7 އޮކްޓޯބަރު 2024 - 08:13 6
މުހައްމަދު ނަސީމް
އާޓްވޯކް: އިސްމާއީލް އިމްދާދު
7 އޮކްޓޯބަރު 2024 - 08:13 6
ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން 1948 ވަނަ އަހަރު ޔަހޫދީ ދައުލަތް އުފެއްދީއްސުރެ، އެ ބިމުގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމަކީ އާންމު ކަމެކެވެ. އެއީ ގާތްގަނޑަކަށް ހަމަ ކޮންމެ އަހަރަކު ވެސް ޔަހޫދީ ދައުލަތުން ކުރާ ކަމެކެވެ. އާބާދީ މަދު ނަމަވެސް 100 ޕަސެންޓު މުސްލިމް މި ރާއްޖެއަކީ އެކަމުގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލުން ހުއްޓައިނުލައި ކުރިއަށް ގެންދިޔަ ގައުމެކެވެ.
ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދައުލަތުގެ ފަރާތުން ކުރާ ވަކާލާތުގެ އިތުރުން، ރައްޔިތުން ނުކުމެ ކުރާ މުޒާހަރާތައް ވެސް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ރާއްޖޭގައި އައީ ކުރަމުންނެވެ. މީގެ ކުރިން 1980 ގެ އަހަރުތަކުގައި ވެސް އެކަން ކުރިއަށް ދިޔަ އެވެ.
ކުރިން އޮތް ހުދުމުހުތާރު ވެރިކަން ނިމި ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު މި އޮތް ގޮތަށް ބަދަލުވި ފަހުން އެކަން ވީ އިތުރަށް ވަރުގަދަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން، ރާއްޖެއަށް ޔަހޫދީ ޑޮކްޓަރުންތަކެއް ގެނައުމުން، އެކަމާ ދެކޮޅަށް 2010 ވަނަ އަހަރު ނުކުތް ނުކުތުމަކީ އެގޮތުން ފާހަގަކޮށްލެވޭ އެއް މުޒާހަރާ އެވެ.
ނޫސްތަކުން އޭރު ރިޕޯޓުކުރި ގޮތުގައި އެ މުޒާހަރާއަށް ގާތްގަނޑަކަށް 12،000 މީހުން ނުކުތެވެ. މާލޭގައި އެ ވަރުގެ މުޒާހަރާއެއް ކުރި އިރު އެ ދުވަސްވަރަކީ އިޒްރޭލުން އާންމުކޮށް، ފަލަސްތީނު މީހުން މަރާ ވަރަށް ވުރެެ ވަކި އިތުރަކަށް މެރި ދުވަސްވަރެއް ވެސް ނޫނެވެ. އޭރު އެ މުޒާހަރާ ރާވައި ހިންގީ އާދަޔާ ހިލާފު ހާލަތެއް އޮވެގެނެއް ނޫނެވެ.
އޭގެ ފަހުން 2014 ވަނަ އަހަރު އިޒްރޭލުން ގާޒާއަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ދެކޮޅަށް މާލޭގައި ސިލްސިލާކޮށް އެތައް މުޒާހަރާ އެއް ކުރި އެވެ. އޭރު ވެސް ކޮންމެ މުޒާހަރާއަކަށް އެތައް ހާސް މީހުންނެއް ނުކުތެވެ.
އެއާ އެކު ފަލަސްތީނު މީހުންނަށް މާލީ ގޮތުން އެހީވާން ވެސް ރާއްޖޭގައި އަބަދުވެސް ބޮޑެތި ކެމްޕެއިންތައް ހިންގަ އެވެ.
އޮކްޓޯބަރު 7، 2023، ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާއެއް، ބަހަނާއަކަށް ހަދައިގެން އޭގެ ފަހުން ފާއިތުވެ މިދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގަައި އިޒްރޭލުން ގާޒާގައި ހިންގަމުން ގެންދާ ނަސްލުހޭދުގައި ހިންގަމުން ގެންދާ ޖަރީމާތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ދުނިޔޭން ވެސް ނުފެންނަ ވަރުގެ ބޮޑެތި ޖަރީމާތަކެކެވެ.
ގާތްގަނޑަކަށް ދެ މިލިޔަން މީހުންގެ އާބާދީއެއް އޮތް ގާޒާގެ އިމާރާތްތަކުގެ ގާތްގަނޑަކަށް 61 ޕަސެންޓް ހަލާކުކޮށް، ބައެއް ސަރަހައްދުތައް މުޅިން ފަޅުކޮށްފައި ވާއިރު މަރުވި މީހުންގެ ނުރަސްމީ ހިސާބުތައް ވަނީ 42،525 ފަހަނަ އަޅައި ގޮސްފަ އެވެ. ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗެވެ. މިއީ ދިރާސާކުރާ މީހުންނަށް ހޯދުނު، އެމީހުންގެ އަމިއްލަ ހިސާބުތަކެވެ. މި އަދަދުތައް ރަސްމީ އިދާރާއަކުން އެދެވޭ ގޮތެއްގައި ބަލަހައްޓަމުން ނުދެ އެވެ. ބެލެހެއްޓޭނޭ ފަދަ ހާލަތެއްވެސް ނެތެވެ.
