެށި އެވެ. އެ ކެމްޕެއިނުގައި ބޮލީވުޑުގެ މަޝްހޫރު ތަރިން ވެސް ބައިވެރިވި އެވެ.

ރައްދުގައި އިންޑިއާއިން ފެށި ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހަމަ ރަނގަޅަށް ވެސް އަޑިއަޅައިލި އެވެ. އިގްތިސާދަށް ލިބެން އޮތް އެތައް މިލިއަން ޑޮލަރެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގެއްލުނެވެ. އެންމެ ހަތަރު މަހުން ވެސް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމާ ފަތުރުވެރިކަމުގެ އިންޑަސްޓްރީއިން ކުރިމަތިލާން ޖެހުނެވެ.

ސަަރުކާރަށް ދެން ދިމާވި އަނެއް ކަމަކީ، ޗައިނާއަށް ބަރޯސާވެ، ޗައިނާއިން އެހީތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރުމެވެ. ނަމަވެސް، ރާއްޖެއިން ހީކުރި ވަރުގެ އެހީއެއް ޗައިނާއަކުން ނުލިބުނެވެ. ޗައިނާއިން ނަގާފައި އޮތް 74 މިލިއަން ޑޮލަރުގެ ލޯނެއް ރިފައިނޭންސް ކޮށްދިނީ ވެސް އޮކްޓޯބަރު، 2024، ގަ އެވެ.

ކުރިމަތިވި މާލީ ދަތިތަކާހުރެ، ބައިނަލްއަގްވާމީ މާލީ އިދާރާ މޫޑީސް އިން ޑިސެމްބަރު، 2024، ގައި ރާއްޖޭގެ ރޭޓިން ދަށް ކުރި އެވެ. އެއާއެކު އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލި، އާ އިންވެސްޓްމަންޓުތައް އައުމުގެ ފުރުސަތު ހަނިވި އެވެ.

މާލީ ގޮންޖެހުމުން އަރައިގަތުމުގެ މަސައްކަތް ކުރުމަށްޓަކައި ސަރުކާރަށް މަޖުބޫރުވީ އިންޑިއާ އައުޓް މަގުޗާޓު ޑަސްބިނަށް ވައްޓައިލުމަށެވެ. އޭގެ ބަދަލުގައި އޮކްޓޯބަރު، 2024، ގައި ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެން ސޮއި ކުރެއްވީ "އިންޑިއާ-މޯލްޑިވްސް" ވިޝަން ޑޮކިއުމެންޓެއްގަ އެވެ.

ރައީސް ސޮއި ކުރެއްވި ވިޝަން ޑޮކިއުމެންޓުގެ ދަށުން، އިންޑިއާ-ރާއްޖެ ގުޅުން ބަދަހި ކުރަން ގްރޫޕެއް އެކުލަވާލައި، ގަވާއިދުން ބައްދަލުވުންތަކެއް ބާއްވަން އެއްބަސްވި އެވެ. އަދި އޭގެ އިތުރުން، ޗައިނާއާއެކު ގާއިމް ކުރަމުން އައި ގުޅުން "ނިއުޅައިލުމުގެ މަސައްކަތް" ރައީސްގެ ދަތުރުގެ ފަހުން ފެށި އެވެ.

ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއެކު އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް އަޅަން އޭޕްރީލް، 2024، ގައި ޗައިނާއާއެކު އެއްބަސްވެފައި އޮއްވައި، އެ އެއްބަސްވުމަށް އިހުތިރާމުނުކޮށް ހަމަ އެފަދަ ޕްރޮޖެކްޓެއް ގާދޫގައި ހިންގަން އިންޑިއާއާއެކު އެއްބަސްވި އެވެ.

އިންޑިއާ އައުޓް ސިޔާސަތުގެ ދަށުން، އިންޑިއާއިން އަސްކަރީ ބަނދަރެއް އަޅަމުންދާ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ހިންގަން ޗައިނާގެ ކުންފުންޏަކާ ސަރުކާރުން އޮތީ ހަވާލުކޮށްފަ އެވެ. އެކަމަކު ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުގެ ފަހުން، ޗައިނާގެ ޕްރޮޖެކްޓު އެހެން ރަށަކަށް ބަދަލުކޮށް، ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދަން ނިންމި އެވެ.

އިންޑިއާ އައުޓް ކެމްޕެއިނު މަތިން ހަނދާން ނެތުން

ބޮޑުވަޒީރު މޯދީ ސޫރަ ސިފަވާ ގޮތަށް މާލި ހަދައި އެ މާލީގައި ފެންފައިވާން އެޅުވި ގްރޫޕުން އެކަން ކުރިކަން މިހާރު ހަނދާން ނެތިއްޖެ އެވެ. އިންޑިއާއިން އުޅެނީ ރާއްޖެ އަޅުވެތި ކުރަން ކަމަށް ބުނި މީހުން މިއަދު މަސައްކަތް ކުރަނީ އިންޑިއާއާއެކު ގުޅުން ބަދަހި ކުރެވޭތޯ އެވެ.

