14 އޮކްޓޯބަރު 2024 - 00:48 0
އަހުމަދު އާއިދު
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި. -- ފޮޓޯ: އަދަދު
14 އޮކްޓޯބަރު 2024 - 00:48 0
އެއްވެސް ޓެކުހެއް ބޮޑުނުކުރާނެ ކަމުގެ ޔަގީންކަން ދީފައި އޮތުމަށް ފަހު، މާލީ ހާލަތު ގޯހުން ގޯހަށް ގޮސްގެން އެންމެ ފަހުން ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، ތިން ބިލެއް ތައާރަފު ކުރަން އެޖެންޑާގައި ހިމަނާފައިވެ އެވެ.
އެއީ ޓީޖީއެސްޓީ ބޮޑުކުރުމަށް، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ގްރީން ޓެކްސްއަށް ބަދަލު ގެނައުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވާފައިވާ ބިލްގައި ޓީޖީއެސްޓީ ބޮޑުކުރަނީ 16 ޕަސެންޓުން 17 ޕަސެންޓަށެވެ.
މި ބަދަލަށް އަމަލު ކުރަން ފަށާނީ ޖޫން 1، 2025 އިން ފެށިގެންނެވެ. މި ޓެކްސް ބޮޑުކުރުމުން އަންނަ އަހަރު 201.9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ބިލާއެކު ހީރަސްކޮށްފައިވާ ކަރުދާހުގައިވެ އެވެ.
2025 - 201.9 މިލިއަން ރުފިޔާ 2026 - 330.8 މިލިއަން ރުފިޔާ 2027 - 538.4 މިލިއަން ރުފިޔާ
ޓީޖީއެސްޓީ ބޮޑުކުރަން ހުށަމިއެޅީ، އެއްވެސް ޓެކްސްއެއް ބޮޑުކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މީގެ ދެމަސް ކުރިން، އޯގަސްޓު 14، 2024 މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައި ވަނިކޮށެވެ.
"ހަގީގަތުގައި ސަރުކާރުގެ ވިސްނުމަކީ އެނގިވަޑައިގަންނަވާނެ ފަދައިން ޓެކްސްތަކާއި ފީތަކުން ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް ގެންދިޔުން. މިގޮތުން ބަލާއިރު ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް، މިފަދަ ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި 50 ކޮޓަރިއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ހުރި ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ކޮންމެ ދުވަހަކަށް، މިހާރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތިން ޑޮލަރު، ހަ ޑޮލަރަށް ބަދަލުކުރުން ވަނީ ހިމަނާފަ އެވެ.
ރިސޯޓުތަކާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ އެހެން ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގާ ހަ ޑޮލަރުގެ ބަދަލުގައި ގްރީން ޓެކްސްގެ ގޮތުގައި ނަގަން ހުށަހަޅާފައިވަނީ 12 ޑޮލަރެވެ. އާ އަދަދުތަކުން ޓެކްސް ނަގަން ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1، އިން ފެށިގެންނެވެ.
އޭގެ އިތުރުން، ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ދެ އަހަރުން ދަށުގެ ކުޑަކުދިން ގްރީން ޓެކްސް އިން އިސްތިސްނާ ކުރުމަށް ވެސް އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވެ އެވެ.
2025 - 963.6 މިލިއަން ރުފިޔާ 2026 - 1.19 ބިލިއަން ރުފިޔާ 2027 - 1.27 ބިލިއަން ރުފިޔާ
ރާއްޖޭގެ އެއާޕޯޓުތަކުން ބޭރު ގައުމުތަކަށް ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީތަކާއި ޓެކްސްތައް ބޮޑުކުރަން ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ފުރާ މީހުންގެ އަތުން ނަގާ ޓެކްސްތަކާއި ފީތަކަށް ގެނައި ބަދަލުތައް؛
ޑިޕާޗާ ޓެކްސް 2025 - 762.5 މިލިއަން ރުފިޔާ 2026 - 895.7 މިލިއަން ރުފިޔާ 2027 - 964 މިލިއަން ރުފިޔާ އެއާޕޯޓު ޑިވެލޮޕްމެންޓު ފީ 2025 - 809.8 މިލިއަން ރުފިޔާ 2026 - 944.6 މިލިއަން ރުފިޔާ 2027 - 1.01 ބިލިއަން ރުފިޔާ
ސަންގު ޓީވީ ސެޕްޓެމްބަރު 2023 ގައި ބޭއްވި ރިޔާސީ ބަހުސްގެ މޮޑަރޭޓަރަކަށް ހުންނެވި މިހާރުގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ޓެކްސްއާ ގުޅޭ ސުވާލެއް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އަމާޒު ކުރެއްވި އެވެ.
އެ ސުވާލުގައި ވިދާޅުވީ 2026 ގައި ދައްކަން އެއް ބިލިއަން ޑޮލަރު ދައްކަން އެއްވެސް ޕްލޭނެއް އެބަ އޮތްތޯ؟ ވޯޓަށް ރައްޔިތުން ޅޮސް އުނދޯންޏަށް އެރުވުމަށް ފަހު، ވެރިކަމަށް އާދެވުމުން އަނެއްކާ ރައްޔިތުންނާއި ވިޔަފާރިތަކުން ޓެކްސް ނަގަންތޯ ތިޔަ ބޭފުޅުން ވިސްނަނީ؟ ނުވަތަ ކިހިނެއްތޯ ފައިސާ ދައްކާނީ؟
ސުވާލަށް ރައީސް މުއިއްޒު ޖަވާބު ދެއްވަމުން ގެންދަވަނިކޮށް، މޮޑަރޭޓަރު އެއްސެވީ އިތުރު ޓެކުހެއް ނަގާނެންތޯ އެވެ.
"އެއްވެސް އިތުރު ޓެކްސްއެއް ތައާރަފެއް ނުކުރާނަން. މިހާރު ހުރި ޓެކްސްގެ ބޭނުންކޮށްގެން ޓެކްސް ބޭސް ފުޅާކުރާނ.ީ އޭގެ މާނައަކީ މިހާރު ނުނިމިހުރި ރިސޯޓުތައް ނިންމެނޭނެ، އަދި އޭގެ އިތުރަށް އަޅުގަނޑުމެންނަށް މި ލިބެން ހުރި ފައިސާ އެހެން އިގުތިސާދުތަކުގެ ތެރެއިން ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން ލިބޭނެ ގޮތް ހަދާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ވާހަކަ ރައީސް މުއިއްޒު، އެކި ޖަލްސާތަކުގައި ތަކުރާރު ކުރެއްވި އެވެ. އިތުރު ޓެކްސްއެއް ނެގުމާއި ޓެކްސް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަން އެ ވާހަކަތަކުން އެނގެ އެވެ. އެ ކަމަށް ލިބޭ އިތުރު ބާރަކީ ޓެކްސް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ސާފު ބަހުން ވިދާޅުވެފައި އޮތުމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment