Advertisement

ޔޫރަޕު ބޭސް ދިވެހިންނާ ހަމައަށް ގެނައީ "ކުރީ ސަރުކާރުން"

23 ޖުލައި 2024 - 06:50 5

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޔޫރަޕު ބޭސް ދިވެހިންނާ ހަމައަށް ގެނައީ "ކުރީ ސަރުކާރުން"

23 ޖުލައި 2024 - 06:50 5

ރާއްޖެއަށް ގެންނަ ބޭހުގެ ކޮލިޓީ ދަށްވުމާއި އެ ބޭސްތަކުގެ ސަބަބުން ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވާކަމުގެ ޝަކުވާ ދިވެހިންގެ ތެރޭގައި އަބަދުވެސް އޮވެ އެވެ. އަވަށްޓެރި ގައުމުތަކަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ބޭސް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ގައުމުތަކަށް ކަމަށްވީ ނަމަވެސް ދިވެހިންނަށް ހާއްސަކޮށް ދަށް ފެންވަރުގެ ބޭސް މި ގައުމުތަކުން އުފައްދާ ކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން ދެކެވެ އެވެ.

އެކަމުގެ ހެއްކެއް ފެންނަން ނެތަސް ޔޫރަޕުގެ މޮޅު ކުންފުންޏެއްގެ ލޭބަލް ނެތްނަމަ އެއީ ދެރަ ބޭހެއްގެ ގޮތުގައި ދެކުނެވެ. ދިވެހިންގެ ޑިމާންޑަކަށް ވެފައި އޮތީ ކޮލިޓީ ރަނގަޅު ބޭސް ލިބުމެވެ. ސަރުކާރުގެ ބޮލުގެ ރިހުމަކަށްވީ އަގުހެޔޮކޮށް އެހާ ގިނަ ބޭސް، ވިލާތުގެ ގައުމުތަކުން ގެންނާނެ ގޮތެއް ހޯދުމަށެވެ.

ފަސް ލައްކައެއްހާ މީހުންގެ ދިރިއުޅޭ އާބާދީއެއް އޮތް މި ގައުމަށް ޒަމާނުއްސުރެ ބޭސް ގަންނަމުންދިޔައީ އެތަން މިތަނުންނެވެ. އެ ވިޔަފާރީގައި މުއްސަދި މަހުޖަނުން އުފެދިއްޖެ އެވެ. ސަރުކާރުތަކަށް އޮތް ބުރަ ކުޑައެއް ނުވެ އެވެ. އަހަރެއް އަހަރަކަށް މެޑިކަލް ކޮންސިއުމަބަލްސް ގަންނަން ހޭދަކުރާ ފައިސާ ދިޔައީ އިތުރުވަމުންނެވެ.

އެކަމަށް ހައްލެއް ހޯދަން ސަރުކާރުތަކަށް ނުކުޅެދިފައި އޮއްވައި އެކަން ކުރީ ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުންނެވެ. 2021 ވަނަ އަހަރުގެ ތެރޭގައި އެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުގައި މިކަމަށް މަޝްވަރާކޮށް ސަރުކާރުގެ އެކި އިދާރާތަކުގެ މެދުގައި ވާހަކަ ދެކެވި އެއްބަސްވުމެއްގައި ސޮއި އެޅުމުގެ މަސައްކަތް އޮތީ ފެށިފަ އެވެ.

އޮކްޓޯބަރު 17, 2022 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެކަމާ ގުޅޭ ވާހަކަތައް ދައްކަވާފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިސެންބަރު ޖެނުއަރީ ހާ ތަނުގައި އަޅުގަނޑުމެންނަށް ބަލްކް ޕްރޮކިއުމެންޓަށް ދެވޭނެ، މެޑިކަލް ކޮންސިއުމަބްލްސް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 30 ޕަސެންޓުގެ ހަރަދު ކުޑަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެނީ،" އަމީރު އެ ދުވަހު ވިދާޅުވި އެވެ.

މިކިޔަނީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ރާއްޖޭގެ އެތަކެއް އިދާރާތަކެއް ޝާމިލުވާ ގޮތަށް މުޅި ރާއްޖެއަށް ބޭނުންވާ ރާއްޖެގޭ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ބޭސް ގެނައުމުގެ ވާހަކަ އެވެ. ހަމަ ތިބެލާފައި ލިސްޓަކަށް ބެލުމަށް ފަހު ކުރާ ވަރު ކަމަކަަށް ވުރެ ޕްލޭންކޮށްގެން, ތައްޔާރުވެގެން ކުރަން ޖެހޭ ކަމެކެވެ.

އެ އެއްބަސްވުމާ ހަމައަށް އާދެވުނީ ޖޫން 1, 2023 ވަނަ ދުވަހު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އަމީރު އެވެ. ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓު ސާވިސްގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގަ އެވެ. އެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެންރީކޯ ގަވޭލިއާ އެވެ.

ބޭހަކީ ހިތަށް އެރުމުން ތައްޔާރުވެ ނިމި ބޭނުންކުރަން ލިބޭ އެއްޗެއް ނޫނެވެ. ބޭހަކީ ސައިންޓިފިކް އެތައް މަރުހަލާއެއް އެކުލެވޭ ވަގުތު ނަގައިގެން ތައްޔާރުކުރާ އަގުހުރި ވަސީލަތެކެވެ.

އެއްބަސްވުމުގައި ސޮއި އަޅާތަނުން ކޮންޓެއިނަރު, ކޮންޓެއިނަރުގެ ބޭހެއް ރާއްޖެއަށް އެތެރެއެއް ނުވާނެ އެވެ. ކަންކަން ފުރިހަމަވެ ހަމަޖެހެން ވަގުތު ނަގާނެ އެވެ. ކްރޮސް ބޯޑަރު ވިޔަފާރި ހިނގަނީ އެހެންނެވެ. އެހެން ނޫންނަމަ, އޮންލައިންކޮށް އޯޑަރު ކުރާ ގަޑިވެސް އޮންނާނީ ޓްރާންސެކްޝަން ނިމޭއިރު އަތުކުރީގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން ޔޫރަޕު ބޭސް ގެނައުމުގެ ކަންކަން އޮތީ ނިމިފަ އެވެ. ބޭހަށް ގަވާއިދުން އޯޑަރު ދެވޭނެ ގޮތް އޮތީ މަގުފަހިވެފަ އެވެ. ރާއްޖެއަށް ބޭނުންވާ ވަރަށް ޔޫރަޕުން ބޭސް ގެނައުމަށް އެއްވެސް ހުރަހެއް ނެތެވެ.

ހަމަ އަގުގައި ބޭސް ހޯދުމަކީ ރައީސް މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް, އެކަން އޮތީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ފުރިހަމަވެފަ އެވެ.

އިއްޔެ ސަރުކާރުން އެ އިއުލާނުކުރީ ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ހިންގުމަށް ކުރިއަށްގެންދަން ސަރުކާރަށް ވާޖިބު ކަމެކެވެ. ރައްޔިތުންނަށް ފައިދާވާ ގޮތަށް މިދިޔަ ސަރުކާރުން އަޅާފައިވާ ބިންގަލެއްގެ މަތީގައި ކުރިއަށްދިޔުމަކީ ވެސް މައްސަލައެއް ނޫންކަން އެނގި ހާމަވި އެވެ. ހަމަ ގައިމު ވެސް މި އެއްބަސްވުމަކީ "ކުރީ ސަރުކާރުން" ސޮއިކުރި ފައިދާކުރަނިވި އެއްބަސްވުމެއްކަން ޔަގީނެވެ.

މިފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އާލަމީ ސިއްހީ ވަބާގެ ތެރެއިން ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް މިދިޔަ ސަރުކާރުން ގެނަ އެވެ. ބޭހުގެ އެންމެ ދަށް އަގު ވެސް ކަނޑައެޅީ މިދިޔަ ސަރުކާރުންނެވެ. ހަމަ އެގޮތަށް ޔޫރަޕު ބޭސް ދިވެހި ފަސްގަނޑަށް ގެނައުމުގެ ހުރިހާ ކަމެއް ފުރިހަމަ ކުރީ މިދިޔަ ސަރުކާރުންނެވެ.