އެއިރު ކުރި ކަންކަމާއި ދެއްކި ވާހަކަތައް ހަނދާން ނައްތާލައި، ހާރިޖީ ވަޒީރު ހަލީލު ވިދާޅުވީ، ގައުމުގެ ސިޔާދަތަށް ބުރޫއަރާނެ ފަދަ ވާހަކަތައް "ގައުމަށްޓަކައި، ނަފުސަށްޓަކައި" ނޫސްތަކުގައި ވެސް ނުޖެހުމަށެވެ.

"ވާހަކަތައް މީޑިއާތަކުން ގެންނައިރުގައި ވަރަށް ހާއްސަކޮށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރޭ. ހާއްސަކޮށް އެ ކަމަކީ އަޅުގަނޑުމެންގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ނޫނީވިއްޔާ ސިޔާދަތީ ކަންތައްތަކަށް ބުރޫއަރާ ޒާތުގެ ކަމެއް ވެއްޖެއްޔާ އެ ވާހަކައެއް ޖެހޭނެ ގައުމަށްޓަކައި، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށްޓަކައި ބާއްވާލަންޖެހޭނެ،" ޖުލައި 13، ގައި ހަލީލު ވިދާޅުވި އެވެ.

އިންޑިއާއާ ގުޅޭ ގޮތުން ހަލީލު ކުރިން ދެއްކެވި ބައެއް ވާހަކަތައް


މަޖުބޫރުވެގެން ނަމަވެސް އިންޑިއާއާ ދެކޮޅަށް ސަރުކާރުން ގެންގުޅުނު އަދާވާތްތެރިކަން ދޫކޮށްލުމަކީ ގައުމަށް ލިބޭ ހެވެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ހުންނެވި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ސައިފް ފާތިހު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންޑިއާއާމެދު މި ސަރުކާރުގެ ވެރިން އުފެއްދީ "ހިޔާލީ ވާހަކައެއް" ކަމަށެވެ.

"ސިޔާސީ ކަންތައްތަކެއް ހާސިލު ކުރަންވީމާ ހިތަށް އެރިހާ އެއްޗެއް ދޭދޭ ގައުމުތަކުގެ ވެރިންނާމެދު ބުނަމުންދިޔައީމާ އޭގެ ނަތީޖާ ހިތިކޮށް ފެންނާނެކަން ރިއަލައިޒްވީމާ ވަރަށް ރަނގަޅު،" ސައިފް ވިދާޅުވި އެވެ. "އިންޑިއާއާ ދެމެދު އުޅުނީ އިންތިހާބު ކާމިޔާބު ކުރަން އުފެއްދި، ހިޔާލީ ވާހަކައެއް."

ސައިފް ދެކޭ ގޮތުގައި، އިންޑިއާއަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، ސަރުކާރުގެ ވެރިން ވާހަކަ ދެއްކެވީ، އަމިއްލަ ބާރު ގޯސްކޮށް ވަޒަންކޮށްގެން ކަމަށެވެ.

"ރާއްޖޭގެ ވެއިޓަށްވުރެ މާ މަތިން ކުރީގައި ކަންތައް ވެގެންދިޔައީ. ވަރަށް އެގްރެސިވްކޮށް އަހަރުމެން ގައުމަކާ މުއާމަލާތްކޮށްފާނެ. އެކަމަކު، އެ މުއާމަލާތް ޖެހޭނެ ސިޔާސީ ގޮތުން، އިގްތިސާދީ ގޮތުން އަދި މޯރަލީ ވެސް ޖަސްޓިފައި ކުރަންޖެހޭނެ. ފެން ނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮަށް އެކަހަލަ ވާހަކައެއް ނުދެއްކޭނެ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ވެރިން ހިންގި ދޮގުވެރި އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން މިހާރު ވެސް އޭގެ ގެއްލުން ރާއްޖެއަށް ކުރަމުންދާ ކަމަށް އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހަސަން ލަތީފު ވިދާޅުވި އެވެ. އެމްޑީޕީއަށް ނިސްބަތްވާ ހަސަން ވެސް ވިދާޅުވީ އެ ކެމްޕެއިނަކީ ސިޔާސީ ބޭނުމެއްގައި ކުރިއަށްގެންދިޔަ ކެމްޕެއިނެއް ކަމަށެވެ.