ގާޒާގެ އިތުރުން ހުޅަނގުއައްސޭރީގައި ވެސް އިޒްރޭލުން ގެންދަނީ ޖަރީމާތައް ހިންގަމުންނެވެ. ހުޅަނގުއައްސޭރީގައި ހިންގި ގަތުލުއާންމުތަކުގައި 700 އަށް ވުރެ ގިނަ މީހުން މަރާލައި 6،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ.
އިޒްރޭލުގެ މި ޖަރީމާތަކާ ދެކޮޅަށް ޔޫރަޕާއި އެމެރިކާގައި މެދުނުކެނޑި ބޮޑެތި މުޒާހަރާތައް ކުރި އިރު އެމެރިކާގައި އެކަނި ވެސް މުޒާހަރާތަކުގައި އުޅުނު 5،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.
ރާއްޖޭގައި އެވަރުގެ އެންމެ މުޒާހަރާއެއް ވެސް ނުކުރެ އެވެ. އިޒްރޭލާ ދެކޮޅަށް އަޑު އުފުލުމުގައި އުޅެނީ މަދު އެކްޓިވިސްޓުން ކޮޅެކެވެ.
ގާޒާގެ ރައްޔިތުންނަށް އެހީވާން ފައިސާ އެއްކުރުމުގެ ހަރަކާތްތައް، ވަނދު ގޮތަކަށް ނުހިންގާ ވާހަކައެއް ނޫނެވެ.
މިހާ ހިސާބުން އުފެދެނީ އެންމެ ސުވާލެކެވެ. ދިވެހިންގެ ހިތުގައި ފަލަސްތީނާމެދު އޮތް ލޯތްބަށް މި ވީ ކީއް ހެއްޔެވެ؟ ތާއީދު ނުކުރަނީއެއް ނޫނޭ ބުނާނެ ކިތަންމެ ބަޔަކު ތިބެދާނެ އެވެ. އެހެން ނަމަވެސް ލޮލަށް ފެންނަން އޮތް ހަގީގަތަކީ ބައެއް ޣައިރު މުސްލިިމުން، ފަލަސްތީނުމީހުންގެ ހައްގުގައި ވަކާލާތުކޮށް އަޑު އުފުލާ ވަރަށް ވެސް ދިވެހިން މިހާރު އަޑު ނުއުފުލާ ކަމެވެ.
ވާހަކަ ދައްކައިލި ބައެއް މީހުން ބުނި ގޮތުގައި އަޑު އުފުލަން ނުނިކުންނަނީ އެއީ ނަތީޖާއެއް ނުނިކުންނަ ކަމަކަށް ވާތީ އެވެ. ފަލަސްތީނު މީހުންގެ ހައްގުގައި އަޑު އުފުލުމުގައި މެދު ނުކެނޑި މަސައްކަތް ކުރާ ހަރަކާތްތެރިއަކު ބުނި ގޮތުގައި ރާއްޖޭގައި ބޮޑެތި މުޒާހަރާތަކެއް ނުބޭއްވޭ ސަބަބުތައް ކަމަށް އޭނާ ދެކޭ ދެތިން ކަމެއް އެބަ އޮތެވެ.
އެއް ކަމަކީ އެއްވުންތަކާއި މުޒާހަރާތަކަށް ދިއުމުގެ ސަގާފަތް ރާއްޖޭން ނެތެމުން ދިއުމެވެ.
"މިހާރު ސިޔާސީ އެއްވުންތަކަށް ވެސް ނުދޭތާ މިހާރު އެހާ ގިނަ މީހުންނެއް،" އޭނާ ބުންޏެވެ.
ދެވަނަ ކަމަކީ އޭނާ ދެކޭ ގޮތުގައި ހަގީގަތުގައި ވެސް މި ބާވަތުގެ ކަންކަމުގައި މީހުން ކުރިއަށް ވުރެ ކަންނެތްވުމެވެ.
"މީހުން ހަމަ ކަންނެތީއޭ ބުނެވޭނީ، ހިތުން ތާއީދު ކުރާތީތާ އެހީވާން ފައިސާ ހޯދަން ހިންގާ ހަރަކާތްތަކަށް ތަރުހީބު ލިބެނީ؟" އެކްޓިވިސްޓަކު ބުންޏެވެ.