"އެއީ ރަނގަޅު ވާހަކައެއް. އަޅުގަނޑުމެން ވެސް ދައްކަމުންދިޔަ ވާހަކައަކީ ވަކި ގައުމަކާ ޖައްސާލައިގެން ވާހަކައެއް ނުދެއްކޭނެއޭ. ހަލީލު މެން އެކަން ކުރެއްވީ. އެކަން ކުރެއްވީ ސިޔާސީ ބޭނުމަކަށް. އެ ބޭނުން ހާސިލު ކުރެވިއްޖެ. އެކަމަކު އޭގެއިން ގައުމަށްވާ ގެއްލުން ވަރަށް ބޮޑު. މިހާރު ވެސް އެ ގެއްލުން ފެންނަމުންދަނީ،" ހަސަން ވިދާޅުވި އެވެ.

އެ ކެމްޕެއިން ކުރިއަށްގެންދިޔަ ދުވަސްވަރު، އިންޑިއާގައި ތިބި ދިވެހި ރައްޔިތުންނަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށްގެންދިޔައިރު އޭގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުން ކެމްޕެއިން ހިންގި މީހުންނަށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާގައި ތިބި ދިވެހި ރައްޔިތުން ތިބީ ވަރަށް ބިރުން. އެވަރަށް ރާއްޖޭގައި ފިތުނަވެރިކަން އުފައްދަން ފެށީމަ. ގައުމުތަކާ އެކު އޮތް ގުޅުން ގޯސްވާނެ ކަމަށް ބެލެވޭ ވާހަކަ ދައްކައިގެން ނުވާނެއޭ މިހާރު އެ ވިދާޅުވަނީ މީހަކަށް އަލަށް ކަމެއް އިނގުނު ގޮތަށް. ނޭނގިއެއް ނުހުންނާނެ. އެ ކުރި ކަންކަން އެއީ ކޮށްގެން ނުވާނެ ކަންކަން ނޭނގެންޏާ އެއީ އަދި މާ ބޮޑު މައްސަލައެއް،" މީގެ ކުރިން ކެބިނެޓުގައި ވެސް މަސައްކަތް ކުރެއްވި ހަސަން ވިދާޅުވި އެވެ.

ގައުމުތަކާއެކު އޮތް ގުޅުމަށް އަސަރު ކުރާނެ ފަދަ ވާހަކަތައް ނުދައްކަން ހަލީލު މިހާރު އިލްތިމާސް ކުރެއްވިޔަސް މިނިސްޓަރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"[މިނިސްޓަރުގެ] ނިޔަތެއް ނޭނގޭ. އިހުލާސްތެރިކަމާއެކީގައި ދައްކާ ވާހަކަ ކަމެއް ނޭނގޭ. އެއެއް އެނގޭނީ ސަރުކާރު ބަދަލުވީމަ. ސަރުކާރު ބަދަލުވީމަ ދެން އުޅުއްވާ ގޮތުން ނިޔަތް ސާފުވާނީ. އެކަމަކު، އެމީހުން ކުރި ކަންކަމުގެ ވާހަކަ ދައްކަންޖެހޭ. އެ ވާހަކަ ދައްކާނެ ވެސް މެ. އެކަން ހުއްޓުވަން ކޮންމެހެން ހަލީލު ވެސް އުޅުއްވާނެ ކަމެއް ނެތް،" ހަސަން ވިދާޅުވި އެވެ.

"އެބޭފުޅުން ކުރެއްވި ކަންކަމުގެ ހުތުރުކަން ބައްލަވާ. މޯދީގެ މާލި ހަދައި، ދޮގު ވާހަކަތައް ދައްކ، ފިތުނަވެރިކަން އުފެއްދީ."

~~

އިންޑިއާ އަދި އެ ނޫން ވެސް ގައުމަކާއެކީ ރާއްޖެއިން ބާއްވަމުންދިޔަ އަދި ބާއްވަމުން އަންނަ ގުޅުމަށް ހުރަސް އުޅޭ ގޮތަށް މިހާރުގެ ވެރިކަން ހިންގާ ޕާޓީގެ ބަޔަކު ނޫނީ ވާހަކަ ދައްކާކަށް ނުއުޅެ އެވެ. އެކަން ކުރެއްވީ މި ސަރުކާރުންނެވެ.

ގައުމުތަކާއެކު ބާއްވާ ގުޅުމަށް އަސަރު ކުރާނެ ފަދަ ވާހަކަ ނުދައްކަން ހަލީލު އެ ވިދާޅުވާ ވާހަކަ ވިދާޅުވާންވީ އަމިއްލަ ނަފުސަށެވެ. ދުލާއި އަމަލުން ކުރާ ކަންކަމަށް ރައްކާތެރިވާންވީ މި ސަރުކާރުގެ ވެރިންނެވެ. ގައުމަށް ގެއްލުމެއް ނުވާނެ ގޮތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރަންވީ ރައީސް މުއިއްޒެވެ.