ފަލަސްތީނަށް ޓަކައި އަޑު އުފުލަން ނުކުންނަން މީހުން ބޭނުން ނުވާ މާ ބޮޑު އެހެން ސަބަބެއް ވެސް އެބައ އޮތެވެ. އެއީ ކިތަންމެ ވަރަށް އަޑު އުފުލިޔަސް އަޑުއަހާނެ ސަރުކާރެއް ނެތުމެވެ. ގާޒާގައި ބޮޑެތި ޖަރީމާތައް ހިންގައި އާބާދީއެއް ހުސްކޮށްލާއިރު މުޅި ދުނިޔެ އޮތީ ލޯމަރައިލައިގެންނެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
؛؛ޕކޕ-
6 months ago
ޔަހޫދީން ހެދި ފޭސްބުކު ދޫ ނުކޮށް އެހެން ތަންތަން ބޮއިކަޓު ކުރަން އެބަކިޔާތާ ދޯ
ވރލ
6 months ago
ވެލް މިހާރު މަގުމައްޗަށް ނުނިކުތަސް އެކަން ކުރެވޭ. ސޯޝަލް މީޑިއާގައ ފަލަސްތީނުގެ ދިފާއުގައިި ވާހަކަ ދައްކާ. ދައްކާނެ. އެކަން ހުއްޓައެއް ނުލާނެ
އަޑަފި
6 months ago
ކަލޭމެން ނޫސްވެރިން ކޮންމެކަމެއް ސިޔާސީ ކުރާތީވާގޮތްމީ، ހާއްސަކޮށް އިޒްރޭލް ޕާސްޕޯޓް މައްސަލާގަ، ކެނޑިނޭޅި ހާއްސަކޮށް އަދަދު ނޫހުން ވަނީ ވަރަށްބޮޑަށް ސިޔާސީ ކަމަކަށްހަދާ، ރުޕޯޓްތަކާ ހަބަރުތައް ގެނެސްފަ. އެހެން ވުމުގެ ސަބަބުން ސަރުކާރަށް ތާއީދުކުރާ މީހުން ބޭނުމެއްނުވޭ އެކަމުގެ ތެރޭގަ އުޅޭކަށް، އަދި އަދި އިދިކޮޅު ގިނަމީހުންވެސް ބޭނުމެއްނުވޭ އެކަމުގެ ތެރޭގަ އުޅޭކަށް އެކަން ސިޔާސީކޮށްފަވާތީ. މިކަން ރަނގަޅުކޮށްލާ.
ކިލަމަންޑްސް
6 months ago
ބަލަ އިޒްރޭލް މީހުން މިތަނަށް އަންނާކަށް ނުޖެހޭ. މިސަރުކާރުން ނޫސްކޮންފަރެންސެއް ބައްވާ ރައްޔިތުންނަށް އެންގީ އިޒްރޭލް ޕާސްޕޯޓް ބޭން ކުރާނެކަމަށް. މިއަދު އެހެން ސަރުކާރެއް އޮތްނަމަ ބައެއް ޖަމުއިއްޔާ އަދި ދީނީ "މުނާފިގުން" ވަރަށް ފޯރުހުރީސް.
އާދަމް
6 months ago
ކޮންމެ ކަމެއް ސިޔާސީ ކުރާ ވާހަކަ ބުނީމާ އިސްލާމްދީނުގައި ސިޔާސަތު ވެސް އެބަ އޮތް. ދީނުގެ ދަށުގައި ސިޔާސަތުވެސް އޮތީ. އެހެންވީމާ ދީނުގެ ހުދޫދުގެ ތެރެއިން ސިޔާސީ ވާހަކަ ދެއްކޭނެ. ދީނާއި ސިޔާސަތް ވަކިކުރީމާ ވީގޮތް އުސްމާނީ ޚިލާފަތް އުވިދިޔަ ހާދިސާއިން އެނގިދާނެ. ވަރަށް ވާހަކަ.
އަބުދޯ
6 months ago
"ނޫސްތަކުން އޭރު ރިޕޯޓުކުރި ގޮތުގައި އެ މުޒާހަރާއަށް ގާތްގަނޑަކަށް 12،000 މީހުން ނުކުތެވެ. މާލޭގައި އެ ވަރުގެ މުޒާހަރާއެއް ކުރި އިރު އެ ދުވަސްވަރަކީ އިޒްރޭލުން އާންމުކޮށް، ފަލަސްތީނު މީހުން މަރާ ވަރަށް ވުރެެ ވަކި އިތުރަކަށް މެރި ދުވަސްވަރެއް ވެސް ނޫނެވެ. އޭރު އެ މުޒާހަރާ ރާވައި ހިންގީ އާދަޔާ ހިލާފު ހާލަތެއް އޮވެގެނެއް ނޫނެވެ." ނަސީމޫ! މިކަމެއް ހިންގީ ފަލަސްތީނު ދެކެ ވާ ލޯތްބަކުން ނޫނޭ. އެއީ އޭރުގެ ރައީސް އަންނިއަށް ކުރި ޖެއްސުމެކޭ
Comment